ހާސިލް - 74

އަރްޒަން އުޅެން ފެށި ގޮތުން އޭނާގެ ޚިޔާލަށް އަންނަން ފެށީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ކުރިމަތީގައި ޖުމައިލާ އުޅުނުގޮތެވެ.

***

ނައުފަލްގެ މަރާއެކު ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފެށިއެވެ. ބައެއް މީހުން އެއީ އިންސާނެއްގެ ކަމެއް ނޫނޭ ވެސް ކިޔަމުން ދިޔައެވެ. އެކަމުގެ ސަބަބުން މުޅި ރަށުތެރޭގައި ބިރުވެރިކަމެއް ފެތުރިގެން ދިޔައެވެ، އެ ހުރިހާކަމެއްގެ ހަޤީގަތް އެނގޭ ހަމައެކަނި ދެމީހުންނަކީ ޖުމައިލާއާއި ފިރާޤެވެ.

ޖިންނީގެ އުނދަގޫތައް ދެން ކުރަން ފަށާނީ ޖުމައިލާއަށް ކަން ފިރާޤަށް އެނގުނެވެ. ހަމައެއާއެކު އަރްޒަންއަށްވެސް އެ އުނދަގޫތައް ދިމާވާނެކަން އޭނާއަށް އެނގެއެވެ. އިތުރަށް ލަސްކޮށްފިނަމަ، ޖުމައިލާގެ އިތުރުން އަރްޒަންގެ ފުރާނައަށް ވެސް ނުރައްކާވާނެއެވެ. އެހެންކަމުން ފިރާޤު ނިންމީ ވީހާވެސް އަވަހަށް އެ ޖިންނީގެ ކިބައިން ޖުމައިލާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށާށެވެ.

ޖުމައިލާ ކައިރީގައި ކިޔަވަން ފެށިތާ މާގިނަ އިރެއްނުވެ، ޖުމައިލާގެ ބަނޑު ފުއްޕަން ފެށިއެވެ. އެކަމުން ފިރާޤު ކިޔެވުން އަވަސްކޮށްލިއެވެ. އެއާއެކު، ޖުމައިލާގެ ހަށިގަނޑަށް ބާރުގަނޑެެއް އަރަން ފެށިއެވެ. އޭރު އެތަނުގައި ފިރާޤުގެ އަންހެނުން އަނީސާ ވެސް ހުއްޓެވެ.

ޖުމައިލާ ހަޅޭއްލަވައިގަތް އަޑަށް ކަންނޭނގެއެވެ. އަރްޒަން އައިސް ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އޭރު އަރްޒަންގެ މޫނުމަތިން ވެސް ފެންނަނީ ހިތްދަތިކަމެވެ މަންމަގެ ޙާލަތު އެ ތުއްތު ކުއްޖާއަށް ވެސް ފަހުމް ވަނީ ކަންނޭގެއެވެ.

"އަނީސާ... އެ ކުއްޖާ ގޮވައިގެން އަވަހަށް މިތަނުން ދޭ... އަދި މިގޭ ކައިރީގައި އުޅޭ އާދަމްބޭގެ ދެ ފިރިހެން ކުދިންނަށް ގޮވާ އަވަހަށް ގެނޭ..." ފިރާޤު އަނީސާއަށް ބަލައިލަމުން އަވަސްއަވަހަށް ބުނެލިއެވެ.

"އާނ..." އަނީސާ އާބަސް ކިޔަފައި އަރްޒަންގެ އަތުގައި ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. އަރްޒަން އަނީސާ އާއެކު ދިޔަނަމަވެސް އޭރުވެސް އެ މޫނުމަތިން ފެންނަނި މާޔޫސްކަމެވެ. އިރުއިރުކޮޅަކާ އަރްޒަން ފަހަތް ބަލަިއލައެވެ. ހީވާކަހަލައެވެ. އޭނާ މަންމަ ދޫކޮށް ދާން ބޭނުންނުވަނީއެވެ.

ޖުމައިލާ އޭނާއަށް ބަލާފައި އިސްތަށިގަނޑު ނިއުޅައިލަމުން ހަޅޭއްލަވަން ފެށިއެވެ. އެއަށްފަހު އޭނާ ފިރާޤާ ދިމާލަށް ބަލައިލާ ވައްތަރު ޖައްސަން ފެށިއެވެ. ހަތަރެސް ފައި ޖައްސައިގެން އެކޮޅު ކޮޅުން އޮތުމަށްފަހު، އޭނާ ކުއްލިއަކަށް ފިރާޤާ ދިމާލަށް ފުންމައިލިއެވެ. އެއަށްފަހު، އޭނާ ފިރާޤުގެ މޫނަށް ކުޅު ޖެހިއެވެ. އަދި ހޭން ފެށިއެވެ.

