މުޒާހަރާ ތެރެއިން ބޯ ފަޅައިގެން ދިޔަ މީހަކަށް ފަރުވާ ދެނީ

މުޒާހަރާ ތެރެއިން ބައިވެރިއެއްގެ ބޯ ފަޅައިގެން ވެއްޓިފައި --

މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާ ތެރެއިން ބައިވެރިއެއްގެ ބޯ ފަޅައިގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ، އޭނާގެ ބޯ ފަޅައިގެން ދިޔައީ ފުލުހުންގެ ސަފު ފޫ އަޅުވާލައި، ފިލަން ދިޔަ މީހުންގެ ތެރެއިން މީހެއްގެ ގައިގައި ޖެހި ބިމައްޗަށް ވެއްޓިގެންނެވެ.

ވިޑިއޯ އިން ފެންނަ ގޮތުގައި ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއް ތެރެއަށް ބަޔަކު ފިލަން ވަން ތަން ފެނެ އެވެ. އަދި ބޯ ފަޅައިގެން ދިޔަ މީހާ އޭރު ހުރީ އެ ކެފޭ ކުރިމަތީ މަޑުކޮށްލައިގެންނެވެ. އޭނާގެ ގައިގައި ފިލަން މީހުންތެރެއިން މީހަކު ޖެހި އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އެ ވަގުތު ކައިރީގައި ތިބި ފުލުހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭތަންވެސް އެ ވީޑިއޯއިން ފެނެ އެވެ.

ފުލުހުން ބުނީ، އޭނާ މިހާރު ފުލުހުންގެ އުޅަނދެއްގައި އައިޖީއެމްއެޗަށް އިތުރު ފަރުވާއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުން ވަނީ އޭނާއަށް ލިބުނު އަނިޔާ ކުއްވެރިކޮށްފައެވެ.

މުޒާހަރާގެ ކުރިން ހޯމްމިނިސްޓްރީންނާއި ފުލުހުން ވަނީ ބަޔާނެއް ނެރެ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ބުނެފައެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީ އޮފީސް ބަަންދުކޮށް، ބައެއް އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގޮންގޮސްފަ އެވެ. އެގޮތުން 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.

ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުުރުމަށް އެޗްޕީއޭއިން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވުން އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް