އެއާޕޯޓް ޕާސް ހޯލްޑަރުންނަށް ވެކްސިން ޕްރޮގްރާމެއް

އެމްއޭސީއެލް އިން ވަނީ އެއާޕޯޓް ޕާސް ހޯލްޑަރުންނަށް ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާޕޯޓް ވައިޑް ވެކްސިނޭޝަން ޕްރޮގްރާމެއް ކުރިއަށްގެެންދަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން އެފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭ ވެކްސިނޭޝަން ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެބްރުއަރީ 28 އިން ފެށިގެން ކޮންމެ އާދިއްތަ އަކުން ބުރާސްފައްޗަށް ހެނދުނު 9:00 އިން ހަވީރު ހަތަރަކަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10 އިން މެންދުރު ފަހު ތިނަކަށެވެ.

މި ޕްރޮގްރާމުގައި ވެކްސިން ޖަހަން ބޭނުންވާ އެއާޕޯޓް ޕާސް ހޯލްޑަރުން ކިޔު ބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނަަން ޖެހޭނެ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް ޖުމްލަ 98،311 މީހަކަށް ވެކްސިން ދީފައިވެ އެވެ.

comment ކޮމެންޓް