"ދިރިއުޅުމުގައި މުސީބާތްތަކާއި ހިތްދަތިކަންތައް ކުރިމަތިވާހިނދު ލޯ މަރާލާފައި ފުން ނޭވައެއްލުމަށްފަހު ﷲއަށް ދުޢާކުރާށެވެ. ވަކީލުކުރާށެވެ. އެފަދަ ކޮންމެ ކަމަކީ އިމްތިހާނެއްކަމުގައި ދަނެ ކާމިޔާބަށް އެދި ދަންނަވާށެވެ. ގިނަގިނައިން ﷲއަށް ޒިކުރުކުރުމުން ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭނެއެވެ."

***

"ކައިޔާން. މިސްޓަރ އަލީ ޚާންގެ ސުވާލަށް ޖަވާބުދީ........" ރެއިނާ ކުޑަކޮށް ހޭންފެށިއެވެ.

"ތިއީ ތެދުކަމަށް ވަންޏާ މި ކައިވެންޏެއް ނުކުރެވޭނެ...." އަލީ ޚާންގެ މޫނުމަތި ރަތްވެއްޖެއެވެ.

ކައިޔާން އެއައިގޮތަށް އޭނަގެ މޭމަތީގައި އަޅާ ކޮށްޕާލައިފިއެވެ. އޭނަގެ މެޔަށް ވީ ތަދުން މޫނަށް އަނދިރި ނުވީ ހަމަކިރިޔާއެވެ. ރުޅިއައިސް ރަތްވެފައި އޭނަ ކައިޔާންގެ މޫނުގައި ވަކިތައް އަޅާ ނޮޅާލައިފިއެވެ. އަތުބުރު ނޭގޭވަރަށް މޫނުމަތީ ތަޅާ ލޭ އޮހޮރުވާލައިފިއެވެ. ވަރުގަދަ ރީތި އިސްތަށިގަނޑުގައި ހިފާ ދަމައިގަތްއިރު އެއީ ޖަހާފައި ހުރި ވިގެކެވެ. އެ ވިގު އަތަށް އައުމުން ރެއިނާއަށް ކައިޔާންގެ އެހާ ރީތި އިސްތަށިގަނޑުގެ ހަގީގަތް އެނގުނެވެ. ކައިޔާންގެ ބޮލުގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. އެންމެން ރީތިވާ އުކުޅަކީ މިއީއެވެ. މުޅިންވެސް މަސްނޫއީ އެއްޗެހިތާއެވެ.

"ކައިޔާން. އެއްބަސްވޭ. ހަގީގަތް މުޅި ދުނިޔެއަށްވެސް އިނގެން ޖެހޭނެ. ގަޓެއް ނެތީތަ؟ ހާދަ ފިޑިއޭ........" ރެއިނާ ބާރަށް ހީގަތެވެ.

"އޯ އައިމް ސޮރީ ރެއިން. އަހަރެން ސަޖަލްއާއި ކައިވެންޏެއް ނުކުރާނަން. އަހަރެން ބޭނުމީ ރެއިންއާއެކު އުޅެން. އަހަންނަށް މާފުކުރޭ. އަހަރެން ދެވަނަ އަންބެއް ބޭނުމެއްނޫން. ރެއިން އެހެދީ ތެދެއް. އަހަރެންގެ ފަސްޓް ލަވްއަކީ އަދި އަންހެނުންނަކީ ރެއިން.............." ކައިޔާން ރެއިނާ ގެ ފައިބުޑަށް ވެއްޓި ރޮނީއެވެ. އެންމެން އާގަމަވެފައި ބަލަން ތިބިތަން ފެނުމުން ރެއިނާ އުފަލުން ފޮޅުނެވެ.

ރެއިނާއަށް ލޯ މަރައިލެވުނުއިރު ހަށިގަނޑަށް ލުއިވެ ވައިރޯޅިއާއެކު މަޑުމަޑުން އުދުހެވުނުހެން ހީވިއެވެ. ހިތް އާސްމާނުގައި އުދުހެނީއެވެ. މީހަކު އުފާވާނީ އެހާވަރަކަށެވެ.

"ތެންކިއު ކައި.........." ރެއިނާ ދެއަތް ކޮލުގައި ޖައްސާލަމުން ލޯ ހުޅުވާލައިފިއެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެއެވެ.

