އިމްރާންގެ ޓްވީޓްއާ ގުޅިގެން އޭނާގެ އިސްތިއުފާއަށް އިދިކޮޅުން ގޮވާލައިފި

އިމްރާން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކުރި ޓްވީޓްއާ ގުޅިގެން އޭނާގެ އިސްތިއުފާއަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އިމްރާން މިރޭ ކުރި ޓްވީޓެއްގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންްނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ބަހުގެ ހަމަލާތަކެއް ފޮނުވާފައިވެއެވެ.

"މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގޭ"އިމްރާންގެ ޓްވީޓްގައި ލިޔެފަައިވެ އެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އިމްރާންގެ ބަސްމަގު ހުރީ ހޯމް މިނިސްޓަރެއްގެ ބަސް މަގު ހުންނަ ޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެން ކަމުން އޭނާގެ އިސްތިއުފާއަށް ސައީދު ގޮވާލެއްވި އެވެ.

"އިމްރާނުގެ ބަސްމަގު ހުރިގޮތުން، މިހާރުން މިހާރަށް އެމަނިކުފާނު އިސްތިއުފާ ދޭން ޖެހޭ. އެއީ [މިނިސްޓަރު ކަމަށް] ކުފޫ ހަމައެއް ނުވޭ. ހޯމް މިނިސްޓަރެއްގެ ބަސް މަގު ހުންނަން ޖެހޭ ގޮތަކަށް ނޫން އެހުރީ" އޭނާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ޓްވީޓް ކުރެެއްވުމުން، ސައީދު ސުވާލު އުފެއްދެވީ، އިމްރާން ހުންނެވީ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް، "23 ޑިސެމްބަރު"ގައި ކުރި މުޒާހަރާގައިތޯ އެވެ. އެއީ އިމްރާން އިސްވެހުރެ ކުރި މުޒާހަރާއެކެވެ.

"ހޯމް މިނިސްޓަރުގެ ގައިގާ ހުންނަވަން ޖެހޭނީ އެކްޓިވިސްޓެއްގެ ސިފަ، ވަޒީފާގައި ހުންނައިރު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަން ޖެހޭނީ ؟" ސައީދު އެއްސެވި އެވެ.

އޭނާ ވިދާޅުވީ، މިއަދުގެ މުޒާހަރާ ތެރެއިން ޕީޕީއެމްގެ އިސް މީހުންނަށް ލިބުނު އަނިޔާ އިމްރާނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، އަތޮޅުވެހީގައި ކުނާ ފަތުރައިގެން، ޖަލުގެ ކުރިމަތީގައި ބައިތިއްބާފައި އެބަތިބި ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްވީ އެއް ވައުދަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުން ކަމަށެވެ. އެހެން ނަމަވެސް މިއަދު ކަން ހިނގަނީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓާއެކު އޭނާގެ އިސްތިއުފާއަށް އިދިކޮޅުން ގޮވާލި އިރު، އޭނާގެ ބަސްމަގު ހުރި ގޮތުން ބައެއް އާންމުންވެސް ވަނީ އެ ޓްވީތަށް ފާޑު ކިޔަމުންނެވެ. އެއީ މިނިސްޓަރުކަމަށް ވަޑައިގަތުމަށްފަހު، އެފަދަ ޓްވީޓެއް އިމްރާން ކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް