މޮރޮކޯ އަންހެނުންތަކެއްގެ ފޮޓޯއާއެކު ރޭ ޝޯޝަލް މީޑިއާގައި ޕޯސްޓަރެއް ދައުރުވެ އެތައް ސަތޭކަ ބަޔަކު ރަނގަޅަށް ވެސް އޭގެ މަޅީގައި ޖެހިއްޖެ އެވެ. އެ ޕޯސްޓަރަކީ "މޮރޮކޯ"ގެ މުސްލިމް ޒުވާން އިއްފަތްތެރި އަންހެނުންނާ ކައިވެނި ކުރަން ބޭނުން ދިވެހިންނަށް ހުޅުވާލާފައި އޮތް ދައުވަތެކެވެ.
އަންހެނުންގެ ފޮޓޯ ޖަހައި އެއިން ކޮންމެ އަންހެނަކަށް އޮތީ ކޯޑެއް ވެސް ދީފަ އެވެ. އަދި އެ މީހުން "ވިއްކާލާ" އަގުތައް ހުރީ ޕެކޭޖްކޮށް ޖަހައިފަ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް ދެ ނަމްބަރެއް ޖަހާފައި އޮތެވެ. އެތަނުން އެއް ނަންބަަރުން ގުޅޭނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާ އެވެ. އެއީ އޭނާގެ ނަމްބަރެވެ. އަނެއް ނަންބަރަކީވެސް މަބްރޫކުއާއެކު ރައީސް އޮފީހުގެ މަސައްކަތް ކުރާ މުވައްޒަފެއްގެ ނަންމަބަރުކަމަށްވެ އެވެ.
އެ ޕޯސްޓަރު ދުން ޖަހާފައި އާންމުން ތެރޭ ހިނގައި ގަތުމާ އެކު ބިޒީވީ މަބުރޫކުގެ ފޯނެވެ. އޭނާއަށް 170 އަށް ވުރެ ގިނަ ކޯލު މީހުން ކުރީ މޮރޮކޯ އަންހެން ވެރިންނާ ކައިިވެނި ކުރާށެވެ. އެންމެން ހީކުރީ އަސްލުވެސް ޕޯސްޓަރުގައި ޖަހާފައި އޮތީ ކައިވެނި ކޮށްދޭ އެޖެންޓުގެ ނަމްބަރު ކަމަށެވެ.
"އިއްޔެ ހަވީރު އޮފީސް ނިންމާފައި ގެއަށް އައިއިރު ނުދަންނަ ނަންބަރަކުން ގުޅަނީ މޮރޮކޯ އަންހެން ކުދިން ހޯދުމަށް. އޭރު ނޭނގެ ކިހިނެތް ކަމެއް ވެގެން މިއުޅެނީ، ހީކުރީ ޕްރޭންކެއް ކަމަށް،" މަބްރޫކު "ސަން"އަށް ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ، ވެގެން އުޅޭ ގޮތް ސާފުވީ ރަށްޓެއްސަކު އޭނާއަށް ގުޅާފައި، އެ އިސްތިހާރުގައި އޭނާގެ ނަންބަރު ޖަހާފައި އޮތް ކަމަށް ބުނުމުންނެވެ. އެކަންވީ ހީކުރި ވަރަށް ވުރެ ބޮޑު "ޕްރޭންކް"އަކަށެވެ.
މަބްރޫކް ވިދާޅުވީ ސަމާސާއަކަށް ހަދައިގެން ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އެ ނިޔަތުގައި ކުރާ ކަހަލަ ކަމެއް ނޫން ކަމަށާއި މުޅި ދުނިޔޭގައި ވެސް އިންސާނީ ވަގުފާރީގެ އަމަލުތައް ފުޅާވެ، ސީރިއަސް ވަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ސަމާސާކުރުމަށްވުރެވެސް ސީރިއަސް މައްސަލައެއް. އަންހެނުން ވަގުފާރި ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް،" މަބްރޫކު ވިދާޅުވި އެވެ.
ކުޑަ އަންހެން ކުދިން ވަގަށް ނަގައިގެން ވިއްކުމާއި މަޖުބޫރުން އަންހެނުން ފައިސާ ދީގެން ކައިވެނިކުރުވަމުންދާ މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ހުރިހާ އެންމެން ހޭލުންތެރިވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އިއްޔެ އާއި މިއަދު 170 ކޯލް އައިމާ މިއިން މި އެނގެނީ މިގައުމުގައިވެސް މިކަން ފުޅާވެފައިވާ މިންވަރު،" މަބްރޫކު ވިދާޅުވި އެވެ.
އެގޮތަށް ގުޅާ ބައެއް މީހުންގެ ބުނާ ގޮތުގައި އެމީހުން ތިބީ ކިތަންމެ ބޮޑު އަގެއް ދީގެންވެސް އެކަން ކުރަން ތައްޔާރަށް ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މަބްރޫކު އެދިވަޑައިގެންނެވީ، އެކަން ސަމާސާއަކަށް ނަހަދައި، އެ މައްސަލަ ހައްލުކުރުމަށް އެންމެ މައްސަކަތް ކުރުމަށެވެ.
ރާއްޖޭގައި ވެސް މިހާރަށް ވުރެން ބޮޑަށް މުޖުތަމައު ހޭލުންތެރިވާންވެފައި އޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަވަށްޓެރި ބައެއް ގައުމުތަކަށް ގޮސް އެ އާއިލާއަކަށް ނުވަތަ އަންހެން މީހާއަށް ފައިސާކޮޅެއް ދީގެން ކައިވެނިކޮށްގެން ރާއްޖެ ގެނައުމަކީ ވެސް އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މަބުރޫކް ވިދާޅުވި އެވެ.
މަބުރޫކު ވިދާޅޫވީ މކަން މަޖަލެއް ނޫން ކަމަށެވެ. މިކަހަލަ ހަޑިހުތުރު ކަންކަން ކުރުން އެއީ ސީރިއަސް ކަމެއް ކަމަށެވެ.