ރިލްވާން ގެއްލުން: ވަޅިއާ ގުޅޭ މައުލޫމާތު ދޭ މީހަކަށް ފަސްލައްކަ ރުފިޔާ ހުށަހަޅައިފި

މަރު ކޮމިޝަނުން އާންމުކުރި ވަޅި -- ފޮޓޯ/ މަރު ކޮމިޝަން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު ރޭ ފެނުނު ވަޅިއާ ގުޅޭ މައުލޫމާތު ހިއްސާކުރާ މީހަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހުށަހަޅައިފިއެވެ.

މަރު ކޮމިޝަނުން މިއަދު ވަނީ އެ ވަޅީގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. ވަޅީގެ ފޮޓޯ އާންމުކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓ ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅި ކަމަށެވެ.

އެ ވަޅިއާ ބެހޭ އެއްވެސް މައުލޫމަތެއް އެނގޭ މީހެއް ވާނަމަ، އެ މައުލޫމާތެއް މަރު ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ވަޅިއާ ގުޅޭ ގޮތުން ނުވަތަ ރިލްވާން ގެއްލުވާލުމާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން ސާބިތުހިފޭ ވަރުގެ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދޭނެކަމުގެ ޔަގީންކަން މަރު ކޮމިޝަނުން ވަނީ ދީފަ އެވެ.

މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އެ ނަންބަރުން ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެ އެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ނަމަވެސް އެ ކޮމިޝަންގެ މަސައްކަތް އުންމީދުކުރެއްވި ދުވެލީގައި ނުދާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން، މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ވަނީ ފަށައިފަ އެވެ. ރިލްވާންގެ ތަހުގީގަށް ބޭރުގެ މާހިރަކު އައްޔަނުކުރުމަށް އެދުނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.

ރިލްވާނު ގެއްލުވާލި މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

އެ ތިން މައްސަލައިގެ މުގުލުގައި ވެސް ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް މަރުކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ކޮމިޝަނުން ޕީޖީ އަށް ފޮނުވި ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ.

comment ކޮމެންޓް