ބިދޭސީއެއްގެ އަތުން ވަގަށް ނެގި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭ ތަނަކުން ވަގަށް ނެގި ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ފުލުހުން ހޯދައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިންނެވެ.

އަދި ބާކީ ފައިސާ ހޯދާފައިވަނީ ބަންގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށްފައި ވަނިކޮށް ކަމަށާއި އެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިހުރި ފައިސާއާއެކު ޖުމްލަ 59،500 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ފައިސާ މިހާރު އެ ބިދޭސީ މުވައްޒަފާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް