އިމްޕޯޓް، އެކްސްޕޯޓް އަދި ދައުލަތަށް ލިބުނު އާމްދަނީވެސް ދަށަށް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރުކުރި އެކްސްޕޯޓުކުރި މުދަލުގެ އަގު ދަށްވެ، ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 2.9 ބިލިއަނަށް ދަށްވެފަ އެވެ. އެއީ، 24 ޕަސެންޓްގެ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، ޗައިނާ އަދި އޮމާން އެވެ. ޔޫއޭއީއިން 386 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 365 މިލިއަން އޮމާންއިން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން ބޭރުކުރި ނުވަތަ އެކްސްޕޯޓުކުރި މުދަލަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވެސް ވަނީ، 25 ޕަސެންޓް ދަށްވެފަ އެވެ.

އެގޮތުން، ނިމުނު ޖެނުއަރީ މަހު 316 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 420 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އިނގިރޭސިވިލާތަށެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު 12 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 240 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް