މިއަހަރު ދުނިޔޭގެ އިގްތިސާދު 5.5 ޕަސެންޓު ކުރިއަރާނެކަމަށް ލަފާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރ ދުނިޔޭގެ އިގްތިސޯދު 5.5 ޕަސެންޓު ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނީ ކޮވިޑް19ގެ ސަބަބުން މިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދުނިޔޭގެ އިގްތިސޯދު ދަށަށް ދިޔަ ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓާރާ ހަމައަށްދާއިރު އިގްތިސޯދުތައް މަޑުމަޑުން ހަމައަކަށް އެޅެން ފަށާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީމަހު އައިއެމްއެފް އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަހަރު ދުނިޔެގެ އިގްތިސޯދު 5.5 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި މިއީ ކުރީގެ އަންދާޒާ އާއި ބަލާއިރު 0.3 ޕަސެންޓު އިތުރު އަދަދެއް ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް19 އާއި ދެކޮޅަސް ވެކްސިން އުފައްދައި ގިނަ ގައުމުތަކަކަށް ވެކްސިން ފޯރުކޮށްދެވި ވެކްސިން ރޯލްއައުޓް ކުރަން ފެށުމަކީ އިގްތިސޯދީ ގޮތުން އުއްމީދު އާވެފައިވާ ކަމެއް ކަމަށް އައިއެމްއެފް އިން ބުނެފައިވެއެވެ.

އައިއެމްއެފް އިން ބުނެފައިވަނީ ދުނިޔޭގެ އިގްތިސޯދު އަދިވެސް ބަރޯސާވާނީ މި ބަލިމަޑުކަމުގެ ކަންތައް ދާ ގޮތަށް ކަމަށާއި، ވައިރަސްގެ އާ ސްޓްރެއިންތައް ފެންނަމުންދާތީ، ބައެއް ގައުމުތަކުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ބަލިމަޑުކަން ކޮންޓްރޯލު ނުވެ އޮތމުން ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވެފައިވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ އިގްތިސާދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރަނގަޅުވާން ފެށި ކަމަށާއި އަހަރު ނިމުނު އިރު ދުނިޔޭގެ އިގްތިސޯދީ ދުވެލި ހުރީ 3.5- ޕަސެންޓުގައި ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް