ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފި

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަނު ކުރި އަންހެން ދެ ސިފައިން -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއާ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފިއެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރައްވާފައި ވަނީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ އިބްރާހީމެވެ.

މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަހުސީނާ އިބްރާހީމަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާއެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް އެކުލަވަލާ މަޖިލީހެކެވެ.

އެ މަޖިލީހަށް މެންބަުން އައްޔަނު ކުރަނީ ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން ޑިފެންސް މިނިސްޓަރެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.

މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ހަމައެކަނި މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާއާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެން ވެއެވެ.

comment ކޮމެންޓް