މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް ހާލުގައި

އެމްޕީއެލް ސަރަަހައްދުގެ އޭރިއަލް ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރޭ ދަންވަރު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ރޭ އެ ހާދިސާ ހިނގީ މަޖޫރީންތަކެއް ޓާފް ރޯލުތަކެއް އަންލޯޑު ކުރުމަށްފަހު ކެރޭނެއް ބޭނުންކޮށްގެން ރޯލުތައް ދޯންޏަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"ކެރޭނުން ކާޕެޓު ރޯލު ނެގި ތަނުން މަތީގައި އިންދާ އޭގެ އެކަތި ކޮންމެވެސް ކަމެއް ދިމާވެގެން ވެއްޓުނީ،" އޮފިޝަލު ވިދާޅުވި އެވެ.

ކާޕެޓު ރޯލުގެ ދަށުވި މަޖޫރީއަަށް ބޮޑެތި އަނިޔާތަކެއްވެ، އޭނާގެ ހާލު ސީރިއަސް އެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ވަގުތުން އޮޕަރޭޝަން ކުރަން ތިއެޓަރަށް ވެއްދީ ކަމަށާއި އަދިވެސް އޭނާއަށް ދަނީ ފަރުވާދެމުން ކަމަށެވެ. އޭނާއަކީ 28 އަހަރުގެ ފިރިހެނެކެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެމްޕީއެލްގެ އޮފިޝަލު ވިދާޅުވީ، އެ ޓާފް ރޯލު ވެއްޓުނު ގޮތެއް މިހާރު ބަލަމުންދާ ކަމަށެވެ.

ރޭ ޓާފް ރޯލެއް ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް ކޮންޓޭނަރަކުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓު ވެއްޓި ލިބުނު އަނިޔާތަކާ ހެދި އޭނާ މަރުވެފައިވެ އެވެ.

comment ކޮމެންޓް