މާދަރީ ބަސް ހިމާޔަތް ކޮށް ތަރައްގީ ކުރުމުގެ މަގުޗާޓެއް

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން: ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 2000 ވަނަ އަހަރު.. ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރެވޭ މާދަރީ ބަހުގެ ދުވަހެވެ.

މާދަރީ ބަހަކީ ކޯއްޗެއް ހެއްޔޭ މި ސުވާލުގެ ޖަވާބު އެކިއެކި މަންޒޫރުން ދެވިދާނެއެވެ. ބަހަވީ އިލްމުގެ ފަންނީ ބަހުރުވައިން އެންމެ ސީދާސާދާކޮށް ދަންނަވަނީ ވިއްޔާ، މާދަރީ ބަހަކީ ކުއްޖަކު އެ މާހައުލެއްގައި އުފަން ވެ ބޮޑު ވެގެން އަންނަ މާހައުލުން، އޭނާގެ ފުރަތަމަ ބަހެއްގެ ގޮތުގައި ލިބިގަންނަ ބަހެވެ. ނަމަވެސް އަމިއްލަ ބަހެއް ލިބިގެން ވާ ގައުމެއްގެ ގައުމިއްޔަތުގެ މަންޒޫރުން ޖަވާބު ދެނީ ވިއްޔާ، މާދަރީ ބަހަކީ ގައުމުގެ އަމިއްލަ ޝަޚްސިއްޔަތުގެ އެންމެ ވަރުގަދަ އަސާސެވެ. ނުވަތަ ހަމަ ޔަގީނުން ވެސް އެންމެ ވަރުގަދަ އެއް އަސާސެވެ. ގައުމުގެ ތަރިކަތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ތަރިކައެވެ. ގައުމީވަންތަކަމުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ. ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް ހުއްޖަތެވެ.

ދުނިޔޭގެ އެތައް ގައުމަކީ އަމިއްލަ މާދަރީ ބަހެއް އޮތުމުގެ ޝަރަފު ލިބިފައި ނުވާ ގައުމުތަކެވެ. ވަރަށް ގިނަ ގައުމުތަކަކީ ބިދޭސީ ބަސްބަސް "ދަރަންޏަށް ނަގައިގެން" އެ ބަސްބަހުން ވާހަކަ ދައްކައި ލިޔެކިޔައި އުޅޭ ގައުމުތަކެވެ. މުޚާބަރާތާއި މުއާސަލާތާއި މުއާމަލާތުގެ އެންމެހައި ކަންކަން ބިދޭސީ ބަސްތަކުން ކުރަމުން ގެންދާ ގައުމުތަކެވެ. ތިމާމެންގެ އަމިއްލަ މާދަރީ ބަހެއް އޮތުމުގެ ޝަރަފާއި ފަޚުރާއި ނަސީބު ލިބިފައި ވާ ވަރަށް ގިނަ ގައުމުތަކުގައި ވެސް، އޮންނަ މާދަރީ ބަސްބަހަކީ "ކްރިއޯލް" ތަކެވެ. ނުވަތަ "ކްރިއޯލްތަކެއް" ފަދަ ބަސްބަހެވެ. އެ ބަހަކުން ރިވެތި އަދި ފެންވަރު ރަނގަޅު އަދަބިއްޔާތެއް ނެތް، އަދި އެފަދަ އަދަބިއްޔާތެއް އުފަން ކުރުމުގެ ގާބިލިއްޔަތެއް ވެސް ނެތް ބަސްތަކެވެ.

މާތްރަސްކަލާނގެ ރަހުމަތްޕުޅުން އަޅުގަނޑުމެންނަކީ އަމިއްލަ މާދަރީ ބަހެއް އޮތް ގައުމެކެވެ. އަޅުގަނޑުމެންގެ ބަހަކީ ދުނިޔޭގައި އުފެދުނު އެންމެ ފުރިހަމަ އެއް ބަސް ކަމަށް ވާ ސާންސްކްރިތު ބަހުގެ މައިކަށީން ފައިދާ ވެގެން އައިސްފައި އޮތް މުޑުވައް މޮޅު ބަހެއް ވެސްމެއެވެ. ބަހަށް އަޅައިނުލެވި ދިޔަ އެތައް ޒަމާނެއްގެ އިހުމާލުގެ ސަބަބުން ބަހަށް ލިބިފައި ވާ އަނިޔާތަކާއި ޒަޚަމްތަކަށް ރަނގަޅަށް ފަރުވާ ދެވިއްޖެއްޔާ، އަދަބީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ބަސްބަހާ ވެސް ވާދަ ކުރެވޭ ވަރުގެ ބަހެކެވެ. ޢަރަބި ބަހާއި އުރްދޫ ބަހުން ދިވެހި ބަހަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ދިވެހި ބަހަށް ލިބުނު މުއްސަނދިކަމަކީ ވެސް ދިވެހި ބަހަށް ލިބުނު އިތުރު ބާރެކެވެ. ދިވެހި ބަހަކީ ރިވެތި، އަސަރުގަދަ، ފޮނި، އަދި ދުލަށާއި ކަންފަތަށާއި ހިތަށް ފަހި ބަހެއްކަން ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނާއި ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީނާއި ޔޫސުފް މުޙައްމަދުފުޅާއި ޢަލީ މުޞްޠަފާ ފަދަ ބެއިބެއިފުޅުންގެ ޅެންތަކުން ސާބިތު ނުވޭތޯއެވެ؟ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ އާއި ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނާއި ޝައިޚް ޢުމަރު ޢީސާ އާއި ފަޟީލަތުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީ އާއި މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލް ދީދީ ފަދަ ބެއިބެއިފުޅުންގެ ލިޔުއްވުންތަކުން ސާބިތު ނުވޭތޯއެވެ؟

ޝައްކެއް ނެތް ގޮތުގައި ދިވެހި ބަސް ދިވެހީންގެ އަތުން ބީ ވެގެން ގެއްލިގެން ދިޔުން ވާނީ މި ގައުމުގެ ގައުމިއްޔަތުގެ ދިގު ތާރީޚުގައި މި ގައުމަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަށެވެ. އެންމެ ބޮޑު އެއް ދެރައަށެވެ. އެންމެ ބޮޑު އެއް ނިކަމެތިކަމަށެވެ. އެ ވަރުގެ ބޮޑު ނުގުސާނެއް އަޅުގަނޑުމެންގެ އަތްމަތީން ދިވެހި ގައުމަށާއި ދިވެހި ގައުމިއްޔަތަށް ލިބިގެން ދާން ދޫ ކޮށްލުން ހެޔޮ ވާނޭ ގޮތަކީ ފަހެ ކޮބައިތޯއެވެ؟

ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ވެސް އަޅުގަނޑުމެންގެ ކަހަލަ ގައުމުތަކުގެ މާދަރީ ބަސް ހިމާޔަތް ކުރުމަށް ކުރެވޭ އަދި ކުރާން ޖެހޭ މަސައްކަތްތަކަށް އައްޔެއް އަޅުވައިލުމެވެ. އެ މަސައްކަތްތަކުގެ މުހިއްމުކަން ފާހަގަ ކުރުމެވެ. އެ މަސައްކަތްތައް ކުރެވޭ ގޮތާ މެދު އަޅުގަނޑުމެން އެންމެން ވެސް އަމިއްލަ ނަފުސުތަކަށް އިންތިގާދީ ނަޒަރަކުން ބެލުމެވެ. އެ މަސައްކަތުގައި އަޅުގަނޑުމެންގެ ތެރެއިން ފާހަގަ ކޮށްލާން ޖެހޭ ފަދަ ހިއްސާތަކެއް ވާ ފަރާތްތަކުގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމެވެ. މި ރޮނގުން ވިސްނާ އިރު، ކޮށްލާން ޖެހޭ ކުޑަކުޑަ އެއް ކަމަކީ އަލްމަރްޙޫމް ނޮވެލްޓީ ޢަލީ ޙުސައިނަށާއި އަލްފާޟިލް ބޮންޑަ ދޮންތުއްތުއާ ދެ ބެއިފުޅުން ދިވެހި ބަހުގެ އަދަބިއްޔާތުގެ މުހިއްމު އެތައް މަސައްކަތްތަކެއް ރައްކައުތެރި ކުރެއްވުމަށް ޓަކައި ކުރައްވައިފައި ވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރުން ކަމަށް ދެކެމެވެ. މި ދެ ބެއިފުޅުންގެ ނަންފުޅު މި ދެންނެވީ ކޮންމެހެން މި ދަންނަވާ ފަދަ ޝުކުރުގެ ޖިޒީއެއް ހައްގު ވެގެން ވާ ހަމައެކަނި ދެ ބެއިފުޅުންނަކީ އެއީއޭ ދެންނެވުމުގެ ގޮތަކުން ނޫނެވެ. އަޅުގަނޑުގެ ވިސްނުމުގައި އޮތް ދެ ނަންފުޅެއް މިސާލެއްގެ ގޮތުގައި ފާހަގަ ކޮށްލީއެވެ. މި ދެންނެވި ދެ ބެއިފުޅުންނަކީ ދިވެހި ގައުމީ ކުތުބުޚާނާގައްޔާއި ދިވެހި ދައުލަތުން ހަދައި ހިންގާ އެއްވެސް ކުތުބުޚާނާއެއްގައި ނެތް އެތައް ދިވެހި ފޮތެއް ރައްކައު ކުރައްވައި، މީހުންނަށް އެ ފޮތްތައް ލިބޭނޭ ގޮތް ހައްދަވައިދެއްވި ދެ ބެއިފުޅުންނެވެ. މިއީ ގައުމީ ފެންވަރުގައި ފާހަގަ ކުރާން ޖެހޭ ޚިދުމަތަކަށް ނުވާނެތޯއެވެ؟

އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ ވިސްނުން ގެންގުޅޭން ވީ ދިވެހި ބަސް ހަލާކު ވަމުން، ފަނާ ވަމުން، ނެތުމުގެ ތެރެޔަށް ފިސާރި ބާރުބާރަށް ގެއްލެމުން ދާ ދިޔުން ހުއްޓުވޭނޭ ގޮތްތަކާ މެދުގައެވެ. އެގޮތުން ވިސްނައިލުމުން އަޅުގަނޑުގެ ޚިޔާލަށް އަންނަ ބައެއް ކަންކަން ދަންނަވައިލާނަމެވެ. ވަރަށް ކުރުކޮށެވެ. މި ދަންނަވާ ކޮންމެ ނުކުތާޔަކީ ވެސް އެ ނުކުތާއެއް މައުޒޫއަކަށް ބަދަލު ކޮށްގެން އެ މައުޒޫގައި ފޮތެއް ވެސް ލިޔެވޭ ކަހަލަ ނުކުތާއެކެވެ. ނަމަވެސް އަޅުގަނޑު ބަލައިލާނީ ގާތްގަނޑަކަށް ހަމަ ސުރުޚީއެއް އަޅައިލައިފައި ދޫ ކޮށްލެވޭތޯއެވެ. އުއްމީދަކީ މިއީ ބަހާ ބެހޭ ގައުމީ ބަހުސެއްގެ ފެށުމަކަށް ނުވަތަ އައު ފެށުމަކަށް ވުމެވެ.

ދައުލަތުގެ ސިޔާސަތު

ދިވެހި ބަސް ސަލާމަތް ކުރެވޭނީ، އަދި ދިވެހި ބަސް ކުރި އަރުވައި ތަރައްގީ ކުރެވޭނީ ދައުލަތުގެ ސިޔާސަތުގެ މިސްރާބަކީ އަދި ލަނޑުދަނޑިޔަކީ އެއީ ކަމަށް ވެގެންނެވެ. އެގޮތުން، ސިޔާސަތުގެ ތެރެއިން އަންނާން ޖެހޭ މުހިއްމު ބައެއް ބަދަލުތައް ކަމަށް އަޅުގަނޑަށް ފެންނަ ކަންކަން ދަންނަވައިލާނަމެވެ.

ދިވެހި ބަސް ހިމާޔަތް ކުރާން ޖެހޭ ވާހަކަ ވަރަށް ގިނަ ބެއިފުޅުން ދައްކަވައެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީސާއި އެކަޑަމީގެ އިސް ބެއިފުޅުންނެވެ. ދިވެހި ބަހުގެ ފުންނާބު އުސް ލިޔުންތެރީންނާއި އަދީބުންނެވެ. ދިވެހި ގައުމިއްޔަތަށް ލޯބި ކުރައްވާ ދިވެހި މުވާތިނުންނެވެ. މީސްމީޑިޔާގައި ދިވެހި ބަހުގެ ހައްގުގައި އަޑު އުފުއްލަވައި ވަކާލާތު ކުރައްވާ ބެއިފުޅުންނެވެ. އެ ބެއިފުޅުން ދައްކަވާ ވާހަކަތަކާއި ލިޔުއްވާ ލިޔުއްވުންތަކުގައެވެ. ނަމަވެސް އަޅުގަނޑަށް ނުފެންނަ ތަނަކީ އެ ހުރިހައި އަޑުތަކެއް، އެ ހުރިހައި ނިދާތަކެއް، އަދި އެ ހުރިހައި ވަކާލާތުތަކެއް އެއް އަޑަކަށް ވެގެން މުޅި ގައުމުގައި އަޑު ހިއްޕައިލާ މަންޒަރެވެ. އެހެން އިބާރާތަކުން ދަންނަވަނީވިއްޔާ، ދިވެހި ބަސް ސަލާމަތް ކޮށް، ހިމާޔަތް ކޮށް، ކުރި އަރުވައި ހެދުމަށް ގޮވައިލެވޭ ގޮވުންތަކާއި އެކަމަށް ޓަކައި ދެކެވޭ ވާހަކަތަކަކީ މުޅި ގައުމަށް އިވޭ ވަރަށް ދެކެވޭ އަދި އެންމެން އެއް އަޑަކުން ދައްކާ ގައުމީ ވާހަކަޔަކަށް ހަދާން ޖެހެއެވެ. ބަސް ނެތިގެން ދާ ދިޔުމާއި ބަސް ހިމާޔަތް ކުރުމުގެ މަސައްކަތާ މެދު ކުރެވޭ ބަހުސަކީ ގައުމީ ބަހުސަކަށް ވާން ޖެހެއެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާއާ ހަމަޔަށް މި ވާހަކައިގައި ޝާމިލު ވެވަޑައިގަންނަވާން ޖެހެއެވެ. ބަސް ހިމާޔަތް ކުރުމުގެ ވާހަކަޔަކީ މަދު ބަޔަކު އެކިއެކި ތަންތަނުގައި ތިބެގެން ރުޅި އައިސްގެންނާއި ދެރަ ވެގެންނާއި ކަންބޮޑުވެގެން އެކަކު އަނެކަކަށް ދައްކައިލާ "އަމިއްލަ ވާހަކަތަކަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެންނާން ޖެހެއެވެ. ދައުލަތުގެ ފެންވަރުގައި ބޭއްވޭ މަހާސިންތާތަކާއި ސެމިނާރުތަކުގައި މި ވާހަކަ ދެކެވޭން ޖެހެއެވެ. ދައުލަތުގެ މަދަރުސާތަކާއި ޔުނިވަރުސިޓީތަކާއި ކޮލެޖުތަކުގައި ދަރިވަރުން ލައްވައި މި މައުޒޫއަށް ވާހަކަ ދައްކުވާން ޖެހެއެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި ދިވެހި ބަސް ހިމާޔަތް ކުރުމަށް ޓަކައި ދައުލަތުގެ ސިޔާސަތަށް އަންނާން ޖެހޭ މުހިއްމު ބަދަލެކެވެ.

ދެވަނަ ކަމަކީ ދިވެހި ބަހުގެ އެކަޑަމީ ތަރައްގީ ކުރުމެވެ. ދިވެހި ބަހުގެ އެކަޑަމީ އުފެއްދީއްސުރެ މިއަދާ ހަމަޔަށް ވެސް އެއްވެސް ސަރުކާރަކުން އެތަނާ މެދު ހެޔޮ ގޮތުގައި އަޅައިލިޔޭ ދެންނެވޭނޭ ކަމަކަށް ނުފެނެއެވެ. މުއައްސަސާއެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމަށް ވެސް، އަދި އެތަނުން ކުރާން ޖެހޭ ފަންނީ މަސައްކަތްތަކަށް ބޭނުން ވާ ވަރަށް ވެސް، ދައުލަތުން ތަނަށް ބަޖެޓު ވެސް ނުދެއްވައެވެ. އެކަޑަމީއަށް ރަނގަޅު ބަޖެޓެއް ދެވޭ ނަމަ، އަދި އެތަން ފުރިހަމަ ގޮތުގައި ހިންގުމަށް ޓަކައި ބޭނުން ވާ މިނިވަންކަމާއި މުސްތަގިއްލުކަން އެތަނަށް ދީފައި ހުންނަ ނަމަ، އެތަނުގެ ފިޔައިގެ ދަށަށް ގައުމުގައި ތިއްބެވި ކުޅަދާނަ ބަސްވާރުން ގެނެވޭނެއެވެ. އެ ބެއިފުޅުންގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެއެވެ. ބަހާ ބެހޭ މަހާސިންތާތަކާއި ސެމިނާރުތައް ބޭއްވޭނެއެވެ. ބަހާ މެދު ހެއިލުންތެރިކަން އިތުރު ކުރުމުގެ އެކިއެކި ޕަރޯގިރާމުތައް ޓީވީ އާއި ރޭޑިޔޯ ފަދަ މަންސަތަކުގެ ބޭނުން ކޮށްގެން ވެސް ހިންގޭނެއެވެ. ދުނިޔޭގެ އެހެން ތަންތަނުގައި އެފަދަ އެކަޑަމީތައް ހިންގާ ގޮތް ބަލައި، އެތަންތަނާ އެއްގޮތަށް ދިވެހި ބަހުގެ އެކަޑަމީ ވެސް ތަރައްގީ ކުރުމުގެ މަގު ފަހި ވާނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރުސިޓީތަކުގެ ބަހާ ބެހޭ ކުއްލިއްޔާތަކާ ގުޅިގެން ދިވެހި ބަހާއި ބަހަވިއްޔާތުގެ ދިރާސާތައް ކުރެވޭނެއެވެ. ނަމަވެސް ދައުލަތުގެ ސިޔާސަތުގައި އެކަޑަމީއަށް މި ދަންނަވާ ސަމާލުކަމާއި އަހައްމިއްޔަތު ނުދެނީވިއްޔާ، އެކަޑަމީއެއް ހުރުމުގެ ފައިދާ އެކަށޭނަ ގޮތުގައި ދިވެހި ބަހަކަށް ނުކުރާނެއެވެ. އެކަޑަމީ އަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގާ ގައުމުގެ އެންމެ މުހިއްމު އެއް އިދާރާ ކަމަށް ވެ، އެތަނަށް ފުރިހަމަޔަށް އަޅައިލެވި، އެތަނަކީ ދައުލަތުގެ "ދޮން ދަރިޔަކު" ކަމަށް ވެފައި އޮތްއޮތުން ނިމުމަކަން އަންނާން ވެއްޖެކަމަށް ދެކެމެވެ.

ތިންވަނަ ކަމަކީ ދައުލަތުގެ ރަސްމީ ބަހަކީ ދިވެހި ބަސް ކަމުގައި އަމަލީ ގޮތުން ހެދުމެވެ. ދިވެހިރާއްޖޭގެ ގައުމީ ބަހަކީ ދިވެހި ބަސް ކަމަށް ގާނޫނުއަސާސީގެ 11 ވަނަ މާއްދާގައި އޮވެއެވެ. ދިވެހިރާއްޖޭގެ މާދަރީ ބަސް ރައްކައުތެރި ކޮށް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައި އޮވެއެވެ. އެކަމަކު ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ހުންނާން މި ޖެހެނީ އިނގިރޭސި ބަހުންނެވެ. ދައުލަތުގެ ވަޒީފާތަކުގެ ނަންތައް ހުންނާން ޖެހެނީ އިނގިރޭސި ބަހުންނެވެ. ދައުލަތުގެ ގިނަ ލިޔެކިޔުންތަކެއް ހުންނާން ޖެހެނީ އިނގިރޭސި ބަހުންނެވެ. މިއީ ރަނގަޅު ގޮތެއް ތޯއެވެ؟ ދައުލަތުގެ ސިޔާސަތަށް ބަދަލު ގެންނަވައިގެން މި ދެންނެވި ހުރިހައި ދާއިރާތަކެއްގައި ވެސް ދިވެހި ބަހަށް ދިވެހި ބަހުގެ މަގާމު ދޭން ނުޖެހޭތޯއެވެ؟

ދިވެހި ދައުލަތުގެ ސިޔާސަތަށް ބަހާ ގުޅޭގޮތުން އަންނާން ޖެހޭ އެންމެ މުހިއްމު ބަދަލެއް ކަމަށް ފެންނަނީ، ދިވެހި ކުދީންނަށް ދިވެހި މަދަރުސާތަކުގައި ތައުލީމު ދިނުމުގައި ކިޔަވައިދޭ ބަހަކީ ދިވެހި ބަސް ކަމަށް ހެދުމެވެ. އިނގިރޭސި ބަހަށް ވިޔަސް އަދި އެހެން އެއްވެސް ބިދޭސީ ބަހަކަށް ވިޔަސް އެ މަގާމު ނުދިނުމެވެ. ބިދޭސީ ބަސްތައް ބިދޭސީ ބަސްތަކުގެ ނުވަތަ ދެވަނަ ބަސްތަކުގެ ގޮތުގައި ކުދީންނަށް ކިޔަވައިދިނުމެވެ.

ބަހުގެ ހިމާޔަތުގައި ދައުލަތުގެ ސިޔާސަތަށް ގެންނާން ޖެހޭކަމަށް ފެންނަ އެންމެ މުހިއްމު އެއް ބަދަލަކީ، ގާނޫނުގެ ހިމާޔަތް ޝާމިލު އަދި ނަތީޖާ ނުކުންނާނޭ ގޮތެއްގައި ބަހަށް ދިނުމެވެ. އިސް ވެ ދެންނެވި ފަދައިން މިހާރު ވެސް ގާނޫނުއަސާސީގެ ދެ މާއްދާއެއްގައި ދިވެހި ބަހަކީ ގައުމީ ބަސް ކަމަށް ބުނެ، ބަސް ރައްކައުތެރި ކޮށް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ކަނޑައަޅައިފައި އޮވެއެވެ. އެ މާއްދާތަކުގެ ދަށުން، މިހާރު ވެސް ހެދިފައި އޮންނަ ދިވެހި ބަސް ރައްކައުތެރި ކުރުމާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން، ބަހުގެ ހިމާޔަތުގައި ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ދެތިން މިސާލެއް ދަންނަވައިލާނަމެވެ. އެއް ކަމަކީ ދިވެހި އެއްވެސް އާއިލާއަކުން އެ އާއިލާޔަކަށް ނިސްބަތް ވާ ދިވެހި ކުޑަ ކުއްޖަކަށް ދިވެހި ބަސް ދަސް ކޮށްނުދޭ ނަމަ، އެކަމާ މެދު އެޅޭނޭ ފިޔަވަޅުތަކެއް ތައާރަފު ކުރުމެވެ. މި ދަންނަވަނީ އެ އާއިލާއެއްގެ މައިންބަފައިން ޖަލަށް ލާ ވާހަކައެއް ނޫނެވެ. މާދަރީބަހުގެ މުހިއްމުކަމާއި ގައުމިއްޔަތުގެ މުހިއްމުކަމާ މެދު ހެއިލުންތެރިކަން އުފައްދާ ޕަރޯގިރާމެއް ފުރިހަމަ ކުރާން މަޖުބޫރު ކުރުން، އެކަމާ މެދު ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މަދަރުސާތަކަށް ދިނުން، އަދި މައިންބަފައިން ދިވެހި ބަސް ދަސް ކޮށްނުދިނުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ބަސް ނޭނގޭ ކުއްޖާޔަށް، ދިވެހިރާއްޖޭގެ މަދަރުސާތަކުން ޖާގަ ނުދިނުމާއި، ދިވެހި ބަހުން ވަކި ފެންވަރެއްގައި އޯލެވެލާއި އޭލެވަލުން ފާސް ނުވާ ކުދީންނަށް ސަރުކާރުގެ "ސްކޮލަރޝިޕްތަކާއި" ސަރުކާރުގެ ވަޒީފާތައް ނުދިނުން ފަދަ ފިޔަވަޅުތަކެވެ.

ފަންނީ އަދި އަމަލީ ފިޔަވަޅުތައް

ދިވެހި ބަސް ހިމާޔަތް ކުރުމަށް ޓަކައި ދައުލަތުގެ ސިޔާސަތަށް ގެންނަ ބަދަލުތަކާ އެކު، ފަންނީ އަދި އަމަލީ މަސައްކަތްތައް ވެސް ކުރާން ޖެހެއެވެ. ތިރީގައި މި ދަންނަވައިލަނީ އެގޮތުން ކުރުން މުހިއްމު ކަމަށް އަޅުގަނޑަށް ފެންނަ ނުވަ ކަމެކެވެ. ކޮންމެ ކަމެއް ވެސް ވަކި ޕެރެގުރާފެއްގައި ހުށައަޅައިލެވޭތޯ ބަލާނަމެވެ. ފުރަތަމަ ހަތަރު ނުކުތާ ޚާއްސަ ކޮށްލާނީ ކުޑަކުދީންނަށް މާދަރީ ބަސް ދަސް ކޮށްދިނުމާއި ކުޑަކުދީންގެ ބަހުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރާން ޖެހޭ ކަމަށް ފެންނަ ކަންތަކަށެވެ. ދެން އޮތް ފަސް ނުކުތާޔަކީ ބަސް ހިމާޔަތް ކޮށް ތަރައްގީ ކުރުމާ ގުޅޭ އާއްމު ވިސްނުންތަކެއް ހުށައަޅާ ނުކުތާތަކެވެ.

ކުރާން ޖެހިފައި އޮތް އެންމެ މުހިއްމު އެއް މަސައްކަތެއް ކަމަށް ފެންނަނީ ބައެއް ދިވެހި އާއިލާތަކުގައި ދިވެހި ކުދީންނަށް ދިވެހި ބަސް ދަސްކޮށްނުދީ އިނގިރޭސި ބަސް ދަސް ކޮށްދޭ މައްސަލަޔަށް ހައްލެއް ހޯދުމެވެ. މާލެޔާއި ރަށްރަށުގައި ވެސް މި މައްސަލަ ވަރަށް ބޮޑަށް އެބައޮތެވެ. މިކަން ދަނީ އާއްމު ވަމުންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ އާއިލާތަކުގައި މިއީ މިހާރު އިސްތިސްނާޔަށް ވުރެ ބޮޑަށް އާދަވެގެން ކަން ހިނގާ ގޮތެވެ. މިކަން ވާ ސަބަބުތަކަކީ ކޮބައިކަމާއި، އެ ސަބަބުތައް ނެއްތައިލެވޭނޭ ގޮތްގޮތާއި، މި މައްސަލަ ހައްލު ކުރެވޭނޭ ގޮތްތައް ހޯދުމަކީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މަސައްކަތެވެ. ތަޖުރީބީ ދިރާސާއެއް ކުރެވިފައި ނެތަސް، އަޅުގަނޑަށް ފެންނަ ފެނުމުގައި މި މައްސަލަ ދިމާ ވަނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. އެއް ސަބަބަކީ އީރާނުގެ މަޝްހޫރު އިލްމުވެރިޔާ ސައްޔިދު ޖަލާލް އާލެ އަޙްމަދު "ޣަރްބުޒާދެގީ" އާއި "ވެސްޓޮކްސިފިކޭޝަން" މި ދެ އިސްތިލާހުން ސިފަ ކުރެއްވި މައްސަލައެވެ. އާދެ، ހުޅަނގުގެ ސަގާފަތަކީ ހުރިހައި އެއްޗަކަށް ވުރެ މަތިވެރި އެއްޗެއް ކަމަށް ގަބޫލު ކުރެވިގެން އެ ސަގާފަތުގެ ހުރިހައި ކަންތައްތަކެއް – ބަސް ވެސް ހިމެނޭ ގޮތުން – ނަކަލު ކޮށް، އަމިއްލަ ހުރިހައި އެއްޗެއް އެއްލައިލައިގެން ވިޔަސް ހުޅަނގަށް ފިކުރީ ގޮތުންނާއި ސަގާފީ ގޮތުން ތަބާ ވުމުގެ ބައްޔެވެ. ދެވަނަ ސަބަބަކީ، ދަރީންނަށް ދިވެހި ބަސް ދަސް ކޮށްދިނުމަކީ އެއްވެސް ފައިދާއެއް އަދި މަންފާއެއް ނެތް، ކުއްޖާގެ މުސްތަގުބަލަށް އެއްވެސް ގޮތަކުން ބޭނުންތެރި ނޫން ކަމެއް ކަމަށާއި، މަތީ ތައުލީމުގެ ހަރުފަތްތަކާއި ވަޒީފާގެ މާހައުލަށް ވެސް ކުއްޖާ ރަނގަޅަށް ތައްޔާރު ކުރެވޭނީ ދިވެހި ބަހާ ދުރުހެލި ކޮށް އިނގިރޭސި ބަހަކީ ކުއްޖާގެ މާދަރީ ބަސް ކަމަށް ހަދައިގެން ކަމަށް ވަރަށް ގިނަ ބެލެނިވެރީންނަށް ގަބޫލު ކުރެވުމެވެ. ބޭނުމެއް އަދި ފައިދާއެއް ނެތް އެއްޗެއް ކުއްޖާޔަށް ދަސް ކޮށްދިނުމަކީ ކުއްޖާގެ އަދި މައިންބަފައިންގެ ވެސް ވަގުތު ބޭކާރު ކޮށްލުމެއް ކަމަށް ބެލެވުމެވެ. ތިންވަނަ ސަބަބަކީ ދައުލަތުގެ ސިޔާސަތުގެ ތެރެއިން ތައުލީމީ ނިޒާމުގެ ބަހަކީ އިނގިރޭސި ބަސް ކަމުގައި ހަދައިފައި އޮންނާތީ، އަދި މަދަރުސާގެ ބަހަކީ އިނގިރޭސި ބަސް ކަމުގައި ހަދައިފައި އޮންނާތީ، ކިޔެވުމުގައި ވީހައި ބޮޑަކަށް ކުއްޖާޔަށް ކުރިޔަށް ދެވޭނީ އިނގިރޭސި ބަހަށް ކުއްޖާ މޮޅު ވީ ވަރަކުން ކަމަށް ގިނަ ބެލެނިވެރީންނަށް ގަބޫލު ކުރެވުމެވެ. އޮޅުމެއް ނެތް ގޮތުގައި، މިއިން ކޮންމެ ސަބަބަކާ ގުޅިގެން ވެސް، ބެލެނިވެރީންގެ އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ވަރަށް ފަސޭހައިން ދައްކައިދެވިދާނެއެވެ. ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން، އަޅުގަނޑު ގަސްދު ކުރަނީ މި ކޮލަމުގައި ހަމައެކަނި ސުރުޚީ އަޅައިލުމަށެވެ.