*****

"އަހަރެން ދެން އިތުރަކަށް މަޑެއް ނުކުރާނަން... އަހަރެން ކަލޭ އަންދައިލާނީ..." ފިރާޤު ޝިންޝިނާއަށް ބަލައިލަމުން ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެއާއެކު ޝިންޝިނާ ފެށީ ހޭށެވެ. އޭނާ ފިރާޤަށް މަލާމާތް ކުރަނީއެވެ.

"ކަލެއަށް އޭރު ނުކުރެވުނު ކަމެއް މިހާރު ކުރެވޭނެތަ؟ ކަލެއަށް އަހަރެންގެ މަންމަވެސް އަންދާނުލެވުނު... ކަލޭގެ ކުރިމަތީގައި ކަލޭގެ އަންހެނުންނާ ޖުމައިލާ މަރުވިއިރު ވެސް ކަލެއަށް އެއްވެސް ކަމެއް ނުކުރެވުނު. ކަލެއަށް އޭރު މި އިންސާނާ ސަލާމަތް ކުރެވުނަސް މިފަހަރު އަހަރެން ބޭނުންނޫނިއްޔާ ލާހިކެއް ނޫން އަހަރެންގެ ކިބައިން ސަލާމަތްކުރާކަށް... " ޝިންޝިނާގެ އަޑުގައި އޭރުވެސް ބޮޑާކަން ވެއެވެ.

"އަހަރެން މަރުވަންޏާ އަރްޒަންއަށްވެސް ޖެހޭނީ މަރުވާން." ޝިންޝިނާ ބުނެލިއެވެ.

ސޯފާމަތިން ފައިބާ ހަތަރެސްފައި ޖައްސައިގެން އޮވެ ޝިންޝިނާ ހެމުން ދިޔައެވެ. އޭނާ އޮތީ ޖުމައިލާ އެކޭ އެއްގޮތަކަށް އެކޮޅު ކޮޅުންނެވެ. އަރްޒަން ކުއްލިއަކަށް ފިރާޤު ކައިރިއަށް ޖެހިލުމާއެކު، ފިރާޤަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުރީގައި ޖުމައިލާ ވެސް އޭނާގެ ކުރިމަތީގައި އުޅުނު ގޮތެވެ.

އަރްޒަން ކޮޓަރިއާ ދިމާލަށް ދުއްވައިގަތުމާއެކު، ފިރާޤުވެސް އަރްޒަންގެ ފަހަތުން ވަނެވެ. އަޔާންމެންވެސް އައެވެ. ކޮޓަރީގައި ހުރި އެއްޗެހި އެތަން މިތަނަށް އުކަމުން އަރްޒަން ހެމުން ދިޔައެވެ. ފިރާޤު އޭރުވެސް ކިޔެވުން ހުއްޓާ ނުލައެވެ. އޭނާ އަޔާންމެންނަށް ބަލަިއލީ ހުޝިއާރުވެ ތިބޭށޭ ބުނެލުމުގެ ގޮތުންނެވެ.

މިވަގުތު އަރްޒަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭ ކަމުގައި އޭނާ ބުންޏެވެ. ޖިނާންމެން ބޯޖަހައިލިއެވެ. އޭރު ޒީޝާން ވެސް އެ މަންޒަރު ބަލަން ހުރީ ޝޮކެއްގައެވެ. ދެލޯ ބޮޑުވެފައި ވާއިރު އެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނާ ކަރުނަތައް ފުހެލިޔަސް ތާޒާ ކަރުނައިން އެ ދެލޯ އަނެއްކާ ފުރިބަންޑުންވަނީއެވެ.

އަރްޒަން އާ މެދު އޭނާ ވަނީ އިންތިހާ ދެރަވެފައެވެ. ކުށް ކުރީ އެހެންމީހެކެވެ. އެކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހުނީ މައުސޫމް މީހަކަށެވެ. ސިހުރަކީ ހާދަ ނުބައި އެއްޗެކެވެ. ޝިރުކުގެ ޢަމަލެކެވެ. މީހެއްގެ ދިރިއުޅުން ހަލާކުކޮށްލުމަށްޓަކައި ކުރެވޭ އެންމެ ކަމެއްގެ ސަބަބުން އަނެކާއަށް ލިބެނީ ހާދަ ވޭނަކާއި ގެއްލުމެކެވެ. ދެރައީ އެއީ ކިހާ ނުބައި އަމަލެއްކަން އެނގޭ ހާލުވެސް އެކަންތައް ބަޔަކު ކުރާތީއެވެ. ނުބައިވެގެންވާ ޝިރުކުގެ ތެރޭގައި ހިމެނޭ އަމަލަށްވާއިރުވެސް ވިސްނާނުލާ އެހެން މީހުންނަށް ގެއްލުން ދޭން މަސައްކަތް ކުރާތީއެވެ. އުފާވެރިކަން ނިގުޅައިގަންނަން އަތު ކުރި އޮޅައިލާތީއެވެ.

