އަވަހަށް ބޮޑެތި ފިޔަވަޅުތަކެއް މުހިންމު، ނޫނީ އޮތީ ލޮކްޑައުން: ޓެގް

އޮގަސްޓު 23، 2020: މާލޭގެ މަގެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ނުވެ، އަދަދުތައް އިތުރުވާ ނަމަ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށާއި، ވަރަށް އަވަހަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށެވެ.

ކޮވިޑްގެ އަދަދުތައް މައްޗަށް ދާން ފެށުމާއެކު، ކޮވިޑް ކޮންޓްރޯލްކުރަން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކުރި އެވެ. އެގޮތުން ކާފިއު ހިންގައި، އިރުއޮއްސި ހަޔަކުން ފެށިގެން އުޅަނދު ދުއްވުން މަނާކުރި އެވެ

ނަމަވެސް އެ ކަންކަމުން ވެސް ނަތީޖާ ހާސިލުނުވެ، ކޭސްތައް މައްޗަށް ދާތީ ޑރ. ޝަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފިޔަވަޅުތަކެއް އިތުރު ބަދަލެއް ނުގެނެސްފި ނަމަ، ޕޮޒިޓިވް ކޭސްތައް ގިނަވެގެން ގޮސް އަލުން ލޮކްޑައުނަކަށް ވެސް ދާން ޖެހިދާނެ ކަމަށެވެ.

"އަދި ބޮޑެތި ފިޔަވަޅުތަކެއް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދަމަހައްޓަން ޖެހިދާނެ. އެހެންވީމަ އަވަހަށް ގިނަ ކަންތައްތަކަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މި ދަނޑިވަޅުގައި ފާހަގަކުރެވޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރަން އިތުރު ފިޔަވަޅެއްގެ ގޮތުން، މިރެއިން ފެށިގެން ރޭގަނޑު 08:00 އިން 10:30 އަށް ކެފޭ/ރެސްޓޯރަންޓުތަކުން ހަމައެކަނި ޓޭކް އަވޭ އަދި ޑެލިވަރީ ކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ބަލި ފެތުރެން މަގުފަހިވާ ފަދަ "ހައި ރިސްކް އެކްޓިވިޓީސް" ހުއްޓާލަން ޖެހިފައިވާ ކަމަށާއި ނޫން ނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށެވެ.

"ގައިދުރުކަން ނުބެހެއްޓޭ ފަދަ ހާލަތުގައި ހިނގާ ކަންކަން ހުއްޓުވުން މީގަ އެންމެ މުހިންމު އެއް ކަމަކީ. ދެވަނަ ކަމަކަށް މީހުން އެއްވެ އުޅުމާ ބޭރަށް ނުކުމެ ގިނައިން މަގުމަތީގަ އަދި އާންމުތަންތަނުގައި އެއްވާ އެއްވުން މަދުކުރުން،" ރ. ނަޒްލާ ވިދާޅުވި އެވެ.

ވެރިރަށް މާލޭގައި ކޮވިޑް-19ގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ހާލަތު ވަރަށް ނުރައްކާ ކަމަށާއި މިހާރު މާޅެ އޮތީ ލޮކްޑައުން ކުރަން ޖެހޭ ހާލަތުގައި ކަމަށެވެ. އަދި އެ ހިސާބަށް ކަންކަން ދިޔައީ މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް އެއްބާރުލުން ނުދޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުން އަކަށް ދިއުމަކީ އިގްތިސޯދީ ގޮތުންނާއި ސިއްހީ ގޮތުން ވެސް އަދި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމެއް ކަމަށާއި އެހެންކަމުން މަސައްކަތް ކުރަނީ ލޮކްޑައުން އަކަށް ނުގޮސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތްކޮށް، ފިޔަވަޅުތަކަށް ބޯލެނބުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް