ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކުރަން އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނެއް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ކުޅިވަރުގެ ދާއިރާ ތަރައްގީކުރަން އިންޑިއާ ސަރުކާރުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދޭން ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކަން ވަނީ ހާމަކުރައްވައިފަ އެވެ.

އެ އެހީއާ ގުޅޭ ގޮތުން ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހްމަދު މަހުލޫފު "ސަން"އަށް ވިދާޅުވީ، އެ އެއްބަސްވުމާ އެކު ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަން ހުރި ދަތިތަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރު ކުޅޭ ވަސީލަތްތައް ގާއިމުކުރަން ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. މިސާލަކަށް ޓީޓީ ކުޅޭނެ އިންޑޯއެއް ނެތް. ބާސްކެޓު ކުޅޭނެ އިންޑޯއެއް ނެތް. ވޮލީ، ނެޓުބޯޅަ ކުޅޭނެ އިންޑޯއެއް ނެތް. މާލޭގައި ޓްރެކު އެޅުނު އިރު ރާއްޖޭގެ އެހެން ސަރަހައްދެއްގައި ޓްރެކެއް ނޭޅޭ. ގަލޮޅު ދަނޑު އޮތީ ތަޅާލަން ޖެހިފައި. މިކަހަލަ ހުރިހާ ކަމަކަށް ބޭނުންވާ އެހީތެރިކަން މި ލިބިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއަަކީ 2011 ވަނަ އަހަރު އިންޑިއާ އިން ދޭން ކަނޑައެޅި 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ދޭ ލޯނެކެވެ.

އެ ލޯން އަނބުރާ ދައްކަން ޖެހެނީ ކިހާ ދުވަހަކުން ކަމެއް އަދި އިންޓަރެސްޓް ރޭޓަކީ ކޮބައިކަމެއް ދެ ސަރުކާރަކުން ވެސް ނުބުނެ އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ އަތޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަން ވެސް މި އެއްބަސްވުމުން މަގުފަހިވެގެންދާނެ ކަމަށެވެ.

"ވަކި މާލެއަކަށް ނޫން. ގައުމީ ފެންވަރެއްގައި ކުޅެންޖެހޭ ސެންޓަރުތަކުގެ އިތުރުން މިސާލަކަށް އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި ކަހަލަ ރަށްރަށުގައި ސިންތެޓިކް ޓްރެކް އެޅުމާއި އިންޑޯ ކޯޓުތައް އެޅުމާއި ގަލޮޅު ދަނޑު މަރާމާތުކުރުން ކަހަލަ ވިސްނުމެއް ސަރުކާރުން ގެންގުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއަދު ލިބުނު އެހީތެރިކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށެވެ. އަދި މި ފުރުސަތު ކުރީގެ ސަރުކާރުގައި ވެސް ލިބުނު ކަމަށާއި އެހެން ނަމަވެސް އޭރު ސަރުކާރުން މި ފުރުސަތު ބަލައިނުގަތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފާއަކީ މީގެ ކުރިން 2016ވަނަ އަހަރުވެސް ލިބުނު އޮފާއެއް. ނަމަވެސް އޭރުގެ ސަރުކާރުން އެ އޮފާ ބަލައިނުގަތް، މަޝްރޫއުތައް ހުށައެއްނާޅާ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް