މަޖިލީހުގެ ނޯޓިސް އަނބުރާ ފޮނުވާލާނަން: މަލީހު

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފޮނުވި ނޯޓިސްގައި މައްސަލަ އެބަހުރި ކަމަށާއި އެ ނޯޓިސް އަނބުރާ ފޮނުވާލާނެ ކަމަށް މަލީހު ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 14 މެންބަރުންގެ ސޮޔާއެކު އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

މިއަދު ޖަލްސާގައި އެ މައްސަލައާ ގުޅިގެން މިހާރު ކަން ގޮސްފައިވާ އޮތް ހިސާބެއް ސާފު ކުރުމަށް އަލީ އާޒިމް ވަނީ މަޖިލީހުގެ ރިޔާސަތާ ސުވާލު ކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަވާބު ދާރީވުމަށް ސިޓީއަކުން މިނިސްޓަރު މަލީހަށް ދަންނަވާފައިވާނެ ކަމަށެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

މިނިސްޓަރު މަލީހު މިރޭ ވިދާޅުވީ މަޖިލީހުގެ ނޯޓިސް ލިބިފައިވާ ކަމަށާއި ނަމަވެސް ގަރާރު ތައްޔާރު ކުރެއްވި މެންބަރު 14 މެންބަރުންނަށް އޮޅުވާ ލައްވާފައިވާ ކަމަށެވެ.

"ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ. ގަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާނުވޭ،" މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއީ ގާނޫނީ ބޮޑެތި މައްސަލަތައް ކަމަށާއި މާދަމާ އެ ނޯޓިސް އަނބުރާ ފޮނުވާލައްވާނެ ކަމަށެވެ.

comment ކޮމެންޓް