ލަންކާއިން ކޮވިޝީލްޑްގެ 10 މިލިއަން ޑޯޒް އޯޑަރުކޮށްފި، ޗައިނާގެ ވެކްސިން ބޭނުން ނުކޮށްފާނެ

ފެބްރުއަރީ 4، 2021: ކޮވިޝީލްޑް ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮލަމްބޯ (ފެބްރުއަރީ 24): އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިންގެ އިތުރު 10 މިލިއަން ޑޯޒް ހޯދަން ސްރީލަންކާއިން އޯޑަރު ކޮށްފައިވާ ކަމަށާއި އެގައުމުން ޗައިނާގެ ކޮވިޑް ވެކްސިން ބޭނުން ނުކުރުން އެކަށީގެންވާ ކަމަށް ލަންކާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޕްލާންޓޭޝަންސް މިނިސްޓަރު ރަމޭޝް ޕަތިރަނާ ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ދިނުމުގެ ދެވަނަ ފިޔަވަހީގައި ހަމައެކަނި ބެނުން ކުރާނެ ކަމަށް ބެލެވެނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ ވެކްސިން އެވެ. އަދި ޗައިނާގެ ވެކްސިންގެ އެންމެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާއާ ބެހޭ މައުލޫމާތު އެގައުމުން ހިއްސާ ކޮށްފައި ނުވާ ކަމަށާއި އެގައުމާއި ރަޝިއާގެ ކޮވިޑް ވެކްސިން ލަންކާގައި ބޭނުން ކުރަން ތައްޔާރެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާގެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕަތިރަނާ އިތުރަށް ވިދާޅުވި ގޮތުގައި ލަންކާއިން ވަނީ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ 10 މިލިއަން ޑޯޒްއަށް މިހާރު އޯޑަރު ދީފަ އެވެ. އަދި އެ ޑޯޒްތަކަށް 52.5 މިލިއަން ޑޮލަރު އަރާނެ އެވެ.

މީގެ އިތުރުން އެގައުމުން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެސްޓްރާޒެނެކާގެ އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓުން 3.5 މިލިއަން ޑޯޒްއަށް އޯޑަރު ދީފަ އެވެ.

ލަންކާއިން މިދިޔަ މަހު ކޮވިޑް ވެކްސިން ޖަހަން ފެށީ އިންޑިއާއިން ކޮވިޝީލްޑްގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރުމުންނެވެ. އޭގެ ފަހުން ޗައިނާއިން ވަނީ އެގައުމުގެ ދައުލަތުގެ ކުންފުނި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިންގެ ތިން ލައްކަ ޑޯޒް ލަންކާއަށް މި މަސް ތެރޭ ހަދިޔާ ކުރާނެ ކަމަށް ބުނެފަ އެވެ.

ލަންކާގައި މިހާތަނަށް 80،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 450 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް