މިއީ ފަޚުރުވެރި ދައުލަތެއް ... ބިދޭސީންގެ ކްރައިމްޔާޑެއް ނޫން

ޝަހީދު ހުސައިން އާދަމް --

ދިވެހިރާއްޖެޔަކީ މިނިވަން، މުސްތަޤިއްލު، އަދި ސިޔާދަތު ލިބިގެން ވާ ދައުލަތެކެވެ. އަންޒަމާނުއްސުރެ އިންސާނީ ދުނިޔޭގެ އުރުފުތަކާއި ތަހުޒީބާއި ތަމައްދުނާއި ހަމަޔާއި އުސޫލުތަކުގެ އަހުލުވެރީން ހުރިހައި ޒަމާނެއްގައި އަދި ހުރިހައި މަކާނެއްގައި ގަބޫލު ކުރި އަދި ކުރާ ރިވެތި ގޮތްތަކާއި، ބައިނަލްއަޤުވާމީ ޤާނޫނުގެ އެންމެހައި ޤާޢިދާތަކާއި ހަމަތައް ލާޒިމު ކުރަނީ، ދުނިޔޭގެ އެހެން ކޮންމެ ދައުލަތެއް ވެސް ދިވެހި ދައުލަތުގެ މި ދެންނެވި މިނިވަންކަމަށާއި މުސްތަޤިއްލުކަމަށާއި ސިޔާދަތަށް އިޙުތިރާމު ކުރުމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ "ޕެރެމްޕްޓޮރީ ނޯރމް" އެއްގައި ބުނާ ހަމައިން، ދިވެހިރާއްޖެޔަކީ ވެސް ދުނިޔޭގެ އެހެން ކޮންމެ ދައުލަތެކޭ އެއްފަދަ ދައުލަތެކެވެ. "ސޮވްރިންގ އީކުއާލިޓީ"ގެ މަބްދައުގެ ދަށުން، އެންމެހައި ދައުލަތްތައް ހަމަހަމަވުމުގެ އުޞޫލުން، ކޮންމެ ދައުލަތަކަށް ވެސް ލިބިދެވޭ ހުރިހައި ޙައްޤުތަކަކާއި ޢިއްޒަތަކާއި ޤަދަރަކާއި ކަރާމާތެއް ލިބި ކަށަވަރު ވެފައި އޮންނާން ޖެހޭ ދައުލަތެކެވެ.

މި ދެންނެވި ޤަދަރާއި ޢިއްޒަތް ދިވެހި ދައުލަތަށް އެހެން އެއްވެސް ފަރާތަކުން ނުދީފި ނަމަ، ދެން ހަދާނީ ކިހިނެއްތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އެ ބަޔަކާ ހަތަރުކަޅި ހަމަ ކޮށްފައި ބުނާން ވީ ބައިނަލްއަޤްވާމީ "ލިންގުއާ ފްރާންކާއިން" ވަރަށް ސާފުސާފުކޮށް "ގޯ ޓު ހެލް" މިހެންނެވެ.

ތަހުޒީބީ ދުނިޔެ ޤަބޫލު ކުރާ ހަމަތަކުގެ ދަށުން، ދިވެހި ދައުލަތަކީ ޤާނޫނީ ވެރިކަމެއް ހިނގަމުން އަންނަ ދައުލަތެކެވެ. ޤާނޫނުގެ ޙުކުމް ނުވަތަ "ރޫލް އޮފް ލޯވ"ގެ މަބްދައުގެ މައްޗަށް ބިނާ ވެފައި އޮތް ދައުލަތެކެވެ. މާތް ވެގެން ވާ އިސްލާމް ދީނުގެ މަތިވެރި ޝަރީޢަތާއި އެ ޝަރީޢަތުގެ އަސާސުގެ މައްޗަށް ބިނާ ވެފައި ވާ ހަރުދަނާ ޤާނޫނީ އުޞޫލުތަކެއްގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޢަހުދުކަށަވަރު ހިފައިގެން އޮތް ދައުލަތެކެވެ. އިންސާނީ ކަރާމާތާއި ޝަރަފާއި ޙައްޤުތައް ނެގެހެއްޓުމުގައި ޢަދުލުވެރި އަދި އިޙްސާންތެރި ގޮތްތަކަށް ޢަމަލު ކުރުމަށް ތަޚްޞީޞު ވެގެން އޮތް ދައުލަތެކެވެ. ބައިނަލްއަޤްވާމީ އުޞޫލުތަކާއި ތަހުޒީބީ ދުނިޔެ ޤަބޫލު ކުރާ ހަމަތަކުގެ މަތީން، ދިވެހި ދައުލަތުގެ ތަޝްރީޢީ، ތަންފީޛީ އަދި ޤަޟާއީ އިޚްތިޞާޞުގެ ދާއިރާ ވަނީ ކަނޑައެޅިފައެވެ. އެ ދާއިރާގެ ތެރޭގައި ދިވެހި ދައުލަތުގެ ޤާނޫނު ހިންގޭން ވާނެއެވެ. ކޮންމެ މީހެއްގެ މައްޗަށް ވެހެވެ.

މި ދެންނެވި ގޮތުގެ މަތީން ދިވެހި ދައުލަތުގައި ކަންކަން ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި ހުރަސް އަޅައިފި ނަމަ، ދެން ހަދާނީ ކިހިނެއްތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އެ ބަޔަކާ ހަތަރުކަޅި ހަމަ ކޮށްފައި ބުނާން ވީ ބައިނަލްއަޤްވާމީ "ލިންގުއާ ފްރާންކާއިން" ވަރަށް ސާފުސާފުކޮށް "ގޯ ޓު ހެލް" މިހެންނެވެ. އެތައް ހާސް އަހަރަކުއްސުރެ އަޅުގަނޑުމެންގެ އަމިއްލަ ވަޒަން، އަޅުގަނޑުމެންގެ އަމިއްލަ ބިން، އަޅުގަނޑުމެންގެ އަމިއްލަ ގައުމުގެ ގޮތުގައި އޮތް، އަދި އެ ބިމެއްގައި އެއްވެސް އެހެން ބަޔަކަށް އުނދަގުލެއް ކުރުމެއް ނެތި އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ދައުލަތެއް ބިނާ ކޮށްގެން އުޅޭތާ އެތައް ސަތޭކަ އަހަރެއް ވީ ބިމުގައި އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ދައުލަތްވަންތަކަމަށް ގޮން ޖަހައި، އަޅުގަނޑުމެންގެ ޤައުމީ ޢިއްޒަތުއްނަފުސާއި ޝަރަފާއި ޙުރުމަތާއި ކަރާމާތަށް އަރައިގަންނަ ކޮންމެ މީހަކީ އަދި ކޮންމެ ފަރާތަކީ އަޅުގަނޑުމެންގެ ދުޝްމަނެކެވެ. އެފަދަ ކޮންމެ ފަރާތަކަށް ވަރަށް ސާފު ބަހުން ފޮނުވާން ޖެހެނީ "ސީޒް އެންޑް ޑެސިސްޓް"ގެ ސިޓީއެކެވެ.

ތެދުފުޅެކެވެ! ދިވެހިރާއްޖެޔަކީ ކުޑަކުޑަ ޤައުމެކެވެ. މީސްކޮޅު މަދު ޤައުމެކެވެ. ފައިސާޔާއި މުދާ މަދު ޤައުމެކެވެ. އިޤްތިޞާދީ ގޮތުން ނިކަމެތި ޤައުމެކެވެ. ޢަސްކަރީ ބާރުގެ ގޮތުން ވެސް ނިކަމެތި ޤައުމެކެވެ. ސުވާލަކީ، މިއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދައުލަތާއި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލާއި ކަރާމާތާއި ޢިއްޒަތް ދޫ ކޮށްލައި، ބޮޑު ޤައުމުތަކުގެ ކަސްބީޔަކަށް ނުވަތަ ބޮޑުވަޅުދޮށު ސައިބޯންޏަކަށް ވާން ޖެހޭ ސަބަބުތަކެއް ހެއްޔޭއެވެ! ޖަވާބު ވަރަށް ސާފެވެ! ޖަވާބަކީ ފިސާރި ބޮޑު އަކުރުން ނޫނެކޭ އެވެ. ފިސާރި އަޑުހަރުކޮށް ނޫނެކޭ އެވެ. ފަޤީރުންނާއި މުއްސަނދީންގެ އިންސާނީވަންތަކަން ތަފާތުތޯއެވެ؟ ހަށިގަނޑުން ބިޔަ އަދި ބޮޑު މީހުންނާއި ހަށިގަނޑުން ކުޑަ އަދި ނިކަމެތި މީހުންގެ އިންސާނީވަންތަކަން ތަފާތުތޯއެވެ؟ މުލައްދަނޑީގެ ބާރު ވަރުގަދަ މީހާޔާއި މުލައްދަނޑީގެ ބާރު ދެރަ މީހާގެ އިންސާނީވަންތަކަން ތަފާތުތޯއެވެ؟ ޢަދުލުއިންޞާފަކީ ބައިގިނަ ކޮޅާއި ބައިމަދު ކޮޅު ތަފާތު ކުރާ އެއްޗެއްތޯއެވެ؟ ނޫނެކެވެ! އެއްގޮތަކަށް ވެސް އެހެންނެއް ނޫނެވެ. ބޮޑު ޤައުމަކަސް، ކުޑަ ޤައުމަކަސް، މީސް ގިނަ ޤައުމަކަސް، މީސްކޮޅު މަދު ޤައުމަކަސް، މުއްސަނދި ޤައުމަކަސް، ފަޤީރު ޤައުމަކަސް، ބާރުގަދަ ޤައުމަކަސް، އަދި ބާރުދެރަ ޤައުމަކަސް، ކޮންމެ ޤައުމަކަށް މެ އެ ޤައުމެއްގެ ޤައުމީ އަދި ދައުލީ ޙައިޘިއްޔަތާއި ޙައްޤުތައް ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމުގެ ޙައްޤު އެއް މިންވަރަކަށް ލިބިގެން ވެއެވެ.

ބައިނަލްއަޤުވާމީ ނިޒާމުގެ ޢަމަލީ ޙަޤީޤަތްތައް އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ބޮޑުމަސް ކުޑަމަސް ކައިލުމުގެ ސަގާފަތުގެ ޙަޤީޤަތުގެ މައްޗަށް ލޯ މަރައެއްނުލަމެވެ. އެކަމަކު އަޅުގަނޑު ދަންނަވާން އޮތް އެއްޗަކީ، ކައިލާން އަންނަ މަސް ކިތަންމެ ބޮޑަސް، އެސޮރު ދެކެ ގަންނާކުރައްވާ ބިރުން އެސޮރުގެ ކުރިމަތީގައި ސަޖިދަ ކުރާ ކުޑަ މަހަކަށް ވާކަށް އަޅުގަނޑުމެން ރުހިގެނެއް ނުވާނެޔޭ މިއެވެ. މީހަކަށް އަޅުގަނޑުމެންގެ ބުރިކަށްޓަށް އެރޭނީ އަޅުގަނޑުމެން ގުދު ވީމައެވެ. ވިދާޅުވެބައްލަވާށެވެ! އަޅުގަނޑުމެން ގެންގުޅޭންވީ ފަލްސަފާޔަކީ، ފުރާނަ ހުއްޓައި އަދި ނޭވާފަށެއް ހިނގާހައި ހިނދަކު ގުދު ނުވެ މުހައްމަދު ތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ޢިއްޒަތުއްނަފުސާ އެކު ހަމަ އިސްކޮޅަށް ތެދު ވެގެން ތިބުމުގެ ފަލްސަފާތޯއެވެ؟ ނުވަތަ ދިރިތިބެ، މިނިވަނުންގެ ނަމުގައި ތިބެ، ޙަސަން ތާޖުއްދީނުގެ ޚިޔާނާތްތެރި ދެ ދަރީން ފަދައިން ގުދު ވެގެން އަޅުންނަށް ވެގަތުމުގެ މަގުތޯއެވެ؟ އަޅުންގެ ގޮތުގައި ދިރިއުޅުމުގެ ޝަރަފަކީ އަދި އިއްޒަތަކީ ކޮބައިތޯއެވެ؟ އެގޮތުގައި ދިރިއުޅުމަށް ވުރެ، މިނިވަންކަމާއި އަމިއްލަވަންތަކަމާއި އަމިއްލަ ޝަޚްޞިއްޔަތަށް ޓަކައި މަސައްކަތް ކޮށް އެ މަސައްކަތުގައި މަރު ވެގެން ދިޔުން މާ ހެޔޮކަން ބޮޑު ނޫންތޯއެވެ؟

ދެން ދެވަނަ ވާހަކައެވެ.

ދިވެހި ދައުލަތަކީ ސިޔާދަތާއި ޢިއްޒަތާއި ކަރާމާތް ލިބިގެން ވާ މުސްތަޤިއްލު ދައުލަތެއް ކަމުގައި ވީ ހިނދު، މި ދައުލަތުގެ ޤާނޫނީ އިޚްތިޞާޞުގެ ދާއިރާގެ ތެރޭގައި ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ނަމަ، އެކަމާ ގުޅިގެން ދިވެހި ދައުލަތުގެ ޤާނޫނުތައް، ދިވެހި ދައުލަތުގެ ނިޒާމުގެ ތެރެއިން، ތަންފީޛު ކުރުމަކީ ދިވެހި ދައުލަތަށް އޮންނަ، އޮންނާނެ، އަދި އޮންނާން ޖެހޭ ޙައްޤެކެވެ. އެމެރިކާ މީހަކަށް ވިޔަސް، އިނގިރޭސި ވިލާތުގެ މީހަކަށް ވިޔަސް، ރޫސީ ވިލާތުގެ މީހަކަށް ވިޔަސް، ސީނު ކަރައިގެ މީހަކަށް ވިޔަސް، އިންޑިޔާ މީހަކަށް ވިޔަސް، ސުޢޫދީ ޢަރަބިއްޔާގެ މީހަކަށް ވިޔަސް، އަދި އެހެން ކޮންމެ ތަނެއްގެ މީހަކަށް ވިޔަސް، ދިވެހި ދައުލަތުގެ ޤާނޫނު ހިނގާ ސަރަޙައްދުގައި ހުރެގެން ދިވެހި ރައްޔިތަކާ ދެކޮޅަށް ވިޔަސް އަދި އެހެން ޤައުމެއްގެ މީހަކާ ދެކޮޅަށް ވިޔަސް، ދިވެހި ދައުލަތުގެ ޤާނޫނުތައް މަނާ ކުރާ ކުށެއް ނުވަތަ ޖަރީމާއެއް ހިންގައިފި ނަމަ، އެ މީހަކާ މެދު ޤާނޫނު ހިންގުމުގެ ހުރިހައި އިޖުރާއާތުތަކެއް ހިންގުމަކީ ދިވެހި ދައުލަތުގެ ޙައްޤެކެވެ. އެކަމަށް ހުރަސް އަޅާ ކޮންމެ މީހަކު ނުވަތަ ބަޔަކު އެ އަރައިގަންނަނީ ދިވެހި ދައުލަތުގެ ސިޔާދަތަށެވެ. ދިވެހި ދައުލަތުގެ ޤާނޫނީ އިޚްތިޞާޞުގެ ދާއިރާގައި ކުށް ކުރުމުގެ އިޖާޒާއެއް ނުވަތަ ލައިސަންސެއް އެއްވެސް ޤައުމެއްގެ އެއްވެސް މީހަކަށް ދެވިގެން ނުވާނެއެވެ.

އެކަމަކު މިހާރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ދޭހަ ވާން އުޅެނީ، ދިވެހިރާއްޖެ ބިދޭސީ ޤައުމެއްގެ މީހުންގެ "ކްރައިމްޔާރޑަކަށް" ބަދަލު ވެދާން އުޅޭކަމެވެ. ނުވަތަ ބަދަލު ވަމުންދާ ކަމެވެ. އެހެންކަމުން، ވަގުތު ފާއިތު ނުވަނީސް އެންމެންނަށް ވެސް ސާފުކޮށް ކިޔައިދެމާ ހިންގަވާށެވެ! ދިވެހިރާއްޖެޔަކީ އެއްވެސް ބައެއްގެ، އެއްވެސް ޤައުމެއްގެ، އެއްވެސް މީހެއްގެ "ކްރައިމްޔާރޑް" އެއް ނޫނެވެ. އެއްވެސް ޤައުމެއްގެ "ބެކްޔާރޑް" ކަމުގައި ވެސް މި ޤައުމު ނުވާ ފަދައިންނެވެ. މި ޤައުމުގައި އެންމެ ފުރަތަމަޔަށާއި، ދެވަނަޔަށާއި، ތިންވަނަޔަށް ވެސް ނެގެހެއްޓޭން ވާނީ އަދި ރައްކައުތެރި ކުރެވޭން ވާނީ މި ޤައުމުގެ މަޞްލަޙަތެވެ. ދާޚިލީ ސިޔާސަތުގައި ވެސް، ޚާރިޖީ ސިޔާސަތުގައި ވެސް، ޤާނޫނު ހެދުމުގައި ވެސް، ޤާނޫނު ހިންގުމުގައި ވެސް، ޢަދުލުއިންޞާފު ޤާއިމު ކުރުމުގައި ވެސް، ވިޔަފާރި އާއި އިޤްތިޞާދުގެ ކަންކަން ހިންގުމުގައި ވެސް، އަދި އެހެނިހެން ކަންކަމުގައި ވެސް، ދިވެހި ދައުލަތުގައި އޮންނާނީ "މޯލްޑިވްސް ފަރސްޓް" އަދި "މޯލްޑިވްސް ސެކަންޑް" އަދި "މޯލްޑިވްސް ތަރޑް" އަދި "މޯލްޑިވްސް ތްރޫ އެންޑް ތްރޫ ޓިލް ދި އެންޑް" ސިޔާސަތެވެ. އެ ނޫން ސިޔާސަތެއް ހިންގުމަށް ބަޔަކު އަޅުގަނޑުމެންގެ ކިބައިން އެދުމަކީ ބައްތަމީޒު އިސްތިޢުމާރީ ޢަމަލެކެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އެހެން ބުނުމަކީ ޤައުމަށް ޚިޔާނާތްތެރި ވުމެވެ.

ދިވެހި ޤައުމު އިޞްލާހު ކުރުމުގެ ނަމުގައި، ބަޔަކު ނުކުމެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަން ފިތުނަފަސާދަޔާއި "ޑިމެގޮގީ"ގެ ނުބައި ކުޅިގަނޑެއްގެ ތެރެއިން ވައްޓައިލުމަށް ފަހު، ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބޭރު ދުނިޔޭގައި އޮތް ޤަދަރާއި އިޙުތިރާމު ވަރަށް ބޮޑަށް ކުޑަ ވެގެން ދިޔައެވެ. ޚާއްސަކޮށް، ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާ މެދު ކުރީއްސުރެ ވެސް ހުރުމަތެއް ނުބަހައްޓާ ބައެއް ފަރާތްތަކުގެ ކަންތައް ކުރިޔަށް ވުރެ ބޮޑު ވެގެން ދިޔައެވެ. މި ނުރައްކައުތެރި އަދި ހިތާމަވެރި ޙާލަތު އިތުރަށް ގޯސް ވެފައި ވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ދިވެހި "ލީޑަރުންތަކެއް" ކުރާން ފެށި އަދި މިއަދު ވެސް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެހެން ގައުމެއްގައި ނަމަ ޚާއިނުން އަދި ޣައްދާރުންގެ ލަގަބާ އެކު ގާނޫނީ އަދަބުތައް ތަންފީޛު ކުރުމުގެ ގޮޅިތަކުގައި ތިބޭން ޖެހޭ މި މީސްމީހުން މިއަދު ތިބީ ރާއްޖޭގެ ބަނުމާއި މޮހުމުގެ ވެރީންގެ ގޮތުގައެވެ.

