ކަންކަން ކުރަން ކޮންމެ ރައީސަކަށް ދެ ދައުރު މުހިންމު: މަބްރޫކް

މަބްރޫކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ރައީސަކަށް ވެސް ރިޔާސީ ވައުދުތައް ފުއްދައި، ގިނަ ކަންކަން ކޮށްދެވޭނީ ދެ ދައުރު ލިބިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވީ އެ މަގުސަދުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ޑިމޮކްރެޓިކް ރީފޯމް ހާސިލްވި ފަހުން އަދި ލިބުނީ ފަސް އަހަރުގެ އެންމެ ދައުރެއް ކަމަށާއި ދެ ދައުރު ނުލިބޭ ނަމަ، ދިގު މުއްދަތަކަށް ރާވައިގެން ކަންކަން ނިންމާނެ ފުރުސަތު ނުލިބޭނެ ކަމަށެެވެ.

ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައިސް ފުތަތަމަ ދެ އަހަރު ހޭދަވަނީ ކަންކަން ރާވައި އިންތިޒާމު ކުރުމަށް ކަމަށާއި ކަންކަން ކުރަން ލިބެނީ ދެ އަހަރު ކަމަށެވެ. އަދި ފަހު އަހަރު ހޭދަވަނީ ކެމްޕޭނުގެ ކަންކަމުގައި ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުން މިސާލު ޖައްސަވަމުން މަބްރޫކް ވިދާޅުވީ، އޮބާމާގެ ފުރަތަމަ ހަތަރު އަހަރު ކަންކަން ނުވެގެން ގިނަ ބަޔަކު ފާޑުކީ ނަމަވެސް، އޮބާމާގެ ފަހު ހަތަރު އަހަރު ކަންކަން ކޮށްދިން ވަރަށް މި ފަހުގެ ތާރީހެއްގައި އެހެން ރައީސަކު ކަންކަން ކޮށްދީފައި ނުވާ ކަމަށެވެ.

"އެހެންވީމާ ރިޔާސީ ދެ ދައުރު ލިބިގެން ގިނަ ކަންކަން ވާނީ،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ މަބްރޫކް ވިދާޅެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހު ވާދަކުރައްވާ ނަމަ، އެމަނިކުފާނުގެ ކެމްޕޭނުގައި އުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

comment ކޮމެންޓް