އަޔާދީ އަށް ކާމިޔާބު ހަތް އަހަރު

އަޔާދީގެ ހިދުމަތުގެ ކާމިޔާބު ހަތް އަހަރު ---

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް އިންޝުއަރަންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން ކާމިޔާބު ހަތް އަހަރު ފުރިހަމަކޮށްފިއެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭނެހެން ފުރިހަމަ އިންޝުއަރަންސް ހައްލު ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ގޮފީގެ ގޮތުގައި ތައާރަފުކޮށްފައިވާ "އަޔާދީ ތަކާފުލް" އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މިހިދުމަތް ދޭން ފެށި ދިވެހި ކުންފުންޏެވެ.

ފާއިތުވެ ދިޔަ ހަތް އަހަރު ތެރޭގައި އަޔާދީއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާ ފައެެވެ. މިކާމިޔާބީގެ އަސްލަކީ އިތުބާރާއި އެކު އަޔާދީއިން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ކުންފުނީގެ ހަޔާތުގައި ފާހަގަކޮށްލެވޭ މަރުހަލާތަކަށް ބަލާލާއިރު، އަޔާދީއިން ފަރުމާކޮށްގެން ފޯރުކޮށްދެމުން އަންނަ "ހައްޖު އަދި އުމްރާ ތަކާފުލް" ހިދުމަތަށް 2017 ވަނަ އަހަރުގެ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިޔާ (އިފްސާ) އެވޯޑްސް ހަފްލާގައި ވަނީ ގޯލްޑް ޕްރޮޑަކްޓް އޮފް ދަ އިޔާ އެވޯޑް ލިބިފައެވެ.

ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ މިއެވޯޑު ހަފްލާގައި، ސަރަހައްދީ މައިދާނުގެ ކުންފުނިތަކާއި ވާދަކޮށް 2016، 2017، 2018 އަދި 2019 ގައި ވެސް އަޔާދީއިން ވަނީ ތަކާފުލް ވިންޑޯ އަދި ޔުނިޓް އޮފް ދަ އިޔާ އެވޯޑް ހޯދާފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު އަޔާދީއިން ވަނީ އިސްލާމިކް ލައިފް އިންޝުއަރަންސް؛ "ފެމެލީ ތަކާފުލް"ގެ ހިދުމަތް ވެސް ފަށާފައެވެ. ބޮޑު ތަރުހީބެއް ލިބެމުން އަންނަ މިހިދުމަތަކީ ވެސް ރާއްޖޭގައި އަލަށް ފެށިގެން މިއަަދާ ހަމައަށްވެސް އަޔާދީއިން އެކަނި ފޯރުކޮށްދެމުން އަންނަ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއްގެ އިސްލާމިކް އިހްތިޔާރީ އަޔާދީއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް www.myallied.mv ޕޯޓަލް އާއި އެލައިޑް އެޕްއިން ވަގުތުން ލިބެން ހުންނަ ހިދުމަތްތައް ވެސް ހިމެނެއެވެ.

އަޔާދީގެ ކާމިޔާބު ހަތް އަހަރުގެ މުނާސަބަތާ ގުޅިގެން އެލައިޑް އިންޝުއަރެންސް އިން ބުނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތާކާފުލް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަމުންދާ ކާމިޔާބީތަކާއި މެދު ފަހުރުވެރިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ކުރިއެރުމާއި އެކު ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށެވެ.

އިސްލާމިކް ފައިނޭންސިން ދާއިރާގެ ކުރިމަގު ބިނާކުރުމަށް އަޔާދީއިން ކުރަމުންދާ މަސައްކަތްތަކަށް އެލައިޑުން ވަނީ މަރުހަބާ ކިޔާފައެވެ.

comment ކޮމެންޓް