ދިފާއީ ބޭނުމަށް އިންޑިއާއިން މޮރިޝަސްއަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް

އިންޑިއާއިން ވަނީ މޮރިޝަސްއަށް ދިފާއީ ބޭނުމަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޭން ނިންމާފަ -- ފޮޓޯ: އެމްއީއޭ

ޕޯޓް ލުއީ (ފެބްރުއަރީ 24): އިންޑިއާގެ ދިފާއީ ސާމާނު ހޯދުމަށް މޮރިޝަސްއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން އެގައުމަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޫކުރާނެކަން އިއުލާންކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ މިދިޔަ އާދިއްތަ ދުވަހު މޮރިޝަސްއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގުނަތުއާ ބައްދަލު ކުރައްވާފަ އެވެ. އަދި ހޯމަ ދުވަހު ޖަޔަޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާއިން ދޫކުރަން އެއްބަސްވި ކްރެޑިޓް ލައިންގެ ދަށުން، މޮރިޝަސްއަށް ބޭނުންވާ ދިފާއީ ސާމާނު ހޯދުމަށް އެގައުމުގެ ސަރުކާރަށް އެހީތެރިވެވޭނެ އެވެ.

"މޮރިޝަސްގެ ސަރުކާރުން ބޭނުންވާ ގޮތަކަށް އިންޑިއާއިން ދިފާއީ ސާމާނު ހޯދުމަށް މަގުފަހި ކުރާނެ 100 މިލިއަން ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓްގައި މިއަދު ވަނީ ސޮއިކޮށްފައި. މި ފިޔަވަޅުތަކުން އަނެއްކާވެސް އެނގެނީ މޮރިޝަސްގެ ރައްކާތެރިކަމަކީ އިންޑިއާގެ ރައްކާތެރިކަން ކަން އަދި މޮރިޝަސް ތިޔާގިވުމަކީ އަޅުގަނޑުމެން ތިޔާގުވުންކަން،" ޖަޔަޝަންކަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޮރިޝަސްއަށް އިންޑިއާގެ ޑޯނިއާ ފްލައިޓަކާއި އެޑްވާންސްޑް ލައިޓް ހެލިކަޕްޓަރެއްވެސް ދެ އަހަރަށް ހިލޭ ދޭނެ ކަމަށް ޖަޔަޝަންކަރު ވިދާޅުވި އެވެ. އަދި އެދަތުރުފުޅުގައި އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒްވެސް އޭނާ މޮރިޝަސްއަށް ހަދިޔާ ކުރެއްވި އެވެ.

ޖަޔަޝަންކަރު މޮރިޝަސްއަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ ދިފާއީ ބޭނުމަށް އިންޑިއާއިން ދޫކުރާ 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައިވާ ގޮތުން، އެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުންނެވެ. އަދި އެ ފެސިލިޓީން ދޫކުރާ ފައިސާގެ 31.37 ޕަސެންޓަކީ ހިލޭ އެހީ ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުންޏެވެ. އެހެންކަމުން ރާއްޖެއިން އަނބުރާ ދައްކަން ޖެހޭނީ 34،315،000 ޑޮލަރެވެ.

އެފައިސާ އަނބުރާ ދައްކަން ޖެހޭނީ ފަސް އަހަރުގެ މޮރޮޓޯރިއަމްއަކާއެކު، 20 އަހަރު ތެރޭ 1.75 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގަ އެވެ.

comment ކޮމެންޓް