މި ދެންނެވި ފަސްމަންޒަރުގައި ހިނގަމުން ދާ ބައެއް ހާދިސާތަކަށް ބަލައިލަމާ ހިންގަވާށެވެ! އެއީ ތިންވަނަ ވާހަކައެވެ.

މީގެ އަހަރުތަކެއް ކުރީން އިންދިރާ ގާނދީ މެމޯރިޔަލް ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނަކަށް ހުރި މީހަކަށް "އޮޅިގެން" ދިވެހި މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ހުރި ލެއި އެޅުނެވެ. "އޮޅިގެން" މި ލަފުޒު ކޮމާކޯޅިޔަކަށް ލީ، ކޮންމެހެން އޭނާ އެކަން ކުރީ އޮޅިގެނެއް ނޫނޭ ދެންނެވުމުގެ މުރާދުގައެއް ނޫނެވެ. އެއީ އެކަމާ ބެހޭގޮތުން ތުހުމަތު ކުރެވުނު މީހާގެ ފަރާތުން ނެގުނު މައުގިފު ކަމުގައި ވާތީއެވެ. ކަން ހިނގައިދިޔައީ އޮޅުމެއްގެ ތެރެއިންކަން ނުވަތަ ނޫންކަން ވެސް އެނގޭނީ ތަޙުޤީޤު ކޮށް ބެލީމައެވެ. ކޮންމެއަކަސް، އެ ބިދޭސީ މީހާ ހައްޔަރު ކުރެވުނެވެ. ކޯޓަށް ގެންދެވުނެވެ. ތަޙުޤީޤު ފެށުނެވެ. ކޯޓުން އޭނާ ތަޙުޤީޤުގެ ބޭނުމަށް ބަންދުގައި ބަހައްޓައިވެސްދިނެވެ. ނަމަވެސް ދެން އިވުނު ޚަބަރަކީ އޭނާ ރާއްޖެއިން ފުރުވައިލެވުނު ޚަބަރެވެ. ތަޙުޤީޤު ފުރިހަމަ ނުކުރެވިއެވެ. ޝަރީޢަތް ނުކުރެވިއެވެ. އޭނާގެ ގަސްދުން ވިޔަސް، އިހުމާލުން ވިޔަސް، އަދި އޭނާގެ އެއްވެސް ކުށެއް ނުވަތަ ގޯހެއް ނެތި އެރި އޮޅުމެއްގެ ސަބަބުން ވިޔަސް، ވީ އެ ކަންތަކުގެ ނަތީޖާއެއްގެ ގޮތުން މުޅި އުމުރަށް އެ މީހެއްގެ ދިރިއުޅުން ބަރުބާދު ވެގެން ދިޔަ ދިވެހި ރައްޔިތަކަށް އިންސާފު ނުލިބިއެވެ.

ދެން ތަންކޮޅެއް ފަހުގެ ދެ ހާދިސާއެއްގެ ވާހަކައެވެ. މި ދިޔަ ދެ މަހެއްގެ ތެރޭގައި ހިނގައިދިޔަ ދެ ހާދިސާއެއްގެ ވާހަކައެވެ. ފުރަތަމަ ހާދިސާޔަކީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕް ކުރެވުނުކަމުގެ ތުހުމަތު ފެންމަތި ވި ހާދިސާއެވެ. ތުހުމަތު ކުރެވުނީ ބިދޭސީއެއްގެ މައްޗަށެވެ. ޖެހިގެން އައި ދުވަހު އޭނާ ފުރުވައިލެވިއްޖެއެވެ. އެ ވާހަކަ ގައުމުގެ އެންމެން ދައްކަދައްކައި ތިއްބައެވެ. ތަޙުޤީޤެއް ނުވެސް ފެށުނެވެ. ދެވަނަ ހާދިސާޔަކީ ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢަޒީޒާގައި ބިދޭސީއަކު ދިވެއްސަކަށް ހަމަލަ ދިން ހާދިސާއެވެ. މި ހާދިސާގައި ވެސް ތުހުމަތު ކުރެވުނު ބިދޭސީ މީހާ ފުރުވައިލެވުނީއެވެ. ތަޙުޤީޤު ފުރިހަމަ ނުކުރެވިއެވެ.

ދެން ހަތަރުވަނަ ވާހަކައެވެ.

މި ދެންނެވި ހުރިހައި މައްސަލައެއްގައި ވެސް، ތުހުމަތު ކުރެވި އަދި ފަހުން ޢަދުލުއިންސާފުގެ ނިޒާމު ދަތި އަޅުވައި ވައްޓައިލައިފައި ރާއްޖެއިން ފުރައިގެން ދިވެހީންނާ ދިމާޔަށް "ދެން ލަލަލާ" އޭ ބުނެފައި ދިޔައީ އިންޑިޔާގެ ރައްޔިތުންނެވެ. ވަޒީފާ އަދާ ކުރުން ފަދަ ކަންކަމުގައި އައިސް ދިވެހިރާއްޖޭގައި އުޅެމުން ދިޔަ އިންޑިޔާގެ ރައްޔިތުންނެވެ. ތުންތުންމަތީން އިވުނު އަޑުތައް ބުނާ ގޮތުން، މި ހުރިހައި މައްސަލައެއްގައި ވެސް، ފުރުވައިލެވުނު މީހުންގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނު ތަންފިޛު ނުކުރެވި، އެމީހުން "ސަލާމަތް ކުރެވުނީ" އަދި "ސްކޮޓްފްރީ" އުޞޫލުން ގެދޮރަށް ފޮނުވައިލެވުނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް "އެންގި އެންގުންތަކަށް ތަބައަ ވުމުގެ" ގޮތުންނެވެ.

ސުބުޙާނަﷲ އެވެ! އަވަށްޓެރި އިންޑިޔާއިން، އެކުވެރި އިންޑިޔާއިން، އުޚުއްވަތްތެރި އިންޑިޔާއިން އަޅުގަނޑުމެންގެ ދައުލަތުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤުލާލަށް ގޮން ޖަހަނީތޯއެވެ؟ އަޅުގަނޑުމެންގެ ދައުލަތުގައި އަޅުގަނޑުމެންގެ ޤާނޫނު ތަންފީޛު ކުރުމަށް ހުރަސް އަޅަނީތޯއެވެ؟ އެ ޤައުމުގެ ކޮންމެ މީހަކަށް ވެސް ދިވެހިރާއްޖެޔަށް އައިސް ދިވެހިރާއްޖޭގައި ކޮންމެ ފަދަ ކަމެއް ކޮށްފައި ވެސް ހަމަޖެހިލައިގެން ފުރައިގެން ދެވޭނެކަމުގެ ޔަޤީންކަން ހޯދައިދޭން މަސައްކަތް ކުރަނީތޯއެވެ؟ އިންޑިޔާއިން މިފަދަ ކަމެއް ކޮށްފާނެ ކަމަކަށް ޤަބޫލު ކުރާ ހިތެއް އަޅުގަނޑު ނުވެއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ! އިންޑިޔާ އަކީ އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތަށް ޓަކައި ފަޤީރުންނާއި މުއްސަނދީން، ކުދި މީހުންނާއި ބޮޑެތި މީހުން، ގަދަފަދަ މީހުންނާއި ބަލިކަށި މީހުން އެއް އަޑަކުން "އިންޞާފޭ" ބުނެ އަނިޔާވެރި އިސްތިޢުމާރީ ބާރަކާ ދެކޮޅަށް ތެދުވި ޤައުމެކެވެ. ޝާހު ވަލިއްޔުﷲ އާއި މަހާތުމާ ގާނދީގެ ޤައުމެވެ. އެ ޤައުމެއްގެ ތަޢުލީމީ ނިޒާމުގެ ބާނީއަކީ މައުލާނާ އަބުލްކަލާމް އާޒާދު ކަމުގައި ވި ޤައުމެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގެ ފަޚުރާއި ޝަރަފު ލިބިގެން ވާ ޤައުމެވެ. ޑރ. ބާބާސާހިބް އަމްބެދްކަރް އެ ޤައުމަކަށް ނިސްބަތް ވެވަޑައިގަންނަވާ ޤައުމެވެ. އެހެންވީމާ އިންޑިޔާއިން އެފަދަ މުޑުދާރު، ނާތަހުޒީބު، ބަރުބަރީ، ގޮތްކުޑަ، ނުލަފާ، އަދި މާފިޔާ ޒާތުގެ ޢަމަލުތަކެއް ކުރާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ.

އެކަމަކުވެސް ހަމަ އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން އެހެން ހަދަނީތޯއެވެ؟ އެހެންވިއްޔާ ކަށަވަރު ވެގެން ވާ ކަމަކީ، އެކަން ކުރާ ބަޔަކީ ޚުދު އިންޑިޔާ އެ އުޞޫލުތަކަކާއި އެ ހަމަތަކެއްގެ މައްޗަށް ބިނާ ކުރެވުނު އުޞޫލުތަކަށް ފުރަގަސް ދީ އިންޑިޔާއަށް ޣައްދާރު ވެގެން އުޅޭ ބައެއްކަމެވެ. މަހާތުމާ ގާނދީ އެ ޝިޢާރުތަކެއްގެ އަޑު އުފުއްލެވި ޝިޢާރުތަކަށާއި، ޑރ. އަމްބެދްކަރް އެ ޢަދުލުއިންޞާފުގެ ނިޒާމެއްގެ ބިންގާ އެޅުއްވި ޢަދުލުއިންޞާފުގެ ނިޒާމުގެ މަބްދައުތަކަށް ޚިޔާނާތްތެރި ވެގެން އުޅޭ ބައެއް ކަމެވެ. އިންޑިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ޚިޔާނާތްތެރި ވެ، ޣައްދާރު ވެ، އެމީހުންގެ ނަމުގައި އެމީހުން ޤަބޫލު ނުކުރާނޭ ބާވަތުގެ ހުތުރު ޖަރީމާތަކެއް ހިންގަމުން ދާ ބަޔަކުކަމެވެ.

އެހެންވިއްޔާ ދެން އަޅުގަނޑުމެން ކުރާން ވީ ކަމަކީ ކޮބައިތޯއެވެ؟

ޖަވާބު ވަރަށް ސާފެވެ. އެންމެ ފުރަތަމަ ކަމަކަށް، ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްތިޤްލާލުގެ ޙުރުމަތް ކަނޑައިލައި، ދިވެހިރާއްޖޭގައި ކުށް ކުރި އިންޑިޔާ މީހުންނަށް ދިވެހިރާއްޖޭގައި ޝަރީޢަތް ކުރިޔަނުދިނުމަށް ބާރު އެޅި އެންމެންގެ ނަންތައް ލިސްޓު ކުރައްވައި، އެ އެންމެންނަކީ ދިވެހި ދައުލަތުގައި "ޕާރސޮނާ ނޮން ގްރާޓާ" ކަމުގައި އިޢުލާން ކުރައްވާށެވެ. އެއިގެ ތެރެއިން އެއްވެސް މީހަކު ރާއްޖޭގައި ހުރި ނަމަ، އެއިގެ ތެރެއިން ސަފާރީ އިމްތިޔާޒާއި ރައްކައުތެރިކަން ލިބިނުދޭ އެންމެންގެ މައްޗަށް ތަޙުޤީޤު ހިންގަވައި ޝަރީޢަތް ކުރައްވާށެވެ. ސަފާރީ އިމްތިޔާޒާއި ރައްކައުތެރިކަން ލިބިދޭ އެންމެން ދިވެހިރާއްޖެޔަށް ދުވަހަކު ވެސް ނައުދެވޭ ގޮތަށް ދިވެހި ދައުލަތުން ބޭރު ކުރައްވާށެވެ. އިންޑިޔާގެ ޙުކޫމަތަށް ރަސްމީކޮށް ލިޔުމުން ޝަކުވާ ހުށައަޅުއްވާށެވެ. ބައިނަލްއަޤްވާމީ ނިޒާމު ހިންގުމުގެ މަސްއޫލިއްޔަތު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގާތްގަނޑަކަށް އިއްތިފާޤުން އެ ފަރާތަކާ ޙަވާލު ކުރެވިފައި ވާ އަލިފުދާލު ޖަމްޢިއްޔާއަށް ރަސްމީކޮށް ޝަކުވާ ހުށައަޅުއްވާށެވެ. އަދި ދިވެހި ދައުލަތުގެ ޢިއްޒަތާއި ކަރާމާތާއި ޙުރުމަތާއި ޙައިޘިއްޔަތާއި ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ އެއްވެސް ދައުލަތަކާ މެދު، އަޅުގަނޑުމެން ވެސް އެއީ ދައުލަތެއް ކަމަށް ބަލައިގެން ނުތިބޭނެކަން އިޢުލާން ކުރައްވާށެވެ. ދިވެހި ދައުލަތުގެ ސަރަޙައްދުގައި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ޤާނޫނުތައް ހިންގައި ތަންފީޛު ކުރުމަށް ހުރަސް އަޅައިފި ކޮންމެ މީހަކީ ދުޝްމަނެއް ކަމަށް ބަލައި އެގޮތުގެ މަތީން އެ މީހަކާ މެދު ޢަމަލު ކުރާނެކަން މުޅި ދުނިޔޭގެ އެންމެނަށް އިވޭނޭ ބީދައިން އިޢުލާން ކުރައްވާށެވެ. އަދިވެސް އެއް ކަންތަކެވެ. ލަސް ނުކޮށް، އެއްވެސް ބަހަނާއެއް ނުދައްކައި، ހަމަ ވަގުތުން، ރާއްޖޭގައި ކުށްތައް ކޮށްފައި ފުރަފުރައިގެން ދިޔަ އެންމެން ދިވެހިރާއްޖޭގައި އެމީހުންގެ މައްޗަށް ދިވެހި ޤާނޫނު ތަންފީޛު ކުރުމަށް ޓަކައި ދިވެހި ދައުލަތާ ޙަވާލު ކުރުމަށް އަންގަވާށެވެ.

އަޅުގަނޑުމެން މިހެން ހެދީމާ، އިންޑިޔާ ބޮޑު ވެފައި، ބާރުގަދަ ވެފައި، ގަދަފަދަ ވީމާ، އަޅުގަނޑުމެންގެ ކަންކަށިމަތީގައި ޖެހިޖެހީނުން ވައްޓައި ޗިސްޗިސް ކޮށްލާނީތޯއެވެ؟

އިންޑިޔާ އެހެންނެއް ނުހަދާނެއެވެ. ނުވެސް ހެދޭނެއެވެ. ޚުދު އިންޑިޔާގެ އެތެރެއިން ތަހުޒީބާއި އިންޞާފާއި ހަމަޔަށް ލޯބި ކުރާ ރައްޔިތުންނާއި ލީޑަރުން ނުކުމެ، އިންޑިޔާގެ ނަމުގައި އެފަދަ ޖަރީމާތަކެއް ބަޔަކު ހިންގަނީ ނަމަ އެކަން ހުއްޓުވާނެކަން ވެސް ޔަޤީނެވެ. މިކަން މި މަގުން ނުހިނގިޔަސް، އަޅުގަނޑުމެން ކުރާން ވީ ކަންތައް އަޅުގަނޑުމެންނަށް އޮޅިގެން ނުވާނެއެވެ. ތަމަޅަ ޓެރަރިސްޓުން ބަޑި ހިފައިގެން އައިސް ސިފައިންގެޔާ ޙަމަލަ ދިނުމުން، ޝަހީދު ޙުސައިން އާދަމް ރައްދު ދިނީ ވަގުތުން ދިން ދިފާޢީ ޖިހާދުގެ ޙަމަލާއިންނެވެ. ތިމާގެ ހަށިގަނޑު ކުޑަކަމާ މެދު، ތިމާގެ އަތުގައި ހުރި ވަޒަނުގެ ޢަދަދު މަދުކަމާ މެދު، ތިމާގެ ބަޑީގެ މުސްކުޅިކަމާ މެދު ވިސްނާކަށް އޭނާ މަޑެއް ނުކުރެއެވެ. ޙުސައިން އާދަމުގެ ދަރީން ދެން ވެސް އެ ކަންކަމާ މެދު ވިސްނާން މަޑެއް ނުކުރާނެއެވެ. މަޑު ކޮށްގެން ނުވެސް ވާނެއެވެ.

އަވަށްޓެރިކަމާއި އެކުވެރިކަމަކީ އިތުބާރާއި، އިޙްތިރާމާއި، އެކަކު އަނެކަކާ މެދު ގެންގުޅޭ އުޚުއްވަތްތެރި ލޯބިވެރިކަމާއި، އެކަކު އަނެކެއްގެ ޙައްޤުތަކާ މެދު ގެންގުޅޭ އަދި ދައްކާ މުޠުލަޤު ޤަދަރާއި ރިޢާޔަތުގެ މައްޗަށް އޮންނަ އެއްޗެކެވެ.

ދެން ފަސްވަނަ ވާހަކައެވެ.

މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕް ކޮށްފައި ފުރައިގެން ދިޔަ ކަމަށް ތުހުމަތު ކުރެވުނު އިންޑިޔާ މީހާގެ ވާހަކަ މީޑިޔާގައި ފެންމަތި ވެ، ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އެ ވާހަކަތައް ދައްކަދައްކައި ތިއްބައި، އޭނާ ފުރައިގެން ދިޔުމުން ފުލުހުން ބުނެފައި ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައި ނެތް ކަމަށެވެ. މިއީ ކޮން ޒާތެއްގެ ވާހަކައެއްތޯއެވެ؟ ފުލުހުން ދިވެހި ރައްޔިތުންނާ ސަމާސާ ކުރައްވަނީތޯއެވެ؟ ސަމާސައެއް ނަމަ، ތިޔައީ ހާދަހާ ވާ ވިޔާނުދާ ސަމާސައެކެވެ! ނުވަތަ، ދެއްކެވި ކޮންމެ ވާހަކައެއް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކޮށްގެން އަތް ޖަހަޖަހައި ތިބޭނީއޭ ހިއްތަވައި، ތިޔަ ޒާތުން ވާހަކަ ދައްކަވަނީތޯއެވެ؟ ދަންނަވަންތޯއެވެ! ފުލުހުންނަކީ ދައުލަތުގެ ކޮންމެ ތަނެއްގައި ވިޔަސް ކުށެއް ކުރެވިއްޖެ ކަމުގެ، ނުވަތަ ކުށެއް ކުރެވެމުން އެބަދާކަމުގެ، ނުވަތަ ކުށެއް ކުރާން އެބަ އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ގޮތެއްގައި އެއްވެސް މަޞްދަރަކުން ލިބިއްޖެއްޔާ، ހަމަ ވަގުތުން އަމިއްލަ އިސް ނެގުމަށް އެކަމާ މެދު ފިޔަވަޅު އެޅުމުގެ ވާޖިބާއި މަސްއޫލިއްޔަތު އޮންނަ ފަރާތެކެވެ. ފުލުހުންގެ ހުވައި ކޮށްގެން، ފުލުހުންގެ ޔުނިފޯމު ލައިގެން، މި ދެންނެވި ވާޖިބާއި މަސްއޫލިއްޔަތަށް ފުރަގަސް ދިނުމަކީ ކަނޑައެޅިގެން ޣައިރުޤާނޫނީ ޢަމަލެކެވެ. ކުށެކެވެ. ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާއި 244 ވަނަ މާއްދާއިން ފެށިގެން ގޮސް އެ ދުސްތޫރީ ނައްޞުތަކުގެ ދަށުން ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދިވެހިރާއްޖޭގެ ޖިނާއީ ޤާނޫނުތަކުގެ ކަމާބެހޭ މާއްދާތަކުން މި ކަން ވަނީ ވަރަށް ރަނގަޅަށް ކަނޑައެޅިފައެވެ. ދައުލަތުގެ ތެރޭގައި ކުށްވެރީން ކުށަށް އަރައިގަނެ، ރައްޔިތުންގެ ތެރެއިން އެކަކު އަނެކަކު ތަޅައި މަރައި، މީހުންގެ މުދައު ފޭރި ހަދާ އިރު ވެސް، މީހަކު ރިޕޯޓު ނުކުރެޔޭ ކިޔައިފައި ޓީވީ ބަލާން ނުވަތަ ކޮފީ ބޯން ނުވަތަ ޓުވީޓު ކުރާން ފުލުހުން ތިބޭ ވާހަކަޔަކީ ދުވަހަކު ވެސް އަޅުގަނޑު މީގެ ކުރިޔަކުން އެހި ވާހަކައެއް ނޫނެވެ.

ފުލުހުންގެ ފަރާތުން ފެނިގެން ދިޔަ މި ދެންނެވި ޒިންމާދާރުކަން ކުޑަކަމާއި މަސްއޫލިއްޔަތަށް ފުރަގަސް ދިނުމުގެ ހައިރާން ކުރުވަނިވި މިސާލަށް ފަހު، ދެން ފެނުނީ އަދި އެޔަށްވުރެ ވެސް ހިނި އަންނާން ޖެހޭ ކަހަލަ ކަމެކެވެ. ހުޅުމާލޭ މިސްކިތެއްގައި ދިވެއްސަކަށް ހަމަލަ ދިން މީހާގެ މައްޗަށް ޤާނޫނު ތަންފީޛު ކުރުމެއް ނެތި އޭނާ ފުރުވައިލުމަށް ފަހު، ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމުގެ އޮފީހުން ވިދާޅުވީ، އޭނާ ފުރުވައިލެވުނީ "މަސްލަހަތު ރައްކައުތެރި ކުރުމަށް ޓަކައި" ކަމަށެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތަކީ، ދައުލަތުގައި ޤާނޫނު ހިންގުމެވެ. ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމެވެ. ކުށެއް ކުރެވިއްޖެ ނަމަ، އެ ކުށް ތަޙުޤީޤު ކުރުމެވެ. ދަޢުވާ އުފުލާން ޖެހޭ ނަމަ ދަޢުވާ އުފުލުމެވެ. އެ ދަޢުވާޔާ ގުޅިގެން އިންޞާފުވެރި ޝަރީޢަތެއް ކުރުމެވެ. ޝަރީޢަތުގެ ނިންމުންތައް ތަންފީޛު ކުރުމެވެ. ކުށް ކުރާ އެންމެންނާ މެދު ހަމަހަމަ ގޮތެއްގައި ޤާނޫނު ހިންގުމެވެ. އެއްވެސް މީހަކަށް ޤާނޫނަށް ޖަވާބުދާރީ ނުވެ ފިލައިގެން ދެވޭނެ މަގެއް ނުދެއްކުމެވެ. މިއީ ޤާނޫނީ ދާއިރާގައި ޢާއްމުކޮށް ބޭނުން ކުރާ ލަފުޒެއްގެ ބޭނުން ކޮށްގެން ދަންނަވަނީ ނަމަ "އޯވަރރައިޑިން" މަޞްލަޙަތެކެވެ. އެބަހީ، އެހެން ހުރިހައި މަޞްލަޙަތުތަކަކަށް ވުރެ މުހިއްމު އަދި އެހެން ހުރިހައި މަޞްލަޙަތުތަކަށް ވުރެ އިސްކަން ވެގެން ވާ މަޞްލަޙަތެކެވެ. މި ދަންނަވާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ތަޙުޤީޤު ހިންގެވުމެއް ދަޢުވާ އުފުއްލެވުމެއް ނެތި އޭނާ ދޫ ކޮށްލައްވައި ރާއްޖެއިން ފޮނުވައިލެއްވީ، ދިވެހި ދައުލަތުގެ ކޮން މަޞްލަޙަތެއްގެ ޙިމާޔަތުގައި ތޯއެވެ؟ ދިވެހި ރައްޔިތުންގެ ތެރެއިން ކާކުގެ ކޮން މަޞްލަޙަތެއްގެ ޙިމާޔަތުގައި ތޯއެވެ؟ މަޞްލަޙަތަކީ ފެންނާން އޮންނަ އެއްޗެކެވެ. އެއީ ޅެމުގެ މާނަ ޅެންވެރިޔާގެ ބަނޑުގައި އޮންނަ ގޮތަށް ޕްރޮސިކިޔުޓަރ ޖެނެރަލް އާއި ޕޮލިސް ކޮމިޝަނަރއާ ދެ ބެއިފުޅުންގެ "ބަނޑުފުޅުގައި" އޮންނަ އެއްޗެއް ނޫނެވެ. އިނގިރޭސި ހަރު ބަހެއްގައި "ވަޓް ގޯޒް އެރައުންޑް ކަމްސް އެރައުންޑް" އޭ ބުނެއެވެ. ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަކީ "މަޞްލަޙަތު" މި ލަފުޒު ބޭނުންފުޅު ކުރައްވައިގެން އެއް އިރެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަރަށް މަލާމާތް ކުރެއްވި ބެއިފުޅެކެވެ. މާތްރަސްކަލާނގެ ތަޤުދީރުފުޅުން ކޮންމެ ނުބައި ދުލެއްގެ ބަސް އެ ދުލެއްގެ ވެރިޔާގެ ނިތްކުރިޔާ ހަމަޔަށް ރައްދު ކުރައްވާ ގޮތުގެ ފުރިހަމަކަމާއެވެ!

މި ޙާލަތަކީ މަޞްލަޙަތުގެ "އެބްސްޓްރެކްޓް" އަދި "ޖެނެރަލް" އުޞޫލުތަކާ ހަމަޔަށް ދާން ޖެހޭ ވެސް ޙާލަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން، އަދި ތަހުޒީބީ ޤައުމުތަކުގެ ޤާނޫނީ ނިޒާމުތަކުގައި ޢާއްމު އުޞޫލެއްގެ ގޮތުގައި ބަލައިގެންފައި އޮތް ގޮތުގެ މަތީން، ކުށް ކުރާ އެއްވެސް މީހެއްގެ މައްޗަށް ތަޙުޤީޤު ނުކޮށް ދޫ ކޮށްލެވޭނީ، ނުވަތަ ދަޢުވާ ނުއުފުލައި ދޫ ކޮށްލެވޭނީ، ނުވަތަ ޝަރީޢަތް ނުހިންގައި ދޫ ކޮށްލެވޭނީ، ކަނޑައެޅި ބަޔާން ވެގެން ވާ ޤާނޫނީ ނައްޞަކުން އެކަން މަނާ ކުރާ ޙާލަތުގައި އެކަންޏެވެ. ވީމާ މަޞްލަޙަތުގެ ސުވާލުގެ ބަދަލުގައި ކުރާން ޖެޙޭ ސުވާލަކީ، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދަޢުވާ ނުކުރައްވާން ނިންމަވައި އޭނާ ރާއްޖެއިން ފުރުވައިލުމަށް ލަފާ ދެއްވީ، އޭނާގެ މައްޗަށް ތަޙްޤީޤު ކުރުމާއި ދަޢުވާ އުފުލުން ދިވެހިރާއްޖޭގެ ކޮން ޤާނޫނެއްގައި އޮތް ކޮން ނައްޞަކުން މަނާ ކޮށްގެންތޯ، މި ސުވާލެވެ. އެފަދަ ނައްޞެއް ނެތް ނަމަ، ދެން ވާން ވީ ގޮތް ދަންނަވައިލާނަމެވެ. ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުން އަލްއުސްތާޛު ޙުސައިން ޝަމީމު އިސްތިޢުފާ ދެއްވާށެވެ. އޭނާޔަކީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް ޤާބިލު ނޫން ބެއިފުޅެއްކަން ކުރީއްސުރެ އެނގި ކަށަވަރު ވެފައި އޮތް އޮތުމުގެ މައްޗަށް އިތުރު ވަރުގަދަ ހެތްކެއް ލިބިގެން ދިޔައީއެވެ. ދިވެހި ދައުލަތުގެ މަޞްލަޙަތު ނިޔާ ކުރަނީ، އޭނާ ވަގުތުން އެ މަޤާމުން އިސްތިޢުފާ ދެއްވުމެވެ. ދެވަނަ ކަމަކަށް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޢަދުލުއިންޞާފަށް ހުރަސް އަޅުއްވައި، މަޤާމުގެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި މީހަކަށް ފައިދާތައް ހޯދައިދެއްވީތީ އޭނާގެ މައްޗަށް ތަޙުޤީޤު ހިންގަވައި ދަޢުވާ އުފުއްލަވައި ޝަރީޢަތް ކުރައްވާށެވެ. މިކަން މިގޮތަށް ނުހިނގަނީ ނަމަ، ދިވެހި ދައުލަތަކީ ޤާނޫނުގެ ޙުކުމް ހިނގާ، ޢަދުލުއިންޞާފު ޤާއިމު ކުރެވޭ ދައުލަތެއް ކަމުގައެއް ނުވާނެއެވެ.

ދެން ހަވަނަ އަދި އެންމެ ފަހު ވާހަކައެވެ!

އިންޑިޔާ ވިޔަސް އަދި އެހެން ޤައުމެއްގެ ވިޔަސް މީހުން ދިވެހިރާއްޖޭގައި އުޅެމުން ދިވެހި ދައުލަތުގެ ޤާނޫނުތަކަށް ފައިން އަރައި، ދިވެހި ޤާނޫނުތަކުން މަނާ ކުރާ ކުށްތައް ކޮށްފައި އެ ޤައުމުތަކުގެ ސަރުކާރުގެ އެހީތެރިކަމާއި ބާރުގައި ފުރަފުރައިގެން ދިޔުމުގެ ފުރުޞަތު އަޅުގަނޑުމެން ދެނީ ނަމަ، އެއީ ކުރިމަގުގައި ގޯހުން ވަރަށް ބޮޑު ގޯހަކަށް މެނުވީ ދާނެ ކަމެއް ނޫނެވެ. މިއަދު އެކަން ނުހުއްޓުވިއްޖެ ނަމަ، މާދަމާ ދިވެހި ޤައުމު ކަރުނަ އަޅައި ރޯން ޖެހޭނެއެވެ. މާދަމާ ދިވެހިރާއްޖެ ބަދަލު ވެގެން ދާނީ "ބަނާނާ ރިޕަބްލިކް" އަކަށެވެ. އެއިރުން ދިވެހި ދައުލަތުގެ ޙުރުމަތް އޮތް ތަނުގައި އޮންނާނީ ބޮޑުވަޅުދޮށު ސައިބޯންޏެކެވެ.

ރާއްޖޭގައި އުޅޭ އިންޑިޔާ މީހަކަށް ވިޔަސް، އެމެރިކާ މީހަކަށް ވިޔަސް، ރަޝިޔާ މީހަކަށް ވިޔަސް، އަދި ސަޢޫދީ ޢަރަބިއްޔާގެ މީހަކަށް ވިޔަސް، މިއަދު ދިވެހިރާއްޖޭގެ އަންހެނުންގެ ގަޔަށް އެޗްއައިވީ ލޭ އަޅައިފައި، ނުވަތަ ދިވެހީންގެ މިސްކިތްތަކަށް ވަދެ ދިވެހީންގެ ގައިގައި ތަޅައިފައި، ނުވަތަ ދިވެހި އަންހެން ކުދީންނާ މަތިންދާބޯޓުތަކުގެ ދަތުރުމަތީގައި ބެހިފައި، ނުވަތަ ކޮޓަރިތަކުގެ ނިވަލުގައި ތިބެ ދިވެހި އަންހެން ކުދީން ރޭޕް ކުރާން އުޅެފައި ނުވަތަ ރޭޕް ކޮށްފައި، ދެން އެމީހުންގެ ސަރުކާރުތަކާއި އެންބަސީތަކުގެ ބާރުގައި ފުރަފުރައިގެން ދެވޭ ނަމަ، މާދަމާ އަޅުގަނޑުމެންނަށް ފެންނާނީ މިޔަށްވުރެ މާ ބިރުވެރި މަންޒަރުތަކެކެވެ. މާދަމާ ބިދޭސީން ފުރައިގެން ދާނީ "މަސްލަހަތަށް ޓަކައި" އަދި "ރިޕޯޓު ނުކުރެވޭ ކުށްތަކެއްގެ ގޮތުގައި" ދިވެހިރާއްޖޭގެ މަގުތަކުގައި ދިވެހި އަންހެން ކުދީން ރޭޕް ކޮށްފައެވެ. ދިވެހިރާއްޖޭގެ ޢާއްމު ތަންތަނުގައި ދިވެހި ރައްޔިތުން މަރައި ދިވެހި ރައްޔިތުންގެ ލޭ އޮހޮރުވައިފައެވެ. ދިވެހީންގެ މިސްކިތްތަކާއި، ދިވެހީންގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދިވެހީންގެ ރައްޔިތުންގެ މަޖިލިހުގެ ގެޔާއި، ދިވެހީންގެ ކޯޓުތަކުގެ ތެރެޔަށް ކުޅު ޖަހައި އެ ތަންތަނުގެ ޙުރުމަތް ކަނޑައިލައިފައެވެ. އެ ދުވަސް އަންނާންދެން ބަލަހައްޓައިގެން ތިބޭން ވީތޯ؟

comment ކޮމެންޓް