ޔާރާއެ ލޯބިދޭށޭ... 14

ޖިލްވާ ބޯ ހޫރައިލިއެވެ. ހާސްވެގެން ނިތްކުރިމަތީން ފިނި ދަލެއް ހިއްލައިލީ، ބެދެން އުޅޭ މަޅިން ސަލާމަތް ނުވާނޭހެން ހީވާން ފެށުމުންނެވެ. ތެދުވެރި އާއިލާއަކަށް އޮޅުވާލައިގެން އޭނަ މުޅި އުމުރަށް އެކަމާއި ހިތާމަ ކުރަންޖެހިދާނެއެވެ. އެ މުސްކުޅި އަންހެންމީހާގެ ހިތް ހަލާކުވެއްޖެނަމަ، އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ. ހަގީގަތް ހާމަކުރުމުގެ ވަގުތު އައިސް ޖެހުނީ ކަމުގައި ޖިލްވާއަށް ގަބޫލު ކުރެވުނެވެ. އެކަމަކު އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންނާއި ހަވާލު ކުރާހައި އެ އާއިލާ ރަހުމުކުޑަ ވެދާނޭ ހެއްޔެވެ؟ ހަމަ ގައިމުވެސް އެންމެންގެ ނަފުރަތު އޭނައަށް އަމާޒުވާނޭކަން ގައިމެވެ.

********

"ހާދަ ދުރުގައޭ ތިހުރީ... މާމަ ކައިރިއަށް އައިސްބަލަ ދަރިފުޅާ..." އާއިޝާ ވަރަށް ލޯބިން ޖިލްވާއަށް ގޮވައިލިއެވެ. "ޖުއާން! މާމަ ބުނާ އެއްޗެއް ޖިލްވާއަށް ކިޔައިދީބަލަ..."

ޖިލްވާ ޖެހިލުންވެފައި ހުރެ ގޮސް އާއިޝާގެ ކައިރީގައި އިށީނެވެ. ދެއަތް ދެއަތާއި މޮޑެން ފެށިއެވެ. އާއިޝާ އިނީ ޖިލްވާގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ.

"ދަރިފުޅު މިހާރު ރަސްމީކޮށް މި އާއިލާ މީހަކަށް ވަނީއޭ... އެއްވެސް ކަމަކާ ލަދުގަންނާނެ ކަމެއް ނެތް..." ޖިލްވާގެ ބޮލުގައި ފިރުމައިލަމުން އާއިޝާ ބުންޏެވެ. "ދާއޫދު!... ދަރިފުޅު އިހަށް ކޮޓަރިއަށް ގޮސްލަންވީނު..."

އާއިޝާ ހީކުރީ ދާއޫދު އިނުމުން ޖިލްވާ މާ ލަދުން އުޅެނީ ކަމަށެވެ. ދާއޫދު ބޯ ޖަހައިލަމުން ތެދުވެގެން ދިޔައެވެ.

ޖިލްވާއަށް ބަލައިލެވުނީ ޖުއާން އަށެވެ. ފެންކަޅިވެފައި އިނުމުން، ޖުއާންގެ މޫނު އޭނައަށް ފެނުނީ ފުސްކޮށެވެ. ޖުއާން ވެސް އިނީ ޖިލްވާއަށް ބަލަހައްޓައިގެންނެވެ. އާއިޝާ ފަހަރަކު ގަހަނާއެއް ނަގައި ޖިލްވާގެ އަތަށް ލައިދޭން ފެށުމުން ޖިލްވާގެ ކެތްތެރިކަން ކޮޅުންލިއެވެ. ކުއްލިއަކަށް ތެދުވެގެން ގޮސް ގެއިން ނުކުތެވެ.

"މާމާ!... ކީއްކުރަންތަ ކަންކަމަށް ފޯސްކުރަނީ؟..." ޝަކުވާގެ ރާގެއްގައި ޖުއާންއަށް ބުނެވުނެވެ.

"ޖުއާން މަޑުން އިނދޭ!..." އާއިޝާ ޖުއާންގެ ކަންފަތުގައި ހިފިއެވެ. "މީނަ މީހަކާ ދެވާނެ ކަމެއްވެސް ނެތް... އަންހެނެއްގެ އިހުސާސް ދުވަހަކު ނޭނގޭނެ... އަދިވެސް ހަމަ ސިކުނޑި ޅަ މަލެކޭ އެއްވަރު..."

"އާ އާ އާ މާމާ ތަދުވެއޭ..." ކަންފަތުގައި ފިރުމަމުން، ޖުއާން އޭނާ އިންތަނުން ތެދުވިއެވެ.

"އެ އަންހެންކުއްޖާ އެދިޔައީ ދެރަވެގެންނޭ... އަހަންނަށް އެކަން އެބަ އިހުސާސްވޭ..." އާއިޝާ އޭނަގެ މޭގައި އަތް ޖައްސައިލިއެވެ.

ޖިލްވާގެ އަމަލުން އާއިޝާއަށް ނެގުނީ ތަފާތު މާނައެކެވެ. ޖިލްވާއަށް މައިންބަފައިންގެ ލޯބި ނުލިބެނީއެވެ. އާއިޝާގެ ފަރާތުން އެފަދަ ލޯތްބެއް އިހުސާސް ކުރެވުމުން، މާ ބޮޑަށް ހިތުގައިޖެހި ދެރަވީއެވެ. އެއީ އާއިޝާ ގަބޫލު ކުރި ގޮތެވެ. ޖިލްވާއަށްޓަކައި އެހިތުން ދެވިފައިވާ މަޤާމް މަތިވެރިވި ސަބަބަކަށް އެކަން ވެގެން ދިޔައެވެ.

"ދެންވެސް ނުހުރެ އޭނަ ކައިރިއަށް ދޭބަލަ..." ޖުއާން ހުއްޓުން އަރާފައި ހުރުމުން އާއިޝާ ބުންޏެވެ. "އަންހެނަކު ހަމައަކަށް އަޅުވަންވެސް ނޭނގެންޏާ، ކީއްކުރަން ފިރިހެނެކޭ ކިޔަނީ؟..."

ޖުއާން ނުކުތްއިރު، ޖިލްވާ އިނީ ގޭގެ އޮޅިގަނޑު މަތީގައި އިށީނދެލައިގެންނެވެ. ދެކަކުލުގައި ބޯ އަޅާލައިގެން އިންއިރު، ހިތުގައި ޖެހިޖެހިފައި ރޮނީއެވެ. ޖުއާން ގޮސް ޖިލްވާގެ ކައިރީގައި އިށީނެވެ. ކޮނޑުމަތީގައި އަތް ބާއްވައިލާފައި މަޑުމަޑުން ޖަހައިލިއެވެ. ޖިލްވާ އިސް އުފުލައިލިއިރު، ދެލޮލުން ހޯސްލާފައި ކަރުނަ އޮހެނީއެވެ.

"ޖުއާން!..." ކުރެހިފައިވާ އަޑަކުން ޖިލްވާ ގޮވައިލިއެވެ. "އަހަންނަކަށް އިތުރަކަށް ޗީޓެއް ނުކުރެވޭނެ..."

ޖުއާންގެ ހިތުގައި ރިއްސައިލިއެވެ. ފެންކަޅިި ވިއެވެ.

"އަހަންނަށް އެނގޭ..." ޖުއާން ބޯ ޖަހައިލިއެވެ. "އެކަމަކު..."

"އަހަރެން ދެން ކިހިނެއް ހަދާނީ؟... މިކަން އެނގުނީމަ، މާމަ ކިހާ ދެރަވާނެ..." ޖިލްވާ އަނެއްކާވެސް ގިސްލާފައި ރޯން ފެށިއެވެ.

"ވީގޮތް އެނގުނީމަ، އެންމެންވެސް އަންޑަސްޓޭންޑް ވާނެއޭ..." ޖުއާން ބުންޏެވެ.

ޖުއާން ޖިލްވާގެ ކަރުނަތައް ފޮހެދޭން ފެށިއެވެ.

"ޖުއާން!... އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔައިދޭން..." ކަރުނަ ފޮހެމުން ޖިލްވާ ތެދުވިއެވެ.

"ޖިލް ނޫން..." ޖުއާން މަސައްކަތް ކުރީ ޖިލްވާ ހުއްޓުވާށެވެ. "މިހާރަކު ނޫން..."

ޖުއާން ދެކޮޅު ހަދަހަދައި ހުއްޓާ، ޖިލްވާ ތެދުވެގެން ގޭތެރެއަށް ވަނެވެ. އޭރު އާއިޝާ ހުރީ ގަހަނާތަކުގެ ކައިރީގަ އެވެ. ދޮރާއި ފުރަގަސްދީގެންނެވެ. ޖިލްވާ އާއިޝާ އާއި ދާދި ގާތްވެފައި ވަނިކޮށް، ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގެންފިއެވެ. އަނގަމަތީގައި އަތްއަޅައި ދަމަމުން ކަަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަކަށް ވައްދައި ދޮރު ޖެހިއެވެ. އެމީހަކު ޖިލްވާގެ ގައިން ދޫކޮށްލީ، ޖިލްވާ ހަމައަކަށް އެޅުމުންނެވެ. ޖިލްވާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، ޒެނިލްގެ ކަޅުކަންގަދަ ދެ ބުމައެވެ. ރުޅި އައިސް ގޮށްޖަހާލައިގެން ހުރިއިރު، ކަޅި ޖަހައިވެސް ނުލައި ބަލަން ހުރިގޮތުން، ޖިލްވާގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ.

"މޮޔަވީތަ؟..." ޒެނިލް ހުރީ ނުރުހިފައެވެ. "މީ ކީއްކުރާ އެއްޗެއް؟..."

ޖިލްވާގެ ނިތްކުރީގައި އިނގިލި ޖައްސައި މަޑުމަޑުން ކޮއްޕައިލަމުން ޒެނިލް ބުންޏެވެ.

ޖިލްވާ ހުރީ ވާނުވާ ނޭނގި ދެލޯ ބޮޑުވެފައެވެ. ހަގީގަތް ހާމަކުރަން އޭނަ އިސްނެގިއިރު، ޒެނިލް އެކަމާއި ދެކޮޅުވީ ކީއްވެ ހެއްޔެވެ؟ ޖިލްވާ އެގެއިން ދިޔުން އެއީ ޒެނިލް ބޭނުންވި ގޮތެއް ނޫން ހެއްޔެވެ؟ ވީއިރު، މިއަދު ކުއްލިއަކަށް ހުއްޓުވީ ކީއްވެ ހެއްޔެވެ؟

"އޯހް ޕްލީޒް، ކަމްއޯން..." ޒެނިލް ފުންކޮށް ނޭވާތަކެއް ލިއެވެ. "ޖަލަށް ދާންތަ ބޭނުމީ؟..."

ޒެނިލް ދެން ކުރި ސުވާލަކުން، ޖިލްވާއަށް ލިބުނީ ސިހުމެކެވެ. ޒެނިލްއަށް ހަގީގަތް އެނގުނީ ކޮންއިރަކު، ކިހިނެއް ހެއްޔެވެ؟ އަނެއްކާ ފައިލުގައިވާ ލިޔުންތައް ޒެނިލް މާ ކުރިން ބެލީ ހެއްޔެވެ؟ އެކަމަކު، އޭގައިވާގޮތުން، ކުށްވެރިއަކީ ޖިލްވާ އެވެ. ވީއިރު، ގާތިލެއްގެ ހިމާޔަތުގައި ޒެނިލް ކަހަލަ މީހަކު ނުކުމެދާނޭ ހެއްޔެވެ؟ ނޫނީ އެއީ ޒެނިލް ކުޅެލާ ޑްރާމާއެއް ހެއްޔެވެ؟ އޯގާތެރިކަން ދައްކައިގެން އޭނައަށް ލަނޑެއް ދޭން އުޅެނީ ހެއްޔެވެ؟

ޖިލްވާ ހުރީ ދެފިކުރެއްގައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

"ބުދަކާތަ މި ވާހަކަ ދެއްކެނީ؟..." ޒެނިލް ބުންޏެވެ. "ކުރިން އޮއްޕާ، އޮއްޕާ، ކިޔަކިޔާފަ މިހެން ތުންކޮޅު ހަދާލާފަ އުޅުންއިރު އަހަރެން ހީކުރީ ވަރަށް ކެރޭ އަންހެން ކުއްޖެއް ކަމަށް..."

ޒެނިލް ޖިލްވާ ހަދާހެން ތުންކޮޅު އޫކޮށްލާފައި ވައްތަރެއް ޖައްސައިލިއެވެ. ޖިލްވާ ތުން ފިއްތާލައިގެން ޒެނިލްއަށް ބަަލަން ހުއްޓެވެ. އޭނަގެ ނޭވާ އަވަސްވީ، ޒެނިލް އޭނަގެ ސިފަތަކަށް ފާޑު ކިޔައި ދިމާކުރަން ފެށުމުންނެވެ.

"އެއީ ބޭނުންވާ ގޮތެއް ނޫންތަ؟... އަހަރެން މިގެއިން ދާކަށްނު ބޭނުން ވަނީ..." ޖިލްވާ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ބުންޏެވެ.

"އޯކޭ!... ދޭ..." ޒެނިލް ބުންޏެވެ. "އެކަމަކު ޖަލަށް..."

"އަހަރެން ޖަލަށް ދިޔައީމަ އަދި މާ ރަނގަޅެއްނު..." ރުޅި އަންނަގޮތް ދައްކައިލި ނަމަވެސް، ޖިލްވާގެ އަޑު ކުރެހުނެވެ. "އެހެންނޫނަސް، ކުށްވެރިން ތިބޭންޖެހޭނީ ޖަލުގަ..."

ޖިލްވާ އުޅުނީ ކޮޓަރިން ނުކުންނާށެވެ.

"އާޙްޙްޙް.... ހާދަ ބޯވެސް ހަރު އަންހެންކުއްޖެކޭ..." ޒެނިލް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލިއެވެ. "އޯކޭ!... އަހަރެންގެ ހެލްޕް ބޭނުމެއް ނޫންތަ؟..."

ނުބުނަން އުޅުނު ޖުމްލަ ޒެނިލްގެ ދުލުން ބޭރުވެއްޖެއެވެ. ފާޅުގައި ޖިލްވާއަށް އެހީވާން ބޭނުންވާކަން ނުދައްކަން އޭނަ ކުރި މަސައްކަތް ބޭކާރު ވީއެވެ. ޒެނިލް ބޭނުންވީ، ޖިލްވާ އޭނާގެ އަމިއްލަ ސަލާމަތަށް އެދި އާދޭސް ކުރާށެވެ. އެކަމަކު، އެ އަންހެންކުއްޖާ އެއަށްވުރެ ބޯހަރެވެ. ނޫނީ ސިކުނޑީގައި ތެތްކަމެއް ނެތީއެވެ.

********

ޖުއާން އާއި އާއިޝާ ތިބީ ޖިލްވާ ދިޔަތަނެއް ނޭނގި، ހާސްވެފައެވެ. ކުޑަ އިރުކޮޅެއްފަހުން، ޒެނިލް އާއިއެކު އައި ޖިލްވާ ފެނިފައި، އާއިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އަހަރެންގެ ވާންއުޅޭ އަނބިމީހާ ނަގާނީ އަހަންނަށް ރީތި އެއްޗެއްސޭ މާމާ..." އާއިޝާގެ ކޮނޑުގައި ބޯ އަޅައިލަމުން ޒެނިލް އިޝާރާތްކުރީ ގަހަނާ ތަކަށެވެ.

ޖުއާން ވާނުވާ ނޭނގިފައި ޖިލްވާއަށް ބަލައިލިއެވެ. ޖިލްވާ ހުރީ ހަމަޖެހިފައެވެ. ކުރިން އެމޫނުން ފެނުނު އަސަރުތަކެއް މިހާރަކު ފެންނާކަށް ނެތެވެ. ޖިލްވާ އެ އަސަރުތައް ފޮރުވީ ހެއްޔެވެ؟ ނޫނީ ޒެނިލް އާއި ދެމީހުން މޮޅު ރޭވުމެއް ރާވައިލީ ހެއްޔެވެ؟ ވީގޮތް އެނގޭހިތުން ޖުއާން ޖިލްވާގެ ކައިރިއަށް ޖެހިލިއެވެ. އެކަމަކު، ޖިލްވާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ޒެނިލް ނުދިނެވެ. ޖިލްވާ ގެންގޮސް ކައިރީގައި ބައިންދާފައި އަލިމަހެއްލާފައިވާ ރީތި އަނގޮޓިއެއް ދައްކައިލިއެވެ.

"ޖިލްގެ ހިމަ އިނގިލިތަކާ މި އަނގޮޓި ވަރަށް ގުޅޭނެ..." ޖިލްވާގެ އަތް ދިނުމަށް ލޮލުން އިޝާރާތް ކުރަމުން ޒެނިލް ބުންޏެވެ. "ކަމަނާއަށް މި އަނގޮޓި ރީތިތަ؟..."

ގަތްލަދުން ޖިލްވާގެ މުޅި މޫނު ރަތްވިއެވެ. މީހެއްގެ މޫނަށް ބަލައިލަންވެސް ނުކެރިފައި އޭނަ އިނީ ތިރީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. ޒެނިލް ހީވަނީ ބަދަލެއް ހިފަން އުޅޭ ހެންނެވެ. ގަސްދުގައި ޖިލްވާ ލަދުގަންނުވަން އުޅޭހެންވެސް ހީވެއެވެ. ޖިލްވާ ބިރުން އުނގުގެ ތެރޭގައި އަތް ފޮރުވައިލިއެވެ. ޒެނިލް ގަދަކަމުން ކަހަލަގޮތަކަށް އެ އަތް ނެގިއެވެ. ޖިލްވާ އަތް މުށްކަވައިލި ނަމަވެސް އާއިޝާ ބަލަން އިނުމުން، ގަދަހަދަން ނުކެރި އިނގިލިތައް ސީދާކޮށްލައިފިއެވެ.

ޒެނިލް ޖިލްވާގެ އިނގިލީގައި އަނގޮޓި އަޅުވައިދީފައި އާއިޝާ އަށާއި ޖުއާންއަށް ދައްކައިލިއެވެ.

"ރީއްޗެއްނު މާމާ..." ޒެނިލް ހިނިތުންވެލިއެވެ.

އާއިޝާ ވަގުތުން ބޯ ޖަހައިލިއެވެ ޖުއާން އެއްޗެއް ނުބުނެ ފާޑަކަށް ބަލަން ހުރީއެވެ. ޒެނިލްގެ ހުނަރުވެރިކަން ފެނި، ޖިލްވާ އިނީ އަޖައިބުވެ، އަންތަރީސްވެފައެވެ.

"މި އަނގޮޓި... ދެން މި ފަށް... އިތުރު އެއްޗެއް ބޭނުމެއް ނުވާނެ..." ޒެނިލް ދެން ނެގީ ރިހިކުލައިގެ ފަށެކެވެ.

ޖިލްވާ އަވަހަށް އޭނަ ލައިގެން އިން ޖެކެޓުން ކަރު ނިވާކޮށްލިއެވެ. އެންމެންގެ ތެރޭގައި ޒެނިލް އޭނަގެ ކަރުގައި ފަށް އަޅުވަން މަސައްކަތް ކޮށްފާނެއެވެ. އޭރުން އޭނައަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ. ޒެނިލްގެ ގާތްކަމެއް އޭނަ ބޭނުމެެއް ނުވެއެވެ. އަމުދުން އާއިޝާގެ ކުރިމަތީގައެވެ.

"އެންމެ ރަނގަޅު!... މާމަ ވަރަށް އުފާވެއްޖެ..." އާއިޝާ ތެދުވިއެވެ.

ޖިލްވާގެ ބޮލުގައި ފިރުމައިލާފައި، ގަހަނާތައް ހިފައިގެން އާއިޝާ އެތަނުން ދިޔައެވެ. ޖިލްވާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނީ ދެނެވެ. އޭނަ އަވަހަށް ތެދުވެ، ޒެނިލް އާއި ދުރަށްޖެހުނެވެ. ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޒެނިލް އާއި ދިމާއަށް ދެލޯ އަޅައިލިއެވެ.

********

ކައިވެނީގެ ހަފުލާއަށް ތަން ތައްޔާރު ކުރަމުން ދިޔައެވެ. މެންދުރު ނަމާދު ކުރިގޮތަށް ޖިލްވާ އިނީ، މުސައްލަމަތީން ތެދުވާ ހިތްވެސް ނުވެފައެވެ. ކައިވެނި އޮތީ ހަވީރުގެ ވަގުތުގައެވެ. ޒެނިލް އާއި ޖިލްވާ އެއްބަސްވި ފަދައިން ކައިވެނި ކުރަން ހަމަޖެހުނީ ގޭގައެވެ. ސިއްރު ކައިވެންޏެކެވެ. ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު މީހަކަށް ދައުވަތެއް ނުދެއެވެ. ނަމަކަށް ކުރެވޭ ކައިވެންޏެއް އެހެން މީހުންނަށް ހާމަކުރުމުގެ މުހިއްމު ކަމެއް ކޮބައި ހެއްޔެވެ؟

"އަހަރެން ހެލްޕް ވާނަން... ޖިލްވާއަށް އެނގޭނެ، އަހަންނަނީ ކިހާ ޕަވަފުލް މީހެއް ކަން... އެކަމަކު ޖިލްވާވެސް އަހަންނަށް ހެލްޕް ވަންޏާ... ބަދަލަށް ބަދަލު ނުލިބެންޏާ، ރިސްކެއް ނެގުމުގެ ބޭނުމެއް ކޮބާ؟... ލުކް!... ޖިލްވާވެސް އުޅޭނީ ޖިލްވާގެ ފައިދާއަށް... އަހަރެން، އަހަރެންގެ ފައިދާއަށް... އެއްވެސް މީހަކަށް ގެއްލުމެއް ނެތެއްނު... އަހަރެމެން ދެމީހުންގެ ފިޒިކަލް ރިލޭޝަންއެއް ނޯންނާނެ... އަހަންނަކަށް ޖިލްވާ ކަމަކުނުދޭ... ޖިލްވާއަކަށް އަހަރެން ކަމަކުނުދޭ... ސޯ ފިޒިކަލް ރިލޭޝަނަކަށް ދާންޖެހޭނެ ސަބަބެއްވެސް ނެތެއްނު..."

ޖިލްވާގެ ކަންފަތުގައި އައިސް ގުގުމައިލީ ޖިލްވާ ހަގީގަތް ހާމަކުރަން އުޅުނު ދުވަހު ޒެނިލް ދެއްކި ވާހަކަ ތަކެވެ.

ދެމީހުންނަށް އެއްގަލަކަށް އެރުނު ނަމަވެސް، ޖިލްވާ ހާސްވަނީއެވެ. ބިރުގަންނަނީއެވެ. ޒެނިލް އޭނަ އެ ގައުމަތީން ކޮއްޕައި ވައްޓައިލާނީ ކޮން އިރަކު ކޮން ވަގުތަކު ކަމެއް ނޭނގެއެވެ. ވައުދާއި ޚިލާފުވާން ބައެއް މީހުންނަށް ވަނީ މަދިރިއެއް މަރައިލުންހާ ފަސޭހަ ކަމަކަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ޖިލްވާއަށް ޒެނިލްއަށް އިތުބާރު ކުރުންވީ އުނދަގޫ ކަމަކަށެވެ.

"ދަރިފުޅާ!... ނުނިމޭތަ؟..." އާއިޝާ ދެވަނަ ފަހަރަށް ދޮރު ހުޅުވައިލި އިރުވެސް، ޖިލްވާ މުސައްލަ މަތީގައި އިނުމުން ސުވާލު ކުރިއެވެ. "ގަޑި ކުޑަތަންވެއްޖެ... ސެލޫންއިން ކުދިން އައިސް އެތިބީ ދަރިފުޅު ނައިސްގެން..."

ޖިލްވާ ހިތަށް އެރިއެވެ. ކައިވެންޏަށް ފިލައިގެން އެގެއިން ދާންވީ ހެއްޔެވެ؟ ނޫނީ ހަގީގަތް ހާމަކޮށްގެން ކައިވެނި ހުއްޓުވާލަންވީ ހެއްޔެވެ؟ މީހުން ބުނެއުޅެއެވެ. އެއް ދޮގު ހަދައިފިމީހާ އެ ދޮގު ފޮރުވުމަށް އެތައް ހާސް ދޮގެއް ހަދަން ޖެހޭނެއެވެ. މިއަދު އޭނަ އެ އިނީ އެފަދަ ހަރުފަތެއްގެ މަތީގައެވެ. ގިރާކުރަން ޖެހިފައިވާ ކޮންމެ ހަރުފަތެއް ފުރެމުންދަނީ ދޮގުތަކުންނެވެ.

(ނުނިމޭ)

comment ކޮމެންޓް