ލީގު އަވަހަށް ފެށޭނެ ކަމުގެ އުންމީދު އައު ވެއްޖެ

ޑިސެމްބަރ 14، 2020: ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 15 އަހަރު ފަހުން ވެލެންސިއާ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝަފާގުގެ ގޯލުން ވެލެންސިއާ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގު ފެށުން ރަގަޅު ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ތިންވަނަ ރާޅާ އެކު މިހާރު މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަރަށް އަވަސް ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، އެކަން ކުރާނީ ހާއްސަ ގައިޑްލައިންތަކެއް ހެދިގެން އެއާ އެއްގޮތަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެފްއޭއެމްއާއި ސަރުކާރާ ގުޅިގެން ކުރި މަޝްވަރާތަކަށްފަހު ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖަހައިގެން ލީގު ފެށޭގޮތް ވާނޭ ކަމަށް ބުނުމުން މިހާރު ވަނީ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖަހައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސް މެމްބަރުންނާ އެކު މިއަދު ބޭއްވުނު މަޝްވަރާތަކުގައި ފުޓްބޯޅަ އަލުން ފަށަން ކުރާ މަސައްކަތައް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަން ހުއްދަވާނޭ ގައިޑްލައިންތަކެއް ހެދި ވަރަށް އަވަހަށް ކުލަބުތަކުގެ ފަރިތަކުރުންތައް ފެށިގެންދާނޭ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އަށް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އެއްކޮށްލައިގެން 350 އަށް ވުރެން ގިނަ ބަޔަކު ވެކްސިން ޖަހާފައިވާއިރު، އެންމެ ފުރަތަމަ ލީގު ފެށުމުގެ ކުރިން މި ހުރިހާ އެންމެން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ. އޭރު ކުރި ހުރިހާ ޓެސްޓެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ.

comment ކޮމެންޓް