ޔާރާއެ ލޯބިދޭށޭ... 12

"އަދި ކިޔާބަލަ... އޮއްޕާ!..." ޒެނިލް ބުންޏެވެ.

ޖިލްވާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކީމަ ދެވޭނީ..." ޒެނިލް ކުރިއަށްވުރެ ބޮޑަށް ކައިރިވެލިއެވެ.

********

"މާމާ!..." ދޮރާއި ދިމާއަށް ބަލައިލަމުން ޖިލްވާ ގޮވައިލިއެވެ.

ޒެނިލް ސިހިފައި، ފަސްއެނބުރި ބަލައިލި އެވެ. ދޮރު ހުރީ ލެއްޕި ގޮތަށެވެ. އެކަކުވެސް ނެތެވެ. ފުރުސަތުގެ ބޭނުން ހިފައި ޖިލްވާ އެ އަތުގެ ތެރެއިން ވީއްލިގަނެގެން ދުއްވައިގަތެވެ. ފަސްއެނބުރި ބަލަމުން ދުވެފައި ދަނިކޮށް، ޖިލްވާ ލައިގަތީ، ކޮޓަރި ދޮރުގައެވެ. އަވަސްކުރަން ހަދައިގެން ދޮރު ލައްޕާފައި ހުރިކަންވެސް އޭނައަށް ނޭނގުނީއެވެ. ޒެނިލް ކުރިއަށް ޖެހިލި ނަމަވެސް، ނިތްކުރީގައި އަތް ކާއްތަމުން، ޖިލްވާ އަވަހަށް އެ ކޮޓަރިން ނުކުމެއްޖެއެވެ.

އަލަމާރީގައި ލެނގިލިގޮތަށް ޒެނިލްއަށް ހުރެވުނީ ޖިލްވާ ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ތުންފަތުގައިވި ލުއި ހިނިތުންވުން ފުންވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ޖިލްވާގެ އިހުސާސްތަކާއި ކުޅެން ޒެނިލްއަށް ވީ މަޖާ ކަމަކަށެވެ. އެއީ ޖިލްވާ ރުޅި އަރުވަން ކުރި ކަމެއް ނަމަވެސް، އެ ގާތްކަމުން ޒެނިލްގެ ހިތަށް ހަމަޖެހުމެއް ލިބެން ފެށި ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.

ސިޑިން ފައިބައިގެން ތިރިޔަށް ދިޔައިރު، ޖިލްވާގެ މޫނުމަތި ވަނީ އޮއްސިފައެވެ. ޒެނިލް ކައިރިވެލައިފިނަމަ، އޭނައަށް އަނިޔާއެއް ނުލިބި ސަލާމަތެއް ނުވެވެއެވެ. ކިތަންމެ ޖެހިލުންކުޑަވެގެން އުޅުނު ނަމަވެސް، އޭނަ ޒެނިލްދެކެ ބިރުގަނެއެވެ. ޖިލްވާ ގޮސް، ސިޓިންގްރޫމުގައި އިން ޖުއާންގެ ކައިރީގައި އިށީނެވެ. ޖުއާންއަށް ޖިލްވާ ފެނުނީ، މޯޅިވެފައިވާ މަލެއް ހެންނެވެ. ދެތުންފަތް ފިއްތާލައިގެން އިންއިރު، ލޯބިކަމުން، ޖުއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ނިތްކުރިއަށް ކިހިނެއް ހަދާފަ؟..." ޖިލްވާގެ ނިތްކުރިން ރަތްވެފައިވާ ތަންކޮޅު ޖުއާންގެ ލޮލުގައި އަޅައިގަތެވެ.

"އެ އޮއްޕާގަނޑުގެ ކަންތައް..." ޖިލްވާ ދެލޯ އަޅައިލިއެވެ.

ޖުއާން ހެމުން ހެމުން ތެދުވިއެވެ. ކާގެއަށް ގޮސްފައި އެނބުރި އައީ، އައިސްކިއުބް ހިފައިގެންނެވެ. ފޮތިކޮޅެއްގެ ތެރެއަށް އައިސްކިއުބުކޮޅު ލާފައި، ޖިލްވާގެ ނިތްކުރީގައި ޖައްސައިލިއެވެ. ޖިލްވާ ޖުއާނަށް ބަލައިލީ، ޝުކުރުވެރިކަމުން ފުރިގެންވީ ނަޒަރަކުންނެވެ. އޭނައަށް ކޮންމެ ކަމެއް ވިޔަސް، ޖުއާން ހުންނަނީ ފަރުވާކޮށްދޭން ތައްޔާރަށެވެ.

