ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ ޝަރީއަތް މިއަދުވެސް ނުބޭއްވުނު

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް --

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން މިއަދުވެސް ކޯޓަށް ހާޒިރު ނުކުރެވިގެން މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލަން ޖެހިއްޖެ އެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.

އެ މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ހެނދުނު 10:00އަށް ތާވަލު ކުރި އެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހާޒިރު ނުކުރެވިގެން މިއަދުވެސް އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލީ އެވެ.

އެ މައްސަލައިގައި މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުންވެސް ނުބޭއްވުނީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

ހެކިން މިއަދުވެސް ހާޒިރު ކުރެވިފައި ނުވާއިރު، މިދިޔަ މަހު އެއް މައްސަލައިގެ އަޑުއެހުމެއްގައި ދައުލަތުގެ ހެކިވެރިންތަކެއް ދިން ހެކިބަހާ ގުޅިގެން، މާލޭގައި ސިލްސިލާ ގޭންގު މާރާމާރީތަކެއް ހިންގާފައިވެ އެވެ

ނަދީމްގެ މަރުގެ މައްސަލައިގައި ކުޑަކުއްޖަކަށްވެސް މީހަކު މަރާލުމުގައި ބައިވެރިވިވުމުގެ ދައުވާ ކުރި އެވެ. އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

comment ކޮމެންޓް