ކައިޔާން އޮތީ އޭނަގެ ފައި ބުޑަކު ނޫނެވެ. ސަޖަލްގާތުގައެވެ. ކުރިންވެސް އިން ތަނުގައެވެ.ކައިޔާންގެ އިސްތަށިގަނޑުވެސް އޮތީ ރީތިކޮށެވެ. އޭނަ ދަމައިގަތް ވިގު މިހާރު އަތު ތެރެއަކު ނެތެވެ. ކައިޔާންގެ މޫނުމަތިން ލޭ އޮހޮރުވާލާފައެއްވެސް ނެތެވެ. އެދެކުދިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެކުދިން އެކަންޏެއް ނޫނެވެ. އާއިލާއާއި އެކުވެރިންވެސް އުފާކުރަނީއެވެ. މަރުހަބާ ކިޔަނީއެވެ. ކައިޔާންއާއި ސަޖަލްގެ ކައިވެނި ކުރެވި ނިމިއްޖެއެވެ.

އޭނައަށް ކައިޔާން ބޭޒާރުކޮށް ލަދުގަންނަވައިލެވުނީ އޭނަގެ ޚިޔާލުގައެވެ. އެއީ ސިކުނޑި އޭނަައަށް ދައްކާދިން ހުވަފެނީ މަންޒަރެކެވެ. ޚިޔާލުގައި އެހުރިހާ ކަމެއްކުރިޔަސް އެފަދަ އަމަލެއް ހިންގައިލަން ކެރޭވަރަށްވުރެ އޭނަ ފިޑިއެވެ. ނޫނީ އެހާ ގޯސްކުއްޖަކަށް ވާން ބޭނުން ނުވީއެވެ. އެންމެންގެ މެދުގައި ކައިޔާން ބޭޒާރުކޮށްލަން ބޭނުންނުވީއެވެ. ބޭޒާރުކުރިނަމަ މިއަދު ހަގީގަތުގައިވެސް ކައިޔާންއާއިމެދު އެތައް ބަޔެއްގެ ހިތުގައި ޝަކުވާ އުފެދި ހިތް ނުބައިވީހެވެ. ސަޖަލް މާފުދިނަސް އެހެން މީހުން އެހާ ހިތް ހެވެއްނުވާނެއެވެ. އަދި ކައިޔާންގެ މަންމަމެންގެވެސް އެތައް ސުވާލެއް އަމާޒުވާނެއެވެ. ކައިޔާންއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާގެ ބޭބެއެވެ. ދެން ހުރީ ސަޖަލްއެވެ. ސަޖަލްވެސް އޭނައަށް ނުބަޔެއް ނޫނެވެ. ވީއިރު އެހާ ނުބައި ނުލަފާ ކުއްޖަކަށް ވާހާ އަމިއްލަ އެދުން ބޮޑެއް ނޫނެވެ.

ކައިޔާން ސަޖަލްއަށް ބަލަނީ ހާދަ ލޯބިންނެވެ. ތަފާތު ނަޒަރަކުންނެވެ. އެންމެ ރަގަޅެވެ. އޭނައާއި ކައިޔާންގެ ކައިވެނީގެ ދުވަހުވެސް އެފަދަ ޚާއްސަގޮތަކަށް ކައިޔާން އޭނައަށް ބަލާލާފައެއް ނުވެއެވެ. އޭނަގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑެއް އުފެދުނެވެ.

އޭނައަށް ސަޖަލްއަށް ވުރެ ރީއްޗެއް ނުވެވޭނެއެވެ. އެކަމަކު ކާމިޔާބު ކުއްޖަކަށް ވެވިދާނެއެވެ. ސަޖަލްހާ މުއްސަދި މީހަކަށް ނުވެވޭނެބާވައެވެ. ނޫނެކެވެ. މުއްސަދި ބައިވެރިޔަކު ލިބިއްޖެއްޔާ އެކަން ހާސިލުވެދާނެއެވެ. ނަމަވެސް އެހެން މީހަކާއި އިނުމުގެ ހިތްވަރެއް ނެތެވެ. ދުވަހަކު އެހެން ފިރިހެނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. އެނގެނީ ކައިޔާން އޭނަގެ ހަޔާތުން ބީވެގެން ހިގައްޖެކަމެވެ.