ވީމާ ދެން އޮތް ނުކުތާޔަށް ދަމާ ހިންގަވާށެވެ.

ދެވަނަ ކަމަކީ ދިވެހި ބަހުގެ އެކަޑަމީ އާއި، ލިޔުންތެރީންގެ ގުޅުމާއި، އަދި ފުންނާބު އުސް ދިވެހި ލިޔުންތެރީންނާއި، ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީ އާއި ތައުލީމާ ބެހޭ ވުޒާރާ ގުޅިގެން، ދިވެހި ކުދީންނަށް ދިވެހި ބަހުން ފުރިހަމަ "ކިޔުމުގެ މުގައްރަރެއް" ތައްޔާރު ކުރުމެވެ. އެއް މިސާލެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކޮށްލާނީ އޮކްސްފަރޑް ޔުނިވަރސިޓީން ތައްޔާރު ކޮށްފައި ވާ އިނގިރޭސި ބަހުގެ "އޮކްސްފަރޑް ރީޑިންގ ޓްރީ" ސިލްސިލާއެވެ. މި ސިލްސިލާ އަކީ އުމުރުން ހަތަރު އަހަރު ނުވާ ކުދީންނާ ހަމައިން ފެށިގެން ގޮސް އެގާރަ އަހަރުގެ އުމުރުގެ ކުދީންނާ ހަމަޔަށް، އެކި އުމުރުތަކުގެ ކުދީން ކިޔުމަށް ޓަކައި އެ އުމުރުތަކަށް ފެތޭ ގޮތަށް ފޮތްތަކުގެ ފެންވަރު ދަރަޖަ ކޮށްގެން ތައްޔާރު ކޮށްފައި ވާ ފޮތްތަކެކެވެ. އަނެއް މިސާލަކީ "ލޭޑީބާރޑް ކީ ވޯރޑްސް ސީރީޒް" އެވެ. މިއީ ވެސް ކިޔާން ފަށާ އުމުރުގެ ކުދީންނާ ހަމައިން ފެށިގެން ގޮސް އިބްތިދާއީ ތައުލީމުގެ އުމުރުގެ ފަހު މަރުހަލާގައި އުޅޭ ކުދީންނަށް އަމާޒު ކޮށްގެން ހެދިފައި ވާ ފޮތްތަކެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއަދާ ހަމަޔަށް އައި އިރު މިފަދަ ފޮތްތަކެއް ދައުލަތުން ހައްދަވައިފައި ނެތުމަކީ ކިހައި ބޮޑު ހިތާމައެއްތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ލަސް ނުކޮށް ކުރާން ޖެހިފައި އޮތް މަސައްކަތެކެވެ. ދިވެހި މާހައުލަށް ފެތޭ ގޮތަށް، ދިވެހި ސަގާފަތާއި، މާތް ވެގެން ވާ އިސްލާމް ދީނުގެ އަޚްލާގާއި، އަދި އާއްމު ދިރިއުޅުމުގެ އެންމެހައި ދާއިރާތަކާ ވެސް ގުޅޭގޮތުން، ކުދީންނަށް "ކިޔުމުގެ މުގައްރަރެއް" ތައްޔާރު ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. މިފަދަ މުގައްރަރެއް ފޮތްތަކާ އެކު އެކުލަވައިލާ އިރު، ކުރީގެ ދިވެހި ލިޔުންތެރީންގެ އެތައް ފޮތްތަކަކާއި ލިޔުންތަކެއް ވެސް އޭގެ ތެރޭގައި ޝާމިލު ކުރެވިދާނެއެވެ. އަދި އިތުރު އެއްޗެތި ދިވެހި ބަހާ ބެހޭ އެކަޑަމީން އިސް ނަންގަވައިގެން، ކުރީން ދެންނެވި ދައުލަތުގެ އިދާރާތަކާ އެކު މަސައްކަތް ކުރައްވައިގެން އެކުލަވައިލެވިދާނެއެވެ.

ދެން އޮތީ ތިންވަނަ ކަންތަކެވެ. އަޅުގަނޑު ވެސް އެއްބަހެވެ. ކުދީންނަށް ޓިވީ އާއި ވީޑިޔޯ ދެއްކުމަށް ވުރެ އެތައް ގުނައެއް ރަނގަޅީ ފޮތުން އެއްޗެތި ކިޔައިދިނުމެވެ. ފޮތާ ރައްޓެހި ކުރުވުމެވެ. ނަމަވެސް ޒަމާނާ އެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް އައިސްފައި ވާ ބަދަލުތަކަށް ބަލާ އިރު، ޓީވީ އާއި ވީޑިޔޯއަކީ ވެސް މުޅީން އެއާ ދުރުހެލި ވެގެން ތިބެވޭކަށް އޮތް ވަސީލަތްތަކެއް ނޫނެވެ. އެހެންކަމުން އެ ވަސީލަތްތަކުގެ ވެސް ބޭނުން ހިފާން ޖެހޭ ކަމަށް ދެކެމެވެ. މިއަދު އަޅުގަނޑުމެންގެ ކުދީންނަށް ޝައުގުވެރިކަމާ އެކު ބަލައިލެވޭ ގޮތަށް ހުންނަ ހުރިހައި ވީޑިޔޯތަކަކީ ވެސް އިނގިރޭސި ބަހުން ހުރި އެއްޗެއްސެވެ. ދިވެހި ބަހުން ހެދިފައި ހުރި ކާޓޫނުތަކާއި ކުޑަކުދީންގެ އެހެނިހެން ވީޑިޔޯ ޕަރޯގިރާމުތައް މަދު ވެފައި، ކުދީންގެ ޝައުގުވެރިކަން ދަމައިގަންނަހައި ފެންވަރު އެ އެއްޗެތީގައި ނުހުންނަ މައްސަލަ ވެސް ބޮޑެވެ. މިއީ ވެސް އަޅުގަނޑުގެ ނަޒަރުގައި ޓީވީ މޯލްޑިވްސް އާއި އަމިއްލަ ޓިވީ ޗެނަލްތަކާ ގުޅިގެން ބަހުގެ އެކަޑަމީން ކުރައްވާން ޖެހޭ ވަރަށް މުހިއްމު މަސައްކަތެކެވެ.

ހަތަރުވަނަ ކަމަކަށް އަޅުގަނޑު ފާހަގަ ކުރާނީ ކުޑަކުދީންގެ ފޮތްތަކުގެ ގޮތުގައި ވިޔަފާރި އުސޫލުން ބާޒާރަށް ނެރެވެމުން ދާ އެއްވެސް ފެންވަރެއް ނެތް ތަކެތީގެ މައްސަލަ ހައްލު ކުރުމުގެ މުހިއްމުކަމެވެ. ފޮތް ލިޔުމާއި ފޮތް ޝާއިއު ކުރުމަކީ ވަކި އާއިލާއެއްގެ، ވަކި ތަނެއްގެ، ވަކި މީހަކަށް އޮންނާން ވާ ހައްގެއް ނޫންކަން ޔަގީނެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޑަކުދީންގެ ފޮތްތައް ލިޔުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. ޚާއްސަ ގޮތެއްގައި، ދިވެހި ބަހުގެ ގަވާއިދާ ޚިލާފަށް ލިޔެފައި ހުންނަ ފޮތްތައް ކުޑަކުދީންގެ ފޮތުގެ ގޮތުގައި ވިއްކުމަކީ އެއްވެސް ހާލެއްގައި މި ދަންނަވާ މިނިވަންކަމުގެ ތެރެއިން ހުއްދަ ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބިނާ ކޮށް ދަންނަވާ ނަމަ، މާލޭގެ ފިހާރަޔަކަށް ވަދެ ދިވެހި ބަހުން ހުންނަ ކުޑަކުދީންގެ ފޮތްތައް ނަގައިގެން ބަލައިލާ އިރު، އޭގެ ތެރޭގައި ބަހުގެ ގަވާއިދުތަކާއި އިމްލާގެ ކުށްތަކުން ސަލާމަތް ވެފައި ވާ އެންމެ ފޮތެއް ލިބެނީ ސަތޭކަ ފޮތް ބަލާ ފަހުންނެވެ. އެހެންޏާ ލަފުޒު ވަކި ކުރުމުގެ ބޮޑެތި މައްސަލަތަކެވެ. ނުވަތަ ތިކި ޖެހި ތާނައިގެ އެތައް ބައިވަރު ކުށްތަކެވެ. ނުވަތަ އިބާރާތް ކުރުމާއި ޖުމުލަތައް އެތުރުމުގެ ބޮޑެތި މައްސަލަތަކެވެ. އެހެންކަމުން، އަޅުގަނޑަށް އަޅުގަނޑުގެ ދަރިފުޅު ކިޔާނޭ ދިވެހި ފޮތް ގަންނާން ފިހާރަޔަކަށް ވަނުން ވެފައި އޮންނަނީ ވޭންދެނިވި ތަޖުރިބާޔަކަށެވެ. ހިތާމަޔަކަށެވެ. އަދަބަކަށެވެ. މި މައްސަލަ ހައްލު ކުރުމަށް ޓަކައި ކުރެވޭނެ ކަންކަން ހުންނާނެއެވެ. އެއް ކަމަކީ ކުޑަކުދީންގެ ފޮތް ލިޔުމަކީ އިޖާޒާއެއް ނަގައިގެން ތިބޭ ބަޔަކަށް ކުރެވޭ ކަމަކަށް ހެދުމަށް ފަހު، އެ އިޖާޒާ ދޫ ކުރުމުގެ ކުރީން ބަހުގެ ގަވާއިދާއި ލިޔުމުގެ ގަވާއިދުތައް ވެސް ކިޔަވައިދެވޭ ކޯހެއް ފުރިހަމަ ކޮށް އެ ކޯހުން ފާސް ވެގެން ނޫނީ ކުޑަކުދީންގެ ފޮތް ނުލިޔެވޭ ގޮތަށް ގަވާއިދު ހެދުމެވެ. ދެވަނަ ކަމަކީ ކުޑަކުދީންގެ ފޮތެއް ނަމަ އެ ފޮތެއްގެ ބަހުގެ ފެންވަރު ބަލައި ފާސް ކުރާނޭ ހަރުދަނާ ނިޒާމެއް ދިވެހި ބަހުގެ އެކަޑަމީގެ ތެރޭގައި އުފެއްދުމެވެ. މިފަދަ އެހެނިހެން ކަންކަން ވެސް ހުންނާނެއެވެ.

ފަސްވަނަ ކަމަކީ ދިވެހި ބަހުގެ ރަދީފު އިސްލާހު ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާ އެކު، ރަނގަޅު ރަދީފުތަކެއް ޝާއިއު ކުރުމެވެ. ރަދީފު އިސްލާހު ކުރުމުގެ މަސައްކަތަކީ މިހާރު ވެސް ދިވެހި ބަހުގެ އެކަޑަމީން އެ އެކަޑަމީގެ ބަސް ކޮމިޓީގެ ވަސީލަތުން ކުރައްވަމުން ގެންދަވާ ކަމެކެވެ. ނަމަވެސް އެތައް ސަބަބަކާ ހުރެ އެ މަސައްކަތް އެކަށޭނަ ހަލުވި މިނެއްގައި ނުކުރެވެނީއެވެ. އެންމެ މައިގަނޑު ސަބަބަކީ އެފަދަ މަސައްކަތެއް ކުރުމަށް ބޭނުން ވާ ވަސީލަތްތައް ހޯދޭ ވަރަށް އެކަޑަމީއަށް ބަޖެޓު ލިބިފައި ނެތުމެވެ. ރަދީފުގެ މަސައްކަތް އަވަސް ކުރެވި، މިހާރު ޝާއިއު ކުރެވިފައި އޮތް ދިވެހި ރަދީފުގައި ހުރި އެތައް ކުށްތަކެއް އިސްލާހު ކޮށް ރަނގަޅު ރަދީފެއް ނެރުމާ އެކު، ކުޑަކުދީންގެ އެކިއެކި އުމުރުފުރާތަކަށް ވަކި ރަދީފުތަކެއް ނެރުމަކީ ވެސް ކުރާން ޖެހޭ މުހިއްމު ކަންކަމެވެ.

ހަވަނަ ކަމަކީ ފާއިތު ވެދިޔަ ޒަމާންތަކުގައި އުފެދުނު ފުންނާބު އުސް ދިވެހި އަދީބުންނާއި ލިޔުންތެރީންގެ އަދަބީ މަސައްކަތްޕުޅުތައް ފެންވަރު ރަނގަޅު ފޮތްތަކެއްގެ ގޮތުގައި ޗާޕު ކޮށްގެން ނެރުމެވެ. ދުނިޔޭގެ އެހެން ކޮންމެ ގައުމެއްގައި ވެސް މިއީ ނުހަނު ބޮޑު ސަމާލުކަމެއް ދީގެން ކުރާ ކަމެކެވެ. މިސާލަކަށް އިނގިރޭސި ވިލާތުގައި ޝޭކްސްޕިއަރ އާއި ޗާރލްސް ޑިކެންސް ފަދަ ބެއިބެއިފުޅުންގެ އަދަބީ މަސައްކަތްތަކަކީ ދުވަހަކު ވެސް ބާޒާރުން ހުސް ނުވެ ލިބޭން ހުންނަ އެއްޗެކެވެ. ގައުމުގެ ބޮޑެތި ޔުނިވަރުސިޓީތަކުންނާއި ފޮތް ޝާއިއު ކުރާ ކުންފުނިތަކުން އެ އެއްޗެތި ގަވާއިދުން ޗާޕު ކޮށްގެން ނެރެއެވެ. ބޯ ކަރުދާހު ބަނޑޭރިގަނޑުގައި، އެންމެ މޮޅު ކަރުދާހުގައެވެ. އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތަކީ، ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުއްނަބަވިއްޔާ އަކީ ދިވެހި ބަހުގެ އަދަބިއްޔާތުގެ "މާސްޓަރޕީސް" އެއް ކަމަށް ވާ ހިނދުގައިމެ، އެ ފޮތް ނެރެވުނުތާ ސަތޭކަ އަހަރު ވެގެން ދާ އިރު ވެސް ދިވެހި ދައުލަތުގެ ފަރާތުން އެ ފޮތުގެ ރަނގަޅު އިސްދާރެއް ވެސް ނެރެވިފައި ނެތެވެ. ދިވެހި ބަހުގެ އެންމެ ކުޅަދާނަ ލިޔުންތެރީންގެ ތެރެއިން ޝައިޚް ޢުމަރު ޢީސާ ފަދަ ބެއިބެއިފުޅުންގެ އެތައް މަސައްކަތްޕުޅެއް ވަނީ ގެއްލިގެން ގޮސްފައެވެ. އެ ފޮތްތައް މިއަދު ދިވެހިރާއްޖޭގައި ބަޔަކަށް ފެންނާން ހުރީ ނޮވެލްޓީ ޢަލީ ޙުސައިން ފަދަ ބެއިބެއިފުޅުން އަމިއްލަފުޅަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ. މި މައްސަލަ ހައްލު ކޮށް، ދިވެހި އަދީބުންނާއި ލިޔުންތެރީންގެ ޅެމާއި ވާހަކަޔާއި މަޒުމޫނާއި ތަމްސީލާއި އެހެނިހެން ލިޔުންތައް ފެންވަރު ރަނގަޅު ފޮތްތަކެއްގެ ގޮތުގައި، އެންމެ ކުޑަމިނުން ކޮންމެ ފޮތަކުން ހާހެއްހައި ކޮޕީ ނަމަވެސް، ޗާޕު ކޮށްގެން ނެރުމަކީ ބަހުގެ އެކަޑަމީން ކުރައްވާން ޖެހޭ ކަމެއް ކަމަށް ދެކެމެވެ. ތަންކޮޅެއް ކުރީން "މަލަސް" މަޖައްލާގެ މަސައްކަތް ކުރެވުނު ގޮތަށެވެ. އެކަމަކު އެޔަށްވުރެ ފެންވަރު ރަނގަޅުކޮށެވެ.

ހަތްވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވޭ ކަމަކީ، ދިވެހި ބަހުގެ ފޮތް އަލަމާރި މުއްސަނދި ކުރުމަށް ޓަކައި، އަދި ދިވެހި ބަހުން އިލްމީ ފޮތްތަކާއި ލިޔުންތައް ގިނަ ކުރުމަށް ޓަކައި ޢަރަތްބާއި، އިނގިރޭސި އާއި، އުރުދޫ ބަހުން ދިވެހި ބަހަށް ފޮތް ތަރުޖަމާ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފެށުމުގެ މުހިއްމުކަމެވެ. ދިވެހިރާއްޖޭގައި މި ތިން ބަހުން ހުރި ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ނުހަނު ގާބިލު ބެއިފުޅުން އެބަތިއްބެވިއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، އަލްފާޟިލް ޢައްބާސް އިބްރާހީމާއި، އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނާއި، ޑރ. ޙަސން ޙަމީދާއި، އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދާއި، އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމާއި، އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދާއި، އަލްފާޟިލް އަޙްމަދު ފަހުމީ ދީދީ ފަދަ ބެއިބެއިފުޅުންނެވެ. މި ބެއިބެއިފުޅުންނާއި، އަދި އެހެނިހެން ވެސް ގާބިލު ބެއިފުޅުންނާ ހަވާލު ކުރައްވައިގެން ދިވެހި ބަހަށް މުހިއްމު ފޮތްތަކާއި ލިޔުންތައް ތަރުޖަމާ ކުރުވުމުގެ މަސައްކަތް ކޮށްފިއްޔާ، މަދު އަހަރުތަކެއްގެ ތެރޭގައި ދިވެހި ފޮތް އަލަމާރިޔަށް އެކަށޭނަ މިންވަރެއްގެ މުއްސަނދިކަމެއް ލިބޭނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. މިގޮތުން ތަރުޖަމާ ކުރުމުގެ ޚާއްސަ މަސައްކަތެއް ކުރާ އިރު، މި ތިން ބަހުން ހުރި މުހިއްމު އަދަބީ އަދި އިލްމީ މަސައްކަތްތަކުގެ ލިސްޓެއް ހަދައި އެ ލިސްޓުގައި ހުރި އެއްޗެތި ތަރުޖަމާ ކުރާ ގޮތަށް އެ މަސައްކަތް ކުރެވިދާނެއެވެ. މިސާލަކަށް އިނގިރޭސި ބަހުން ހުރި ޝޭކްސްޕިއަރގެ އަދަބީ މަސައްކަތްތަކެވެ. ޢަރަބި ބަހުން ހުރި "ސިޔަރް ޝަޢްބިއްޔާ" އާއި ޅެންތަކާއި ދީނީ އަދި އިލްމީ ފޮތްތަކެވެ. ޚަލީލް ޖިބްރާނާއި ނަޖީބް މަޙްފޫޡް ފަދަ މި ޒަމާނުގެ އަދީބުންގެ މަސައްކަތްޕުޅުތަކެވެ. ފާރިސީ ބަހާއި ޢަރަބި ބަހާއި އުރްދޫ ބަހުން ހުރި އަލްފިރްދައުސީގެ "ޝާހްނާމާ" ފަދަ މަސައްކަތްތަކެވެ. އުރްދޫ ބަހުން ހުރި ޢައްލާމާ މުޙައްމަދު އިޤްބާލުގެ އަދަބީ، ދީނީ، އަދި ފަލްސަފީ މަސައްކަތްޕުޅުތައް ފަދަ އެއްޗެއްސެވެ. މީގެ ތެރެޔަށް އަޅުގަނޑުމެންގެ ކުދީން މަދަރުސާތަކުގައި ކިޔަވާ މާއްދާތަކުގެ ފޮތްތައް ދިވެހި ބަހުން ލިޔުމުގެ ބައެއް ވެސް ހިމެނުން މުހިއްމެވެ. ހެޔޮ ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ ދެތިން އަހަރުގެ ތެރޭގައި ވެސް އެކަށީގެންވާ ވަރުގެ ކާމިޔާބީތަކެއް ހާސިލު ކުރެވޭނެ ކަމަށް ފެނެއެވެ.

އަށްވަނަ ކަމަކީ ދިވެހި ބަހުގެ ގަވާއިދު ހޯދުމުގެ މަސައްކަތް މިހާރު ކުރެވޭ ވަރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމެވެ. ބަހުގެ ގަވާއިދަކީ ބަޔަކު ހަދާ އެއްޗެއް ނޫންކަމާއި، އެއީ ބަހާއި ބަހަވިއްޔާތުގެ އިލްމުގެ އަހުލުވެރީން ވަކި އުސްލޫބަކުން އަދި ވަކި މަންހަޖެއްގެ ތެރެއިން ދިރާސާ ކޮށްގެން ހޯދައިގަންނަ އެއްޗެއްކަން އެއީ އިލްމީ ގޮތުން އެއްބަސް ވެވިފައި އޮންނަ ކަމެކެވެ. ނަމަވެސް ޝައިޚް މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫ ފަދަ ބެއިފުޅުންނާ ހަމައިން ފެށުނު މަސައްކަތް މިއަދާ ހަމަޔަށް އައި އިރު ވެސް، ދިވެހި ދައުލަތުގެ ފަރާތުން ޝާމިލު، އަދި ބަސްބަހުގެ ގަވާއިދު ފޮތްތައް ލިޔެ އެކުލަވައިލައިފައި ހުންނަ އުސްލޫބާއި އުސޫލުތަކާ އެއްގޮތަށް ދިވެހި ބަހުގެ ގަވާއިދު ފޮތެއް އެކުލަވައިލައިފައި ނެތް ކަމީ ހިތާމަވެރި އަދި ލަދުވެތި ކަމެއް ކަމަށް މެނުވީ ދެންނެވޭކަށް ނެތެވެ. މިހެން ދަންނަވާ އިރު ވެސް، އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޛުން ފާއިތު ވީ ދުވަސްތަކުގައި ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތީން އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ނާއިބު ތުއްތޫގެ އިތުރުން ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ސުމުއްވުލް އަމީރު މުޙައްމަދު އަމީނާއި، ޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ އާއި، ޝައިޚް މުޙައްމަދު ޖަމީލާއި، އަލްފާޟިލް ޢަބްދުﷲ ޞާދިޤު ފަދަ ބެއިފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށް ހައްގު ޝުކުރާއި ތައުރީފު ރައްދު ކުރަމެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދައުލަތުގެ ފަރާތުން ކަމަށް ދޭން ވާ ސަމާލުކަން ދެއްވި ނަމަ، މިއަދު ދިވެހި ބަހުގެ ގަވާއިދު ފޮތް އޮންނާން ވީ ތަނުގައި އޮންނާނީ މިހާރު ހުރި ފަދަ ކުދިކުދި، ގަވާއިދުގެ ތަންތަންކޮޅަށް ފޯކަސް ކުރާ އަދި ބައެއް މައުޒޫތަކާ ބެހޭގޮތުން ކޮންމެވެސް އެއްޗެތިތަކެއް ކިޔައިދޭ ޒާތުގެ މަސައްކަތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ޝާމިލު، ފުރިހަމަ، އަދި ބަހަވިއްޔާތުގެ އުސޫލުތަކާ އެއްގޮތަށް ތައްޔާރު ކުރެވިފައި ވާ ދިވެހި ބަހުގެ ގަވާއިދު ފޮތެއް އޮތީހެވެ. ހަމައެހެންމެ، ބަހުގެ ގަވާއިދުގެ އެކިއެކި މައްސަލަތަކާ މެދު މިހާރު ހުރި ފޮތްތަކުގައި ހުރި އެތައް ބައިވަރު ކުށްތަކެއްގެ ވާހަކަ ވެސް އޮތީއެވެ. ދިވެހި ބަހުގައި ސުކުން ކުރެވެނީ "އާސީނުތަށީ" ގައި ހިމެނޭ ފަސް އަކުރުގައި ތޯ، ނުވަތަ ދިވެހި ބަހަށް ޚާއްސަ ގޮތަކަށް ސުކުން ވެވޭ "އުނިތޮށި" މި ހަތަރު އަކުރު ފިޔަވައި ހުރިހައި އަކުރެއްގައި ވެސް ސުކުން ވެވޭނެތޯ މި ބަހުސުން ފެށިގެން ގޮސް ދިވެހި ބަހުގައި "ކަން" ބެހިގެން ވަނީ ކިތައް ބަޔަށްތޯ އާއި ކަން ފުރޮޅޭ ތައްގަނޑުތަކަކީ ކޮބައިތޯ މި ސުވާލާ ހަމަޔަށް، ބަހުގެ ގަވާއިދުގެ އެންމެ އަސާސީ އެތައް ސުވާލުތަކެއް ވެސް އަދިވެސް ހުރީ ބަހުސުގެ މޭޒުމަތީގައެވެ. ނަތީޖާޔަކީ ދިވެހި މާއްދާ ކިޔަވާ ދަރިވަރުންނަށް އެކަށޭނަ ގޮތަކަށް ދިވެހި ބަހުގެ ގަވާއިދު ކިޔަވައިނުދެވި، ފާއިތު ވަމުންދާ ކޮންމެ އަހަރަކާ އެކު ބަހުގެ ގަވާއިދުގެ އަސްލާއި މުސްކުޅި އަދި ހަރުދަނާ އުސޫލުތައް ގެއްލެމުން ދިޔުމެވެ. ހުންނަ ހުރިހައި އެއްޗަކާއި އޮންނަ ހުރިހައި އެއްޗެއް ވެސް "އިންނަ" އެއްޗެއްސަށް ބަދަލު ވަމުން ދިޔުމެވެ. އިންޒާރުގެ ރަނގަބީލެއް ޖަހަމުން ދަންނަވަނީވިއްޔާ، ދިވެހި ބަސް ރީތި ބަހެއްގެ ގޮތުގައި އޮވެފައި "ކްރިއޯލް" އެއްގެ ދަރަޖަޔަށް ވެއްޓެމުން ދާ އެންމެ މުހިއްމު އެއް ސަބަބަކީ ބަހުގެ ގަވާއިދު ހޯދައި، ލިޔެ، އިލްމީ މިންގަނޑުތަކާއި ތަރާދުތަކުން ކިރައި، އެ ގަވާއިދު ޅަޒުވާން ޖީލުތަކުގެ ކުދީންނަށް ކިޔަވައިނުދެވުމެވެ. މި މައްސަލަ ހައްލު ކުރުމަށް ޓަކައި ދިވެހި ބަހާ ގުޅުން ހުރި އެހެން ބަސްބަހުގެ – އިންޑިޔާ އާއި ސިލޯނު ފަދަ ގައުމުތަކުގެ – ދިރާސާތަކުގައި ތަޖުރިބާ ހުރި ޔުނިވަރުސިޓީތަކާއި އަދި ބަހާ ބެހޭ ދިރާސާތައް ކުރާ ދުނިޔޭގެ އެހެން ވެސް ރަނގަޅު ޔުނިވަރުސިޓީތަކާ ވެސް ގުޅިގެން، ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީއަށް އިސް ދައުރެއް ދީގެން، އެކަޑަމީން ކުރެއްވުން އެންމެ މުހިއްމު އެއް ކަމަކީ، އަޅުގަނޑު ދެކޭ ގޮތުގައި، ހެޔޮ ގޮތުގައި ދިވެހި ބަހުގެ ގަވާއިދު ހޯދުމުގެ މަސައްކަތް އަލުން ފެށުމެވެ.

ނުވަވަނަ ކަމަކީ ޓީވީތަކާއި ރޭޑިޔޯތަކާއި ނޫސްތަކުގައި ލިޔާ އަދި ޚަބަރާއި ޕަރޯގިރާމުތައް ހުށައަޅާ ނޫސްވެރީންނަށް ރީތި ދިވެހި ބަހުން ވާހަކަ ދައްކާން އަދި ލިޔާން ދަސް ކޮށްދިނުމަށް ޓަކައި ފުރިހަމަ އަދި ޝާމިލު ހަރަކާތްތަކެއް ފެށުމެވެ. ޚަބަރު ކިޔާ އަދި ޓީވީ އާއި ރޭޑިޔޯ ބަލައި އަހާ މީހުންނަށް އިވޭ ދިވެހި ބަހަކީ ރީތި ދިވެހި ބަސް ކަމަށް ހެދުމަށް ޓަކައެވެ.

މި ދެންނެވީ ދިވެހި ބަސް ހިމާޔަތް ކޮށް ކުރި އެރުވުމަށް ޓަކައި ކުރާން ޖެހިފައި ހުރި މައިގަނޑު ކަންތައްތަކުގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވޭ ކަންކަމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. މިއަށްވުރެ ވެސް އަދި ރަނގަޅު ޚިޔާލުތައް ހުށައަޅުއްވާނޭ ކިތަންމެ ބެއިބެއިފުޅުންނެއް ތިއްބަވާނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެފަދަ ޚިޔާލުތައް ވެސް ނެރެވި، އަޅުގަނޑުމެން އެންމެންގެ މަސައްކަތުން އަޅުގަނޑުމެންގެ ބަހަށް އައު ޖޯޝަކާ އެކު ޚިދުމަތް ކުރާން ފަށާ ދުވަހަކީ މިއަދު ކަމަށް ހަދަމާތޯއެވެ! ނިންމައިލުމުގެ ކުރީން، އެއް ކަމަކަށް މި ލިޔުމުގައި އެ ބެއިފުޅުންގެ ނަންފުޅު ޒިކުރު ކުރެވިފައި ވާ ބެއިފުޅުންގެ ތެރެއިން މިހާރު އަވަހާރަ ވެފައި ވާ ބެއިފުޅުންގެ ފުރާނަފުޅުތަކަށް ޖަންނަތުލްފިރްދައުސްގެ ދާއިމީ ނިއުމަތް ދެއްވެވުން އެދި ދުއާ ކުރަމެވެ. ދެވަނަ ކަމަކަށް، މިއަދުގެ މުނާސަބަތުގައި ދިވެހި ބަހުގެ އަހުލުވެރީންނަށް މަރުހަބާއެވެ. ތަހުނިޔާއެވެ. މުބާރިކުބާދެވެ. ޚާއްސަ ގޮތެއްގައި ދިވެހި ބަހާ މެދު އަމާނާތްތެރި ދިވެހި ދަރީންނަށެވެ.

comment ކޮމެންޓް