ދިވެހި ވިޔަފާރިތަކަށް ފުރުސަތު ލިބޭނެެހެން ޓޫރިޒަމާ ގުޅުންހުރި ދަތުރުތަކާ ގުޅޭ އާ ގަވައިދެއް

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބޭނެހެން ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދިނުމާބެހޭ އާ ގަވާއިދެއް އެކުލަވާލާ، ގެޒެޓް ޝާއިއުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މި ގަވައިދަކީ ޓޫރިޒަމާބެހޭ ގާނޫނުގެ 32 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން އެކުލަވާލި ގަވައިދެއް ކަމަށެވެ.

އާ ގަވާއިދުގެ ދަށުން ދިވެހިންނަށް މި ވިޔަފާރީގައި އިތުރު ފުރުސަތުތަކެއް ހުޅުވާލެވި އަލަށް މި ވިޔަފާރި ކުރަން ފަށާ ފަރާތްތަކަށް ލުއިދެވިފައިވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން، ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ނުވަތަ ރާއްޖޭން ބޭރު ގައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެ ކަމަށް ގަވައިދދު ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނުވަތަ އޮންލައިން ޓްރެވަލް އޭޖެންސީއެއް ނުވަތަ ޓުއަރ އޮޕަރޭޓަރުންނަށް، އެފަދަ ތަންތަނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެފަދަ ތަންތަނުގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓްރެވަލް އޭޖެންސީއަކާ އެފިލިއޭޓް ވެގެން ރާއްޖޭގައި އޮފީހެއް ގާއިމުކުރެވިދާނެ ކަމަށައި މިގޮތަށް އޮފީހެއް ހުޅުވާއިރު އެކަމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހާއްސަ ހުއްދަ ނަގަންޖެހޭނެ ކަމަށް ގަވައިދު ބުނެފައިވެ އެވެ.

ކުރިން ޓްރެވެލް އޭޖެންސީއެއް ރަޖިސްޓަރީ ކުރުމަށް އޮފީހެއް ހުރުން ލާޒިމުކޮށްފައިވީ ނަމަވެސް އާގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި އޮފީހެއް ހުރުމަކީ ލާޒިމްކަމެއް ނޫނެވެ. ނަމަވެސް ހިދުމަތްދޭ ފަރާތާއި ގުޅޭނެ ފޯނު ނަންބަރެއް އަދި އީމެއިލް އެޑްރެހެއް އޮންނަންވާނެ ކަމަށް ގަވައިދު ބުނެއެވެ. އަދި، ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއްނަމަ، އެކުންފުނީގެ ނުވަތަ އެވިޔަފާރި ޖަމާއަތުން ކުއްލި ހާލަތުގައި ޖަވާބުދާރީވާނެ ފަރާތެއް އައްޔަންކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އަދި އީމެއިލް އެޑްރެހެއް އޮތުން ގަވައިދު ލާޒިމު ކުރެއެވެ.

މި ގަވައިދުގެ ދަށުން، ރަޖިސްޓަރީ ނުކުރާ ތަނެއް، ރަޖިސްޓަރީ ކުރި ތަނެއްގެ ގޮތުގައި އިސްތިހާރު ކުރުމާއި ވެބްސައިޓުގައި ނުވަތަ ޝާއިއުކުރާ ލިޔުންތަކުގައި ތެދު ނޫން މައުލޫމާތު ހިމެނުމާއި ހިދުމަތްތަކާ ގުޅޭގޮތުން ތެދު ނޫން މަޢުލޫމާތު އާންމުކުރުން އަދި މިނިސްޓްރީގައި ރަޖިސްޓަރީ ނުކުރާ އެއްވެސް ތަނެއްގައި ޓޫރިސްޓުން ބޭތިއްބުމަކީ މަނާކަމެކެވެ.

އަދި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަނަކުން ދޭ ހިދުމަތުގެ ފެންވަރު ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ތަނެއް އެއް މިލިއއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި،ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ، އެ ކަމެއް އިސްލާހު ކުރަންދެން ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް އެ ގަވައިދު ދަށުން ލިބެއެވެ.

comment ކޮމެންޓް