ވީއޭއާރު އޮތީ ނިދާފައި، ކޮފީ ދީގެން ވެސް ހޭލައްވަން ޖެހޭ: ސޮލްޝަޔާ

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ --- ފޮޓޯ//އޭޕީ

ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ބްރޯމް ބައްދަލު ކުރި މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ރޫމުގައި ތިބި މީހުން ތިބީ ނިދާފައި ކަމަށާއި، އެމީހުންނަށް ކޮފީ ދީގެން ވެސް ހޭލައްވަން ޖެހޭ ކަމަށް ބުނެ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ ފާޑު ކިޔައިފި އެވެ.

ރޭ ރަށުން ބޭރުގައި ތާވަލުގެ 19 ވަނައިގައި އޮތް ވެސްޓް ބްރޯމްއާ ދެކޮޅަށް ކުޅުނު ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑާއި ލެސްޓާ އަށް ވެސް 24 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މިވަގުތު އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކުރާއިރު އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ރޭގެ މެޗު ފަށައިގެން ދެވަނަ މިނަޓުގެ ތެރޭގައި ވެސްޓް ބްރޯމްއިން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުން ޖެހި ގޯލުގައި ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓަރ ލިންޑެލޯވްއަށް ފައުލުކޮށްފައިވާ މަންޒަރު ފެންނަ ނަމަވެސް ރެފްރީ ވަނީ އެ ގޯލު ރަނގަޅު ކަމަށް ނިންމާފަ އެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ މިޑްފީލަޑަރު ބްރޫނޯ ފަނަންޑޭޒް އެވެ. އެއަށްފަހު ދެވަނަ ހާފުގެ ތެރޭގައި ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ދިނުމަށްފަހު ރެފްރީ ވަނީ ފަހުން އެ ނިންމުން ބަދަލުކޮށްފަ އެވެ.

ވެސްޓް ބްރޮމް މޮޅުކޮށްދޭން ޑިއާންގް އަށް ލިބުނު ދެ ފުރުސަތު ނަގާލިއިރު، ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި މެގުއާ ފޮނުވާލި ބޯޅަތައް ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯންސް ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ސޮލްޝަޔާ ބުނީ މެޗުގައި ޔުނައިޓެޑަށް ލިބުނީ ހައްގު ޕެނަލްޓީއެއް ކަމަށާއި، އިންސާފުވެރި ނިންމުންތަކެއް ނިންމުން މުހިއްމު ކަމަށެވެ. އަދި އިންސާނަކަށް ވީތީ ވަގުތުން ވަގުތަށް ނިންމާ ނިންމުމުގައި މައްސަލަތަކެއް ޖެހިދާނެ ކަމަށާއި، އެކަމަކު ވީއޭއާރުގެ އެހީގައި އެތައް ފަހަރަކު ވީޑިއޯ ބަލާފައި ނިންމާ ނިންމުމުގައި މައްސަލަތައް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަންނަށް ހީވަނީ ވީއޭއާރު އޮފީސް ތެރޭގައި ބަޔަކު ނިދާފައި ތިބިހެން. ކޮންމެސް މީހަކު އެމީހުންނަށް ކޮފީ ދީގެން ވެސް ކޮޅަށް ބައިތިއްބަން ޖެހޭ." ސޮލްޝަޔާ ބުންޏެވެ.

comment ކޮމެންޓް