މަރު ކޮމިޝަން "ދިރިއްޖެ"، މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް

މަރު ކޮމިޝަން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މަރުކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

އެންމެ ފަހުން މަރު ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ، 2019 ވަނަ އަހަރު ސެޕްޓޭމްބަރު މަހު އެވެ.

މަރު ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮތީ މިއަދު މެންދުރު 1:00ގައި ދަރުބާރުގޭގަ އެވެ.

މަރުކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރު، އިއްޔެ އެ ކޮމިޝަނުން ވަނީ ގެއްލުވާލައިފައިިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކުރުމުގައި ބޭނުން ކުރި ވަޅިއެއްގެ ފޮޓޯ އާންމުކޮށް، އެ ވަޅިއާ ގުޅޭ މައުލޫމާތު ހޯދުމަށް އާންމުގެ އެހީއަށް އެދިފަ އެވެ. އަދި އެ ވަޅިއާ ގުޅޭ ސައްހަ މައުލޫމާތު ދޭ ފަރާތަކަށް 500،000 ރުފިޔާ ހުށަހަޅާފައިވެ އެވެ.

ބެލެވޭ ގޮތުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ، ރިލްވާންގެ މަރާ ގުޅޭ ގޮތުންނެވެ.

ރިލްވާންގެ އާއިލާގެ އެދުމުގެ މަތިން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ބޭރުގެ މަހިރަކާއެކު އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ، ރިލްވާން ރަހީންކޮށް، ކަނޑުމައްޗަށް ގެންދިޔުމަށް ފަހު އަލްގައިދާގެ ރާއްޖެ ގޮފިން އޭނާ މަރާލާފައިވާ ކަމަށެވެ.

https://sun.mv/123731

މަރުކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު އެމަގާމުން އިސްތިއުފާ ދެއްވިފަހުން، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ނުގޮސް ކޮމިޝަން "މަރުވެފައިވާ" ކަމަށް ބުނެ، ފާޑުކިޔުން ބޮޑުވެފައިވެ އެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންވެސް މީގެ ކުރިން ވަނީ އެ ކޮމިޝަން ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ބުނެ، ކޮމިޝަން އުވާލުމަށްވެސް ގޮވާލާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމަށް ސުއޫދު 2019 ގެ ޑިސެމްބަރުގައި ކޮމިޝަނުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މި މަހުގެ ކުރީކޮޅު ރައީސް ސޯލިހު ވަނީ އެ ކޮމިޝަންގެ މެންބަރު ފަރީޝާ އަބްދުﷲ އައްޔަންކުރައްވައިފަ އެވެ.

މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

comment ކޮމެންޓް