********

ފުލުހުންގެ އިދާރާ ކުރިމަތީގައި ރިފްއާނު ހުރީ ދެފިކުރެއްގައެވެ. އެތެރެއަށް ވަންނާނީ ހެއްޔެވެ؟ ޖިލްވާ ހޯދަން އެމީހުންގެ އެހީތެރިކަމަށް އެދޭނީ ހެއްޔެވެ؟ އެކަމަކު، ފުލުހުންނަށް އެނގޭ ހިސާބުން، އެ އަޑު އާމިރުގެ ކަންފަތާއި ހަމައަށް ފޯރާނެއެވެ. އާމިރު ކުރި އިތުބާރު ހިނދުކޮޅެއްގެ ތެރޭގައި ގެއްލޭނެއެވެ. އެ އާއިލާއިން އޭނަގެ ނަން އަބަދަށް ފޮހެވިގެންވެސް ހިނގައިދާނެއެވެ. ހަދަންވީ ގޮތެއް ނުނިންމިފައި ރިފްއާނު ހުއްޓައި އެތެރެއިން ޔުނީފޯމުގައި ހުރި ފުލުހަކު ނުކުތެވެ. ރިފްއާން ފެނުމުން، ކަމަކުތޯ ސުވާލު ކުރިއެވެ.

"ކަމެއް ނުވޭ... މިހެން ދަމުން ބަލާލަން މަޑުކޮށްލީ..." ރިފްއާނު އޮޅުވައިލިއެވެ.

ފުލުސްމީހާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ރިފްއާން ހިނގައިގަތެވެ. ރިފްއާނު އައިސް ކޮޓަރިއަށް ވަންއިރު ހުރީ މާޔޫސްވެފައެވެ. ޖިލްވާގެ ފޮށީގައިވާ އެއްޗެހިތައް ނަގައިގެން ބަލަން އެތައް އިރަކު އިނެވެ. ވައިބާއިން އާމިރު ގުޅަން ފެށީ، ރިފްއާން އެހެން އިންދަ އެވެ. ޖިލްވާ ގެއްލުނު ފަހުން، ދުވާލަކު އެތައް ފަހަރަކު އާމިރު ގުޅައެވެ. ކޮންމެ ފަހަރަކުވެސް، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރިފްއާން، ހުރިހާ ވާހަކައެއް އޮއްބައިލަނީއެވެ. އެގޮތުގައި ދޮގު ހެދޭނީ ކިހާ ދުވަހަކު ބާއޭ ރިފްއާނުގެ ހިތަށް އެރިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި ރިފްއާނަށް ދެލޯ މަރައިލެވުނެވެ. ދައްކާނެ ބަހަނާއެއް މިއަދަކު ނެތެވެ. ހަގީގަތް ހާމަކުރެވޭކަށްވެސް ނެތެވެ.

"ޖިލްވާ ކޮބާ؟..." އާމިރު ހުރީ ހާސްވެފައެވެ. "ނުބުނާތި ފާޚާނާގައޭ... ނިދާފައޭ... ނޫނީ، ފޯނު ހަލާކުވެފައޭ.... ޖިލްވާގެ ފޯނު ހަލާކުވިޔަސް، ރިފްއާނުގެ ފޯނުން އޭނައަށް ގުޅޭނެ... ކޮންމެވެސް ކަމެއް ވެއްޖެ... ބުނޭ!... ރިފްއާނު ތީ، ދޮގުހަދަން މޮޅު ކުއްޖެއް ނޫން..."

އާމިރުގެ އަތުން ހަމްދާ ފޯނު އަތުލިއެވެ.

"ރިފްއާން!..." ހަމްދާގެ އަޑު ވަނީ ކުރެހިފައެވެ. "ޖިލްވާއަށް ކަމެއްވެގެން އުޅެންޏާވެސް، އަހަރެން ކައިރީ ބުނެބަލަ... އާމިރު ކައިރީ ނުބުންޏަސް، އަހަރެންގެ ކައިރީ ބުނަން ރިފްއާނަށް ކެރޭނެ އެއްނު..."

********

އިރުއޮއްސެމުން އައި ވަގުތެވެ. ދާއޫދު އަންނާތީ، ޖުއާން އާއި އާއިޝާ ދިޔައީ އެއާޕޯޓަށެވެ. ޖިލްވާ ހުރީ ގޯތި ތެރޭގަ އެވެ. އާއިޝާ ބުނެގެން ހިއްކަން އަޅާފައި ހުރި އެއްޗެހިތައް ރޯނުން ނަގާށެވެ. ޒެނިލްގެ ކާރު އައިސް ގަރާޖަށް ވެއްދި ތަން ފެނުމާއިއެކު ޖިލްވާ ދެކޮޅު ހޯދައިލި އެވެ. ގޯތި ތެރޭގައި ބަހައްޓާފައިވާ ގޮނޑިއެއްގެ ފުރަގަހަށް ވަދެ އޭނަ އިނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން އައި ޒެނިލްއަށް ޖިލްވާ އެތަނުގައި ފިލާ އިންތަން ފެނުނީ، ގޭގެ ބިއްލޫރި ދޮރުންނެވެ. ނޭނގޭ ކަމަށް ހަދަމުން ޒެނިލް ގެއަށް ވަދެ ދޮރު ތަޅުލިއެވެ. ޖިލްވާ ދުވެފައި ގޮސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދޮރުފޮތިގަނޑުގެ ކައިރިން ޒެނިލް ބަލައިލި ތަން ޖިލްވާއަށް ރީތިކޮށް ފެނުނެވެ. އިރު އޮއްސި އަނދިރިވީ އިރުވެސް ޒެނިލް ދޮރެއް ނުހުޅުވިއެވެ.

މާހައުލުގައި ވީ ފަނޑު އަލިކަމެކެވެ. ޖިލްވާ ހުރީ ބިރުން ސިހިސިހި އެވެ. ކައިރީގައި އެއްޗެއް އުޅޭހެންވެސް އޭނައަށް ހީވާން ފެށިއެވެ. ކުއްލިއަކަށް ދާދި ކައިރިން ބުޅަލެއް ގޮވައިލި އަޑު އިވުމާއިއެކު ޖިލްވާ ދިޔައީ ސިއްސައިގެންނެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ގެއިން ނުކުމެގެން މާ ދުރަށް ދިޔަ އިރުވެސް، ޖިލްވާއަކަށް ހަމަހޭވެރިކަމެއް ނުވިއެވެ.

ޖިލްވާއަށް ފާރަލަމުން މަގުމަތިން ދިޔަ ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ލޮލުން އިޝާރާތްކޮށްލިއެވެ. ދެމީހުން ދިޔައީ ދެ ދިމާއަކުންނެވެ. އޭރު ޖިލްވާ އޮތީ ގުދުވެގެން ފުންކޮށް ނޭވާ ލާށެވެ.

"ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު!..." ދާދި ކައިރިން ބަރު ފިރެހެނެއްގެ އަޑު އިވުމުން، ޖިލްވާ ސިހުނެވެ.

ޖިލްވާ ފަސްއެނބުރި ބަލައިލި އެވެ. ކުރިމަތީގައި ހުރި މީހާގެ މޫނު ފެނުމުގެ ކުރިން، ފަހަތުން އައި މީހަކު އޭނަގެ މޫނުމަތީގައި ފޮތިގަނޑެއް ޖައްސައި ބާރުކޮށްލައިފިއެވެ. އޭގެ ވަސް ޖެހުމާއިއެކު ޖިލްވާގެ ހަށިގަނޑުގެ ހަރަކާތް ހުސްވެ، އެމީހެއްގެ އަތުގެ ތެރެއަށް ދެމިއްޖެއެވެ.

********

ހަމަހިމޭން މާހައުލުން އިވެމުންދިޔައީ، ނޭވާގެ އަޑެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލި ޖިލްވާގެ ދެލޯ ބޮޑުވީ ކުރިމަތީގައި އިން މީހާ ފެނިފައެވެ. ނުލަފާ ގޮތަކަށް ހިނިތުންވެލައިގެން އެއިނީ އޭނައަށް ކުރިން ފެނިފައިވާ މީހެކެވެ. ރަނގަޅަށް ހަނދާންކޮށްލުމުން އެއީ ކާކުކަން ޖިލްވާއަށް އެނގިއްޖެއެވެ. ޖިލްވާ އެދުވަހު ބަޑި އަތުލީ އެމީހާގެ އަތުންނެވެ. ޖިލްވާ ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. އެކަމަކު، އޭނަގެ އަނގަމަތީގައި ވަނީ ފޮތިގަނޑެއް އައްސާފައެވެ. ދެއަތާއި ދެފައި ވަނީ، އިށީނދެގެން އިން ގޮނޑި އާއިއެކު ބަނދެފައެވެ. ޖިލްވާ ތެޅިފޮޅެން ފެށުމުން، އެމީހާ ކައިިރިވެލިއެވެ.

"މަންމާ!..." ޖިލްވާ އޭނާގެ ހިތުގެ އަޑިން ގޮވައިލިއެވެ. ދެލޯ ފުރައިލި ކަރުނަތަކުން ކޯތާފަތް ތެންމާލައިފި އެވެ.

ޖިލްވާ ދެލޯ މަރައި ބާރުކޮށްލުމާއިއެކު، ބައްޕަގެ ޖުމްލަތައް ކަންފަތް ކައިރީގައި ގުގުމަން ފެށިއެވެ.

"ކޮބާ ބަޑި؟..." ކޮރެއާ ބަހުން އެމީހާ ސުވާލު ކުރިއެވެ. "ކޮބާހޭ؟..."

އެމީހާ ކީ އެއްވެސް އެއްޗެއް ޖިލްވާއަކަށް ނޭނގުނެވެ. ދެލޯ ހުޅުވައިލަން ނުކެރުނު ތަނުގައި ގުޑިވެސްނުލައި ޖިލްވާ އިނެވެ.

"ފޯނުވެސް ފޮރުވައިގެންދޯ ތިއުޅެނީ؟... ކޮބާ ކަލޭގެ މަގުސަދަކީ؟... އަހަރެމެންގެ ވީޑިޔޯ ނެގީ ކީއްކުރަން؟... ކަލޭގެ ބޮސް އަކީ ކާކު؟..." އެމީހާ ސުވާލުތައް ކުރަމުން ދިޔައެވެ.

ރޮއެރޮއެ އިން ޖިލްވާ ސިހުނީ ބާރު އަޑުފަށްގަނޑެއްގެ އަޑު އިވުމުންނެވެ. އޭނަ ދެލޯ ހުޅުވައިލިއިރު، ކުރިމަތީގައި އިން މީހާ އޮތީ، ބިންމައްޗަށް ވެއްޓިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ވެއްޓިފައި އޮތް މީހާގެ ބޮލުގައި ލަކުޑިގަނޑުން ޖެހި ގޮތަށް ގަބުވެފައި ޒެނިލް ހުއްޓެވެ. ޒެނިލްއަށް ހަމަހޭވެރިކަންވީ ޖިލްވާ ތެޅެން ފެށުމުންނެވެ.

"އޯކޭތަ؟..." ޖިލްވާގެ އަތާއި ފައިގައި އައްސާފައިވާ ވާތައް މޮހާލަމުން ޒެނިލް ސުވާލު ކުރި އެވެ.

ޖިލްވާ ބޯ ޖަހައިލިއެވެ. ދެމީހުން އެކުގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ދެމީހުންނަށްވެސް ހުއްޓެން މަޖުބޫރުވީ، މަގުމަތީގައި ހުރި މީހާ ފެނިފައެވެ. އިސްކޮޅުން ދިގު ބިޔަ މީހެކެވެ. އެމީހާގެ ކައިރީގައި ޒެނިލް ހީވަނީ، ފިޔޮކެއް ހެންނެވެ. އެމީހާ ހުރީ ޒެނިލްއަށް ބަލާށެވެ. ހީވަނީ އެތަނުން މީހަކު ފިލާފާނެތީ ފާރައަށް ހުރި މީހެއް ހެންނެވެ. ޒެނިލް ތައްޔާރުވެލިއެވެ. އަތްކުރި އޮޅައިލިވެސް މެއެވެ. ދެއަތް މުށްކެވުމަށްފަހު، އެމީހާ އާއި ދިމާއަށް ދިއްކޮށްލިއެވެ. އެމީހާ ކުރިއަށް ޖެހިލުމާއިއެކު ޒެނިލް ސިހުނެވެ. ބާރަށް ހަޅޭއްލަވައިގަތެވެ. ޖިލްވާގެ އަތުގައި ހިފައިގެން ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ.

"ކޮންބައެއް އެއީ؟..." އެމީހާގެ ކައިރީގައި ހުރި އަންހެންމީހާ ސުވާލު ކުރިއެވެ.

"ނޭނގެ!... އަހަރެންގެ ގައިގަ ބިރުވެރި އެއްޗެއްގެ ވައްތަރު ޖެހީމަ، ބިރުން ކަންނޭނގެ އެ ދުވަނީ؟..." އެމީހާ ހީގަތެވެ.

"މާ ވަރަކަށްވިއްޔަ ތި ފަލަވަނީ؟..." އަންހެންމީހާ ދިމާކޮށްލިއެވެ. "އެކަމަކު، ފުލުހުންގެ ޔުނީފޯމުގަ ހުއްޓާވެސް، އެމީހަކު ބިރުން ދުވަންޖެހޭތަ؟..."

ދުވަމުން ގޮސް ޒެނިލް ހުއްޓުނީ މީހުން އުޅޭ ހިސާބަކަށް ގޮސްފައެވެ. ޒެނިލް ހަމައަކަށް އެޅުނީ، ޓެކްސީއެއް ހުއްޓުވައިގެން އެއަށް އެރުމަށްފަހުގައެވެ. ކާރުގައި ރަނގަޅަށް ހަމަޖެހިލާފައި ކައިރީގައި އިން ޖިލްވާއަށް ބަލައިލި ޒެނިލް ދިޔައީ ސިއްސައިގެންނެވެ. ޖިލްވާ އިނީ، އެއް ބުމަ އުފުލައިލި ގޮތަށް، މޫނަށް ވައްތަރެއް ޖައްސާލައިގެންނެވެ. ޒެނިލްގެ ފިނޑިކަމުން މަލާމާތްކުރާ ކަހަލަ އެވެ.

"ތިވަރުގެ ފިނޑިއެއް ދުވަހަކުވެސް ނުދެކެން..." ޖިލްވާ ތުން ފިއްތައިލިއެވެ. "އެތާ ހުރީ ފުލުހެކޭ... ޔުނީފޯމުވެސް ނުފެންނަ ވަރަށް ލޯ ސަކަރާތްވީތަ..."

ޖިލްވާ ހީގަތީ މަލާމާތްކުރާ ކަހަލަ ގޮތަކަށް ގަދަކަމުންނެވެ.

"ސަލާމަތް ކޮށްދިނީމަވެސް އަހަރެންތަ ގޯސްވީ؟..." ޒެނިލް ނުރުހިފައި ބުންޏެވެ. "އެހެން ނޫނަސް، ގޭންގް މީހުންވެސް ތިބޭ އިނގޭ ޔުނީފޯމުގަ..."

"ނުތިބޭނެ... އެހެންނޫނަސް، އަހަރެން ގެއިން ނެރުނީ ކާކު؟..." ޖިލްވާ ދެލޯ ހަނިކޮށްލިއެވެ. "ގެއިން ނެރުނު މީހާ ޒިންމާ ނަގަންވެސް ޖެހޭނެ..."

"ގޮތްދޫނުކުރާ އަންހެން ކުއްޖެކޭ..." ޒެނިލް ވާހަކަ ދެއްކީ ކޮރެއާ ބަހުންނެވެ.

"ކީކޭ ތިބުނީ؟... އޮއްޕާގަނޑާ، ބުނޭ..." ޖިލްވާ އިނގިލި ދިއްކޮށްފައި ބުންޏެވެ.

ޒެނިލް އެ އިނގިލި ކާލާކަމަށް ހެދުނެވެ. ޖިލްވާ ވަކީން ފޯރި ގަދަވިއެވެ. ދެމީހުން ކޯޅޭތަން ބަލަން ޑްރައިވަރު އިނީ ބޮލަށް އުނދަގޫވެފައެވެ.

ގެއަށް އައި މަގުމަތީގައި ޒެނިލް ބޭސްފިހާރައަކަށް ވަނެވެ. ދެތިން މަލަންްކޮޅު ގަނެގެން އައިސް ޖިލްވާގެ މޫނާއި އަތުގައި ހަލާކުވެފައި ހުރި ތަންތަނުގައި ބޭސް އަޅައިދިނެވެ. އެ ހުރިހާ ކަމެއް ކުރިއިރު، ޖިލްވާގެ ނަޒަރު ޒެނިލްގެ މޫނުން ވަކި ނުވެއެވެ. ހަރުކަށި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ސިފަތަކެއްވެސް ޒެނިލްގެ ކިބައިގައި ހުރިކަމަށް އޭނަ ޤަބޫލު ކުރިއެވެ.

ޖިލްވާ އައިސް ގެއަށް ވަނުމާއިއެކު، ޖުއާން އައި ނައިތަނެއް ނޭނގުނެވެ. ފެނުނީ ޖިލްވާގެ ކުރިމަތީގައި ހުއްޓައެވެ.

"ކިހިނެއްވީ؟... ކީއްވެ ބޭސްއަޅާފަ؟..." ޖުއާން ހާސްވެފައި ސުވާލު ކުރިއެވެ.

"ވެއްޓުނީ... ބޮޑު ކަމެއް ނޫން..." ޖިލްވާއަށްވުރެ ކުރިން ޖަވާބު ދިނީ، ޒެނިލް އެވެ.

ޒެނިލް މަޑުކޮށްލުމެއްވެސްނެތި، ސޯފާގައި އިން ދާއޫދުގެ ކައިރިއަށް ދިޔައެވެ. ޖުއާން އުޅޭގޮތުން ދާއޫދު އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޖިލްވާ އާއި ޖުއާން އައިސް ސޯފާގައި އިށީނުމުން، ދާއޫދު ޖިލްވާއަށް ވަރަށް ފުން ނަޒަރެއް ދިނެވެ.

"މިތަނުން މި އަންހެން ކުއްޖާ އާ ކައިވެނި ކުރަން އުޅެނީ ކާކު؟..." ދާއޫދުގެ ސުވާލާއިއެކު އެންމެންގެ މޫނުން ފެނުނީ ހައިރާންކަމެވެ. ކުރެވެން އުޅެނީ ޒެނިލްގެ ކައިވެނިކަން ދާއޫދަށް ރަނގަޅަށް އެނގޭނޭކަން އާއިޝާއަށް އެނގުނެވެ. ވީއިރު، އެ ސުވާލު ކުރުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އެންމެން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

"ޖުއާން އުޅޭގޮތުން ހީވަނީ، ކުރެވެން އުޅެނީ ޖުއާންގެ ކައިވެންޏެއްހެން!..." ދާއޫދު ތެދުވިއެވެ. "ބޮޑެތި މީހުންނަށް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަންޖެހޭނެ... މަންމާ!... އައިސްބަލަ..."

ދާއޫދުގެ ފަހަތުން އާއިޝާ ހިނގައިގަތެވެ. އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. ހަމްދަރުދީގެ ނަޒަރަކުން، ޖިލްވާއަށް ބަލައިލެވުނީ ޖުއާން އަށެވެ. ޖުއާން އިނީ އިސްޖަހާލައިގެންނެވެ. ޒެނިލްގެ ހިތް ފާޑަކަށް ތެޅެމުން ދިޔައެވެ. ކުއްލިއަަކަށް ބައްޕައަށް ވީ ގޮތަކުން ޖުއާން ވެސް އިނީ ވާނުވާ ނޭނގިފައެވެ. އޭނަގެ އުޅުމަށް ފާޑުކިޔަންޖެހޭފަދަ ގޮތަކަށް އޭނަ ޖިލްވާ އާއިމެދު ކަންތަކެއް ނުކުރެއެވެ. ވީއިރު އެފަދަ ގޮތަކަށް ފާޑު ކިޔާ އެކަން ބޮޑުކޮށްލީ ކީއްވެ ހެއްޔެވެ؟ ޚާއްސަކޮށް ޖިލްވާގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓުނުހެން ހީވެ، ޖުއާންގެ ހިތުގައި ޖެހުނެވެ. ޖިލްވާ ފެނުނުފަހުން ދާއޫދަށް ބަދަލުތަކެއް އައިސްފިކަން އެންމެނަށްވެސް އެނގުނެވެ. އެކަމަކު ނޭނގުނީ، އެއީ ކޮންކަހަލަ ބަދަލެއް ކަމެވެ.

(ނުނިމޭ)

comment ކޮމެންޓް