އެމްބާއްޕޭ ބާސެލޯނާ ކޮޅަށް ހެޓްރިކް ހަދައި، ލަދު ގަންނަވާލައިފި

ބާސެލޯނާއާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ//އޭޕީ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ރަށުން ބޭރުގައި ބާސެލޯނާ ކޮޅަށް ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާއްޕޭ ހަތަރު ގޯލު ޖަހައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ބާސެލޯނާގެ މައްޗަށް ޕީއެސްޖީ ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޕީއެސްޖީން ކުއާޓާ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ވަނީ ޔަގީންކޮށްފަ އެވެ. ބާސެލޯނާއިން ދެން ރަށުން ބޭރުގައި ކުޅޭ މެޗުން ހަތަރު ގޯލުގެ ތަފާތުން މޮޅުވެގެން ނޫނީ ކުރިއަށް އޮތް ބުރަށް ދިއުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިއަކު ނުލަ އެވެ. އެއީ ނޭމާ އަދި އޭންހެލް ޑިމާރިއާ އެވެ. އަނެއްކޮޅުން ބާސެލޯނާ މެޗަށް ނުކުތީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި ޖެރާޑް ޕީކޭ ޓީމުގައި ހިމަނައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ޕީއެސްޖީން ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ބާސެލޯނާއިންނެވެ. ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑެޔޮންގަށް ޕީއެސްޖީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހީ ކެޕްޓަން ލިއޮނެލް މެސީ އެވެ.

ފުަރަތަމަ ހާފު ނިމުމުގެ ކުރިން އެމްބާއްޕޭ ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެމްބާއްޕޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ. އަދި އެއަށްފަހު ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މޮއިސް ކީން އެވެ.

ބާސެލޯނާއިން އެއަށްފަހު ގިނަ ބަދަލުތަކެއް ކޮށްގެން ލަނޑެއް ޖަހަން މަސައްކަތް ކުރި އިރު، ލިބުނު ކައުންޓާ އެޓޭކެއްގައި އެމްބާއްޕޭ ވަނީ އޭނާގެ ތިންވަނަ ގޯލު ޖަހައި ބާސެލޯނާގެ އުންމީދުތައް ފުނޑު ކޮށްލައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފަހުގެ ތާރީހެއްގައި ބާސެލޯނާ ކޮޅަށް ހެދި ފުރަތަމަ ހެޓްރިކެވެ.

comment ކޮމެންޓް