މަރުވެފައި އޮތް މީހަކު ފަޅުރަށަކުން ފެނިއްޖެ

ފޮއްތެޔޮ ބޮޑުފުށި

މަރުވެފައި އޮތް މީހަކު ވ. އަތޮޅުގެ ފަޅުރަށަކުން ފެނިއްޖެ އެވެ.

އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:02 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް