މެސީގެ ތާރީޙީ މެޗުގައި ވެސް ބާސެލޯނާއަށް މާޔޫސްކަމެއް

ބާސެލޯނާއާއި ކާޑިޒް ބައްދަލު ކުރި މެޗަށްފަހު ލިއޮނެލް މެސީ މާޔޫސްކަންމަތީ ދަނޑުން ފައިބަނީ --- ބާސެލޯނާ

މި ސީޒަނަށްފަހު ކުލަބު ދޫކޮށް ދާނޭ ކަން ކުރިން ހާމަކޮށްފައިވާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ސްޕެނިޝް ލީގުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުން ގެއްލުވާލި ދެ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ވަނީ ނަގާލައިފަ އެވެ. އެއާ އެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. މި ހަފުތާގައި ކުޅުނު މެޗުން ބަލިވި އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި 24 މެޗުން 52 ޕޮއިންޓާއެކުއެވެ.

ބާސެލޯނާއާއި ކާޑިޒް ބައްދަލު ކުރި މެޗަށްފަހު ލިއޮނެލް މެސީ މާޔޫސްކަންމަތީ ދަނޑުން ފައިބަނީ ---

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 4-1 އިން ބަލިވި މެޗަށްފަހު ބާސެލޯނާއިން ރޭ ކުޅުނު މެޗަށް ވެސް ނުކުތީ ކުރީ މެޗުގައި ބޭނުން ކުރި ފުރަތަމަ އެގާރަ ޓީމުގައި ހިމަނައިގެންނެވެ.

މުޅި މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ބާސެލޯނާއިން އުފެއްދި އިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލިޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ޕެޑްރީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ލަނޑު ޖެހުމާއެކު މެސީ މިހާރު ވަނީ ސްޕެނިޝް ލީގުގައި ތަފާތު 38 ކުލަބާ ދެކޮޅަށް ލަނޑު ޖަހާފައެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުވެސް ކާމިޔާބު ކުރި ބާސެލޯނާއަށް މެޗުގެ ތިން ޕޮއިންޓް ގެއްލުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނަޓަކަށް ވެފައިވަނިކޮށެވެ. ކާޑިޒް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ފެނާންޑެޒް އިގްލީސިއަސް ވަނީ ފަސޭހަކަމާ އެކު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. މި ދެޓީމު މިދިޔަ ޑިސެމްބަރު މަހު ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ކާޑިޒް އިންނެވެ.

comment ކޮމެންޓް