އިމްރާން ވިދާޅުވަނީ، މުޒާހަރާ ކުރުމުގައި އަދުރޭގެ ރޭވުންތައް އެނގޭކަމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާއާ ގުޅިގެން އެ ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ބަހުގެ ހަމަލާތަކެއް ދީފި އެވެ.

މިއަދު އިދިކޮޅުން "ފްލެޓް ކޮބާހޭ؟" ނަމުގައި ބޭއްވި މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަރާފަ އެވެ.

އަދުރޭއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށް، އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އަދުރޭ ގެންގުޅުއްވާ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށެވެ.

އަދުރޭއާއި އިމްރާންއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި، އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގައި އެއްކޮށް މަސައްކަތްކުރި ދެ މީހުންނެވެ. އެގޮތުން އެ ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތަކުުގައި އެ ދެބޭފުޅުން އިސްކޮށް މަސައްކަތްކޮށްފައިވެ އެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް އިމްރާން އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްކޮށް ޓްވީޓެއް ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، އެެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަންވަނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ކަމަށެވެ.

ހޯމްމިނިސްޓްރީންނާއި ފުލުހުންވެސް ވަނީ މުޒާހަރާ ފެށުމުގެ ކުރިން ބަޔާނެއް ނެރެފައެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީ އޮފީސް ބަަންދުކޮށް، ބައެއް އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގޮންގޮސްފަ އެވެ. އެގޮތުން 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުންގެ ގައިގައި ޖެހި ބިންމައްޗަށެއް ވެއްޓި މުޒާހަރާގެ ބައިވެރިއެއްގެ ބޯވެސް ވަނީ ފަޅައިގެންގޮސްފަ އެވެ. އެމީހާ ވަނީ ފުލުހުންގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށްވެސް ވަނީ އަނިޔާވެފަ އެވެ.

ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުުރުމަށް އެޗްޕީއޭއިން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވުން އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް