ކެލާ އިން ޓޫރިޒަމަށް އިތުރު ބިން ދޫކުރަނީ

ކެލާ ފަޅުތެރެ--- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ/ ފޭސްބުކް

ހއ ކެލާގައި ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހިންގުމަށް އެރަށުން އިތުރު ބިން ދޫކުރަން ނިންމައިފި އެވެ.

ކެލާ އިން ޓޫރިޒަމަށް ބިން ދޫކުރަން ނިންމައި އެކަމުގެ އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީ އާއި އެރަށު ކައުންސިލާ ދެމެދު މިއަދު ވަނީ އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން އެވެ.

ކެލާ އިން ޓޫރިޒަމަށް އިތުރު ބިން ދޫކުރެވުމަކީ އެރަށުގައި ޓޫރިޒަމް ކުރިއަރުވައި ރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެގޮތުން ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވި ރަށުގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްގީވެ، ފުޅާވުމަށް މިއީ ފުރުސަތެއް ކަން ކައުންސިލުގެ ރައީސް ފާހަގަ ކުރެއްވި އެވެ.

ކެލާ އިން ޓޫރިސްޓުު ހޮޓާ އަދި ގެސްޓްހައުސް ތަރައްގީ ކުރުމަށް 14 ބިމެއް ދޫކުރާނެ އެވެ. އޭގެ ތެރޭގައި 5،000 އަކަފޫޓުގެ 12 ބިމަކާއި 10،000 އަކަފޫޓުގެ ދެ ބިމެއް ހިމެނެ އެވެ.

އަލަށް ދޫކުރާ ބިންތައް ތަރައްގީ ކުރަން މި މަހުގެ ތެރޭ ބީލަމަށް ހުޅުވާލާނެ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.

ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅަން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު ހިމެނޭ ގޮޮތަށް ވަނީ މީގެ ކުރިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއަރަމުންދާތަން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކެލާ އިން ޓޫރިޒަމަށް އިތުރު ބިން ދޫކުރާއިރު، އައްޑޫ ސިޓީ އިން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ބިޑު ކާމިޔާބު ކުރި ފަރާތްތަކަށް ލިޔުން ހަވާލުކުރުމާ ހަމައަށް މިހާރު ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކެލާގައި ޓޫރިސްޓު ހޮޓަލާއި ގެސްޓްހައުސް އަޅައި ތަރައްގީ ކުރެވިގެންދާއިރު މިއީ އެރަށަށާއި މުޅި ތިލަދުންމައްޗަށްވެސް ކުރިއެރުން އަންނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް