އިދިކޮޅު އެއްވުން ނުފަށަނީސް އިސް މީހުން ހައްޔަރުކޮށްފި

އިދިކޮޅުން މާލޭ މަގުމައްޗަށް ނިކުތުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިދިކޮޅުން މިއަދު މާލޭގައި ބާއްވަން މަސައްކަތްކުރާ އެއްވުން ނުފަށަނީސް، އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް، އަސި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ އެއްވުމެއް ބޭއްވިޔަ ނުދިނުމުގެ ބޭނުމުގައި އެ އެއްވުން ބޭއްވުމުގައި އިސްކޮށް އުޅޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިދިކޮޅުން ބުނީ ހައްޔަރު ކުރިމ ީހުންގެ ތެރޭގައި ހޯރަފުށ ިދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް އަދި ކުރީގެ މަޖިލިސް މެންބަރު ކާނަލް ނަޝީދުވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ވެސް މަޖީދީ މަގުން ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން މިއަދު މާލޭގައި އެއްވުމެއް ބާއްވަން ނިންމައި އިއުލާނު ކޮށްފައިވާއިރު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި ވަނިކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބާއްވައި ކަންކަން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް