ކޮފީއެއް ބޯލުމުގެ ހައްގުންވެސް މި މީޙުން މަހުރޫމްކޮށްފި!

ފުޑް ކޯޓަށް ވަންނަ ދޮރުމަތީގައި ޖަހާފައި ހުރި ހޮޅިތަކުގެ ސަބަބުން މިރުޒާއަށް އެތެރެއަށް ނުވަދެވިފައި — ފޮޓޯ/ މިރުޒާ ފޭސްބުކް

ފުރޮޅުލީ ގޮނޑިއެއްގެ އެހީގައި ތަންތަނަށް ދާ މިރުޒާ މުނީރަކީ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާއަށް ނުވަތަ ކޮފީއެއް ބޯލަން ނުވަތަ ކޮންމެސް އެއްޗެއް ކާލާ ރައްޓެހިންނާ ވާހަކަ ދައްކާލަން ހާބަރު ފުޑް ކޯޓަށް ދާ މީހެކެވެ. އެކަމަކު އިއްޔެ ވީ ވަރަށް ދެރަ ގޮތެކެވެ. އޭނާއަކަށް އިއްޔެ އެތަނަކަށް ނުވަދެވުނެވެ. އޭނާއަށް އިއްޔެ ހުރަސް އެޅީ އެތަނަށް ވަންނަން ހުރި ދޮރުގެ ކުރިމަތީގައި ހުރަހަށް ވާގޮތަށް ޖަހާފައި ހުރި ދަނގަޑު ހޮޅިތަކެވެ.

އޭނާ އާންމުކޮށް ގޮސް ވަދެ ހިތް ހަމަ ޖައްސާލާ އެތަނަށް ނުވަދެވުމުން މިރުޒާ ވަނީ އޭނާގެ އިހުސާސްތައް ފޭސްބުކް ގައި ހިއްސާކޮށްފަ އެވެ.

"ފުޑް ކޯޓަކީ އަޅުގަނޑު ވަރަށް ގިނައިން އަންނަ ތަނެއް އެހެނަސް މިއަދު މިވަނީ ހާލަތު ބަދަލުވެފައި. އާންމު ތަންތަން ހަދާ މަރާމާތު ކުރާއިރު އަޅުގަނޑުމެންނާ މެދު ވިސްނާނީ ކޮންއިރަކުބާ.؟" މިރުޒާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.

މިރުޒާ "ސަން" އަށް އިތުރަށް ބުނިގޮތުގައި އޭނާ މަސައްކަތް ކުރަނީ އެމްޓީސީސީ މާލޭ ކޮޅުގައި ހުންނަ އޮފީހުގަ އެވެ. އިއްޔެ އޭނާ ހެނދުނު ޑިއުޓީގައި އުޅެފައި ނިންމާފައި ދާން އުޅެނިކޮށް ހަވީރު ޑިއުޓީއަށް އައި ކުއްޖާ ގޮވާލާފައި "މިރޫއަށް ދެން ހިއެއް ނުވޭ ފުޑް ކޯޓަށް ވަދެވޭނެ ހެނެއް" އެހެން ބުނިކަމަށް މިރުޒާ ބުންޏެވެ.

އޭނާ އެއީ ކީއްވެތޯ ސުވާލު ކުރުމުން އެތަނުގައި ދަނގަޅު ހޮޅިތަކެއް ޖަހާފައި ބަންދުކުރާ ވާހަކަ އެކުއްޖާ ބުނި ކަމަށް ބުންޏެވެ.

"ޑިއުޓީ ނިންމާލާފައި ބަލާލިން. ބަލާލިއިރު ތެދެއް. ހޮޅިތަކެއް އެބަ ޖަހާ" މިރުޒާ ބުންޏެވެ.

އެކަމަކު އެގަޑިއަކީ އެމީހުން އެ ހޮޅިތައް ޖަހަމުން ދިޔަ ގަޑި ވީމަ އޭނާ ކައިރި ނުވާ ކަމަށް މިރުޒާ ބުންޏެވެ. އެކަމަކު އެއީ ބަލައިގަންނަން އުނދަގޫ ކަމެކޭ ހިތައް އެރި ކަމަަށް އޭނާ ބުންޏެވެ. އެންމެ ފުރަތަމަ މިރުޒާ ގޮސް އެވާހަ ދެއްކީ އޭނާ ބައިވެރިވެގެން ވިލިމާލޭގައި ހިންގާ ވިލިޖޯލި ޖަމިއްޔާގެ ގުރޫޕުގަ އެވެ. އެ ޖަމިއްޔާގައި އުޅޭ މީހަކު އެދުނީ ރޭ އޭނާއާ އެކު ކޮފީއެއް ބޯލަން އެތަނަށް ދިއުމަށެވެ.

މިރުޒާ އޭނާގެ އެ ރަހުމަތްތެރިޔާއާ އެކު ރޭގެ ވަގުތެއްގައި ފުޑް ކޯޓަށް ދިޔައީ ކޮފީއެއްވެސް ބޯލާށެވެ. އެކަމަކު އޭނާ ދުއްވާ ގޮނޑިއަށްވެސް ނުވަދެވޭ ވަރަށް ކަރިކައިރީގައި ޖަހާފައި ހުރި ހޮޅިތައް އޭނާއަށް ހުރަސް އެޅީ އެވެ.

