އީރާނާމެދު އެމެރިކާ ނިންމި ނިންމުންތަކާ ގުޅިގެން އިސްރާއީލު ކަންބޮޑުވެއްޖެ

އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން

ނިޔުޔޯކް (ފެބްރުއަރީ 20): ނިއުކްލިޔާ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށްބުނެ އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އަނބުރާ ނަގައިފި އެވެ. މިއާއެކު އިސްރާއީލުންވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ރިޗަޑް މިލްޒް ވިދާޅުވީ އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ރައީސް ބައިޑެންގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާ އެހެންކަމުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުން އިއްޔެ އަނބުރައި ނަގާފައިވާނެ ކަމުގަ އެވެ. އދ. ގައި ހުންނަވާ އިސްރާއީލުގެ ދާއިމީ މަންދޫބު ވަނީ އެމެރިކާގެ މިނިންމުމާމެދު ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ.

އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމަށް މަގުފަހިކޮށްދޭ އިތުރު ނިންމުމެއްވެސް ބައިޑެންގެ ސަރުކާރުން އިއްޔެވަނީ ނިންމާފަ އެވެ. މިއީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ނަގަހައްޓައި އެއަށް އަމަލުކުރަން ފެށުމާބެހޭގޮތުން އީރާނާއެކު ޔޫރަޕްގެ އިއްތިޙާދާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ބާއްވާ މަޝްވަރާތަކެއްގައި ބައިވެރިވުމަށް ބައިޑެންގެ ސަރުކާރުން ނިންމި ނިންމުމެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ވާޗުއަލްކޮށް ބާއްވާ މި ބައްދަލުވުމުގައި އެމެރިކާ ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. މިއާއެކު އީރާނުންވެސްވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ސަބަބުން އެގައުމަށް ލިބެންޖެހޭ ހައްގުތައް ނުލިބޭތީ ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް ބައިތަކާ ޚިލާފުވެފަ އެވެ. މީގެތެރޭގައި ޔޫރޭނިޔަމް ފައްކާކުރާ ޕަސެންޓް 3 އިންސައްތައިން 20 އިންސައްތައަށް މަތިކުރުމާއި ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތައް އަމިއްލައަށް އުފައްދަން ފެށުމާ އަދި ނިއުކްލިޔާ އައު ރިއެކްޓަރުތަކާއި ލެބޯޓްރީތައް ބިނާކުރުމުގެ މަސައްކަތް އަލުން ފެށުން ހިމެނެ އެވެ.

އެމެރިކާއާއި އީރާނުގެ މިފިޔަވަޅުތަކުގެ ސަބަބުން ނިއުކުލިޔާ އެއްބަސްވުން އޮތީ ރޫޅިގެން ދިޔުމުގެ ނުރައްކަލުގެ ތެރޭގަ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާ އަދި ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ބައިޑެން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވާން ތައްޔާރަށް އޮތްކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އީރާނުންވެސްވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވެއްޖެނަމަ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އެގައުމުން އެޅި ފިޔަވަޅުތައް ދޫކޮށްލައި ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް ފުރަތަމަ ފިޔަވަޅުއަޅަންޖެހޭނީ އެމެރިކާކަމަށް އީރާން ބުނާއިރު އެމެރިކާ ގެންދަނީ ފުރަތަމަ ފިޔަވަޅުއަޅަންޖެހޭނީ އީރާން ކަމަށް ބުނަމުންނެވެ.

އީރާނާއެކު ޔޫރަޕްގެ އިއްތިޙާދާ އަދި ދުނިޔޭގެ ބޮޑެތި ބާރުތައް ބާއްވާ ބައްދަލުވުމަކީ މިމައްސަލަ ހައްލުކުރުމަށް ބާއްވާ މަޝްވަރާ ތަކެކެވެ. މި ބައްދަލުވުގައި ބައިވެރިވުމަށް އެމެރިކާ ނިންމުމުން ނިއުކްލިޔާ އެއްބަސްވުން އަލުން ނެގެހެއްޓިދާނެކަމުގެ އުންމީދު މިވަނީ އާލާވެފަ އެވެ.

އެމެރިކާއިން އީރާނާދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ނިއުކްލިޔާ އެއްބަސްވުުމުން އެމެރިކާ ވަކިވުމަށް ފަހު އީރާނުން އެއެއްބަސްވުމަށް އަމަލުނުކޮށް ނިއުކުލިޔާ ޕްރޮގްރާމް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދިނުމާއެކު 2015 ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުންވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފަ އެވެ. ނަމަވެސް ބައިޑެން ސަރުކާރުން އިއްޔެ އެޅި ފިޔަަވަޅުތަކާއެކު ނިއުކްލިޔާ އެއްބަސްވުން އަލުން ދެމެހެއްޓޭނެ ކަމުގެ އުއްމީދު މިވަނީ ވަރަށް ބޮޑަށް އާލާވެފަ އެވެ. އީރާނުންވަނީ އެމެރިކާގެ މިނިންމުންތަކަށް މަރުހަބާ ކިޔާފަ އެވެ.

މި އެއްބަސްވުމާ ދެކޮޅުހަދާ ދެ ގައުމަކީ އީރާނުގެ ދުޝްމަނުންކަމަށްވާ އިސްރާއީލާއި ސައޫދީ އަރަބިޔާއާ އެވެ. މިދެގައުމު ބޭނުންވަނީ އީރާން ނިކަމެތިކޮށް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި އީރާން އަބަދުވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ބޭއްވުމަށެވެ. އެމެރިކާގެ ރައީސް ބައިޑެން އިއްޔެ ނިންމެވި މިނިންމެވުންތަކާ ގުޅިގެން އިސްރާއީލުވަނީ މާޔޫސްވެ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ސައޫދީ އަރަބިޔާއިން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

އިސްރާއީލު ކަންބޮޑުވާ މައިގަނޑު ސަބަބަކީ އީރާން ބާރުގަދަވެއްޖެނަމަ މުޅި މެދުއިރުމަތީގެ އެންމެ ބާރުގަދަގައުމުގެ ގޮތުގައި އިސްރާއީލު އޮންނަ އޮތުން ނިމުމަކަށް އައިސް ބާރުގެ ގޮތުން އިސްރާއީލާ ތިލަފަތް ހަމަކުރެވޭފަދަ ހާލަތަކަށް އީރާން ގޮސްފާނެތީ އެވެ. މިފަދަ ހާލަތަކަށް ގޮސްފިނަމަ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި ބޮޑެތި ދޫތަކެއް ދޭން އިސްރާއީލަށް މަޖްބޫރުވެދާނެކަމުގެ ބިރު އިސްރާއީލު އިޙްސާސް ކުރެ އެވެ. އެއީ މުޅި މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އިސްރާއީލު އޮވެގެންނޫނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތާއަބަދަށް ދެމިނޯވެވޭނެކަން އިސްރާއީލަށް އެނގޭތީ އެވެ.

comment ކޮމެންޓް