ރަށަށް ބަދަލުވާ މީހުންނަށް 3،000 ރުފިޔާގެ އެލަވެންސެއް

މާލެއިން ފުރަން ބަޔަކު ލޯންޗަށް އަރަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ މީހުންގެ ތެރެއިން ސަރުކާރުން އެހީ ފޯރުކޮށްދޭ މީހުންނަށް މަހަކު 3،000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް އުސޫލެއް އެކުލާވަލައިފި އެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ" ގޮތުގައި ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑާ މިނިސްޓްރީ އިން ބަލަހައްޓަން ޖެހެ އެވެ.

އެ ޕްރޮގްރާމުގެ ދަށުން އެހީ އަށް އެދޭނީ އެކަމަށް ހާއްސަ ފޯމު މެދުވެރިކޮށް ކަމަށާއި ފޯމު ހުށަހަޅާނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށުގެ ކައުންސިލަށް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. އަދި އެކަމަށް އެދޭތާ 30 ދުވަހުގެ ތެރޭގައި އެހީ އަށް ޝަރުތު ހަމަވާނަމަ އެކަން ނުވަތަ ނުވާނަމަ އެކަންވެސް މިނިސްޓްރީގެ ފަރާތުން އެހީއަށް އެދޭ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ގަވައިދު ބުނެ އެވެ.

އެހީ އަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުރުމާއި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެ އެވެ.

މީގެ އިތުރުން އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާން ޖެހޭނެ ކަމަށާއި ގަވައިދުގެ ދަށުން މާލި އެހީ ދޭނަމަ އެ މީހަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާ އިން އާންމުކޮށްފައިވާ ގަވައިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ގަވައިދުގެ ދަށުން ދޭ މާލީ އެހީގެ ތެރޭ ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވެންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް 3،000 ރުފިޔާ، ވަޒަންވެރިވުމަށް ދަތުުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު އެ ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް، އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ހަރަދުގެ ވަކި އިންސައްތައެކެވެ.

މީގެ އިތުރުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށައި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ، އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް
ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް
އެހީތެރިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގަވައިދު ބުނާގޮތުން އެ ބަދަލުވާ ރަށަކާއި ކައިރި ރަށްރަށުގައި ތަމްރީނުގެ ފުރުސަތުތައް ހުރިނަމަ، އެފަދަ ތަންތަނުން އެ ފުރުސަތު ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވެދޭނެ އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ޝަރުތު ހަމަވާނަމަ އެފަދަ ޕްރޮގްރާމުތަކުން ލިބޭ އެހީ ހޯދުމަށްވެސް އެހީތެރިވެދޭނެ ކަމަށާއި ރަށްވެރިކަން ބަދަލުކުރަން އެދޭނަމަ އެކަމަށްވެސް މުވައްސަަސާތައް މެދުވެރިކޮށް އެހީވެދޭނެ ކަމަށް ބުނެފައިވެ އެވެ.

މި އުސޫލުގެ ދަށުން ބަދަލުވާ ފަރާތްތަކުގެ ހާލަތު އެއް އަހަރުވަންދެން މޮނީޓާ ކުރާނެ ކަމަށް އެ ގަވައިދު ބުނެ އެވެ. އަދި އެހީ ލިބޭ ފަރާތުން ކޮންމެ ތިންމަހުން އެއްމަހު، އެފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް އެކަމަށް ހާއްސަ ފޯމު މެދުވެރިކޮށް އެ ދިރިއުޅޭ ރަށެއްގެ ކައުންސިލާ ހިއްސާކުރަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށާއި އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

https://sun.mv/148339

comment ކޮމެންޓް