ރިލްވާން ގެއްލުވާލުމާ ގުޅޭ ވަޅިން މުހިންމި ހެކިތަކެއް ލިބިއްޖެ: ކޮމިޝަން

މަރު ކޮމިޝަނުން އާންމުކުރި ވަޅި -- ފޮޓޯ/ މަރު ކޮމިޝަން

ރަހީނުކޮށް، މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާއިރު އެ ވަޅިން މުހިންމު ހެކިތައް ފެނިފައިވާކަމަށް މަރުކޮމިޝަނުން ބުނެފި އެވެ.

އެ ވަޅިއާ ގުޅޭ ސައްހަ މައުލޫމާތު ދޭ ފަރާތަކަށް 500،000 ރުފިޔާ ދިނުމަށް އިއްޔެ މަރު ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުުރުމަށް މަރު ކޮމިޝަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބަސް ވިދާޅުވީ، އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް މިހާރު ވަރަށް މުހިންމު ހެއްކެއް ކަމަށެވެ. އެހެން ނަމަވެސް އެ ވަޅިއާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރުމަށް އޭނާ އުޒުރުވެރިވި އެވެ.

"ކޮމިޝަނުން މިދަނީ ފުލުހުންކޮށްފައިވާ ތަހުގީގަށް ރިއާޔަތްކޮށް، ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާރު ހެދެން ހުރި ފޮރެެންސިކް ތަހުލީލުތައް ހަދަމުން،" މިސްބާހު ވިދާޅުވި އެވެ.

"އެ ތަހުލީލުތަކުގެ އަލީގައި ވަޅިއަކީ، ކޮމިޝަނުން ތަހުގީގު ކުރާ ރިލްވާން މައްސަލައިގެ މުހިންމު ހެއްކަކަށް މިހާރު ވަނީ ވެފައި".

އޭނާ ވިދާޅުވީ، ރިލްވާން ކާރަކަށް އަރުވައިގެން އެ ހިނގައި ދިޔަ ކަންތައް އެނގޭނެ ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށް ކޮމިޝަނަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެދޭ އެދުމަކީ، އެ ފަރާތްތަކުން ފަސް ނުޖެހި ކޮމިޝަންއާ އެ މައުލޫމާތު ހިއްސާކުރުން،" މިސްބާހު ވިދާޅުވި އެވެ.

މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިފަހައްޓަން ޖެހޭ ސިއްރުތައް ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް މަރު ކޮމިޝަންގެ ފަރާތުން މިސްބާހު ދެއްވި އެވެ.

ރިލްވާން މަރާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކައިރިން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮހެވެ. ތަހުލީލު ކުރަން ބޭރަށް ފޮނުވި ވަޅި ފެނިފައިވަނީ އެ އެޕާޓްމަންޓް ކައިރިންނެވެ.

އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު، މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާ ގިނަ ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ. އަދި ނޫސްވެރިން ކުރި ސުވާލުތަކަށް މާ ބޮޑު ޖަވާބެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް