ކަނޑުމަހާއި ކުކުޅު ތި ގަނޑުކުރަނީ ރަނގަޅަށްތަ؟

ގަނޑުކުރި މަހުގެ ބާވަތްތަކެއް--

އަހަރެމެންގެ ކެއިން ބުއިމުގެ ވައްޓަފާޅީގައި މަހުގެ ބާވަތްތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. މެންދުރެއް ހާރެއް ބެލުމެއްނެތި ކޮންމެ އިރެއްގެ ކެއުމުގައިވެސް އެއްގަމު މަސް ނުވަތަ ކަނޑުމަހުގެ ކޮންމެވެސް އެއް ބާވަތެއް ހަމަ ކޮންމެ ގޭބިސީއެއްގައިމެ ހުންނާނެ އެވެ. މިހާ އާންމުކޮށް މަހުގެ ބާވަތްތައް ބޭނުންކުރާއިރު ވާންޖެހޭ ވަރަށް ފަރުވާތެރި ވެވޭބާވައެވެ؟ އަވަސް އަރުވާލައިގެން ބަދިގެތެރޭގައި އުޅޭ އުޅުމުގައި މަސް ގެންގުޅުމުގެ ރައްކާތެރި މިންގަނޑާ މެދު ވިސްނާލެވޭބާވައެވެ؟

މަސް ގަންނަން ފިހާރައަށްދާ ހިސާބުން މި ޒިންމާ ފެށޭ!

ކިތަންމެ އާދައިގެ ކަމެކޭ ހީވިއަސް، މި ބާވަތްތައް ގޭގައި ރައްކާކުރުމުގައި ވިސްނާލަންޖެހޭ މުހިންމު އެތައް ކަމެއްވެއެވެ. ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވިދާޅުވާ ގޮތުގައި މިކަމަށް ފަރުވާތެރިވުން ފެށިގެން އަންނަނީ މަހުގެ ބާވަތްތައް ގަންނަ ހިސާބުންނެވެ.

ކާބޯތަކެތި ގެންގުޅުމުގެ އެންމެ ރައްކާތެރި މިންގަނޑުގެ ދަށުންނަމަ ފިހާރައަށް ގޮސް، ބޭނުންވާ ސާމާނުތައް ގަނެ، މަހުގެ ބާވަތްތައް ވަށިގަނޑަށް ލާން ޖެހެނީ އެންމެ ފަހު އެއްޗެއްގެ ގޮތުގައެވެ. އެ ނޫންނަމަ ގެއާއި ހިސާބަށް ދެވޭއިރު މާ ބޮޑަށް ގަނޑު ފިލާ މަހުގައި ޖަރާސީމު އަށަގަތުމަށް މަގުފަހިވެއެވެ.

"މަސް ކަހަލަ އެއްޗެހި ގަންނައިރުވެސް ވަކި ގައިޑްލައިނެއް އެބަ އޮވޭ. މިސާލަކަށް ޝޮޕިންއަށް ދާއިރު މިއެއްޗެހި [މަހުގެ ބާވަތްތައް] ބާސްކެޓަށް ލާންޖެހޭނީ އެންމެ ފަހުން. އެއީ މިތަކެތި ޑީފްރޮސްޓް ވެދާނެތީއާއި އަދި އެހެން އެއްޗިއްސާއި މިކްސްވެދާނެތީ،" އާސިޔާ ވިދާޅުވިއެވެ.

ގެއަށް ވަދެ ފްރިޖަށް ކޮށްޕާލުމަކުން އަދި ނުނިމޭ!

ދެވަނަ ކަމަކީ ގެއާއި ހިސާބަށް އައުމުން ހަދަންވީ ގޮތެވެ. އާންމުކޮށް މަސް ގަންނަ ގެއެއްނަމަ ގިނަ ފަހަރަށް މާލޭގައި މަސް ގަންނަނީ މާރުކޭޓުންނެވެ. ނޫންނަމަ ތާޒާކޮށް މަސް ލިބޭ ގެތަކުގައިވެސް މަސް ގެއަށް ގެންނަ ގޮތަށް ވަގުތުން މިލެވެނީ އައިސް އަލަމާރި އަށް ގަނޑުކުރާށެވެ. ކާންތިބި މީހުންގެ އަދަދެއް، އެއިރަކަށް ކައްކަން ބޭނުންވާނެ މިންވަރެއް ބަލައެއް ނުލެވެއެވެ.

ކައްކަން ބަލާއިރު، ފްރިޖަށްލީ ބޮޑު މަސްގަނޑު ނަގައި މިޖެހެނީ އެތަށް ގަޑިއިރެއްވާންދެން ގަނޑުފިލުވަން ބަހައްޓައި، ކޮށައި ކުދިކޮށް، ގިނަވާ ބައި އަނެއްކާ ފްރިޖަށް ލާށެވެ. އެކަމަކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވަނީ މި ހެދެނީ ހުސްވެސް ގޯސް ކަމަށެވެ.

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގަނޑުކޮށްފައި ހުންނަ ކުކުޅާއި އެފަދަ ބާވަތްތަކާއި އަދި ކަނޑުމަހަކީ އޭގެ ޒާތުގައި ވަރަށް އަވަހަށް ހަލާކުވާ އެއްޗެހި. ނޫނީ ވަރަށް ފަސޭހައިން ޖަރާސީމު އަށަގަންނަ އެއްޗެހި. ޖަރާސީމު އެންމެ ފަސޭހައިން އަށަގަންނަ ފިނިހޫނުމިނަކީ އަޅުގަނޑުމެން މި ގެންގުޅޭ ފްރިޖްގެ ފިނިކުރާ ބަޔަށްވުރެ މަތީގައި މިހުންނަ ފިނިހޫނުމިން" ސާޖިދާ ވިދާޅުވިއެވެ.

ރާއްޖެއަކީ އެހެން ބައެއް ގައުމުތަކާއި އަޅާބަލާއިރު ކާބޯތަކެތި އެތެރެކުރާ މިންވަރު ބޮޑުތަނުން އިތުރު ގައުމެކެވެ. ސާޖިދާ ވިދާޅުވިގޮތުގައި އެވްރެޖްކޮށް ދިވެހިންގެ ކެއިންބުއިމަށް ބޭނުންކުރާ 95 އިންސައްތަ ބާވަތްތަކަކީ އިމްޕޯޓް ކުރާ ބާވަތްތަކަށްވާއިރު، ކުކުޅުފަދަ ބާވަތްތަކަކީ މުޅީންވެސް ގަނޑުކޮށްގެން އެތެރެކުރާ ތަކެއްޗެވެ. އެއާއެކު އާންމުގޮތެއްގައި އެތެރެކުރެވޭ މިފަދަ ބާވަތްތަކުގެ މުއްދަތު ހަމަވާ ތާރީޚަކީ ގާތްގަނޑަކަށް އެއް އަހަރު ދުވަހެވެ.

އެހެންނަމަވެސް މި މުއްދަތު ހަމަވާ ތާރީޚަކީ އެ ބާވަތެއް ގެންގުޅެންޖެހޭ ފިނިހޫނު މިނާއި ގުޅިފައިވާ އެއްޗަކަށް ވާއިރު، މުޅީން އެއްކޮށް ގަނޑުނުފިލިއަސް، ހުންނަންވާ ފިނިހޫނު މިނުގައި ނުގެންގުޅެވޭ ނަމަ އެ ތާރީޚުގެ މާ ކުރިން މުއްދަތު ހަމަވެ، ހަށިގަނޑަށް ރައްކާތެރި ނޫން އެއްޗަކަށް މި ބާވަތްތައް ވެދެއެވެ.