"ރެއިން....ޑޯންޓް ވޮރީ.." ގަޒަލް ރެއިނާގެ އަތަށް ފިތައިލިއެވެ.

"ޖީޖީ....އަހަރެން ވަރަށް ވަރުބަލިވެއްޖެ.."ރެއިނާގެ ހިތުގައި ހާދަ ވަރަކަށް ރިއްސާލައިފިއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ.

"އެއްޗެއް ކައިލީމަ ރަގަޅުވާނެ. ކެތްކޮށްލާ. ރެއިނާ ކިޔާދެމެއްނު ކަލާމްފުޅުގައި ކެތްތެރިކަމާއި ބެހޭގޮތުން އޮންނަ ވަރަށް ރީތި އާޔަތެއް. ހަދާން އެބަހުރިތަ؟ " ގަޒަލް އެހިއެވެ.

ރެއިނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ އެންމެނަށް ސިއްރުން ފޮހެލައިފިއެވެ.

ގަޒަލްއާއި ރެއިނާ ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވިއެވެ. ފަނޑު އޮރެންޖް އަލިކަމުގެ ތެރެއިން ގަޒަލް ކަންނޭލުގައި ބައްދާލައިގެން އޮވެފައި ރެއިނާއަށް ނަޒަރު ހުއްޓާލައިފިއެވެ. ރެއިނާ ރަޖާގަނޑު ތެރޭ ފޮރުވިގެން އޮވެ އެކިގޮތްގޮތަށް ފުރޮޅުނެވެ. ނުނިދިގެން އުޅޭފަދައެވެ.

"ރެއިން....ވާހަކަދެއްކީމަ ހިތަށް ހަމަޖެހުމެއް ލިބޭނީ..."

"އެ ޗެޕްޓާވެސް ނިމިއްޖެ. އެކަމަކުވެސް އަލްހަމްދުލިﷲ. ސްޓްރެސްވާނެ ކަމެއްނެތް ދޯ..ﷲއަށް ހަމްދުކޮށްފައި ދެއްވާފައި ހުރި ނިއުމަތްތައް ގުނަން މިފެށީ. މިކާ ނެތީމަ ދުނިޔޭގެ އުފާތަކާއިހެދި މިވަރަށް ތެޅެނީ ކީއްވެކަމެއް ނޭގޭ.." ރެއިނާ ފުންމަިއގެން ތެދުވެ އިށީދެއްޖެއެވެ. އަދި ގަޒަލްއާއި ދިމާލަށް ބަލައިލިއެވެ." ޖީޖީއަށް ނުވެސް ވިސްނޭނެ. ޓީން ޕްރެގްނެންސީއަކުން ގޮސް އެކަނިމާއެކަނި ދަރިއަކު ބަލަމުންގޮސް އެ ތުއްތު ދަރިފުޅުގެ ކުއްލި ވަކިވުމުން ކުރި އަސަރުތަކާއި އެންމެފަހުން ދަރިފުޅުގެ ބައްޕައާއި ދިމާވުމުން ކަންތައް ހިނގިގޮތުން ހިތަށް ވީގޮތް ހަމައެކަނި ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. މިހެން ހުރެވޭނީ ވަރަށް ހިތްވަރުގަދަވީމަ. މިރޭ އަޒުމް ކަނޑައަޅައިފިން ދިރިއުޅުމުގެ ކޮންމެ އިމްތިހާނަކާއި ކެރިގެން ކުރިމަތިލާން. ސަބަބަކީ ލިބުނު ހިތާމަތަކުގެ ސަބަބުން ހިތްވަރުގަދަ މީހަކަށް ވެވުނީތީ. ތާޒާ ފެށުމަކުން ފަށަންވީ. އިރާދަކުރެއްވިއްޔާ ޑޮކްޓަރަކަށްވާނަން. އަދި ދީނީ އިލްމު އުނގެނި ހާފިޒަކަށް އަދި ގާރީއަކަށްވެސް ވާނަން އިންޝާﷲ.........."

ގަޒަލްއާއި ރެއިނާ އަތާ އަތް ޖެހިއެވެ.

***

ކައިޔާންއާއި ސަޖަލް ހަނީމޫނަށް ފުރީ ރާއްޖެއަށެވެ. ހަނީމޫން ހޭދަކުރަނީ ރާއްޖޭގެ ރިޒޯޓެއްގައެވެ. ރެއިނާ ނުބަލަން ހުއްޓަސް އިންސްޓަގްރާމް ހާވައިލެވެއެވެ. ސަޖަލް ލާފައި ހުންނަ ފޮޓޯތައް ރީތިކަމުން އަސަރުވެސް ކުރެއެވެ. ފެންކަޅިވެއެވެ. ހިތަށް ކުރާ އަސަރުތަކަށް ލުޔެއް ހޯދަން އޭނަ ކުރިމަތިލަނީ ހެއްދެވި ފަރާތަށެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމަށްފަހު ޒިކުރުކޮށް އޭނަ ކްލާހަށްގޮސް ކިޔަވައެވެ. އަދި ޗެނެލް ކުރިއަރުވަން މަސައްކަތްކުރެއެވެ. އޭނަގެ ފޭނުން ގިނަވެ ތަރުހީބު ލިބެންފެށިއެވެ. ބައެއްފަހަރު ހިތް މަރުވާފަދަ އެއްޗެހި ލިޔެފައި ހުއްޓަސް ގިނައީ ހިތްވަރު ދޭ މީހުންނެވެ. ގަޒަލްއަށް އެހީތެރިވެ ވަގުތުދެއެވެ. އެހެން އުޅެމުން ބަދިގެއަށް ވަދެ މީރުކޮށް ކައްކަން ދަސްކޮށް ގޭތެރެ ސާފުކުރުމުގައި އަވަދިނެތި އުޅުމުގެ ސަބަބުން ހިތާމަ ކުރަން އަދި ވިސްނާނެ ވަގުތެއް ނުލިބެއެވެ.

***

ސުފްޔާންއާއި ސަބީނާ ނަމާދުކޮށް ނިމިގެން ސަބީނާ ނަމާދު ދޮޅި ބާލައިފިއެވެ. މުސައްލަ ފަށް ޖެހުމަށްފަހު ތެދުވުނުއިރު ސަބީނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަ ފެންނާން ހުއްޓެވެ.

"ސަބާ. އަހަރެން ބުނީމެއްނު މިލާންއާއި ގަޒަލްގެ ކައިވެންޏަށް ދުވަހަކު އެއްބަސްނުވާނަމޭ. އެކަމަކު މިހާރު ޚިޔާލު ބަދަލުވެއްޖެ......" ސުފިޔާން ސޯފާގައި އިށީދެފައި ސަބީނާއަށް ބަލައިލީ ހިނިތުންވަމުންނެވެ.

"އެއީ ކީއްވެ؟ "

"ކުރިން އަހަރެން މައިންބަފައިންދެކެ ލޯބިވުމާ އެ މާތް ގުޅުމާއި އެމީހުންގެ ވަސިއްޔަތްތައް ފުރިހަމަކުރުންފަދަ އެއްވެސް ކަމަކާއިމެދު ވިސްނާލާފައެއްނެތް. މިހާރު އަހަންނަށް މައިންބަފައިންގެ މާތްކަމާއި އެމީހުންނަށް ހެޔޮކޮށް ހިތަންޖެހޭ މިންވަރު އެނގިއްޖެ. އަހަރެންގެ މަންމަ ނޫނީ ބައްޕަ އަހަންނަށް ވަސިއްޔަތެއް ކޮށްފިއްޔާ ދަރިޔަކު ގުރުބާން ކުރަން ޖެހުނަސް ކުރާނަން. ވީއިރު ސަބާ އެކަމާއިމެދު ވިސްނާނެވަރު އެނގުނީ. ތިއީ ދަރިފުޅުގެ މަންމަ. ސަބާ އެގޮތަށް ނިންމާނީ ކިހާ ވަރަކަށް ބައްޕައަށް އިހުތިރާމް ކުރާތީ. މަރުވަމުން އެދުނު ކަމެއް ކޮށްނުދީފިއްޔާ އެބުނާހެން ދުވަހަކު އެކަން ހިތުން ނުފިލާނެ. ބައްޕަ އެގޮތަށް ވަސިއްޔަތް ކުރާނީ އަހަރެމެންނަށް ނުވިސްނުނު ކަމެއް އެނގިފައި އޮތީމަ. ވީއިރު ސަބާ ބުނިފަދައިން ކައިވެނި ކުރުވާފައި އެހެން ތަނަކަށް ބަދަލުވަމާ................." ސުފިޔާން ގެ ޖުމްލަތަކުން ސަބީނާގެ ހިތުގައި ގަނޑުފެނުން ފިރުމައިލެވުނު ފަދައެވެ. ހިތަށް އަޖައިބެއްފަދަ ފިނިކަމެއް ލިބިއްޖެއެވެ.

"އަލްހަމްދުލިﷲ. އިރާދަކުރެއްވިއްޔާ ޖީޖީއަކަށް ދެރަގޮތެއް ނުވާނެ..." ސަބީނާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.

"ހޫމް. އަހަރެން ދުވަހަކު މިލާންއަށް މާފު ކުރާކަށް ބޭނުމެއްނޫން. އެކަމަކު މަންމައާއި ބައްޕަ ގެ ފަރާތުން ފިލާވަޅެއް ލިބިއްޖެ. މާފުކުރުމާއި މާފަށް އެދުމަކީ ކިހާވަރެއްގެ ކަމެއްކަން ދަސްވެއްޖެ. ބައެއްފަހަރު އަމިއްލަ ދަރިފުޅުގެ ގާތިލަށްވެސް މާފުދޭފަދަ ހިތްވަރުގަދަ މީހުން ދުނިޔޭގައި އެބަތިބި."

"މިލާން ދިޔަތަނެއްވެސް ނޭގޭ."

"ޢެކަން އަހަރެމެން ބަލާކަށް ނުޖެހޭ."

"މިލާން ނުކިޔަވާ ހުރި މީހެއްކަމަށް އަހަރެމެން ހީކުރިއިރު ބައްޕަ ބުނިގޮތުން މިލާން ޖަރމަނީއިން މެޑިސިން ހަދައިގެން އަދި ހޮބީއަކަށް ސޮފްޓްވެއާ އެއްޗެހި އުފައްދާ ވިއްކައިގެން ފުދޭވަރަކަށް އާމްދަނީ ހޯދަން ފަށައިފި. އެ ސިއްރު ބައްޕަ ބުނުމުން ހައިރާންވި. އެހާވަރަށް އެންމެން މަލާމާތްފަށެއް ކޮށްލާއިރު ކެތްގަދައެއް ނޫންތަ؟ އަމިއްލަ ބިޒިނަސްއެއް ފަށާށޭ އުޅެނީ. ބައްޕަމެން ދެކޭގޮތުން ޖީޖީއަށް އެހާ ރަގަޅު ފިރިއެއް ނުލިބޭނެ."

"މަންމަ ބުނި އެ ޚާންދާނުގައި ރަގަޅު ޒުވާނުން ތިބޭނެއޭ.." ސުފިޔާން ކުޑަދޮރު ކައިރީ ހުއްޓި ދެއަތް އަޅުވައިލިއެވެ.

"އަދި ފަހުން ޖީޖީއަށް އެފަދަ ރަގަޅު ބައިވެރިޔަކު ލިބިދާނެ. ބައްޕަގެ ވަސިއްޔަތް ފުރިހަމަކޮށްފައި...." ސަބީނާ ސުފްޔާންގެ އަތްމަތީ އަތް ބޭއްވިއެވެ.

***

މިލާންއާއި ގަޒަލްގެ ކައިވެނި ކުރެވުނީ ހަމައެކަނި ސުފިޔާންއާއި ސަބީނާ އަދި ކުދިންނާއި ސިއެރާއާއި ލިވާއީގެ ހާޟިރުގައެވެ. އެތަނުގައި ނެތީ ކައިޔާންގެ ދެމަފިރިންނެވެ. އަދިވެސް އެމީހުން ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި މާމުއި ހަނދުގެ އުފާތައް ހޯދަނީއެވެ. އެރީތި ހަދާންތައް ދުނިޔެއާއި ހިއްސާކުރަމުންނެވެ. މިލާން ފިޔަވާ އެންމެންގެ މޫނުމަތި ބަނަވެފައެވެ. ގަޒަލްގެ ލޮލުން ޝުއޫރެއް ފައުޅެއްނުވެއެވެ. މިކައިވެނީގެ މަގުސަދު އޭނައަށް އެނގެއެވެ. މިއީ މާނައެއްނެތް ނަމެއްގައި ކުރެވުނު ކައިވެންޏެކެވެ. ކައިވެންޏަށްފަހު އޭނަ މަންމަމެންނާއެކު ޔޫކޭއަށް ފުރަން ޓިކެޓްނަގާ ވިސާވެސް ޖައްސައިފިއެވެ. ގަޒަލްއާއި ރެއިނާވެސް ޔޫކޭއަށް ބަދަލުވަނީ ކިޔެވުމަށެވެ. ދެފައި ބޭކާރު ނަމަވެސް ތައުލީމު ހާސިލުކޮށް ކުރިމަގު އުޖާލާކުރުމަށް ގަޒަލްވެސް އަޒުމް ކަނޑައެޅިއެވެ.އެކަކު އަނެކަކުގެ ފަރާތުން ހިތްވަރު ހޯދަމުން މެޑިސިން ހަދަން ލިބުނު ފުރުސަތު ދެކުދިންވެސް ބޭނުންކުރިއެވެ. ރެއިނާއަށް އެ ފުރުސަތު ލިބުނީ ގަޒަލްއާއި ހެދިއެވެ.

***

ރެއިނާ ގަޒަލްގެ ފުރޮޅުލީ ގޮނޑި ދުއްވަމުންގޮސް އެނެޓޮމީ ލެބަށް ވަނެވެ. މެޑިކަލް ކޮލެޖްތަކަށް ހަދިޔާކޮށްފައިވާ ހަށިތައް ރެއިނާ ގަޒަލްގެ ސްކްރަބް ލައްވަން އެހީތެރިވެދިނެވެ. އެންމެންގެ ނަޒަރު ރެއިނާއަށް ހުއްޓުނެވެ. އެންމެ ގާތް އެކުވެރިޔާއަށްޓަކާ އެކުއްޖާ ވާ ގުރުބާނީ ފެނި އެ ގުޅުމަށް ތައުރީފު ކުރެއެވެ.

"އަހަރެމެން ދެމީހުން އަބަދު ޕާޓްނާސްއަށް މިވަނީ.މިތާ މިދުވާ ޑިސްއިންފެކްޓެންޓް ސްމެލް ޖެހުނީމަވެސް އަނބުރައިގަންނަ ގޮތް އެބަވޭ....." ރެއިނާ ނޭފަތް ގުރުޑުކޮށްލިއެވެ.

ކެމިކަލް ބޭނުންކޮށްގެން ކުނިނުވާގޮތަށް ރައްކާކޮށްފައިވާ ހަށިތައް ދަގަނޑު މޭޒުތައް މަތީގައި ބަހައްޓާފައި ހުދު ފޮތިތަކުން ނިވާކޮށްފައެވެ. އެމީހުންގެ ހަށިތައް ސައިންސްގެ ބޭނުންތަކަށް ހަދިޔާކޮށްފައި ދުނިޔެއާއި ވަކިވެގެން ދިޔުމުން އެކަމުން އެތައް ފައިދާތަކެއް ކުރެއެވެ. އެންމެންގެ ބޯ ބާލާފައި ކެމިކަލުން ކުލަ ބަދަލުވެފައިވާއިރު އެއީ ކާކުކަން އޮޅުމެއް ނުފިލާނެއެވެ. ޕްރޮފެސަރު މޭޒުމަތީ ބާއްވާފައިއޮތް މުސްކުޅި އަންހެނެއްގެ ބަނޑު ފަޅާލާފައި ގުނަވަނެއް ނެގިއެވެ.

"އެ ޓިއުމާގެ ސަބަބުން ޓިޝޫތައް މަރުވެ ހަރުވެ ދަގަނޑު ގަނޑަކަށް ވެފައި މިއޮތީ..."

"އައުޗް...." އެކަކު ބުނެލިއެވެ.

"ފުރާނަނެތް ހަށިގަނޑަކަށް ގެއްލުން ދޭންވީމަ އުދަގޫ އެބަވޭ. ސަރ އަޅުގަނޑުމެންވެސް މި މަސައްކަތް ކުރަން ޖެހޭނެތޯ...." އެހެން ކުއްޖަކު މޭގައި އަތް ކާއްތާލިއިރު މޫނުމަތިން ހާސްކަން ފެނުނެވެ. އެކުއްޖާވެސް ދެންމެ ދެންމެ އަނބުރައިގެންފާނެ ފަދައެވެ.

ކުއްލިއަކަށް އެއްޗެއް ބިންމަތީ ޖެހުނު އަޑަށް އެންމެން އެނބުރި ބަލައިލިއިރު ރެއިނާ އޮތީ ބިންމަތީގައެވެ. މޫނު އެއްކޮށް ހުދުވެފައެވެ. ގަޒަލް އަނގަމަތީ އަތް އަޅައިގެން އިނދެފައި ހޮޑު ދުއްވާލައިފިއެވެ. އެހެން ކުދިންނަށްވެސް އެފެނުނު މަންޒަރުން އުދަގޫވެފައި ތިބިކަން އެނގެއެވެ. ޑޮކްޓަރުކަން ކިޔަވާ ކުދިންނަށް މިފަދަ މަންޒަރުތައް ފެނުމުން އޭގެ ނުބައި އަސަރުކޮށް އެކަމަށް ހޭނެން ވަގުތު ނަގާނެއެވެ.

ފުރަތަމަ ފަހަރަށް އެފަދަ މަންޒަރެއް ފެނުމުން ޑޮކްޓަރަކަށްވުމުގެ ހުވަފެން އެއްކޮށް ދޫކޮށްލަން ބޭނުންވިއެވެ.

ރެއިނާއާއި ގަޒަލް ގަހުގެ ހިޔަލުގައި އިށީދެލައިގެން ތިބިއިރު ދޫނިތައް ލަވަ ކިޔާ އަޑު ފަޒާގައި ހަރުލާފައިވެއެވެ. އެއްވަރަކަށް ކޮށާލާފައިވާ ފެހިކަން ގަދަ ވިނަތަކުގެ ތާޒާ މީރުވަހާއެކު ހުރިހާ ދިމާލަކުން ފެންނަނީ ކުލަ ކުލައިގެ މާތަކެވެ. ދިގު ގޮނޑިއާއި ޖެހިގެން ފުރޮޅުލީ ގޮނޑި ބަހައްޓާފައި ހުރިއިރު ގޮނޑިމަތީގައި ދެތިން ފޮތެއް އޮތެވެ. ރެއިނާ އެނޮޓޮމީ ފޮތެއް ހުޅުވާލައިގެން ގަޒަލްއަށްވެސް ކިޔާދެމުން ދިޔައެވެ. ދެކުދިން އެއްކޮށް ފިލާވަޅު ދަސްކޮށް އެސައިންމެންޓުތައް ހަދައެވެ. ކިޔަވަމުންވެސް ނަމާދަށް ފަރުވާތެރިވެ ގުރުއާން ޗެނެލްގެ މަސައްކަތް ބަރާބަރަށް ކުރެއެވެ.

"މިރޭ ނުވެސް ނިދޭނެ." ގަޒަލް ބުނެލިއެވެ.

"ދެރަވެގެންގޮސް ހަލާކުވި..އެހާ ބިރުވެސްގަތް." ރެއިނާވެސް އެއްބަސްވިއެވެ."މުސްލިމުންގެ ހަށިތައް ސައިންސް ރިސާޗަށް ދޫކުރުން ހުއްދައެއްނޫން ދޯ. އެވެސް ނަސީބެއް. ގުނަވަންތައް ޑޮނޭޓްކުރުން އެއީ އެހެން ވާހަކައެއް"

"އަހަރެން ބޭނުމީ ކޮންމެވެސް މީހެއްގެ ދެފައި...." ގަޒަލް މަޑުމަޑުން ފައިގާ އަތުން ތަޅައިލިއެވެ.

"މެރީ އެ ނިއުރޮލޮޖިސްޓް"

"އާރްގްގް.. އެހެންބުނީމަ ހިތަށް އެރީ އަދިވެސް ހަމަ އެ މޮންސްޓާގެ ވައިފްއެއްގެ ގޮތުގައޭ މިހިރީ. މަންމަމެންވެސް އެކަން ހަދާންނައްތާލައިފި. އަހަރެމެން އެހެން ތަނަކަށް ހިޖުރަކުރިޔަސް އެ ކައިވެނި ރޫޅުނުކަމަކަށްނުވާނެ. ގޯޑް. ކިހިނެއްދެން ވާނީ. އަނެއްކާ ރެއިންހެން އަހަރެންވެސް ނަމެއްގައި މެރީކޮށްގެން އުޅެން ޖެހޭނީއެއް ނޫންތަ. މިހެން ބުނީމަ ހީވަނީ އިންނާނެ މީހަކު ވެގެން އެކަން ނުކުރެވިގެން އުޅެނީހެން ދޯ.ދެފައި ބޭކާރު ކުއްޖަކާއި މެރީކުރާނީވެސް ކާކުތަ؟ ފައި ހިމަވާން ފަށައިފި." ގަޒަލް ލައިގެން ހުރި ޖިންސްގެ ފައިކުރި އޮޅައިލިއެވެ. ފިޔާތޮށި ރަނުން ހަދާފައިވާ ހިމަ ފަށް އެ ދޮންފަޔާއި ނިކަން ގުޅެއެވެ. އެކުލައިގެ ފައިވާނެކެވެ. ހެދުމުގެ ބޭރުން ލާފައިވާ ތުނި ކާޑިގަންއާއެކު ރަންކުލައަރާ ފަންއިސްތަށިކޮޅު ބަދެލާފައިވާއިރު ސާދާ އެކަމަކު ފުރިހަމަ އަންހެންކުއްޖެއްގެ ފަރިކަމާއި ރީތިކަން އެ މޫނާއި ހަށިގަނޑުގެ ހިމަ ބައްޓަމާއި ރީތި ވަނާތަކުން ފައުޅުކޮށްދެއެވެ. އެހާ ދޮންވާނެ ނަމައޭ ރެއިނާގެ ހިތަށް އެރިވަރު ގުނާ އަދަދު ނުކުރެވޭނެއެވެ. އޭނައަށް ކައިޔާން ގެއްލުނީ ދޮން ނުވީމައޭ އަދިވެސް ހިތް ބުނަނީއެވެ. އޭނަ އަދިވެސް ބަދަލެއްނުވެއެވެ. ލައި އުޅެނީ ސާދާ ހެދުންތަކާއި ކަޅު ސްކާފެވެ. މޭކަޕް ކުރުމެއްނެތެވެ. ރީތިވަނީ ކާކަށް ދައްކަން ހެއްޔެވެ؟ ހިތުގެ ވެރިޔާ އޭނަ ދުރުކޮށް އެއްލާލައިފިއެވެ.

"ވަޓް؟ " ގަޒަލް އެއް ލޯ މަރައިލިއެވެ.

"މިސިން ކެނެޑާ...."

"ހޫމް........" ގަޒަލް އެ ހަދާންތައް އާކުރާކަށް ބޭނުމެއް ނޫނެވެ. ކެނެޑާގެ ގިނަ ހަނދާންތައް ގުޅިފައިވަނީ އޭނަގެ ހަޔާތް ބަރުބާދުކޮށްލި މިލާންއާއެވެ. ގުޒްލާންއާއި ޅައިރުގެ ރީތި ފޮނި ހަދާންތައް ދެނެއް އަނބުރާ ނާންނާނެއެވެ. ދެރައީ އެހަދާންތައްވެސް މިލާން ފޭރިގެންފައިވާކަމެވެ. މިލާން އެއިން ކޮންމެ ބާބެއްގައި އެކި ކުލަ ޖައްސައިދިނުމުގައި އިސް ދައުރެއް އަދާކުރިއެވެ. ކުޑައިރުން ފެށިގެން މިއަދާއި ހަމަޔަށް އައިއިރުވެސް މިލާން އެހެރީ އޭނަގެ ހިޔަނިފަދައިން ފަހަތުގައެވެ.

ނުނިމޭ

comment ކޮމެންޓް