އުތުރުތިލަފަޅު ހަދަނީ އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ކަމަށް ތުހުމަތުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--- ސަން ފައިލް ފޮޓޯ

އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ ނޭވަލް ބަނދަރާއި ޑޮކްޔާޑަކީ އެގައުމުގެ ސިފައިން އެ ތަނުގައި ގާއިމްވެ ތިބުމަށް ހަދާ ތަނެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.

އުމަރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެ ޑޮކްޔާޑަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބަނދަރު ކުރުމަށާއި އެ މީހުންގެ އުޅަނދުތައް މަރާމާތު ކުރުމަށާއި އިންޑިއާ ސިފައިން މި ސަރަހައްދުގައި ބޭތިއްބުމަށް މަގުފަހި ކުރަން އަޅާ ތަނެއް ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ސަބަބުން މި ސަރަހައްދުގައި އިންޑިއާ ސިފައިންނާއި މަނަވަރުތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެންދާނެ." އުމަރު ވިދާޅުވި އެވެ.

އުތުރު ތިލަފަޅު މެޕުން ދައްކާފައި --

އޭނާ ވިދާޅުވީ މިއީ އެކި ނަންނަން ދީގެން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާ ހަތަރު ވަނަ ސަރަހައްދު ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކާ ހުރެ ރާއްޖޭގެ މިނިވަންކަން މަޑުމަޑުން ގެއްލެމުންދާ ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވެސް އައްޑޫ، ލ. ކައްދޫ، ހދ. ހަނިމާދޫގައި އެމީހުންގެ އުޅަނދުތަކާ އެކު އިންޑިއާގެ ސިފައިން ގާއިމުވެ އެބަތިބި. ރާއްޖޭގެ މިނިވަންކަން މަޑުމަޑުން މިދަނީ ގެއްލެމުން." އުމަރު ވިދާޅުވި އެވެ.

ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފޮނުވާލާނެ ކަމަށާއި އެހެން ނަމަވެސް އެގައުމާއެކު އެކުވެރި ގުޅުމެއް ދަމަހައްޓަވާނެ ކަމަށެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ސޮއިކުރީ މިއަދު އެވެ. އެ އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކުރުން--

އޭގެ އިތުރުން މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ތަން އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންޑިއާގެ އަސްކަރިއްޔާގެ ފަންނީ މީހުން 15 އަހަރަށް އެތަނުގައި ގާއިމްވެ ތިބުމުގެ ހުއްދަ ލިބޭނެ އެވެ.

އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެތަން ތަރައްގިކުރުމުގެ މަސައްކަތް އިންޑިއާއިން ކުރި ނަމަވެސް، އެ ތަނުގައި އިންޑިއާގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.

comment ކޮމެންޓް