"އެ ދެ ހޮޅި ދޭތެރެއަކުން ނުވެއް ވަދެވޭ. ޖާގައެއް ނުލިބޭ ވަންނާކަށް." މިރުޒާ ބުންޏެވެ.

މިރުޒާ ހުރީ ވަރަށް ދެރަވެފަ އެވެ. އޭނާ ބުނީ ސައިކަލު ޕާކު ކުރަން މީހުން އެތާ ދޮރުމަތީގައި ސައިކަލު ޖަހާތީ އެ ހޮޅިތައް ޖެހީ ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އެހެންނަމަވެސް އެއީ ހައްލު ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށް ބުންޏެވެ.

"ދެން ބައެއް މީހުން އެބަ ސުވާލުކުރޭ ވަށާލާފައި ގޮސް އަނެއް ފަރާތުން ގޮސް ވަދެވޭނެއެއް ނޫންހެއްޔޭ. އެހެން ވަދެވެން އެބައޮތް ތެދެއް ރަނގަޅު ވާހަކައެއް. އެކަމަކު އަޅުގަނޑުގެ ސުވާލަކީ. އާދައިގެ ހިނގޭ މީހާކާއި ނުކުޅެދޭ މީހަކާއި އެއްވަރު ވާނެތޯއޭ." މިރުޒާ ބުންޏެވެ.

މިރުޒާ ބުނިހެން ހިނގާލާފައި ދާ މީހަކަށް ވަށާލާފައި ގޮސް އަނެއްކޮޅުން ވަންނަން ފަސޭހަ ވިޔަސް ކާރޫ ބާރޫ ބޮޑު މަގުތަކުގައި ފުރޮޅުލީ ގޮނޑިއެއްގައި ގޮސް އަނެއްކޮޅުން ވަނުމަކީ އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެކެވެ.

"އަޅުގަނޑަކީ ފުޑް ކޯޓަށް ހަމަ ހެނދުނު ސައިބޯން ހަމަ އާންމުކޮށް ދާ މީހެއް. ޑިއުޓީއަށް ދާއިރު ހެނދުނު ސައިބޯލަން ހަމަ އާންމުކޮށް ވަންނަން އެތަނަށް." މިރުޒާ ބުންޏެވެ.

މިރުޒާ ބުނީ އެ ހޮޅިތައް ފުރަތަމަ ފެނުނުއިރުވެސް އޭނާ ވަރަށް ދެރަވި ކަމަށެވެ. އެތަނަށް ވަދެ އުޅުން ހުއްްޓުނީއޭ ހިތައް އެރި ކަމަށް އޭނާ ބުންޏެވެ.

"އެތަނުން ސައި ބުއިމާއި ދެން ރޭގަނޑު ކޮފީއެއް ބޯލަންވެސް އެހެން ދާތަނަކީ އާންމުކޮށް އެތަން. ހުއްޓުނީއޭ ދެން އެކަން އެހެން ހިތައް އެރި." މިރުޒާ ބުންޏެވެ.

އެއީ މިރުޒާ ފަދަ އެތައް ބައެއްގެ ޝަކުވާ އެވެ. އެތަނުގައި ރެސްޓޯރެންޓް ހަދައިގެން އުޅޭ މީހުންނަށް ފަސޭހަގޮތް ހަދާދެވެ އެވެ. ޕާކު ކުރާ މީހުންނަށް ފަސޭހަގޮތް ހަދާ ދެވެ އެވެ. އަދި ހިނގާފައި އުޅޭ މީހުންނަށްވެސް ފަސޭހަ ގޮތް ހަދާދެވެ އެވެ. އެކަމަކު ފަސޭހަ ގޮތް ބޭނުންވާ މީހުންނަށް އެ ފަސޭހަ ފޯރުކޮށްދިނުމަށް މި މުޖުތަމައު އޮތީ ނުކުޅެދިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ މާހައުލާއި އެ މީހުންނަށް އާންމު ތަންތަނަށް ވަދެ ނިކުމެ އުޅުމާއި ހިދުމަތް ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގާނޫނުވެސް ލާޒިމު ކުރެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހޯތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އާންމު އިމާރާތްތަކާއި މަގުތަކާއި ޕާކު ފަދަ ތަންތަންތަނާއި ވިޔަފާރިކުރާ ސުޕަމާކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި ދަތުރު ފަތުރުގެ ވަސީލަތްތަކާއި ސުކޫލުތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާ އަދާކުރާ ތަންތަނަށް ފަސޭހަކަމާއެކު ވަނުމުގެ ފުރުސަތު އެހެން މީހުނެކޭ އެއްފަަދައިން އެ މީހުންނަށް ވެސް ލިބެން ޖެހޭނެ އެވެ.

އެކަމަކު ގާނޫނު ތަންފީޒު ކުރަން އޮތް އިދާރާ އޮތީ "ފެއިލް"ވެފަ އެވެ. ގާނޫނާ ހިލާފަށް އެތަނުގައި ޖެހި ހޮޅިތަކެއް ނުފެނުނެވެ. ނުވަތަ ވިޔަފާރިވެރިޔާއަށް ފައިދާވާތީ އެއްޗެއް ބުނަން ބޭނުން ނުވަނީ އެވެ. އެކަމަކު މި މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟

comment ކޮމެންޓް