ހެމުން ދިޔަ އަރްޒަންއަށް ޑްރެސިންޓޭބަލް މަތީގައި އޮތް މާކަރު ލޮލުގައި އަޅައިގަތެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ގޮސް މާކަރު ނަގައިގެން، ލޯގަނޑުގައި ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. އޭރުވެސް އޭނާދިޔައީ ހެމުންނެވެ. ވައްތަރު ޖައްސަމުންނެވެ.

"ޝިންޝިނާ..." ލިޔެ ނިންމާލާފައި އަރްޒަން ދުރަށް ޖެހިލުމާއެކު، ޒީޝާންއަށް ކިޔައިލެވުނެވެ. އަރްޒަން ފާރުގައި ވެސް ލިޔަން ފެށިއެވެ. ފިރާޤު އޭރުވެސް ކިޔަވަނީއެވެ.

އޭނާ ބޭނުންވާ ވާރަށް ލިޔެވުމާއެކު މާކަރު އެއްލާލާފައި އޭނާ ބަލައިލީ ފިރާޤާ ދިމާލަށެވެ. އެދިޔަ ގޮތަށް ގޮސް ފިރާޤުގެ މޫނަށް ކުޅު ޖެހުމަށްފަހު، ހެމުން ހެމުން އައިސް މަޑުކޮށްލީ ޑްރެސިން ޓޭބަލް ކައިރީގައެވެ.

އަރްޒަން ކުއްލިއަކަށް ޑްރެސިންް ޓޭބަލް މަތީގައި ޖެހި ޖެހީނުން އޭގެ މަތީގައި ހުރި ހުރިހާ އެއްޗެއް ވަރައިލިއެވެ. އެއާއެކު އޭގެ މަތީގައި ހުރި ސެންޓް ފުޅި ވެއްޓި ތެޅުނެވެ. ސެންޓް ފުޅިގެ ބިއްލޫރިކޮޅުތައް އެކިދިމަދިމާލަށް ބުރައިގެން ދިޔައެވެ.

އޭނާ ބިއްލޫރިކޮޅެއް ނަގަން ވެގެން ކުރިއަށް އަޅައިލި ފިޔަވަޅާއެކު، ފަޔަށް ބިއްލޫރިގަނޑެއް ހެރި ފައިން ލޭ އަންނަން ފެށިއެވެ.

ފިރާޤު އަޔާންއަށް ބަލައިލުމަށްފަހު، އެދުނީ އަވަހަށް އިރުފާންއަށް ގޮވައިގެން ގެނައުމަށެވެ. ޖިނާންއަށް ބަލައިލުމަށްފަހު، އަޔާން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭނާ އިރުފާންއަށް ގުޅަމުން ޒީޝާންއާ ވާހަކަ ދެއްކިއެވެ.

"ޒީ... މިތަނުގައި ނުހުރޭ ކޮޓަރިއަށް ދޭ... އިޓްސް ނޮޓް ސޭފް..." ނަސީބަކުން އެވަގުތަކީ އިރުފާން ވެސް ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް ވަގުތެވެ.

"ކިހިނެއް މި ވަނީ؟" އޭނާއަށް އަހައިލެވުނެވެ.

އަޔާން ކުރު ގޮތަކަށް ވީ ގޮތް ކިޔައިދިނެވެ.

"ހަމަ މިހާރު މި އިންސާނާ ދޫކޮށްލާ... " ފިރާޤު ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ނޫން... އަރްޒަން އަކީ އަހަރެންގެ މީހެއް. އޭނަގެ މައްޗަށް އަހަރެންގެ ޙައްޤު އޮތްވަރު ކަލެއަކަށް ނޭނގޭތަ؟" ޝިންޝިނާ ބޮޑާވެގަތެވެ. ޝިންޝިނާ އަބަދު އެހެން ބުނާ ސަބަބު ފިރާޤަށް ވެސް އެނގެއެވެ.

"އަހަރެން މަރައިލަންޏާ އަރްޒަންވެސް މަރުވާނެ.. ބޭނުންތަ އަރްޒަން މަރައިލަން... ކަލޭ ބޭނުންވަނީ ޖުމައިލާ އާ އަނީސާއަށް ވީ ގޮތަށްވާންތަ؟ ކަލޭގެ ކުރިމަތީގައި އިތުރުބައެއްގެ ފުރާނަތައް ޤުރުބާން ކުރަންތަ؟" ޝިންޝިނާ ވާހަކަ ދެއްކިއެވެ. އޭނާ އެތަނުގައި ތިބި އެންމެނަށް ވަކިވަކިން ބަލައިލިއެވެ.

"ޒޭން..." އަރްޒަންގެ ފައިން އަންނަމުންދިޔަ ލޭތައް ފެނުނު ޒީޝާންއަށް، އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭނާގެ ދުލުން އަރްޒަންގެ ނަން ބޭރުވުމާއެކު، އަރްޒަން ޒީޝާންއަށް ބަލައިލިއެވެ. އެއަށްފަހު އެއްމިޔަކަށް ހީލިއެވެ.

ފިރާޤު ހުޝިއާރުވާން ބުނެލި ނަމަވެސް އިތުުރު އެއްވެސް މީހަކަށް ކަމެއް ނުކުރެވި އުޅެނިކޮށް އެ ދިޔަ ބާރުމިނުގައި ގޮސް އަރްޒަން ހިފީ ޒީޝާންގެ ކަރުގައެވެ. އަރްޒަން ހިފިލެއް ބާރުކަމުން ޒީޝާން ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އޭރުވެސް އޭނާގެ އަތުގައި ބިއްލޫރިގަނޑު އޮތެވެ.

"ޒޭން...އާހް..." ތަދުވަމުން ދިޔަ ޒީޝާން ބުނެލިއެވެ. އަޔާން އާއި ޖިނާން ވަގުތުން އައިސް އަރްޒަން ދުރުކުރުވަން އުޅުނު ނަމަވެސް އެ ދެމީހުންވެސް ދުރަށް ކޮށްޕައިލުމަށްފަހު، އަރްޒަން ދިޔައީ ޒީޝާންގެ ކަރަށް ވާން ކުރަމުންނެވެ.

"ޒޭން. އައި ކޭންޓް ބްރީތް... ޕްލީޒް... އައި ކޭންޓް ބްރީތް!!!" ޒީޝާން ކެއްސަން ފެށިއެވެ. އަރްޒަން އޭރުވެސް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް އޭނާގެ ކަރަށް ވާން ކުރަމުންނެވެ. ކަރަށް ވާންވާލެއް ބާރުކަމުން ޒީޝާން ގެ ކަރުން ލޭ ވެސް އަންނަން ފެށިއެވެ. ކެއްސައިލުމާއެކު އައި ލޭތައް ކޮންމެވެސް ވަރަކަށް ބޭރުވިއެއެވެ.

އިރުފާން އާއި ޖިނާން އައިސް އަނެއްކާވެސް އަރްޒަން ދުރުކުރުވަން އުޅުނެވެ. އުނދަގުލުން އެ ދެމީހުންނަށް އެކަން ކާމިޔާބު ވުމާއެކު ފިރާޤު ބުނީ އަރްޒަން ކޮންމެވެސް ގޮތަކުން ހިފެއްޓުމަށެވެ. ވާގަނޑުން އައްސައިގެން ނަމަވެސް އެވެ.

"ޒީ އާރ ޔޫ އޯކޭ؟" އަޔާން ޒީޝާންގެ ގާތަށް ޖެހިލާ ސުވާލުކޮށްލި އިރު އޭނާގެ އަޑުގައި ހާސްކަން ވެއެވެ. ދެފަހަރަކު ކެއްސައިލަމުން، ޒީޝާން އާއެކޭ ބުނެލި ކަމުގައި ވިނަމަވެސް އޭރުވެސް އޭނާ ހުރީ ލިބުނު ޝޮކުގެ ސަބަބުން ސިހިފައެވެ. ކަރުގައި އަތްޖައްސައިލުމާއެކު ދިލަ ނަގަން ފެށިއެވެ. އޭނާއަށް ފުންކޮށް ނޭވާލެވެން ފެށުނެވެ.

ފިރާޤު ކިޔެވުން ބާރުކޮށްލިއެވެ. އެއާއެކު އަރްޒަން ހަޅޭއްލަވަން ފެށިއެވެ. އެއާއެކު އޭނާގެ ހަރަކާތްތައް ވެސް ލަސްވާން ފެށިއެވެ.

އަރްޒަން މަޑުވީ ވަގުތު ފުރުސަތުގެ ބޭނުންހިފާ ފިރާޤު ވާހަކަ ދެއްކިއެވެ.

"ޖިނާން އާއި އިރުފާން މިތަނުގައ ބަހައްޓާފައި އަޔާން ގޮސްދީ.... އަހަރެން ބޭނުން ކުންނާރު ފަތް... ވީހާވެސް އަވަހަކަށް. އަދި، މާމުތާ ކަޅުދިރިވެސް ބޭނުން..." ފިރާޤު ބުނެލިއެވެ.

"އިތުރު އެއްވެސް އެހެން އެއްޗެއް ބޭނުން؟"

އަޔާން ސުވާލުކޮށްލިއެވެ. ފިރާޤު ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ޔާން ވެއިޓް... އައިވިލް އޯލްސޯ ގޯ ވިތް ޔޫ" ޒީޝާން އަޔާންއަށް ގޮވައިލިއެވެ.

"ޒީ... ވެއިޓް ހިޔަ... ގިނަ އިރެއް ނުވާނެޔޭ. އެހެންނޫނަސް ޔޫ ނީޑް ރެސްޓް" އަޔާންއަށް ބުނެވުނެވެ.

"ޕްލީޒް... ޕްލީޒް ޔާން... އަހަރެން ބޭނުން ކޮންމެ ގޮތަކުން ވެސް ޒޭން ސަލާމަތް ކުރަން. އަހަންނަށް މި ފުރުސަތު ދީ... އައި ކާންޓް ސީ ހިމް ލައިކް ދެޓް އެނީ މޯރ..." ޒީޝާން ބުނެލިއެވެ.

"ޔާން.... " އެއްޗެއް ނުބުނެ ގިނަިރުވާން ފެށުމުން، ފާރުގައި ބޯ ޖައްސާލައިގެން އިނދެ ފާރުގައި ބޯ ޖަހަމުން ދިޔަ އަރްޒަންއަށް ބަލައިލަމުން ޒީޝާން އަޔާންއަށް ގޮވައިލިއެވެ.

ޒީޝާންގެ އާދޭސްތަކަށް ފުރަގަސްދޭން ނުކެރި، އެންމެ ފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އަޔާންއަށެވެ. އޭނާ ވިސްނައިލިއެވެ. ކުންނާރުފަތް ލިބޭތޯ ބަލާނީ އަވަށުތެރެއިން ވިއްޔާއެވެ. އެހެންކަމުން ޒީޝާން ގޮވައިގެން ދިޔަޔަސް ގެއްލުމެއް ނެތްތާއެވެ.

"ވެއިޓް އަ މިނިޓް!" ޒީޝާން އޭނާގެ ބެކްޕެކް ކޮނޑުގައި އަޅުވައިލިއެވެ އޭގެ ތެރޭގައި އޭނާ ކިޔަން ގެންގުޅޭ ދުޢާތައް ވެސް ހުންނާނެއެވެ.

ފަހަރެއްގައި ބޭނުން ޖެހިދާނެކަމަށްޓަކައި ޒީޝާން ވަޅިއެއް ވެސް ބެކްޕެކް ތެރެއަށް ލިޔެވެ.

އެ ހިސާބުގަނޑުގައި އަޔާންމެން ވަރަށް ހިނގިއެވެ. އެމީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރަށް ވެސް ދިޔައެވެ. އެކަމަކުވެސް ކުންނާރުގަހެއް އެމީހުންގެ ލޮލުގައި އަޅައިގަންނަ ގޮތެއްނުވިއެވެ. އަވަށާ ތަންކޮޅެއް ދުރަށް ދިޔުމަށްފަހު، ޒީޝާން ވާހަކަ ދެއްކިއެވެ.

"އަހަންނަށް ފެންނަނީ ތަންކޮޅެއް އެކޮޅަށް ދާން... މީހުން ނޫޅޭ ހިސާބަކަސް އެތަނުގައި ތަފާތު ވައްތަރުގެ ގަސް ހުންނާނެއެއްނު" އަވަށާ ދުރު ތަންކޮޅެއް ގަސްބޯ ހިސާބެއް އަޔާންއަށް ދައްކައިލަމުން ޒީޝާން ބުނެލިއެވެ. އަޔާން ވެސް ގަޑިއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ފިޔަވަޅުތައް ބާރުކޮށްލިއެވެ. މަގުން އެތެރެއަށް ވަދެގެން މާ ދުރަސް ނުދެވި އުޅެނިކޮށް އެ ދެމީހުންނަށް މަގު ގެއްލުނީއެވެ.

"ކިހާ ހިސާބަކަށް މިއާދެވުނީ..." އަޔާން ވަށައިގެން ބަަލައިލިއެވެ.

"ޔާންއަށް އެނގޭނެތަ ނިކުންނަން" ޒީޝާންއަށް ވެސް ވަދެގެން އާދެވުނު ގޮތެއް ނޭނގުނެވެ.

"ކޯއްޓޭއަށް ދާ މަގު... މިހސާބަށް... ކިހިނެއް؟" އަޔާންއަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުނެވެ.

"ޔާން އެއްޗެކޭ ބުނިންތަ" އަޔާން ބުނި އެއްޗެއް ނޭނގި ޒީޝާން ސުވާލުކޮށްލި އެވެ.

"ނޫން އެއްޗެކޭ ނޫން... ހިނގާ އަވަށަށް އެރޭތޯ ބަލަމާ..." އަޔާން ބުނެލިއެވެ. އޭނާ ބޭނުންވީ އެތަނުން ދާށެވެ. ވަކިން ޚާއްސަކޮށް އެތަނުގެ ހަޤީގަތް އެނގުމަށްފަހު ، އޭނާ ޖެހިލުންވީއެވެ. ޒީޝާންއަށް ހަޤީގަތް ސިއްރުކުރަމުން އޭނާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

"ޔާން... އަހަންނަށް ފެންނަނީ އަދި އެތެރެއަށް ވަދެލަން. މިހާ ހިސާބަށް އައިސް ދެން ހިފައިގެން ދާން ވާނީ... ބައިދަވޭ... ބަލާލަބަލަ އެހެރަ ގަހެއް. އަހަންނަށް ހީވަނީ ކުންނާރުހެން..." ކުއްލިއަކަށް އެއްލި ކަޅިއަކުން ޒީޝާންގެ ލޮލުގައި އަޅއިގަތެވެ.

"ނޫން... ޒީ. ހިނގާ އަވަށަށް ދާން..." އަޔާން ބުނެލިއެވެ. އޭނާ ހުރީ ޖެހިލުންވެފައެވެ.

"ނޫނޭ ޔާން. އޭރުން ހާދަ ލަސްވާނޭ... މިހާރުވެސް ފިރާޤުބެ ހުންނީ ލަސްވެފަ. ފެނުނު ތަނަކުން ހިފައިގެން ދިޔައިމަ އަވަސްވާނީ.. އައި ވޮނަ ސޭވް ޒޭން އަޔާން... އެހެންނޫނަސް ލަހެއް ނުވާނެއެއްނު" ޒީޝާން ބުނެލިއެވެ.

އެންމެ ފަހުން އަޔާން ވެސް އެއްބަސްވިއެވެ. އެތަނުން ކުންނާރުފަތްކޮޅެއް ބިންނާކަށް ލަސްތަކެއް ނުވާނެއެއް ނޫންހެއްޔެވެ؟ މިތަނުން ފަތް ލިބިއްޖެއްޔާ ފަސޭހައެވެ.

ދެމީހުން ކޯއްޓޭއާ ދިމާލަށް ހިނގައިގަތީ އެތަނުން ދެން އެމީހުންނަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަންތައްގަނޑެއްކަން ނޭނގޭ ޙާލުގައެވެ.

ހަނިމަގުން ކުރިއަށް ދިޔަވަރަކަށް ތަނުގެ ޤުދުރަތީ ރީތިކަން ކިތަންމެ ހާވެސް ރީއްޗަށް އެ ދެމީހުންގެ ލޮލުގައި އަޅައިގަތެވެ. އެހެނަސް އެ ރީތިކަމަކުން މިއަދު އެއިން އެކަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގެ ހަމަޖެހުން ވަނީ ނަގާލާފައެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކަމުން ސަލާމަތްވާށެވެ.

ކުންނާރު ގަހާ ހިސާބުގައި ވެސް އޮތީ ބޯކޮށް ވިނަ ހެދިފައެވެ. އެހިސާބުގައި ގިނައީވެސް ބިޔަ ގަސްތަކެވެ. ނިކައާއި ފުނަ އާއި ކިނބީގެ އިތުރުން ކާނި ގަސްތަކެކެވެ. ގަސްތައް ގިނަކަމުން ކަންނޭނގެއެވެ. އެހެން ހިސާބުތަކާ ބަލާއިރު އެހިސާބުގަނޑު އޮތީވެސް އަނދިރިކޮށެވެ. ވައިކޮޅެއްހާ ހިސާބުވެސް ނުޖެހެވެ. ދޭތެރެއަކުން އެދިމާލުން ދާ ދޫންޏެއް ގޮވައިލާ އަޑު ނޫން އިތުރު އެއްވެސް އަޑެއް އެހިސާބަކުން ނީވެއެވެ. ތަނުގައި ވަނީ ހަމަހިމޭންކަމެވެ.

"ހާދަ މަތީގައޭ ފަތްތައް ހުރީ... ޒީ... އެ އޮތް ދަނޑިގަނޑު ގެނެސްބަލަ! އޭގެން ގޮފިގަނޑު ތިރިކޮށްލީމަ ޒީ ފަތްތައް ބިނދެލާ... " އަޔާން ބުނެލިއެވެ. ޒީޝާން ބޯ ޖަހައިލުމަށްފަހު، އަޔާން އިޝާރާތް ކުރި ދިމާލުގައި އޮތް އެ ދަނޑިގަނޑު ގެނެސް ދިއްކޮށްލިއެވެ.

"ޒީ ހެލްޕް މީ... އަހަރެން މި ތިރިކޮށްލީމަ ފަތްތައް ބިނދެލާ..." އަޔާން ބުނެލިއެވެ. ޒީޝާން ބޯޖަހައިލިއެވެ.

އަޔާންއަށް ގޮފިގަނޑު ތިރިކޮށްލެވުނީ ކިރިޔާއެވެ. ކުއްލިއަަކަަށް އަތަށް އެރި ތަދާއެކު، އޭނާއަށް ދަނޑިގަނޑުން އަތް ދޫކޮށްލެވުނެވެ.

"އާހް..." އަނގައިން ބޭރުވި މަޑު އާހްއެކު އަޔާންއަށް އަތުގައި ފިރުމައިލެވުނެވެ. އަތުގެ ހަންގަނޑު ހުރީ ކުޑަކޮށް ރަތްވެފައެވެ.

"އާރ ޔޫ އޯކޭ؟ ކިހިނެއްވީ؟" ޒީޝާން އަހައިލިއެވެ.

"މާ ބޮޑުކަމެއް ނުވޭ...އަތަށް ހަދައިލެވުނު ގޮތަކުން ކަންނޭގެ... ކުއްލިއަކަށް ތަދެއް އެރީ... ލެޓްސް ޓްރައި އެގެއިން..." އަޔާން ބުނެލިއެވެ. ޒީޝާން ވެސް ބޯ ޖަހައިލިއެވެ. އަޔާންއަށް ގޮފިގަނޑު ތިރިކޮށްލުމާއެކު، ޒީޝާން އަވަސްވެގަތީ ކުންނާރުފަތްތައް ބިނދެލުމަށެވެ. އެކަމަކު އޭނާއަށް ބިނދެވުނީ އެންމެ ފަތެކެވެ. އޭނާގެ މޭގައި ޖަހާ މީހަކު ކޮށްޕައިލި އިޙްސާސްއާއެކު އޭނާ ގޮސް ޖެހުނީ ނިކަގަސް ބުޑުގައެވެ.

ޒީޝާންއަށް ވީ ގޮތުން އަޔާންއަށް ވެސް ލިބުނީ ޝޮކެކެވެ. އޭނާއަށް ޒީޝާންއޭ ކިޔާފައި ހަޅޭއްވެސް ލަވައިގަނެވުނެވެ. ދަނޑިގަނޑުވެސް އަތުން ދޫވިއެވެ.

ނިކަގަސްބުޑުގައި ޖެހުނު ގޮތުން ޒީޝާންގެ އުނގަނޑަށް ވެސް ތަދުވިއެވެ. އަޔާންއަށްވެސް ހުރީ ޝޮކެއްލިބިފައެވެ. އެއީ އާދައިގެ ކަމެއް ނޫންކަމުގައި ދެމީހުންނަށް އެނގިގެން ދިޔައެވެ.

"ޒީ... ލެޓްސް ގޯ" ދެފަރާތް ވަށައި ހޯދައިލުމަށްފަހު، އަޔާން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޒީޝާންވެސް ތެދުވަން މަސައްކަތް ކުރިއެވެ. އޭރުވެސް ދެމީހުންގެ ހިތްދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

ޒީޝާން ތެދުވެ ހިނގައިގަތް ވަގުތު އޭނާގެ ކަރުގައި ކޮންމެވެސް އެއްޗެއް އޮޅުނު އިޙްސާސްއާއެކު ހުއްޓެވުނެވެ. އަޔާންއަށްވެސް ހުއްޓި ފަހަތަށް ޖެހިލެވުނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒީޝާންއަށް ކަރުގައި އަތް ޖައްސައިލިއެވެ. އަޔާންއަށް ފުންކޮށް ނޭވާ ލެވެން ފެށުނެވެ. އޭނާ ވެސް ހުރީ ބިރުން ހަދާނެ ގޮތް ނޭނގިފައެވެ ޒީޝާންގެ ކަރުގައި އޮޅިފައިވާ މޫތައް ހިނދެއް ހިނދަކަށް ދިޔައީ ކަރަށް ބާރުވަމުންނެވެ. އެއާއެކު ޒީޝާންއަށް ހިންދިރުވައިލެވުނެވެ.

"ޔާން... ހެލްޕް މީ... އަިއ ކާންޓް ބްރީތް" ޒީޝާން އުނދަގުލުން ބުނެލިއެވެ. "ޔާން ޕްލީޒް"

ދެން ފެނުނީ ޒީޝާންގެ ހަށިގަނޑު ބިންމަތިން އުފުއްލެން ފެށިތަކެވެ. ފައި ބިމުގައި ނުޖެހެން ފެށުމާއެކު ޒީޝާންއަށް ރޮވެން ފެށުނެވެ. އޭނާ ކަރުގައި އޮޅާލެވިފައިވާ މޫތަކުގައިހިފައްޓައިގެން އޭގެން ސަލާމަތް ވާން ކެނޑި ނޭޅި މަސައްކަތް ކުރަން ފެށިއެވެ.

"ޔާން..."

ދެވިސްނުމެއްގައި ހުރެފައި އަޔާން ދުއްވައިގަތީ ބެކްޕެކާ ދިމާލަށެވެ. އޭގައި އޮތް ވަޅީ ނެގުމަށްފަހު، އޭނާމަޑުމަޑުން ޒީޝާންއާ ކައިރިވާން ފެށީ ވަށްކަޅިން އެކި ދިމަދިމާ ބަލަމުންނެވެ.

އޭނާ ގޮސް ޒީޝާންގެ ކަރުގައި އޮޅާލެވިފައިވާ މޫތައް ކަނޑައިލިއެވެ. އެއާއެކު ޒީޝާން ވެއްޓުނީ ބިންމައްޗަށެވެ.

"ލެޓް ގޯ ޒީ... މިތަނުގައި ތިބުން ރަނގަޅެއް ނޫން..." އަޔާން ހާސްވެފައި ބުނެލިއެވެ. ޒީޝާންވެސް ކަރުގައި އަތްޖައްސައިލައިގެން އިނދެ އޭއެކޭ ބުނެލިއެވެ. އަޔާންގެ އެހީތެރިކަމާއެކު ތެދުވި ޒީޝާން ވަށައިގެން ބަލައިލިއެވެ. އެއަށްފަހު އޭނާ ހިގައިގަތީ ބެކްޕެކާ ދިމާލަށެވެ. ކުއްލިއަކަށް އަޔާންގެ ގަމީހުގައި މީހަކު ހިފެއްޓުމާއެކު އަޔާންއަށް ސިހުންލިބުނެވެ. އޭރު ޒީޝާން ހުރީ އަޔާންއަށް ފުރަގަސްދީގެންނެވެ.

އަޔާންއަށް ފަހަތް ބަލައިނުލެވި އުޅެނިކޮށް އެމީހަކު އަޔާންގެ ގިރުވާނުގައި ހިފައި ފަހަތަށް ހޫރައިލައިފިއެވެ.

"އާހް...." އަޔާން ހަޅޭއްލަވައިގަތެވެ.

އެއާއެކު ވިއްސައިގެން ގޮސް އަޔާން ޖެހުނީ އެތަނުގައި ހުރި ރުކެއްގައެވެ.

ޒީޝާންއަށް ސިހުން ލިބުނީ އަޔާންގެ ހަޅޭކާއެކުގައެވެ. އޭނާ ފަސްއެނބުރި ބަލައިލިއެވެ.

ޖެހުނުލެއް ބާރުކަމުން އަޔާންގެ ބޯ ޖެހި ފަޅައިގެން ދިޔައެވެ. އޭނާ މަޑުމަޑުން ބޮލުގެ ފުއްކިބައިގައި އަތް ޖައްސައިލުމަށްފަހު، އެ އަތަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ލެއެވެ. ދެން ވީނުވީމއެއް އަޔާންއަކަށް ނޭނގުނެވެ.

"އަޔާން..." އަޔާންއަށް ބަލައިލަމުން ހަޅޭއްލަވައިގަނެ ޒީޝާން އެދިމާލަށް ދުއްވައިގަތެވެ. އެކަމަކު އޭނާގެ ފިޔަވަޅުތައް ވަކި ހިސާބަކުން ހުއްޓުނީ އޭނާގެ ސޫރައިގައި ހުރި ޝިންޝިނާ ފެނިފައެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

މަޑުމަޑުން ޝިންޝިނާގެ ސިފަ ބަދަލުވާން ފެށިއެވެ. ނިޔަފަތި ތައްވެސް ދިގުވާން ފެށިއެވެ. ޒީޝާން ބިރުން ރޫރޫ އަޅަން ފެށިއެވެ.

ޝިންޝިނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ އަދި މީގެ ކުރިން އެއްވެސް މީހަކަށް އޭނާގެ އަސްލު ސިފަ ދައްކާފައެއް ނުވެއެވެ. ޖައުފަރު ފިޔަވައެވެ.

(ނުނިމޭ)

comment ކޮމެންޓް