ޔާރާއެ ލޯބިދޭށޭ... 13

ދާއޫދުގެ ފަހަތުން އާއިޝާ ހިނގައިގަތެވެ. އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. ހަމްދަރުދީގެ ނަޒަރަކުން، ޖިލްވާއަށް ބަލައިލެވުނީ ޖުއާން އަށެވެ. ޖުއާން އިނީ އިސްޖަހާލައިގެންނެވެ. ޒެނިލްގެ ހިތް ފާޑަކަށް ތެޅެމުން ދިޔައެވެ. ކުއްލިއަަކަށް ބައްޕައަށް ވީ ގޮތަކުން ޖުއާން ވެސް އިނީ ވާނުވާ ނޭނގިފައެވެ. އޭނަގެ އުޅުމަށް ފާޑުކިޔަންޖެހޭފަދަ ގޮތަކަށް އޭނަ ޖިލްވާ އާއިމެދު ކަންތަކެއް ނުކުރެއެވެ. ވީއިރު އެފަދަ ގޮތަކަށް ފާޑު ކިޔާ އެކަން ބޮޑުކޮށްލީ ކީއްވެ ހެއްޔެވެ؟ ހާއްސަކޮށް ޖިލްވާގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓުނުހެން ހީވެ، ޖުއާންގެ ހިތުގައި ޖެހުނެވެ. ޖިލްވާ ފެނުނުފަހުން ދާއޫދަށް ބަދަލުތަކެއް އައިސްފިކަން އެންމެނަށްވެސް އެނގުނެވެ. އެކަމަކު ނޭނގުނީ، އެއީ ކޮންކަހަލަ ބަދަލެއް ކަމެވެ.

********

"އެއީ ޒެނިލް ކޮންތާކުން ގެނައި އަންހެން ކުއްޖެއް؟..." ދާއޫދުގެ ސުވާލު އަޑު އިވުމުން އާއިޝާ ހިނިތުންވެލައިފިއެވެ.

"ދަރިފުޅު ގޮސް ޖިލްވާކުރެން އަހާލަންވީނު..." އާއިޝާ ހުރީ ދާއޫދު ޖިލްވާ އާއި ބެހޭގޮތުން ކުރާނެ ސުވާލަކަށް އެ ޖަވާބު ދޭން ތައްޔާރަށް ކަހަލައެވެ.

"ނޫނޭ..." ދާއޫދު ދެކޮޅު ހެދިއެވެ.

"ދަރިފުޅަށް އެ އަންހެންކުއްޖާ ކަމުނުދަނީތަ؟..." އާއިޝާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ.

ފުން ވިސްނުމެއްގެ ތެރޭގައި ހުރެފައި، ދާއޫދު ދެފަރާތަށް ބޯ ހޫރައިލިއެވެ. އެ އަންހެންކުއްޖާ ފެނުމުން، މާޒީގެ ހަނދާންތައް އޭނަގެ ހިތަށް އުނދަގޫ ކުރަން ފަށައިފިއެވެ.

"ޒެނިލްއަށް އޭނަ ކަމުދަންޏާ، އަހަރެންގެ އިތުރު ޝަކުވާއެއް ނެތް..." ދާއޫދުގެ ޖަވާބުން އާއިޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

********

ޒެނިލް އާއި ޔޯހަން ތިބީ ކެފޭއެއްގެ ކައުންޓަރު ކައިރީގައެވެ. އާދައިގެ މަތީން ޒެނިލް ހުރީ، މާސްކު އަޅައި މޫނު ނިވާކޮށްލައިގެންނެވެ. ކައުންޓަރުގައި ހުރި ކުއްޖާ އޯޑަރު ދެނީ ކޮން އެއްޗަކަށްތޯ ސުވާލުކޮށްލުމުން، ޒެނިލް ބަލައިލީ ޔޯހަންގެ މޫނަށެވެ.

"ޓޫ އައިސްޑް އެމެރިކާނޯ..." ޔޯހަން ބުންޏެވެ.

ކޮފީ ހިފައިގެން ދެމީހުން އެކުގައި ބޭރަށް ނުކުތްއިރު، ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. އޮފީހާއި ހަމައަށް ނުތެމި ދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ޒެނިލް ހިނގައިގަތެވެ. ފަހަތުން ޔޯހަން އައީ ދުވެފައެވެ.

އޮފީސް ބަޔަށް ވަންގޮތަށް، ޔޯހަން ގޮސް ސޯފާގައި ޖައްސައިލިއެވެ.

"ހާދަ ފިންޏޭ..." ޔޯހަން ދެއަތް ދެއަތާ އުނގުޅައިލިއެވެ. "ތިގެއަށްވުރެ މި އިމާރާތުގަ ހުރި ކޮޓަރިތަކުގަ ނިދަން މާ އަރާމޭ... ދެން ނުބުނާތި ގެއަށް ދާން..."

ޒެނިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ލައިގެން ހުރި ކޯޓާއި މާސްކު ނެގުމަށްފަހު، ހަރުގައި އަޅުވާފައި އައިސް ޔޯހަންގެ ކުރިމަތީގައި އިށީނެވެ.

"އިއްޔެ ޕްރެކްޓިސް ދިޔައީ ކިހިނެއް؟..." ޒެނިލް ސުވާލު ކުރިއެވެ.

"ކިހިނެއްް ދާނީ؟..." ޔޯހަން އޭނާގެ މޫނަށް ވައްތަރެއް ޖައްސައިލިއެވެ. "ނަސީބެއް އާރާގެ ކޮއްކޮ މިކޮޅުގަ ހުރިކަން..."

"އާރާ އަދިވެސް ހިތްހަމަނުޖެހިފަތަ؟..." ޒެނިލް ސުވާލު ކުރިއެވެ.

"އާނ... އެހެންތާ ވާނީވެސް... ފަހުވަގުތު ޒެނިލް އެއްވެސް ކަމަކާ އަޅާލީކީ ނޫން... އެދުވަހުވެސް ގެއްލުނުގޮތަށް ގުޅާގުޅާ ފޯނުވެސް ނިވާލާފަ... ރުޅި އަޔަސް، ހައްދެއް އޮންނަންވާނެއްނު..." ޔޯހަންގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. "ފާޑެއްގެ އަންހެނެއް ކެހިދިނީމަ މިކަހަލަ ކިތަންމެ ކަމެއްވެސް ވާނެ... އަދި އެންގޭޖްވި ވާހަކަ މީޑިޔާ ކުރިމަތީ ހާމަކޮށްލިގޮތުން، އަހަރެންވެސް ހުރީ އަޖައިބުވެފަ..."

ޔޯހަންގެ ފަހު ޖުމްލަތަކުން ޒެނިލްގެ ހިތުގައި ކޫރުމެއް އެޅިލިހެން ހީވިއެވެ. ޔޯހަންގެ މޫނަށް އޭނައަށް ބަލައިލެވުނީ ތަފާތު ނަޒަރަކުން ކަން ޤައިމެވެ.

"ދެން އެދުވަހުގެ ފަހުން އޭނަ ޒެނިލްގެ ކުރިމައްޗަކަށް ނުދޭތަ؟..." އެއްޗެއް ޔަގީންކޮށްލާ ފަދައިން ޔޯހަން އަހައިލިއެވެ. ޒެނިލް އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު، ބޯ ޖަހައިލިއެވެ. "ތަނަކުން ދިމައެއްވެސް ނުކުރޭ؟..."

ޒެނިލް ބޯ ޖަހައިލިއެވެ. ޖިލްވާގެ ކަންތަކުގައި އޭނަ ގަސްދުގައި ޔޯހަންއަށާއި އާރާއަށް ދޮގު ހެދީއެވެ. ޖިލްވާ ވީތަނެއް ނޭނގޭ ކަމަށް އޭނަ އޮތީ ބުނެފައެވެ.

"އޭ ތިއެއް ނޫނޭ..." ވަރަށް ޝައުޤުވެރިވެލާފައި ޔޯހަން ބުންޏެވެ. "އަހަރެން ކުޅި ބަލަން ހުރީކީ ނޫނޭ... އިނގޭތަ، އެއްކަލަ މަންޖެ އެއީ ވޯންޑެޓް ލިސްޓްގަ އޮތް ކްރިމިނަލްއެކޭ..."

ޒެނިލްއަށް ފޯނެއް އައީ އެވަގުތުއެވެ. އިސްކުރީނަށް އަރާފައި އޮތީ އާރާގެ ނަމެވެ. ޔޯހަންއަށް ފޯނުގެ އިސްކުރީން ދައްކައިލުމަށްފަހު، ޒެނިލް ތެދުވިއެވެ.

********

އާރާ ގުޅާފައި ކުއްލިގޮތަކަށް ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން، ޒެނިލް ދިޔައީ އާރާގެ ގެއަށެވެ. އާރާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ތާޒާ ކަމެއް ނެތެވެ.

"ބަލީތަ؟..." ޒެނިލް ސުވާލު ކުރިއިރު، އަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އާރާ ދިއްކޮށްލީ ސިޓީއުރައެކެވެ.

"މީ ކޯއްޗެއް؟..." ޒެނިލްގެ މޫނުން ފެނުނީ ހައިރާންކަމެވެ.

"ތީ ހެކި..." ހަމަޖެހޭގޮތް ދައްކައިލަމުން އާރާ ބުންޏެވެ.

"ކޮން ހެއްކެއް؟..." ޒެނިލް އަނެއްކާވެސް ސުވާލު ކުރިއެވެ.

"އަހަރެން ބުނީމެއްނު، އަހަރެންގެ ބޮޑުބޭބެ އުޅެނީ ޕޮލިހުގައޭ..." އާރާ ވާހަކަ ފެށީ ދުރުދުރުންނެވެ.

ވާނުވާ ނޭނގިފައި ޒެނިލް ބޯ ޖަހައިލިއެވެ.

"ބޮޑުބޭބެ ލައްވާ އަހަރެން ތި ހުރިހާ މައުލޫމާތެއް ހޯދާފަ ތިހުރީ..." ފައިލަށް އިޝާރާތް ކުރަމުން އާރާ ބުންޏެވެ.

ޒެނިލް އުޅުނީ ސިޓީއުރައިގައިވާ ލިޔުންތައް ނަގާށެވެ. އޭގެ ކުރިން އާރާ ބުނި އެއްޗެއް އަޑު އިވިފައި އޭނަގެ ހަރަކާތްތައް ހުއްޓިއްޖެއެވެ.

"އަހަރެމެންނަށް ކެހިދިން އަންހެންކުއްޖާ އަކީ، އާދައިގެ ކުއްޖެއް ނޫން..." އާރާ ބުންޏެވެ.

********

ޖުއާންއަށް ގޮވަމުން ޖިލްވާ ނުކުތީ ބޭރަށެވެ. ޖުއާން ހުރީ ބަގީޗާގައިވާ ގަސްތަކަށް ފެންދޭށެވެ. ޖިލްވާ ގޮސް ވާހަކަ ދެއްކުމުންވެސް ޖުއާން އަނގަޔަކުން ނުބުންޏެވެ. ޖިލްވާ ހިތްހަމަނުޖެހިގެން ޖުއާންގެ އަތުން ހޮޅި އަތުލިއެވެ.

"ތެންމާލަންވީތަ؟..." ޖިލްވާ ސުވާލު ކުރީ އިންޒާރެއް ދޭ ފަދައިންނެވެ.

"ޖިލް!... ނުޖަހައްޗޭ!..." ޖުއާން މަޖާވާ ކަމަށް ހެދުނެވެ.

ޖިލްވާ ބަލާކަށް ނުހުރެއެވެ. ފެންޖަހައި ޖުއާން ތެންމައިލިއެވެ. ޖުއާން އައިސް ޖިލްވާގެ އަތުން ހޮޅި އަތުލިއެވެ. އޭރު އޭނަ ހުރީ ތެމި ފޯވެފައެވެ. ޖިލްވާ ބިރުން ދުއްވައިގަތުމުން، ޖުއާން އެދިމާއަށް ހޮޅި ދިއްކޮށްލިއެވެ. ޖިލްވާ ގޮސް ލައިގަތީ، ބޭރުން އައިސް ވަން ޒެނިލްގެ ގައިގައެވެ. އެހިސާބަށްވެސް ފެނުގެ އަސަރު ކުރިއެވެ. ބޭއިހުތިޔާރުގައި ޒެނިލްއަށް ޖިލްވާގެ ގައިގައި ހިފަހައްޓައިލެވުނެވެ. ޖިލްވާ ކުޑަކޮށް އުފުލައިލަމުން އަނެއް ފަރާތަށް އަނބުރައިލިއެވެ. ފެންހޮޅިން އައި ފެނުގެ އަސަރު ކުރީ ޒެނިލްއަށެވެ. ލައިގެން ހުރި އަންނައުނު، ފުރަގަހުން ތެމުނެވެ. އަތުގައި އޮތް ސިޓީއުރަވެ މެއެވެ.

ޖުއާން އިސްކޫރު ބަންދު ކުރިއެވެ. ޒެނިލްވެސް އަވަހަށް ޖިލްވާ ދުރުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވި މަދު ވަގުތުކޮޅު އެތައް ވާހަކަތަކެއް ބުނެދިން ކަހަލައެވެ. ޖިލްވާ ހުރީ ޒެނިލްގެ އެ އަމަލުން ނަގަންވީ މާނައެއް ނޭނގިފައެވެ. ކުއްލިއަކަށް ޒެނިލް އޭނަ ސަލާމަތްކުރީ ކީއްވެ ހެއްޔެވެ؟ ޒެނިލްގެ މޫނުން ޖިލްވާއަށް ތަފާތު އަސަރެއް ފެނުނެވެ. އެކަން ފޮރުވުމަށް ކަންނޭނގެއެވެ. ޒެނިލް އިސްޖަހައިލިއެވެ. ސިޓީއުރަ ފޮޅަމުން ގޮސް ގެއަށް ވަނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ޒެނިލް އެއްޗެއް ނުބުނުމުން ޖުއާން ހުރީ ސުވާލު އުފެދިފައެވެ.

"ކީއްތިކުރީ؟..." ޖިލްވާ ތުންދަމައިލިއެވެ. "އޮފީސް އެއްޗެއް ކަންނޭނގެ ތި ތެންމާލީ... ހީވަނީ ރުޅި އައިސްގެން ހެން އެދިޔައީ..."

"މީ ޖިލްގެ ކަންތައް..." ޖުއާން ބުންޏެވެ.

ޖިލްވާ ބޯ ހޫރައިލިއެވެ.

"ޖިލް!..." ޖުއާން ގޮވައިލީ ބޮޑު ވާހަކައެއް ދައްކަން ބޭނުންވެފައިވާ މީހެއް ފަދައިންނެވެ.

"ހަމަ މި ކައިވެނި ކުރަނީތަ؟... އަހަންނަށް އެނގޭ ޖިލްވެސް ބޭނުމެއް ނުވާނެކަން މިތަނުގަ، އާއިލާ އާއި ދުރުގަ، ނުވެސް ދަންނަ މީހަކާ ތިގޮތަށް ކައިވެންޏެއް ކުރާކަށް..." ޖުއާންގެ އަޑުން އޭނާވެސް އެގޮތް ބޭނުން ނުވާކަން އެނގުނެވެ.

ޖިލްވާގެ ދެލޯ ފެންކަޅިވިއެވެ. އެކަަމަކު ކަރުނައިގެ ތެރެއިންވެސް އޭނަ ހިނިތުންވެލައިފިއެވެ.

"އަހަރެން މިކައިވެންޏެއް ނުކުރާނަން..." ޖިލްވާ ބުންޏެވެ. "އެންގޭޖްމަންޓް ސެރެމަނީގެ ކުރިން އަހަރެން ހަގީގަތް ހާމަކުރާނަން... އެހާތަނަށްވެސް މި މަޑުކުރަނީ، މިގެއިން ނޫނީ އަހަންނަށް ރައްކާތެރިކަމެއް ލިބެން ނެތީމަ..."

ޖުއާންއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. އެކަމަކު ޖިލްވާ އެ ގެއިން ދާކަށްވެސް އޭނަ ބޭނުމެއް ނުވިއެވެ.

"ޖިލް!... އަހަންނަށް އިވޭ ރޭގަނޑު ކޮޓަރިއަށް ވަދެފަ ޖިލް ރޯ އަޑު..." ޖުއާން ދެން ބުނި އެއްޗަކުން ޖިލްވާއަށް ޖުއާންގެ މޫނަށް ބަލައިލެވުނެވެ. ބޮޑު ދެލޯ ފުރުނު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ އެވަގުތުއެވެ.

"ތިހާ ދެރަވާއިރު، ކީއްވެ ފެމެލީ މީހާ ކައިރިއަށް ނުދާން ތިއުޅެނީ؟... ބައްދަލުކޮށްލާފަ ހެޔޮ ހާލުގަ ހުރިކަން އަންގާލަން ވާނެއެއްނު... ހުރިހާ މައުލޫމާތެއް އަހަރެން މިހުރީ ހޯދާފަ... އެކަމަކު ޖިލް ބޭނުމެއް ނުވޭ އޭނަ އާ ބައްދަލުކޮށްލަން ދާކަށްވެސް... އަބަދު ފޮޓޯ ބަލާފަ ރުޔަސް، ކަމަކުނުދާނެ..."

"ޖުއާން!..." ތުރުތުރު އަޅަމުންދިޔަ އަޑަކުން ޖިލްވާ ގޮވައިލިއެވެ. "އަހަރެންގެ މަޤާމުގަ ޖުއާން ހުރިނަމަ، ހަދާނީ ކިހިނެއް؟..."

ޖިލްވާ ކުރި ސުވާލަކުން ޖުއާން ހުއްޓުން އެރިއެވެ. ވިސްނައިލަން މަޖުބޫރު ވިއެވެ.

"އަހަންނަކީ، ޕޮލިހުން ހޯދާ މީހެއް... ކްރިމިނަލްއެއް ގޮތަށް... އަހަންނެކޭ އެއްވަރަށް އަހަރެންގެ އާއިލާވެސް ނުރައްކަލަށް ވައްޓާލަންވީތަ؟..." ޖިލްވާ އޭނާގެ މޭގައި އަތް ޖައްސައިލީ ދިލަ ރިހުމެއް އުފެދުމުންނެވެ. "ބައްޕަ އާ ހަމައަށް އެ ޚަބަރު ގޮއްސިއްޔާ ދުވަހަކުވެސް އަހަންނަށް މާފުކުރާނެހެން ހިއެއްނުވޭ..."

"ދެން ކިހިނެއް ހަދާނީ؟..." ޖުއާން ހާސްވެފައި އަހައިލިއެވެ. "ތިގޮތަށް ފިލައިގެން އުޅުން ތީ އެހާ ރަނގަޅު ކަމެއް ނޫނެއްނު... ޖިލް ސަލާމަތްކުރަން އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އެބަ ކުރަން... އަދިވެސް އެކަމަކު، ފޯނު ފެންނަ ގޮތެއް ނުވޭ... އެތާ ހުރި ވަރަށް ގިނަ ސީސީޓީވީ ރެކޯޑިންތައްވެސް ބެލިއްޖެ... އަހަންނަށް ހީވަނީ، މިކަމުގަ ވަރަށް ބޮޑެތި ބައެއްގެ އަތެއް ވާހެން..."

"ޖުއާން!..." އެއްޗެއް ހަނދާންވާ ފަދައިން ޖިލްވާ ބުންޏެވެ. "އަހަންނަށް ހީވަނީ، އެމީހުން އަހަންނަށް ފާރަލާންވެސް ފަށައިފިހެން..."

"ކާކު؟..." ޖުއާން ކަންބޮޑުވެފައި އަހައިލިއެވެ.

ޖިލްވާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޒެނިލް އަންނަތަން ފެނުމުން ހުއްޓައިލިއެވެ. ޒެނިލް ހުރީ ފޯނެއްގައެވެ. އަތުގައި ތެމިފައިވާ ސިޓީއުރަ އޮތެވެ. ކާމޭޒުމަތީގައި ސިޓީއުރަ ބާއްވާފައި ޒެނިލް ބޭރަށް ނުކުތީ، މީހަކު ބެލް ޖެހި އަޑު އިވުމުންނެވެ. ޖިލްވާ ކާގެއަށް ވަންއިރު ސިޓީއުރަ ފެނުމުން، ޓިޝޫއެއް ހިފައިގެން އައިސް ހިއްކަން މަސައްކަތް ކުރިއެވެ. އެތެރޭގައި އޮތް ލިޔުންތަކާއިއެކު އޮތް އޭނަގެ ތަސްވީރު ފެނިފައި ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ތަސްވީރާއިއެކު ލިޔުންތައްވެސް އޮތީ ތެމިފައެވެ. އެކަމަކު ލިޔެފައިވާ އެއްޗެއް ރަނގަޅަށް ކިޔަން އެނގެއެވެ. ލިޔުންތައް އޮތީ އިނގިރޭސި ބަހުންނެވެ. އެ ކިޔައިލުމުން، ބިރުން ޖިލްވާގެ ދެފައި ތުރުތުރުއަޅައިގަތެވެ. ތަސްވީރުން ކާކުކަން ނޭނގޭ ވަރަށް ހަލާކުކޮށްލުމަށްފަހު، ލިޔުންތަކުގައި ހުރި މުހިއްމު ބައިތައްވެސް ކިޔަން ނޭނގޭވަރަށް ހަލާކުކޮށްލިއެވެ. ތެމިގެން ހަލާކުވެފައި އޮންނާނެ ގޮތަށެވެ. ޒެނިލް އައިސް ކާގެއަށް ވަންއިރު، ޖިލްވާ ހުރީ، އައިސްއަލަމާރި ކައިރީގައި ފެން ބޯށެވެ.

"ބޭރަށް ނުކުމެލަބަލަ..." ޒެނިލް އެދުނެވެ.

ޖިލްވާ ނުކުތްއިރު، ސިޓިންގްރޫމުގައި ދެމީހަކު ތިއްބެވެ. އާއިޝާ އާއި ޖުއާންގެ އިތުރުން ދާއޫދުވެސް އިނީ ސޯފާގައެވެ. މޭޒުމަތި ފުރާލާފައި ވަނީ ގަހަނާތަކުންނެވެ. ޖިލްވާ ފެނުމުން، އާއިޝާ ގޮވައިލިއެވެ.

"ބޭނުން އެއްޗެއް ނަގާ... ހުރިހާ އެއްޗެހި ނެގިޔަސް އެންމެ ރަނގަޅު..." އާއިޝާ ހިނިތުންވެލިއެވެ. "އަހަރެން މިއަދު މީނީ ވަރަށް އުފަލުން..."

ޖިލްވާ ބޯ ހޫރައިލިއެވެ. ހާސްވެގެން ނިތްކުރިމަތީން ފިނި ދަލެއް ހިއްލައިލީ، ބެދެން އުޅޭ މަޅިން ސަލާމަތް ނުވާނޭހެން ހީވާން ފެށުމުންނެވެ. ތެދުވެރި އާއިލާއަކަށް އޮޅުވާލައިގެން އޭނަ މުޅި އުމުރަށް އެކަމާއި ހިތާމަ ކުރަންޖެހިދާނެއެވެ. އެ މުސްކުޅި އަންހެންމީހާގެ ހިތް ހަލާކުވެއްޖެނަމަ، އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ. ހަގީގަތް ހާމަކުރުމުގެ ވަގުތު އައިސް ޖެހުނީ ކަމުގައި ޖިލްވާއަށް ގަބޫލު ކުރެވުނެވެ. އެކަމަކު އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންނާއި ހަވާލު ކުރާހައި އެ އާއިލާ ރަހުމުކުޑަ ވެދާނޭ ހެއްޔެވެ؟ ހަމަ ގައިމުވެސް އެންމެންގެ ނަފުރަތު އޭނައަށް އަމާޒުވާނޭކަން ގައިމެވެ.

(ނުނިމޭ)

comment ކޮމެންޓް