މާފުށީ ޖަލުގައި ހަރުކަށި ފިިކުރު މީހުންނަށް ހާއްސަ ޔުނިޓެއް

މާފުށީޖަލުގައި ހަރުކަށި ފިިކުރު މީހުންނަށް ހާއްސަ ޔުނިޓެއް ހުޅުވުން -- ފޮޓޯ: ކަރެކްޝަންސް

ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ހުޅުވައިފިއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގައި ގާއިމްކުރި ސްޕެޝަލް މެނޭޖުމެންޓު ޔުނިޓަކީ 100 ގައިދީންގެ ޖާގައިގެ ޔުނިޓެއް ކަމަށެވެ. މި ޔުނިޓު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިނިސްޓަރު ވަނީ މި ސްޕެޝަލް މެނޭޖުމެންޓް ޔުނިޓު ހިންގުމަށް ޔޫއެންއޯޑީސީގެ ފަންނީ ލަފައާއި އީޔޫގެ މާލީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެސްއޯޕީ ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.

ކަރެކްޝަންސް އިން ބނީ މިއަދު ހުޅުވި ސްޕެޝަލް މެނޭޖުމެންޓު ޔުނިޓްގައި ގައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ގެނައުމަށް ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.

އެގޮތުން ބޭނުންވާ ހުނަރާއި ތަމްރީންގެ ބައެއް ޕްރޮގްރާމްތައް މިހާރުވެސް ޔޫއެންއޯޑީސީ އަދި އީޔޫގެ އެހީތެރިކަމާއެކު އޮފިސަރުންނަށް ކުރިއަށް ގެންގޮސްފައިވާކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި ޔުނިޓު ހުޅުވައިދެއްވާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި އެކަމަށް ހާއްސަ ޔުނިޓެއް ގާއިމް ވެގެން ދިއުމަކީ އެ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުވުމެއްކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން އޮފިސަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ތަމްރީން ކުރިއަށްގެންދިއުން މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި އެކި ބާވަތުގެ ކުށް ކުރާ ގައިދީން އެއްތަނަކު ގެންގުޅެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް އޭގެ ނާޖައިޒް ފައިދާ ނަގަމުން ދާ ކަމަށެވެ.

މިފަދަ ޔުނިޓެއް ގާއިމު ކުރެވުމަކީ އެފަދަ ހަރަކާތްތަކާއި ވިސްނުން ފަތުރަމުންދާ މީހުން ވަކިން ބެހެއްޓުމަށާއި ރިހެބިލިޓޭޓްކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމެއްކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

comment ކޮމެންޓް