މި މަހު ޓެކުހުގެ މުހިންމު ސުންގަޑިތަކެއް، އޮންލައިން ހިދުމަތް ބޭނުންކުރަން މީރާގެ އިލްތިމާސްއެއް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ހިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

މި މަހުގެ ފަހު ހަފުތާގައި ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނެ އެވެ. އެގޮތުން 2020ގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 28 ޖަނަވަރީ އެވެ. އަދި ޖެނުއަރީ 31 އަކީ އާމްދަނީން ނަގާ ޓެކުހުގެ މިދިޔަ އަހަރުގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ.

މީރާއިން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ސުންގަޑިތަކާ ދިމާކޮށް ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރި ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ހިދުމަތް ދެމުންގެންދާތީ ހިދުމަތް ދޭ ކައުންޓަރުތައް މަދުވާނެކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ޖީއެސްޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށާއި ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ކަމަށް މީރާއިން ބުނެ އެވެ.

އެހެންކަމުން ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ހިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖީ.އެސް.ޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަކަމާއެކު އެކަން ކުރެވޭނެކަން މީރާއިން ފާހަގަކުރެ އެވެ.

comment ކޮމެންޓް