ކޮވިޑް އަކީ އާދައިގެ ރޯގާއެއް ކަމަށް ނުބެލުމަށް އާދޭސް!

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަކީ އާދައިގެ ރޯގާއެއް ކަމަށް ގަބޫލުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަ ކުރާތީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޭސްތައް އިންތިހާއަށް އިތުރުވެ، ދުވާލަކު 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ނަމަވެސް އެއީ ބައެއް މީހުންނަށް މިހާރު މާ ބޮޑު ކަމަކަށް ނުވާ ކަމަށެވެ.

"ދެން އާދައިގެ ކަމެއް ކަމަށް ދެކެނީ،" ޑރ، ނަޒްލާ ވިދާޅުވި އެވެ.

ނަމަވެސް ބައްޔާ ދެކޮޅަށް ރެޔާ ދުވާލު، ޗުއްޓީއެއް ނުނަގާ، އާއިލާއާ ބައްދަލުނުވެ މަސައްކަތް ކުރަމުން އަންނަ އެތައް ބަޔަކަށް އެއީ ކުޑަކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ ބަލި ޖެހިގެން ހާލު ބޮޑުވެ، އާއިލާއާ ދުރުގައި އެކަހެރިކޮށްފައި ތިބޭ މީހުންގެ ހާލަތު ވެސް އެންމެ ގާތުން ފެންނާނީ އެކަމުގައި އުޅޭ މީހުންނަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިއީ އާދައިގެ ކަމެއް ކަމަކަށް އެއްގޮތަކަށް ވެސް ނުވޭ. އާދައިގެ ކަމެއް ގޮތުގައި ބެލުމަކީ އިތުރަށް ކޮންޓްރޯލުން ނައްޓައިގެން ދާނެ ކަމެއް ކަމަށް ހަމަ ފާހަގަކުރެވެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވަނީ ކުރިއަށް އޮތް ރޯދަމަހު އިތުރު ދަތިތަކެއް ކުރިމަތި ވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ވެސް ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ރޭގެ ޕްރެސްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވެސް ވަނީ ބައެއް މީހުން ބައްޔާމެދު ސަމާލުވާ މިންވަރު ކުޑަކަން ފާހަގަކުރައްވައިފަ އެވެ.

"ބައެއް ފަހަރު ބައްޔާ ދޭތެރޭ މި ދެކެނީ އާދައިގެ ބައްޔެއް ކަމަށް އެހެންވީމަ ބަލި ޖެހުމުންނޭ އެންމެ ރަނގަޅީ. ކަރަންޓީނު ވާކަށް ވެސް ނުޖެހޭނޭ. ފުރަބަންދަކާ ނުލާ ދަތުރުކުރެވޭނޭ މިކަހަލަ ވިސްނުންތަކެއް ވެސް ހުރޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ނަމަވެސް ކޮވިޑަކީ އާދައިގެ ބައްޔެއް ނޫން ކަމަށާއި ބައެއް ފަރާތްތަކަށް އާދައިގެ ރޯގާއެއްގެ ގޮތުގައި ދިމާވި ނަމަވެސް، ބަލީގައި ބޮޑުވަރުވާ މީހުންނަށް ބަލީގެ އުނދަގޫ ގިނަ ދުވަސްތަކެއް ވަަންދެން ތަހައްމަލު ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ފުއްޕާމޭ ފާރުވުން، ހިތުގެ ކޮމްޕްލިކޭޝަންސް، ނާރުތަކުގެ ކޮމްޕލްިކޭޝަންސް. އެހެންވީމަ މީ އެއްގޮތަކަށް ވެސް އާދައިގެ ބައްޔެއް ގޮތަށް ދެކެންވާ ވަރުގެ ބައްޔެއް ނޫން. ހަމަ ފިޔަވަޅުތައް އަޅަން ޖެހޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އެޗްއީއޯސީން ވަނީ ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުނުކުތުމަށާއި، މާސްކް އަޅައިގެން އުޅުމަށާއި، އެކަކު އަނެކަކާ ބައްދަލުވުން މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް