ފްލެޓުގެ ބޭއިންސާފާއި ސަރުކާރެއްގެ ގޮތް ހުސްވުން!

މެއި 6، 2018: ހިޔާ ފްލެޓަށް ފޯމުލާން ހުޅުވާލުމުން އެތައް ބަޔަކު ކިޔޫގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތިން އަހަރު. ތިން އަހަރު މިވީ ފްލެޓު ލިބިގެން، ފްލެޓު ނިމޭނެ އިރެއްގެ އިންތިޒާރުގަ ތިބޭތާ. އެހެން ތިއްބާ މިއަދު ގެޒެޓުން މި ފެނުނީ އަހަރުމެންނަށް ދޭނެ ކަމަށް ބުނި ފްލެޓުތައް މިހާރު އުވާލި ވާހަކަ،" ސަރުކާރުގެ ކުއްލި ނިންމުމާމެދު މާޔޫސްވެފައި ހުރި ޒުވާނަކު ބުންޏެވެ.

އެ ޒުވާނާއަކީ "ހިޔާ" ފްލެޓްތަކުން އަލަތު ކައިވެނީގެ ކެޓަގަރީން، ހިޔާ ފްލެޓު ލިބުނު މީހެކެވެ. ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ހުރި ޒުވާނެކެވެ. އެ ޔަގީންކަމުގެ ލިޔުން އެ ޒުވާނާގެ އިތުރުން ހާހަކަށް ވުރެ ގިނަ މީހުންގެ އަތުގައި އެބަ އޮތެވެ. ނަމަވެސް މިއަދު އެ ލިޔުން ވެގެން ގޮސްފައި މިވަނީ އެއްވެސް އަގެއް ނެތް، ކުޑަ ކަރުދާސް ކޮޅަކަށެވެ. ސަރުކާރުން ރައްޔިތުންނަށް ދިން ޔަގީންކަމުގައި އެއްވެސް އަގެއް ނެތުނީ އެވެ.

ޖޫން 3، 2018: ބޯ ހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓަށް އެދި ބަޔަކު ފޯމު ލަނީ: އެ މަޝްރޫއު ކުރީ ސަރުކާރުން ރޭވި ގޮތަށް ކުރިއަށް ނުގެންދެވުނު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދީ، ތާހިރު ދިރިއުޅުމެއް ހޯދައިދޭނެކަމުގެ ވައުދާ އެކު އެވެ. ނަމަވެސް އެ ދިމާލަށް މި ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅު ވެސް ގޯހެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމުގައި ޖަރީމާއެއް ހިންގާފައިވާ ކަމަށް ބެލެވޭ ނަމަ އެކަން ބަލަންޖެހޭނެ އެވެ. އަދި އެކަން ކުރި ބަޔަކަށް ފިޔަވަޅު ވެސް އަޅަން ޖެހޭނެ އެވެ. ނަމަވެސް އެ ސަރުކާރުން ބަޔަކަށް ދީފައި އޮތް ޔަގީންކަމެއް ނިގުޅައިގަތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މައްސަލަ ބަލާ ނިމުނު އިރު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ އަދަބު ލިބުނީ "ނިކަމެތީން" ނަށެވެ. އެކަމަކު އެ މީހުންނަށް އަދަބު ދިނުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

އެއީ ބޯހިޔާވަހިކަމުގެ ވައުދު ނުފުދުނުތަނުގައި މި ސަރުކާރުން ހެދި އެންމެ ފުރަތަމަ ގޯހެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އެޗްޑީސީ

ފްލެޓު ލިބޭނެކަމުގެ ލިޔުން ދީފައި އޮތް 7000 މީހުންގެ ތެރެއިން 280 މީހަކަށް ކުރީ ސަރުކާރުން ދިން ބޯހިޔާވަހިކަން މި ސަރުކާރުން ދޭން ނިންމީ ވިޔަފާރި ތަކަށެވެ. އެއަށްފަހު ފްލެޓް ކޮމިޓީ އިން އަލުން ފޯމުތަކަށް ޕޮއިންޓް ދީ، ކުރިން ފްލެޓު ދީފައި ތިބި ބައެއްގެ އަތުން ފްލެޓު ވަނީ އަތުލައިފަ އެވެ. ސަރުކާރުން ރައްޔިތަކަށް ލިޔުމުން ވެފައި އޮތް ވައުދެއް، ޔަގީންކަމެއް މިހާ ފަސޭހައިން އުވާލެވިގެން ނުވާނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވެސް ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި މީހުންގެ ބަދަލުގައި ވަލު މަގުން ގާތް މީހުންނަށް ފްލެޓު ދީފައި ނެތެކޭ ނޫނެވެ. މައްސަލަ ބަލާ ނިމުނު އިރު މި ސަރުކާރުން ފްލެޓު އަތުލި މީހުންގެ ތެރޭގައި ނިކަމެތި އެތައް ރައްޔިތުންނެއް ތިބިކަން އެއީ ހަގީގަތެކެވެ. އެއް ކޮޓަރި ތެރޭގައި ކައްކާ، ކައިބޮއެ، ޑިއުޓީ ބަހައިގެން ނިދާ އާއިލާއަކަށް ލިބުނު ބޯހިޔާވަހިކަމުގެ ޔަގީންކަން ޖަހައިގަތުމުގެ ބަހަނާއަކީ "އެވަރަށް ފްލެޓު ނެތުން" ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެކެވެ. އަދި އެވާހަކަ ގަބޫލުކުރަން އާންމު ރައްޔިތު މީހާއަށް ފަސޭހައެއް ވެސް ނުވާނެ އެވެ.

މެއި 6، 2018: ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ފުލެޓްތަކަށް ކުރިމަތި ލުމަށް ފޯމު ދޫކުރަން ދަރުބާރުގޭގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓުގެ ބޭއިންސާފުގެ ވާހަކަ ދައްކާ ނުނިމިގެން އުޅެނިކޮށް، އިއްޔެ އަނެއްކާ ސަރުކާރުން މިވަނީ އިތުރު ގޯހެއް ހަދައިފަ އެވެ. ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދީފައި ތިބި 1621 މީހެއްގެ ފޯމު ބާތިލްކޮށް، އެ ކެޓަގަރީތައް މި ވަނީ އުވާވެސް ލައިފަ އެވެ. ސަބަބެއް ކަމަށް އަނެއްކާވެސް ބުނީ އެވަރަށް ފްލެޓު ނެތުމެވެ.

"ކައިވެންޏަށް މިހާރު ކުއްޖަކު ވެސް ލިބިއްޖެ. މިހާރު މާލޭގަ ބޮޑު ކުލި ދީގެން އުޅެން ޖެހުނަސް، ލިބިފަ އޮތް ފްލެޓަށް ވަދެވުނީމަ އަހަރުމެން ތިން މައިންނަށް ހަމަޖެހިލެވޭނެ ކަމަށް ވަރަށް ފޮނި އުންމީދުގައި ތިބީ. އެކަމަކު ބޭކާރު އިންތިޒާރެއް މި ކުރެވުނީ،" ސަރުކާރުގެ ކުއްލި ނިންމުމާމެދު ހިތްހަމަނުޖެހިފައި ހުރި އިތުރު މީހަކު ބުންޏެވެ.

އިއްޔެ ވިއްސި ވިހާލިވިގެން ދިޔައީ އަލަތު ކައިވެނީގެ ފްލެޓަށް ވަންނަން އިންތިޒާރު ކޮށްގެން ތިބި 1983 ޒުވާނުންގެ އުންމީދެވެ. އެންމެ ކޮޓަރިއެއްގެ ފްލެޓަކަށް ވެސް ޝުކުރުވެރިވެގެން ތިބި 18-40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ 876 މީހުން މުސްތަގުބަލަށް ރާވަމުން އައި އެތައް ރޭވުމެެކެވެ. ދަފްތަރުގައި ތިބި 33 އާއިލާއެއްގެ ހިނިތުންވުމެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބި 43 އާއިލާއަކަށް ލިބެން އޮތް ކުޑަކުޑަ ހިތްހަމަޖެހުމެކެވެ. މާލޭގައި އުޅޭނެ ތަނެއް ނެތް މާލޭގެ 114 މީހަކަށް ލިބެން އޮތް ހިޔާވަހިކަމެވެ.

ލިބިފަ އޮތް ފްލެޓަށް ވަދެވުނީމަ އަހަރުމެން ތިން މައިންނަށް ހަމަޖެހިލެވޭނެ ކަމަށް ވަރަށް ފޮނި އުންމީދުގައި ތިބީ. އެކަމަކު ބޭކާރު އިންތިޒާރެއް މި ކުރެވުނީ ފްލެޓް ގެއްލުނު ޒުވާނެއް

އަލަތު ކައިވެނީގެ ކެޓަގަރީން ކުރިން ފްލެޓު ލިބޭނެކަމަށް އަންގާފައި އޮތް ޒުވާނަކު ބުނީ، މި ސަރުކާރު އައިސް އެއް ކޮޓަރީގެ އެޕާޓްމަންޓުތައް ނެތް ކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުން މިކަހަލަ ގޮތެއް ވެދާނެ ކަމުގެ ބިރު ހީވި ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޭން ބުނި އެއް ކޮޓަރީގެ އެޕާޓްމަންޓުތައް ވުޖޫދުގައި ވެސް ނެތް ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އިއްޔެ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި އެ ކެޓަގަރީން ހަދާ ނިމިފައި އޮތް 36 ފްލެޓެއްގެ ވާހަކަ އޮތެވެ.

ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށް ފަހު އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓް ނާޅާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ކެޓަގަރީތަކަށް ހަމަވާ ވަރަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތްކުރަމުން ނުދާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން އިއްޔެ ބުންޏެވެ.

ހައުސިން މިނިސްޓަރު އަސްލަމް: އެއް ކޮޓަރީގެ ހިޔާ ފްލެޓްތަކާ މެދު އެކި ފަހަރު އެކި ވާހަކަ ދެއްކެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ލިބެންހުރި 36 ފްލެޓަކީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން އިމާރާތް ކުރާ ޓަވަރުގައި ހުރި ފްލެޓުތަކެވެ.

"ވީމާ، ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ތިން ކެޓަގަރީ އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމަށް ނިންމީ" ކަމަށް ސަރުކާރުން ބުންޏެވެ.

މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، ހިޔާ މަޝްރޫއުގެ H14، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެއަށް ފަހު ބާކީވާ ފްލެޓްތައް ދޭނީ މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަށެވެ.

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ އެޕާޓްމަންޓުތައް ކުރީ ސަރުކާރުން އަޅަން ރާވާފައި އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިންނެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާ އަކީ ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ތަންތަނެވެ.

ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ތިން ކެޓަގަރީ އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމަށް ނިންމީ ހައުސިން މިނިސްޓްރީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަށުން ހިންގަން ފެށި މަޝްރޫއުއެއް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނު ނަމަވެސް ޒިންމާދާރު ސަރުކާރަކުން ރައްޔިތުންނަށް ގޮތް ހޯދައިދޭން ޖެހޭނެ އެވެ. ސަރުކާރެއް ގޮތް ހުސްވެގެން ނުވާނެ އެވެ. ހުރިހާ ވަސީލަތްތަކެއް ލިބި އޮވެމެ ސަރުކާރަކަށް ހައްލެއް ނުހޯދި ރައްޔިތުންތަކެއް މަގުމަތިވާ ގޮތް ވުމަކީ ސަރުކާރެއްގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެއް ކޮޓަރީގެ ފުލެޓް އަޅަން ނިންމި މެކޭނިޒަމް މަސައްކަތް ނުކުރި ނަމަ އެކަމަށް މި ސަރުކާރުން ހައްލެއް ހޯދަން ޖެހޭނެ އެވެ. ސަބަބަކީ ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދީ ބަޔަކު އިންތިޒާރުގައި ބޭތިއްބީމަ އެވެ.

މި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، އެ މަޝްރޫއަށް ހައްލެއް ހޯދައިނުދެވުމަކީ ސަރުކާރުގެ ފެއިލްވުމެކެވެ. ކުރީ ސަރުކާރު ގޯސްވުމާ އެކު މި ސަރުކާރުގެ ވެސް ފެއިލްވުމެކެވެ. އެންމެ ފަހުން އެކަން ނުވުމުން، ދެން އެކަށީގެންވާ ވަރަށް ފްލެޓް ނެތް ކަމަށް ބުނެ، ކެޓަގަރީތަށް އުވާލައި ފޯމުތައް ބާތިލްކުރުމަކީ ގައިމުވެސް މައްޗަށް ޖެހި ޖަމްޕެއް ނޫނެވެ. މި ޖަމްޕް މި ޖެހީ ސީދާ ތިރިއަށެވެ.

ބޮޑު މަންޒަރަކީ ސަރުކާރެއް ގޮތް ހުސްވީ އެވެ. އެއް ކޮޓަރީގެ ފްލެޓްތައް އިމާރާތް ކުރެވޭނެ ގޮތެއް މި ސަރުކާރަށް ނުހޯދުނީ އެވެ. އެކަމަކު ސަރުކާރެއް ގޮތްހުސްވާ ނަމަ، އެއީ ގާބިލް ސަރުކާރެއް ހެއްޔެވެ؟

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް: މި ފްލެޓްތަކުގެ ކަންތައް އެންމެ ފަހުން ވަނީ ބޮޑު މައްސަލައަކަށްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާގެ 7000 ފްލެޓު ވެސް އަދިވެސް ހަވާލުކުރެވޭ ވަރެއް މި ސަރުކާރަކަށް ނުވެ އެވެ. މީހުން ވެއްދުމަށް އެކި ތާރީހު ދީ އެތައް އަހަރެއް ގެއްލުވާލައިފި އެވެ.

ސަރުކާރެއް ވިއްޔާ ގޮތެއް އޮންނަން ޖެހޭނެ އެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތުން ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ޖެހޭނެ އެވެ. ޕްލޭން ކޮށްފައި އޮތް ގޮތަށް މަސައްކަތް ނުގޮސްފި ނަމަ، މި ސަރުކާރުން އާ ހައްލެއް ނެރެގެން ވެސް އެކަން ކޮށްދޭން ޖެހޭނެ އެވެ. ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ސޯޝަލް ކޮންޓްރެކްޓް އުވައެއް ނުލެވޭނެ އެވެ. އާ މަޝްރޫއެއް ފަށައިގެން ވެސް އެކަން ކޮށްދޭން ޖެހޭނެ އެވެ. ކުރީ ސަރުކާރުން ވީ ވައުދެއް ކަމަށް ބުނެ ރައްޔިތުންނަށް ސަރުކާރުން ވީ އަހުދެއް އުވައެއް ނުލެވޭނެ އެވެ.

ހިޔާ މަޝްރޫގެ 7،000 ފްލެޓަށް ފޯމު ލީ 23،000 މީހުންގެ ތެރެއިން ފުރިހަމައަށް ލިޔުންތައް ހުށަހެޅި 19،000 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަމަށް ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެ މީހުންވެސް ހިމަނައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މި މަހުގެ 17 ވަނަ ދުވަހު މަޖިލީހުގައި ވިދާޅުވި އެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ހާހަކަށް ވުރެ ގިނަ މީހުންގެ ފޯމު ބާތިލްކޮށް ކެޓަގަރީ ވެސް އުވާލުމުން، ކުރިއަށް ހުރި މަޝްރޫއުތަކުގައި އެމީހުން ހިމެނޭނެ ކަމުގެ ޔަގީންކަން ވެސް އެމީހުންކަށް މިހާރު ނެތެވެ.

25 މާޗް 2020: ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރަކުން ލިޔުމެއް ދީފައިވާނަމަ، އެއީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ހުދު މިނިސްޓަރު އަސްލަމް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ގަބޫލު ކުރަން ސަރުކާރަކުން ރައްޔިތަކަށް ލިޔުމެއް ދީފައިވާނަމަ، އެ ލިޔުމަކީ ތިމަންނަމެން ކުރި ކަމެއް ނޫނޭ ކިޔާފައި ދޫކޮށްލެވޭނެ ޒާތުގެ ކަމެއް ނޫންކަން. ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކުން ލިޔުން މިދެނީ. އޭގައި މުވައްޒަފަކު ނޫނީ ސިޔާސީ މީހަކު ގޯހެއް ހަދާފައިވާ ނަމަ، އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅަން ޖެހޭނީ ވަކި ގޮތަކަށް،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ސިޔާސީ މީހުން ހެދި ގޯހުގެ އަދަބު ލިބިގެން މިދަނީ އާންމު ރައްޔިތު މީހާއަށެވެ. ފްލެޓް ނުލިބުމުގެ އަދަބު ލިބުނު މީހުންނަށް ދެން ވާނެ ގޮތެއް އަދިވެސް މިސަރުކާރަކަށް ބުނެއެއް ނުދެވެ އެވެ. އެ މަންޒަރެއް ދައްކައެއް ނުދެވެ އެވެ.

ސަރުކާރުގެ ކުއްލި ނިންމުން އައިގޮތުން އެ ފްލެޓުތައް ލިބުނު މީހުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ފްލެޓު ކޮމިޓީން ވަނީ އެ ކެޓަގަރީން ފްލެޓު ލިބުނު މީހުންގެ ގެތަކަށް ހާލަތު ބަލަން ވެސް ގޮސްފަ އެވެ. ވުޖޫދުގައި ނެތް ފްލެޓުތަކެއް ދޭން މި ސަރުކާރުން "ބޭކާރު" ގޮތުގައި ގެތަކަށް މީހުން ފޮނުވީ ކީއްވެތޯ މިއީ އެތައް ބައެއްގެ ސުވާލެކެވެ.

ފްލެޓް ކޮމިޓީގެ ރައީސް ތޯހާ: ހައްގުވާ އެންމެންނަށް ފްލެޓް ނުދެވުނީ އެކަށީގެންވާ އަދަދަށް ފްލެޓް ނެތުމުން ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ހެއްވާ ކަމަކީ އަލަތު ކައިވެނި ކެޓަގަރީގެ ޝަރުތު ތަކުގައި ދިރިއުޅުމުގެ ހާލަތުގެ ވާހަކަ ނެތް ނަމަވެސް، ފްލެޓު ކޮމިޓީން ދެތިން ފަހަރަކު އެމީހުންގެ ހާލަތު ބަލަން ދިޔަ ކަމެވެ. މާ މުހިންމު ސުވާލުތަކެއް ނުކުރި ނަމަވެސް، ފައިލްތަކެއް ހިފައިގެން ގެތަކަށް ދިޔައީ އިލެކްޝަނެއް ބޯމަތީގައި އޮތުމުން، ބޯހިޔާވަހިކަމުގެ މައްސަލައިގައި މަސައްކަތް ކުރާކަން ދެއްކުމަށް ކަމަށް ބައެއް މީހުންގެ ތުހުމަތު މިހާރު އެބަ އޮތެވެ.

"ތަންކޮޅެއް ކުރިން އަޅުގަނޑުމެންނަށް އަންގާލަ ދިން ނަމަވެސް ރަނގަޅު މިހާ ދުވަސް ވަންދެން ނުދަންމާ. އެހެން ތަނަކަށް ބަދަލުވާއިރު ވެސް ކުރު މުއްދަތަކަށް ކޮންޓްރެކްޓް ހަދަން ތިބީ ކޮންމެ ވަގުތެއްގައި ވެސް ފްލެޓް ލިބިދާނޭ ހިތާ. ކުރިން ދެން ހީވި މިހެން ވެދާނެ އޭ ވެސް. ވަރަށް ހާލުގަ އުޅޭ މީހުން ވެސް އެބަތިބި، މީ އެމީހުންނަށް އެ ހާލުން ކުޑަކޮށް ވެސް އަރައިގަނެވެން އޮތް ހަމައެކަނި މަގު. އެހެން ޕްލޭންކޮށްގެން ތިބި ބަޔަކަށް ކިހާ ބޮޑު ޝޮކަކަށް ވާނީ،" ޒުވާނަކު ބުންޏެވެ.

"ތިން އަހަރު ވަންދެން ކުރި އުންމީދު ހަމަ ކުޑަ ހިނދުކޮޅެއް ތެރޭ ފެނަށް މި ދުއްވާލީ. މައާފެއް ނުކުރާނަން،" އެހެން ޒުވާނަކު ބުންޏެވެ.

އެއް ކޮޓަރީގެ ފްލެޓުތަކުގެ ކެޓަގަރީ އުވާލުން ގިނަ ބަޔަކު ސިފަކުރަނީ ސަރުކާރުން ދިން އަނިޔާއެއްގެ ގޮތުގަ އެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ ސަރުކާރުގެ މި ބޮޑު ބޭއިންސާފަށް މައާފު ނުކުރާނެ ކަމަށެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އެތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީ އަނިޔާވެރިކަމަކީ. ހާދަ އުންމީދެކޭ އެންމެން ކުރީ. ހަމަ ކޮޅުފައިން ޖެހީ މަސައްކަތް ވެސް ކޮށްނުދީ. އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވި ނަމަ މި ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ދިރިއުޅުން ރަނގަޅުވެގެންދާނެ ވަރު އިހުސާސްވޭ. ދުވަހަކު ވެސް މައާފެއް ނުކުރާނަން،" ސޯޝަލް މީޑިއާގައި ޒުވާނަކު ބުނެފައިވެ އެވެ.

ގައިމުވެސް ސަރުކާރުން މިފަހަރު މި ހެދި ގޯހުގެ ސަބަބުން، ގިނަ ބަޔަކު ސަރުކާރަށް ކުރަމުން އައި އުންމީދުގައި މިވަނީ ރެނދު ލައިފަ އެވެ. މި ރެނދަކީ ސަރުކާރުން ދައްކާލާ މޮޅު ވާހަކައަކުން ބައްދާލެވޭނެ ރެނދެއް ކަމުގައި ނުވުން ވަރަށް ކައިރި އެވެ. ސަބަބަކީ އެ އިތުބާރު ހޯދައިދިނުމަށް މި ސަރުކާރަށް އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއްގެ މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާތީ އެވެ.

މަނާކަމެއް ކޮށްގެން އަމިއްލައަށް ވެފައި އޮތް ޖޫރިމަނާއެއް ނުދައްކައިގެން ޒުވާނުންތަކަކަށް ކައިވެނި ނުކުރެވިދާނެ ކަމަށް ކަންބޮޑުވާ ސަރުކާރަަކުން، ޒުވާނުން ކައިވެނި ކޮށްގެން ވަންނާނެ ތަނެއް ނެތިގެން އުޅޭ އިރު ކަންބޮޑުނުވަނީ ހެއްޔެވެ؟ ނޫނީ ސޯޝަލް ހައުސިންގ ލިބި، މާލޭގެ ބޮޑު ކުލީގެ ކަސްތޮޅުން 7000 އަށްވުރެ ގިނަ އާއިލާ ނެއްޓި، ބޮޑުންގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ގުޑުން އަންނަން ބޭނުން ނުވަނީ ހެއްޔެވެ؟ ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަކީ މިއީ ހެއްޔެވެ؟

comment ކޮމެންޓް