ޓޫރިޒަމް ރަނގަޅުވެ، ޖެނުއަރީ މަހު ޓެކްސް އާމްދަނީ އަށް 1.79 ބިލިއަން

ވީއައިއޭގައި ޓޫރިސްޓުން -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޓެކްސް އިދާރާ، މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއީ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 76.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ ލަފާކުރި އަދަދަށްވުރެ ޓެކްސް އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމާއި، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ، އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ

ރާއްޖޭގައި ހުރި ހައި އެންޑް ރިސޯޓުތަކުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދެއްކި އަދަދު އިތުރުވުމަކީވެސް އެ މުއްދަތުގައި ލިބުނު އާންދަނީ އިތުރުވި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ރާއްޖެއިން ބޭރަށް އެ މުއްދަތުގައި ފުރި މީހުންގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ މަދުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު ޖެނުއަރީމަހު ލިބުނު އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 46.01 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

ޖެނުއަރީ މަހުގެ ޓެކްސް އަމްދަނީގެ 43.4 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކްސްގެ ގޮތުގައި 776 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ގިނައިން އާަމްދަނީ ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީ އާމްދަނީ އަށް ޖެނުއަރީ މަހު 734 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކުުހުގެ ގޮތުގައި 57 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 52.3 މިލިއަން ރުފިޔަ ވަނީ ލިބިފައެވެ.

ޖެނުއަރީ މަހު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 22.9 މިލިއަން ރުފިޔާ އެވެ. ބިޒްނަސް ޕާމިޓް ދޫކޮށްގެން އެ މުއްދަތުގަި 6.1 މިލިއަން ރުފިޔާ ލިބުނުއިރު ޖޫރިމަނާގެ ގޮތުގައި 12.9 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މީގެ އިތުރުން ރެޒިޑެންޓް ޕާމިޓް ދޫކޮށްގެން ޖެނުއަރީ މަހު 21.8 މިލިއަން ރުފިޔާ،ނަން ޓޫރިޒަމް ޕްރޮޕަޓީ އިންކަމްގެ ގޮތުގައި10.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ހިސާބުތައް ދައްކައެވެ.

comment ކޮމެންޓް