ލޯތްބާ އެކު ނީނާ ދިއްކޮށްލަނީ ޕާޓީ ފޮއްޓެއް

ނީނާ މުހައްމަދު،

ނީނާ މުހައްމަދު (ނީން)، ގިނަ ބަޔަކަށް އެނގޭނީ ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރުގެ ގޮތުގަ އެވެ. އެހެންނަމަވެސް ނީނާ ކިޔައިދެނީ އެ ވާހަކައަށް ވުރެ ބޮޑު ވާހަކަ އެކެވެ. އޭނާ ކިޔައި ދެނީ ޕާޓީބޮކްސްގެ ވާހަކަ އެވެ. އެއީ މީގެ 9 އަހަރު ކުރިން އިންސްޓަގުރާމަށް ވަދެ އޭނާ ފައްކާ ކުރި މިހާރު ބޮޑު އޮންލައިން ވިޔަފާރި އެކެވެ.

ނީން އުފެއްދި ޕާޓީ ބޮކްސް އަކީ ކުޑަކުދިންގެ ޕާޓީ އާއިި މުނާސަބަތުތަކަށް ހާއްސަކޮށް ކޭޓަރިންގެ ހިދުމަތް ފިޔަވާ އެހެން ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ވިޔަފާރި އެކެވެ.

ނީނާ ބުނާ ގޮތުގައި ޕާޓީ ބޮކްސްގެ ހިޔާލު އުފަން ވެގެން އައީ ބައްޕައަކީ ވަޑިއެއް އަދި އިންޓީރިއާ ޑިޒައިނާއެއްކަމަށް ވާތީ އޭނާގެ ހިތުގައި މި ފަންނަށް އުފެދުނު ލޯތްބެއްގެ ތެރެއިންނެވެ.

"އާޓްއަކީ ގިނަފަހަރު އަސްލު ގިނަ މީހުން އެހާ އެޕްރިޝިއޭޓް ކުރާ އެއްޗެއް ނޫން. އަދި އަމުދުން އަޅުގަނޑުމެން ކިޔެވި ދުވަސްވަރު މައިންބަފައިންވެސް ބޮޑަށް ބާރުއެޅީ ބިޒްނަސް އާއި އެކައުންޓިން ކަހަލަ އިލްމީ ފީލްޑްތަކަށް. އޯލެވެލް ނިންމާފައި މާކެޓިން އިން މޭޖާރ ވީ. ދެން އާކިޓެކްޗާ އަސްލު ކިޔަވަން ބޭނުންވީ އެކަމަކު އެކަން ނުވެ، އިންޓީރިއާ އިން ކިޔަވަން ލިބުނީމަ އަވަހަށް އޭގެ ބޭނުންކުރީ. ވަރަށް ޝައުގުވެރިވި ކަމެއް އެއީ އަސްލު." މަތީ ތައުލީމު ހާސިލްކުރެވުނު ދާއިރާއާއި ބެހޭގޮތުން ނީނާ ބުންޏެވެ.

މެލޭޝިއާއާއި ސްރީލަންކާއިން ކިޔަވާ ނިންމުމަށްފަހު ރާޢްޖެއައިސް އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ވިލާގަ އެވެ. ގާތްގަނޑަކަށް އަށް އަހަރު ދުވަހު ވިލާގެ މާކެޓިންގައި މަސައްކަތްކުރުމަށްފަހު ހޮޓެލް ޖެންއާ ނީނާ ގުޅުނީ 2015ގަ އެވެ. ޝަންގްރިލާ ގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ މި ހޮޓެލްގައި މާކެޓިން އެންޑް ޕީއާރް ބަލަހައްޓަމުން އަންނަ ނީނާގެ މަސައްކަތުގެ ތެރޭގައި ޑިޖިޓަލް މާކެޓިން އާއި، ސޯޝަލް މީޑިއާ އާއި ޕީއާރު ބައި ވަރަށް ބޮޑަށް ހިމެނެ އެވެ.

ޕާޓީ ބޮޮކްސްގެ މަސައްކަތްތައް --

ފެށުނީ ޕާޓް ޓައިމްކޮށް ހަމަ މަޖަލަކަށް

އެންމެ ކުޑައިރުއްސުރެވެސް އެންމެ ކުރާހިތްވި އާޓްގެ މަސައްކަތް އަމަލީ މައިދާނުގައި ކުރުމުގެ މަސައްކަތް ފެށުނީ ވިލާގައި މަސައްކަތްކުރަމުން އައި އިރު ލިބުނު ހުސްވަގުތު ތަކުގަ އެވެ.

އެންމެ ފުރަތަމަ އާއިލާގެ އެކި ކުދިންގެ ޕާޓީތަކުން މަސައްކަތް ފެށުނުއިރު ނީނާ ބުނާގޮތުން އެކަމަކީ މުޅި އާއިލާ އެއްކޮށްލަދީ ނިކަން ފޯރީގައި ކުރަން ފެށި މަސައްކަތެކެވެ. މިހާރާ ހިލާފަށް މިކަން ކުރާ މާ ގިނަ ބަޔަކު އޭރު ނޫޅޭއިރު އެހާ ބޮޑު ތަރުހީބެއްވެސް ލިބެމުން ނުދާކަމުގައި އޭނާ ބުންޏެވެ. އެހެންނަމަވެސް މިއީ އޭނާއަށް އާމްދަނީއަށްވުރެ ބޮޑަށް އާޓްގެ ފަންނަށް އޮތް ލޯތްބަށް ކުރި ކަމަކަށްވުުން އެވަރުން ފަރުޖައްސާލެވުނެވެ.

އެއާއެކު، ރަށްޓެހިންނާއި، އާއިލާގެ އެކި މެންބަރުންގެ އެކި ގާތް މީހުންނަށް އޭނާގެ މި މަސައްކަތް ފެނި، ކްލައިންޓުން އެއްކުރެވި، މަސައްކަތްތަކުގެ ފޮޓޯތަކުންވެސް ބޮޑު ލައިބްރަރީއެއް ހެދި މަސައްކަތް ވައިގައި ހިފި އެވެ.

"އޭރު ފެށިއިރު ލިބިދާނެ މަހަކު އެއް ޕާޓީވެސް. ނޫނީ ތިންމަހުން އެއް ޕާޓީވެސް. އެކަމަކު އަޅުގަނޑު މިކަން ކުރީ ޕާޓް ޓައިމްއަށްވީމަ އެކަމުގައި ނެތް މައްސަލައެއް. ދެން މަޑުމަޑުން މީހުންނަށް އެނގެންފަށާ ކުރާ މަސައްކަތްތަކުގެ ފޮޓޯތައް އަޕްލޯޑް ކޮށް ބޫސްޓްކޮށް، ފުދޭ ވަރެއްގެ މާކެޓިންއެއްވެސް ބޭނުންވި ފަށައިގަންނަން. އެކަމަކު މިހާރު މެނޭޖް ކުރެވޭވަރަށް އޯޑަރު ލިބި، ރިޕީޓެޑް ކަސްޓަމާސްވެސް އެބަތިބި." ނީނާ ބުންޏެވެ.

ޕާޓީ ބޮކްސްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކުރީ 2015ގަ އެވެ. ޕާޓީ ތަކުގެ ޑޭޒާޓް ޓޭބަލް އާއި، ބެކްޑްރޮޕާއި 3ޑީ އަކުރުތަކާއި، ގިފްޓް އާއި ގިވް އަވޭސް އަދި ޑިޖިޓަލް މަސައްކަތްތައްވެސް ނީނާ ކުރެ އެވެ. އަދި ބައެއް ފަހަރު ބޮޑެތި ކުންފުނިތައް ކަމުގައިވާ ދިރާގު، އުރީދޫ އަދި ހަބްއާ އެކު، ބައެއް އިވެންޓްތަކުގައި މަސައްކަތްކޮށްފައިވާނެކަަށް ނީނާ ބުންޏެވެ.

ފޮނި އެއްޗެހި ތައްޔާރުކުރުމަށް ބޮޑުދައިތައަކާ ރަހުމަތްތެރިއެއްގެ އެހީ ލިބޭއިރު، ބައްޕަގެ ވަޑާން މަސައްކަތަކީވެސް ނީނާއަށް ލިބޭ އިތުރު ސަޕޯޓެކެވެ. އަދި ބޭނުންވާ ކޮންމެ ގަޑިއެއްގައިވެސް ގާތް ފަރާތްތަކުން އެހީއަށް ތިބޭއިރު، ހުރިހާ ޝޮޕިންއެއް ބަލަހައްޓާ އަބަދުވެސް އެންމެ ގާތުގައި ހުންނަނީ ފިރިމީހާ ކަމަަށް ނީނާ ބުންޏެވެ. އަދި މި މަސައްކަތް ފަށައި މިގޮތުުގައި ދެމިހުރުމުގެ އެންމެ ބޮޑު މޭސްތިރިއަކީވެސް ފިރިމީހާކަމަށް އޭނާ ބުނެ އެވެ.

ޕާޓީ ބޮޮކްސްގެ މަސައްކަތްތައް --

ޕިނިއާޓާ އަށް ދިވެހި ކުދިން މޮޔަކޮށްލައިފި

ކުޑަކުދިންގެ ޕާޓީތަކުގައި މިފަހަކުން އެންމެ ގިނައިން ފެންނަން ފެށި އެކައްޗަކީ ޕިނިއާޓާ ތަކެވެ. ކާޑްބޯޑްއިން ބޭނުން ބައްޓަމަަކަށް ތައްޔާރުކޮށްލެވޭ ކުޑަ ފޮއްޓެއް ކަހަލަ އެއްޗެއްގައި އެ މީހަކަށް ކަމުދާހެން އެކި ވައްތަރުގެ ޗޮކްލެޓާއި މެޓާތަކާއި ކޮންފެޓީ އަދި ބައެއްފަހަރު ހަދިޔާވެސް ލެވޭއިރު، ދަނޑި ގަޑަކުން ތަޅައި އެތެރޭގައި ހުންނަ އެއްޗެހި ވަރާލުމަކީ ކޭކެއް ފަޅާލުމަށްވުރެވެސް މިއަދު މަޖާ ކަމަކަށް މިވަނީ ވެފަ އެވެ.

މިއީ ޔޫރަޕާއި މެކްސިކޯގެ ހިސާބުތަކުން އައިސްފައިވާ ކަމަކަށްށްވާއިރު، ނީނާ ތައްޔާރުކުރާ ޕިނިއާޓާތަކަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު އަދި ކޮލިޓީ އެއްޗެހިތަކެކެވެ.

" މިހާރު ގިނައީ ބޮޑު ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި ގޭގައި ކުޑަގޮތެއް ހަދާފައި ޕިނިއާޓާ ބަހައްޓާ މީހުން. ވަރަށް އޯޑަރު ލިބޭ އެއްޗެއް އެއީ. އެކަމަކު އެންމެ ބޮޑު ޗެލެންޖަކީ އެއަށް އަޅާ ފިލިންގްސް ރާއްޖޭގައި ރަނގަޅު އަގެއްގައި ލިބެން ނުހުރުން. އެހެންވީމާ އަޅުގަނޑުމެން މިހާރު އެބަ އެތެރެކުރަން ސީދާ އެމެރިކާއިން އެއަށް އަޅާ ކޭންޑީސް އާއި އެއްޗެހި. އާ ކަމެއް އެއީ. އެކަމަކު ރާއްޖެއިން ލިބެން ނުހުންނަ ވަރުގެ ކޮލިޓީ މީރު ޗޮކްލެޓާއި ކޭންޑީޒް ޕްރީއޯޑާއަށް މިވަގުތު މި ގެންނަނީ. އެކަމަކު ކުޑަ ދުވަސްކޮޅެއް ތެރޭ އެބަ ވިސްނަން ޕާޓީ ބޮކްސްގެ އަމިއްލަ ފިހާރައެއް މިކަަމަށް ހާޢްސަކޮށްގެން ހުޅުވަން" ނީނާ ވިދާޅުވި އެވެ.

ނީނާ މުހައްމަދު،

މަންމައެއް، ފިޓްނަސް އިންސްޓްރަކްޓްރެއް

ނީނާގެ މުރާލިކަމާއި ކުރާ ކޮންމެ ކަމެއްގައިވެސް އެބަހައްޓާ ފަރުވާތެރިކަމަކީ އޭނާއާއި ބައްދަލުވާ ކޮންމެ މީހަކަށްމެ ފާހަގަވާނެ ކަމެކެވެ. ހެނދުނު ހެނދުނާ ރަސްމީ ވަޒީފާއަށް ނުކުމެ، އެނބުރި ގެއަސް އާދެވޭއިރު ހުންނަނީ އިރުއޮއްސެން ކައިރިވެފައެވެ. އެއަށްފަހު ކޮންމެ ދެ ރެއިން އެއް ރެއަކީ ޖިމަށް ހާއްސަ ރެއެކެވެ. ޕާޓީ ބޮކްސްގެ މަސައްކަތްތައް އަންނަނީ ދެ އަހަރުގެ ދަރިފުޅުގެ ހުރިހާ ކަމެއް ކޮށް އެކުގައި ވަގުތު ހޭދަކުރުމަށްފަހުގައެވެ.

" އޮފީހަށް ދާ ވަގުތުތަކުގައި ދަރިފުޅުގެ ކަންކަންކޮށްދެނީ މަންމަ. އެއަށްފަހު ގެއަށް އައިސް ޖިމް ގަޑިތަކުގައި ދަރިފުޅުގެ ކަންކަން ބަލައިދެނީ ފިރިމީހާ. އަސްލު އެ ސަޕޯޓް ލިބިގެން ނީނާ އަށް މިކަންކަން މި ކުރެވެނީ. ބޮޑަށް ވީކެންޑްއަށް ޕާޓީ ބޮކްސްގެ މަސައްކަތްތައް މި ހުންނަނީ. ދެން މަސައްކަތް މާ ގިނައިއްޔާ ދަރިފުޅު ނިންދަވާފައި ދަންވަރު ދެން މަސައްކަތް ކޮށްލަނީ" ނީނާ ބުންޏެވެ.

ނީނާ ބުނާގޮތުން ޕާޓީ ބޮކްސްއާއި ޖިމްގެ ވަގުތުތަކަކީ އޭނާގެ އަމިއްލަ ވަގުތުތަކެވެ. އެއީ ދަރިފުޅާއި އާއިލާއަށް ދޭންޖެހޭ ވަގުތަށް ފަހު ލިބޭ ވަގުތުތަކުގައި އޭނާ މެނޭޖް ކުރާ ކަންކަމެވެ.

" އެހެން މަސައްކަތްތައް ކުރަމުން ލިބޭ ހުސްވަގުތުތަކުގައި މިކަންކަން މިކުރަނީ. ހަފްތާގެ ދުވަހަކަށް ބޮޑު މަސައްކަތެއް އޮތިއްޔާ ހަމަ އޮފީހުން ލީވް އެއް ނަގައިގެން މަސައްކަތްކުރަނީ. ދެން އަސްލު ކޮމިޓްމަންޓް ކަންނޭގެ. .. ޕެޝަން އާއި ކޮމިޓްމަންޓް ހުރީމަ މިކަންކަން މި ކުރެވެނީ. ކުރާހިތުން ކުރާ ކޮންމެ ކަމެއްވެސް ކުރާތީ." ނީނާ ބުންޏެވެ.

"އެންމެ ކުޑައިރުއްސުރެވެސް އުޅުނީ ވަރަށް ސްޕޯޓީކޮށް. އަމީނިއްޔާ ގައި އުޅެން ފެށީއްސުރެ ގައުމީ ޓީމަށް ނެޓްބޯލް ކުޅެން ފަށައިފިން. 16 އަހަރުން ދަށާ 21 އަހަރުން ދަށަށްވެސް ކުޅުނިން. ކުޅެފައި އިންޖަރީ އެއްވެގެން ކުޅުން ހުއްޓާލާން ޖެހުނީ. ދެން ބެލީ ކޮން ދިމާލަކުންތޯ ފިޓްނަސްގައި ދެމިހުރެވޭނީ. ދެން އެހެން އުޅެނިކޮށް ޝެރީއިން ޓްރެއިނިން ހެދީ ފުރުސަތު ހުޅުވާލީމަ. ދެން 2003 ގައި ހީޓް ހުޅުވަންވެގެން ފުރަތަމަ ރެކްރޫޓް ކުރި ބެޗްގައި ފެށުނީ." ފިޓްނަސް އިންސްޓްރަކްޓްރަަކަށްވީގޮތް ނީނާ ނިކަން ކުރުކޮށް ކިޔައިދިނެވެ.

ޕާޓީ ބޮޮކްސްގެ މަސައްކަތްތައް --

ނީނާގެ މި ބިޒީ އެހެނަސް ކާމިޔާބު މަސައްކަތްތަކުން އެއް ކަމެއް ބުނެދެ އެވެ؛ އަންހެނަކަށް ވެގެން ވަކި ނުކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ފުލް ޓައިމް ވަޒީފާއަކަށް ދިޔަ ނަމަވެސް ކުރާ ހުވަފެނެއް ހަގީގަަތަކަށް ހެދުމުގެ ހިތްވަރު ހުރިނަމަ އެކަމެއް ހާލިސްވާނެ އެވެ.

comment ކޮމެންޓް