ބަލި ފެތުރުން ހުއްޓުވަން ވެކްސިނަށް އަދި ބަރޯސާނުވެވޭނެ: ޓެގް ޓީމް

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު -- ފޮޓޯ: އެޗްއީއޯސީ

ކޮވިޑް19 އާ ދެކޮޅަށް ވެކްސިން ކެމްޕޭނު ކުރިއަށް ގެންދާތީ، ގިނަ ބަޔަކު ފިޔަވަޅުތަކާ މެދު ފަރުވާކުޑަކުރާ ކަމަށާއި ނަމަވެސް ވެކްސިނަކީ މިވަގުތު ބަލި ފެތުރުން ކޮންޓްރޯލް ކުރަން ބަރޯސާވެވޭނެ ފިޔަވަޅެއް ނޫން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ހާޑް އިމިއުނިޓީ ހާސިލުވާން ނަގާނީ ކިހާ ދުވަހެއް ކަމެއް ބުނަން ނޭނގޭ ކަމަށާއި އެކަމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެއާ ހަމައަށް 98،311 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ދެވެނީ ހުއްދަ ދީފައިވާ އުމުރު ފުރާތަކުގެ މީހުންނަށް ކަމަށާއި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު އަންހެނުންނަށް ވެކްސިން ނުދެވޭނެ ކަމަށެވެ.

އެހެންކަމުން 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދީގެން ވެސް ކަވާކުރެވޭނީ އާބާދީގެ 77 ޕަސެންޓު ކަމަށެވެ.

"އަދި އޭގެ ތެރޭގައި އުޅޭނެ ވެކްސިން ނުޖެހިދާނެ ފަރާތްތައް. މިކަހަލަ ކަންކަމަށް ބަލާއިރު ފުދޭ ވަރެއްގެ ބޮޑު ބައެއް ދާނެ ވެކްސިން ނުޖެހި ވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްވާ ވިދާޅުވީ ވެކްސިންގެ ސަބަބުން ދެ ފައިދާއެއް ލިބޭ ކަމަށެވެ. އެއް ކަމަކީ ބަލި ޖެހޭ މިންވަރު ދަށްކޮށްދިނުން ކަމަށާއި ދެވަނަ ކަމަކީ ބަލި ޖެހުނު ނަމަވެސް ބަލީގައި ހާލު ސީރިއަސްވުން ކުޑަކޮށްދިނުން ކަމަށެވެ. ގިނައިން ވެކްސިން ޖަހާފައިވާ ގައުމުތަކުގައި ބަލީގައި ހާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ހާޑް އިމިއުނިޓީއަށް ވުރެ އަޅުގަނޑުމެން މި ފާހަގަ ކުރަނީ ސިވިއަރިޓީ ނޫނީ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ އަދަދު ވަރަށް ބޮޑުތަން މަދުވާނެ ކަމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާޑް އިމިއުނިޓީ ހާސިލްކުރެވުނު ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ނުވެ ވެކްސިނަށް ނުގުޑާ ވޭރިއަންޓުތައް އަންނަން ފަށައިފި ނަމަ، ހާޑް އިމިއުނިޓީން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މިހާ ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ބަލި ފެތުރުން ކޮންޓްރޮލް ކުރަން ބާރު މި އަޅަނީ ވެކްސިން ޖެހުމާ އެއްކޮށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މުޖުތަމައުގައި އަދިވެސް ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަ އިރު އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ގްރޫޕުތަކުގެ މީހުންނަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

އަދި ވެކްސިން ކެމްޕޭނު ކުރިއަށް ދިއުމަކީ ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށާއި ވެކްސިންގެ އަސަރު ފެންނާނީ ދެ ޑޯޒް ޖެހުމަށް ފަހުގައި ކަމަށެވެ.

"ވެކްސިން ކެމްޕޭނު ކުރިއަށް ދިޔަސް ފަރުވާ ކުޑަވެގެން ނުވާނެ ވެކްސިން އަކީ ވަރަށް އަވަހަށް ކުއްލިއަކަށް އަދަދުތައް ކޮންޓްރޯލް ކުރާ މެޝާއެއް ނޫނޭ މީ. ވެކްސިނުން މުޖުތަމައުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަސަރެއް ފެންނާނީ ވެސް އަސްލުގަ ދެ ޑޯޒް ޖެހިގެން. އަދި އާބާދީގެ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ޖެހިގެން. އެހެންވީމަ ވެކްސިން އަކީ މިވަގުތު ބަލި ޓްރާންސްމިޝަން ކޮންޓްރޯލްކުރުމަށްޓަކައި މިވަގުތަށް ބަރޯސާވެވޭނެ ފިޔަވަޅެއް ނޫން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ފަހު ގިނަ ބަޔަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަ ކުރާ ކަމުގެ ކަންބޮޑުވުން އެޗްއީއޯސީން މީގެ ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ވެކްސިން ޖެހިޔަސް ވަގުތުން ވަގުތަށް ފުރިހަމަ ރައްކާތެރިކަން ނުލިބޭކަން ފާހަގަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެން އެކި ފަހަރު މަތިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް