ޑިންގީއިން ފެނުނު މީހާއާއި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ލަންކާ މަސްވެރިން: ފުލުހުން

ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު ލަންކާ މީހާ --

އިއްޔެ ވ. އަންބަރާ ކައިރިން ޑިންގީގައި އޮޔާ ދަނިކޮށް ފެނުނު މީހާއާއި ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ލަންކާއަށް ނިސްބަތްވާ މަސްވެރިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިއްޔެ ޑިންގީގައި ފެނުނު މީހާއާއ،ި ދަނޑިހޮވަން ގޮސް އުޅުނު ބަޔަކަށް ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއާ ގުޅުމެއް އޮތް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިއަދު ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދެ މީހުންނަކީ ޖެނުއަރީ 30ގައި ލަންކާއިން މަސްވެރިކަމަށް ފުރި ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުން ރާއްޖެއާ ހިސާބަށް އައީ ބެހިގެން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަކީ އެއްކޮށް އުޅުނު ދެ މީހުންކަން އެނގިފައިވާއިރު، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ސާފު ކުރަން ޖެހޭ މައުލޫމާތު ރަސްމީ އިދާރާތަކުން ސާފު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

comment ކޮމެންޓް