"އެއްކޮށް ގަނޑުނުފިލިއަސް ސޭފްޓީ އިޝޫ އެއް ދިމާނުވެދާނެ، އެކަމަކު ކޮލިޓީ ދަށްވެ، އެތަކެތީގެ އެކްސްޕައިރީ ޑޭޓަށް އިތުބާރެއް ނުކުރެވޭ. ބައެއް ފަހަރު ފިހާރަތަކުން އެއްޗެހި ގަންނައިރުވެސް ހުންނާނެ ފްރޮސްޓް ޖަހާފައި. އެއިން އިންޑިކޭޓް ކޮށްދެނީ އެ އެއްޗެއް ގަނޑުފިލައި އަނެއްކާ ގަނޑުވެފައި ހުރިކަން. މިފަދަ ބާވަތްތައް ވަގުތުން އަދި ހަލާކު ނުވިޔަސް، އެކްސްޕައަރީ ޑޭޓަށްވުރެ މާ އަވަހަށް ހަލާކުވާނެ." ސާޖިދާ ވިދާޅުވިއެވެ.

އެހެންކަމުން ގެއަށް ގެންނަ އަދި ގަންނަ ކަނޑުމަހާއި، ކުކުޅާއި މިފަދަ ބާވަތްތައް ގަތުމުގައިވެސް ފަރުވާތެރިވެ، އެއާއިލާއަކަށް ބޭނުންވާ މިންވަރަކަށް ބަހާލައި ވީ އެންމެ އަަވަހަށް ގަނޑުކުރާ ބަައިގައި ބެހެޢްޓުމަކީ ވަރަށް މުހިންމުކަމެކެވެ.

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަނޑު ފިލުވުން، މިއީ ވަކި ކުޑަ ކަމެއް ނޫން!

ފިހާރައިންނާއި މާރުކޭޓުން މަސްގަނެ ގެއަށް ގެނެސް ގަނޑުކޮށްވެސް ނިމިއްޖެ އެވެ. ދެން މިއޮތީ ކައްކަން ގަނޑު ފިލުވާ ހިސާބަށް އާދެވިފައެވެ. ހޫނު ފެން އެއްޗަކަށް ލާނީ ހެއްޔެވެ؟ މައިކްރޯވޭވް ކުރާނީ ހެއްޔެވެ. ފަންކާ ދަށަށް ލާނީ ހެއްޔެވެ. މިއީ ހަމަ ހުސްވެސް އަހަރެމެން މިކަންކުރާ ގޮތްތަކެވެ.

ސާޖިދާ ވަނީ މިކަން ކުރަންވީ ގޮތްވެސް ވަރަށް ކުރުކޮށް ފޮނިކޮށް ކިޔައިދެއްވާފައެވެ. މިގޮތުން ގަނޑުކުރި މަހުގެ ބާވަތްތައް ގަނޑު ފިލުވުމަށް އަމަލުކުރެވިދާނެ ރައްކާތެރި ތިން ގޮތެއް އޭނާ ވިދާޅުވިއެވެ.

  • ގަނޑުކުރާ ބައިން ނަގާ، ރަނގަޅަށް ބަންދުކޮށް ޗިލާގައި ބަހައްޓާ:

މިއީ ގިނަ އިރުން މަހުގެ ގަނޑު ފިލުވަން ބޭނުންނަމަ މިކަން ކުރެވެން އޮތް އެންމެ ފަސޭހަ ގޮތެވެ. އެހެންނަމަވެސް ސަމާލުވާންވީ މަސް ނަގާފައި ފްރިޖުގެ ގަނޑުކުރާ ބައިން އާންމު އެހެން އެއްޗެހި ބަހައްޓާ ބައިގައި ބަހައްޓާއިރު ރަނގަޅު ތަށްޓެއްގައި އޭގެ ދިޔައާއި ވަސް އެހެން އެއްޗިއްސަށް ނުފޯރާނެ ހެން މަތި ބަންދުކޮށްފައި ބެހެއްޓުމަށެވެ.

  • ފްރިޖުން ބޭރުގައި ގަނޑުފިލުވުން:

މިގޮތަށް ފިނިކަނޑުވަން ނުވަތަ ގަނޑުފިލުވަން ބޭނުންނަމަ މިކަމަށް ދެގަޑިއިރަށްވުރެ އިތުރަށް ހޭދަކުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ސަބަބަކީ ރާއްޖެއަކީ ހޫނުގަދަ ގައުމަކަށްވެފައި މާ ގިނައިރުވުމުން އަނެއްކާވެސް މަހުގައި ހުންނަ ޖަރާސީމުތައް އަށަގަތުމަށް ފުރުސަތު ދެވޭތީ އެވެ.

އެހެންކަމުން ފިނި ފެންއެއްޗެއްގައި މަސްކޮތަޅު ދެ ގަޑިއިރެއްހާއިރު ބަހައްޓާށެވެ. މަސްތައް ސީދާ ފެނުގައި ނުޖެހޭނެހެން ބަންދުކުރެވިފައި ބެހެއްޓުން މުހިންމެވެ. އަދި ވީހާވެސް ޖަރާސީމު އަށަގަތުމަށް ފުރުސަތު ނުދިނުމަށްޓަކައި ކޮންމެ 30 މިނިޓަކުން ފެން ބަދަލުކުރުމަށްވެސް ކަމާއި ބެހޭ މާހިރުން ލަފާ ދެއްވައެވެ. ނުވަތަ ސާޖިދާ ވިދާޅުވާގޮތުގައި އެންމެ ރަނގަޅީ އޮހޮރޭ ފެނުގައި މިކަން ކުރުމެވެ.

މިގޮތަށް ގަނޑުފިލުވަން ބޭނުންކުރާ ފެން ސިންކު ތެރެއަށް އުކާލާއިރު ބުރައިގެން ނުދާނެހެން އުކާލުމަށް ސަމާލުކަން ދޭންވާނެ އެވެ. އަދި އެެއަށްފަހު ސިންކު ރަނގަޅަށް ނުދޮވެވޭނަމަ އެތަނުގައި ދޮންނަ ނުވަތަ ގެންގުޅޭ އެހެން ކާބޯތަކެތި ތަޣައްޔަރުވުމުގެ ފުރުސަތު އޮންނާނެ އެވެ.

  • މައިކްރޯވޭވް:

ޒަމާނީ ފަހުގެ ވަސީލަތްތަކާއިއެކު މަހުގެ ގަނޑުފިލުވުން ވެސް މިވަނީ ފުއްޓައްކެއްހާ އަވަސްކޮށްދީފައެވެ. ވަގުތު ނެތިގެން އުޅޭއިރު ކުކުޅު ކޮޅު ފްރިޖުން ނަގައި، މައިކްރޯވޭވްގެ ޑީފްރޮސްޓް އޮޕްޝަންގެ އެހީގައި ގަނޑުފިލުވާލާށެވެ. އެއްފަހަރާ މާ ބައިވަރު މަސް ނުވަތަ ކުކުޅު ނާޅައި މަދުން އެޅުމަށްފަހު ކޮންމެ ދެމިނިޓަކުން މަސް ޑީފްރޮސްޓް ވެއްޖެތޯ ކަށަވަރުކުރަން ވާނެ އެވެ.

ކޮންމެ 10 މީހަކުން އެކެއް، ތަޣައްޔަރުވެފައިވާ ކާނާ ކައިގެން ބަލިވޭ!

ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި އެކަށީގެންވާ މިންވަރަށް ސިއްޚަތަށް ފައިދާހުރި ރައްކާތެރި ކެއުމުގެ ބާވަތްތަކަކީ ކޮންމެހެން ޒަރޫރީ އެއްޗެކެވެ. ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ބުނާގޮތުގައި ރައްކާތެރި ނޫން ކާނާގައި ހުންނަ ބެކްޓީރިއާ، ވައިރަސް އަދި އެނޫންވެސް ޕެރެސައިޓްތަކާޢި ކެމިކަލް މާއްދާތަކުގެ ސަބަބުން ޖެހޭ 200 އެތަށް ބައްޔެއް ވެއެވެ. މީގެ ތެރޭގައި ބޭރަށް ހިންގުމުން ފެށިގެން ގޮސް ކެންސަރުވެސް ހިމެނެއެވެ.

ހަމައެޔާއެކު ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުގައިވާގޮތުން އަހަރެއްގެ މައްޗަށް 600 މިލިއަން މީހުން ނުވަތަ ކޮންމެ 10 މީހަކުން އެކަކަކީ ތަޣައްޔަރުވެފައިވާ ކާނާ ކައިގެން ބަލިވާ މީހުންނެވެ. މީގެ ތެރެއިން 420،000 މީހުންގެ ފުރާނަ ގެއްލެއެވެ.

މަހުގެ ބާވަތްތަކަކީ އޭގެ އަމިއްލަ ޒާތުގައިވެސް ބެކްޓީރިއާ ގިނަ އެއްޗަކަަށްވާއިރު، ކިރިޔާވެސް ޖަރާސީމު ހެދިގަތުމަށް އެކަށޭނަ ފިނިހޫނުމިނެއް ލިބިއްޖެނަމަ ނިކަން އަވަހަށް އަދި އެހައިމެ ގިނައިން އަށަގަންނާނެ އެވެ.

އެއާއެކު، މަހުގެ ބާވަތެއް ކިތަންމެ ރަނގަޅަށް ކެއްކިއަސް އެ ޖަރާސީމުން ދޫކުރާ ވިހަ މާއްދާތައް ނައްތާލުމަށް ފަސޭހަ ނުވާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ގިންތިކޮށްފައިވާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، 5 އަހަރުން ދަށުގެ ކުޑަކުދިންނާއި، ދިފާއީ ނިޒާމް ބަލިކަށި މީހުންނާއި އަދި މާބަނޑު މީހުންނަކީ ކާނާ ވިހަވުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

ޑައިޓީޝަން އާސިޔާ ވިދާޅުވާގޮތުގައި މި ދެންނެވި ގްރޫޕްތަކުގެ މީހުންނަށް ކާނާ ވިހަވެ ކުރާ އަސަރުތައް ބޮޑުވާއިރު، ގޭތެރޭގެ މިފަދަ އާދަތަކުގައި މި ކެޓަގަރީގެ މީހުންގެ ސިއްޚަތަށް އިތުރަށް ސަމާލުވާން ޖެހެއެވެ.

މަސް ގަނޑުކުރުމާއި، ގަނޑު ފިލުވުމުގެ އިތުރަށްވެސް ގަނެގެން ގެންނަ ކުކުޅުތައް ދޮވުން ފަދަ ކަންކަމަކީ ވަރަށް ބޮޑަށް ދުރުހެލިވާންޖެހޭ ކަމެއްކަމުގައި ސާޖިދާ ވިދާޅުވިއެވެ. އަދި ކަރަންޓު ކެނޑި ނޫނީ ފްރިޖުގައި މައްސަލައެއް ޖެހި ބޭނުންނުކުރެވިދާ ހާލަތެއްގައި ފިނިކުރަން ބެހެއްޓި މަަހުގެ ބާވަތްތައް ވީއެންމެ އަވަހަށް ބޭނުންކޮށް ހުސްކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

އަދި ކިރިޔާވެސް ޑިފޮރެސްޓިންގެ މައްސަލައެއް ގަނޑުކޮށްގެން ގެންގުޅެންޖެހޭ އެއްވެސް ބާވަތެއްގެ ކާއެއްޗަކަށް ދިމާވެއްޖެނަމަ ގިނަވެގެން 4-5 ދުވަހާއި ދެމެދު ބޭނުންކޮށް ހުސްކުރުމަކީ ތިމާއާއި ތިމާގެ އާއިލާގެ ސިއްޚަތަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ މުހިންމުކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް