ގޭންގުތަކުން ޖަހާ އާ މަޅިއެއް: ރަހީނުކޮށް ފައިސާ ފޭރުން!

"ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފި" މިއީ މިދިޔަ ދެތިން އަހަރެއްގެ ތެރޭ ރާއްޖޭގައި ވެސް ވަރަށް އާންމު ފަލަ ސުރުހީތަކަކަށް ވެއްޖެ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ފަހަތަށް ދާއިރު މިއީ ދިވެހިންނަށް އެހާ އާންމު ކަންކަމެއް ނޫނެވެ. މިފަދަ ހެޑްލައިންތައް އާންމުކޮށް ފެންނަނީ ގޭންގުތަކުގެ ބާރުގަދަ، ނުރައްކާތެރި ކުށްތައް ގިނަވެފައިވާ ގައުމުތަކުގަ އެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި ކުށްވެރިން ފައިސާ ހޯދަން ކުރާ މި ކަންތައްތައް، މި ރާއްޖޭގައިވެސް މިހާރު ވަނީ އާންމު ކަމަކަށް ހަދައިފަ އެވެ. ރާއްޖޭގައިވެސް ރާވައިގެން ކުށްކުރާ ނެޓްވޯކްތަކުން މިކަންކަން ކުރުން އާންމު ކަމަކަށް މި ވަނީ ހަދައިފަ އެވެ.

ހަމައެކަނި ތަފާތަކީ ރަހީނުކުރާ މީހާ އަތުއަޅުވާލުމުގައި ބޭނުންކުރާ މޮޅެތި އުކުޅުތަކެވެ.

ރާއްޖޭގައި މިކަންކުރާ ރިންގުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ވަރުގަދަ ދައުރެއް އޮންނަ ބައެކެވެ. ދެ ކަންތައްވެސް ކުރަނީ އެއް މުށަކުންނެވެ. މިގޮތަށް ފައިސާ ހޯދުމަކީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންވެސް އެމީހުންގެ ތެރޭގައި ކުރާ ކަމެކެވެ. މިކަންކަން ފަޅާއަރަނީ މަދު ފަހަރަކު އެވެ. ގަންނާކުރެއްވި ލަދަށް ގިނަ މީހުންނަށް މި ވާހަކަ ދައްކާކަށް ނުކުރެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން އެކަނި ބަލައިގެން މި ނުރައްކާ ކަންތައްގަނޑުގެ ހަގީގަތް ހޯދައި ނުގަނެވޭނެ އެވެ. މިކަމުގެ އެންމެ ފުނުގައި ތިބި މީހުންނާއި ގޭންގުތައް އޮޕަރޭޓުކުރާ ގޮތް މުޅިން އެނގޭނީ މިފަދަ ގޭންގުތަކުގެ ބައިވެރިންނާއި މަޅީގައި ޖެހޭ މީހުންގެ ބަހުންނެވެ.

ބޭރުގެ ނުރައްކާތެރި ގޭންގުތަކުން މީހުން ރަހީނުކޮށް ފައިސާ ހޯދުމުގެ ކަންތައްގަނޑު ހިންގަނީ ގަދަބާރުން އަދި މީހުން މަގުތައްމަތިން ވަގަށް ނަގައިގެންނެވެ.

މިފަދަ ރިންގެއްގައި ކުރިން އުޅެފައިވާ މަފާޒް (އަސްލު ނަމެއް ނޫން) "ސަން"އަށް ކިޔައިދިން ގޮތުގައި މި ނެޓްވޯކުތަކުން މީހުން ޝިކާރައަކަށް ހަދަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށެވެ.

މިފަދަ ރިންގުތަކުން އަންހެން ކުދިންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައި އެކި ފިރިހެންނުނާ ގުޅުން ބަދަހިކޮށް ގެސްޓް ހައުސްތަކުގެ ކޮޓަރިތަކަށް ފިރިހެނުން ގެންދަނީ އެވެ. އެ މަޅީގައި ޖެހ ފިރިހެނުންނަށް ބިރު ދައްކައި ފައިސާ ފޭރިގަންނަނީ އެވެ.

މަފާޒު ކިޔައިދިން ގޮތުގައި ނެޓްވޯކުތަކުގެ މައިގަނޑު ޝިކާރައަކީވެސް ފައިސާވެރި މެދު އުމުރުގެ ދިވެހި ފިރިހެނުންނެވެ.

މަފާޒުގެ ވާހަކަތަކުން ހަނދާނަށް އައީ މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގައި ހިނގައިދިޔަ "އޭންޖެލިކް ޝެރޯން" ގެ ގަނޑުބަޑު މަތިންނެވެ. އެ މަޅީގައި ޖެހި އޭރުގެ ސަރުކާރާއި ދައުލަތުގެ މަގާމުތަކުގައި ތިބި އެކި ފެންވަރުގެ ވެރިން ބްލެކްމެއިލްވި އެވެ.

ނަމަވެސް މިހާރު މީހުންނަށް ބިރު ދައްކައިގެން ފައިސާ ހޯދުން މި ވަނީ ގޭންގުތަކުން އާމްދަނީ ހޯދުމަށް ކުރާ ކަމަކަށް ބަދަލުކޮށްފަ އެވެ.

އިންޓަނެޓް މެދުވެރިކޮށް މިގޮތަށް މީހުން އަތުއާޅުވާލާލުމަށް ކިޔާ އާންމު ނަމަކީ "ކެޓްފިޝް" ކުރުމެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓް އޮވާސީސް ސެކިއުރިޓި އެޑްވައިޒަރީ ކައުންސިލުން ދުނިޔޭގައި މިބާވަތުގެ ކުށްކުރުން އެންމެ ގިނަ އެއް ގައުމުކަމުގައިވާ މެކްސިކޯއަށް ތައްޔާރުކުރި ރިޕޯޓެއްގައި ބުނިގޮތުގައި މިގޮތަށް ރަހީނުކުރާ ބައެއް މީހުންނަކީ އެބައެއްގެ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިޔާއިން ފެންނަން ހުންނަ މީހުންނެވެ. އަނެއްބައި ވިކްޓިމުންނަކީ ސައިކޮލޮޖިސްޓުން ބުނާގޮތުންނަމަ "އޮންލައިން ޑިސްއިންހިބިޝަން އިފެކްޓް" އެއްގެ އަވައިގައި ޖެހިފައިވާ މީހުންނެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުގައި މިއީ ކުށްކުރާ މީހުންގެ ކިބައިންވެސް ފެންނަން ހުންނަ ސިފައެކެވެ. އެކަމަކު އެފަދަ މީހުންނަކީ އާންމުކޮށް ފައިސާ ފޭރެން މިކަން ކުރާ ބައެއް ނޫނެވެ.

މިގޮތަށް ރަހިނުކުރާ މީހުންނަކީ އެމީހުންގެ މާލީ ފެންވަރު، އަދާކުރާ ވަޒީފާ، އާއިލާގެ މެންބަރުންނާއި އެކުވެރިން އަދި އެމީހުންގެ ވިޔަފާރިއާއި ފައިސާ ލިބޭ ގޮތްތައް ފަސޭހަކަމާއިއެކު ސޯޝަލް މީޑިޔާއިން ފެންނަން ހުންނަ މީހުންނެެވެ. އަނެއްބައި މީހުންނަކީ އަސްލު ދިރިއުޅުމުގައި މީހުންނާއި ވާހަކަދައްކަން ނުކެރި ޖެހިލުންވާ، ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކެއް އެބައެއްގައި ހުންނަ ބައެކެވެ. މިފަދަ މީހުންނަށް އޮންލައިންކޮށް ނުދަންނަ މީހުންނާއި ވާހަކަަދައްކާ ގާތްވުމަކީ މާ ފަސޭހަ ކަމެކެވެ. އެއީ އެމީހުންގެ އަމިއްލަ ހަޔާތުގައި ހުރި ހިތްހަމަނުޖެހުންތައް، ހަގީގަތާއި ހިލާފަށް އޮޅުވާލައި މޮޅުކަންކަމަށް ހަދައި އެހެން މީހުންގެ ކައިރީގައި އެބައެއްގެ ހައިބަތު އިތުރުކުރުވަންވެސް ފުރުސަތު ލިބޭތީ އެވެ. މިއީ ސައިކޮލޮޖިކަލް ދިރާސާތަކުންވެސް ދައްކުވައިދީފައިވާ ކަމެކެވެ. މިކަންކަމަކީ ކުށްކުރާ ނެޓްވޯކުތަކުން ނޭނގި ނަމަވެސް އެމީހުންގެ ފައިދާއަށް ބޭނުންކުރާ ކަންކަމެވެ.

"އޭރު އެމީހުން ފުރަތަމަ ފޭސްބުކްއިން (މީހުންނާ) ވާހަކަދައްކަން ފެށިކަން އިނގޭ. އަންހެން އެކައުންޓްތައް ހަދައިގެން ހަމަ ވާހަކަދައްކާނީ. ދެން އެގޮތަށް މިވެނި ކަމަކަށް ދަތިވޭ ކިޔައިގެން މީހުން ކައިރީ ލާރިއަށް މި ކިޔަނީ. އަހާފަ، ދެން ބައެއް މީހުން ކޮށްދޭ، އަނެއްބައި މީހުން ނުކޮށްދޭނެ." މަފާޒު ބުންޏެވެ.

ގޭންގުން އަމާޒުކުރަނީ ފަސޭހައިން އަތުއަޅުވާލެވޭފަދަ މީހުންނަށެވެ. ބައެއް ފަހަރު މިފަދަ ޗެޓްލޮގްތަކުގެ ސްކްރީންޝޮޓުތައް ލީކުވެ ވަރަށް ގިނައިން ސޯޝަލް މީޑިޔާގައި މީހުން ސަމާސާއަށް ޝެއާކޮށް ހަދަނީ ކަމުގެ ނުރައްކާތެރިކަން ނޭނގި އެވެ.

މަޅީގައި ޖެހޭ މީހުންގެ އެންމެ ބޮޑު އެދުމަކީ ވާހަކަދައްކާ "އަންހެންކުއްޖާ" އާއި ބައްދަލުކުރުމެވެ. އެމީހުންނަށް ނޭނގޭ ކަމަކީ، މިއީ އެ ރިންގުގެވެސް މައިގަނޑު ބޭނުން ކަމެވެ.

ފޭކް އައިޑީގެ އަނެއް ފަރާތުން އޮޕަރޭޓްކުރާ ރިންގުން އެމީހުންގެ އަތްފޯރާ ހިސާބަށް "ބައްދަލުކޮށްލަން" އައުމަށް ގިނަ ފަހަރަށް ދައުވަތު ދެނީ ރިންގުގެ މީހެއްގެ އެޕާޓްމެންޓަށް، އައްޑާއަކަށް ނުވަތަ ގެސްޓުހައުސްއަކަށެވެ. މަފާޒު އުޅުނު ރިންގުން އާންމުކޮށް މީހުންނަށް ދައުވަތު ދެނީ މާލޭގެ ދުވަހު ކުލީ ގެސްޓުހައުސްއަކަށެވެ.

"ހަމަ ނުވެސް ދަންނަ މީހުން. ހަމަ އެކި އޭޖްގެ ފިރިހެނުން. ދެން އެމީހުން އެކްސްޕެކްޓް ކުރާނީ އަންހެން ކުއްޖަކު ކަމަށްތާ؟ ދެން އެ މީހުން (ރިންގުގެ ބައިވެރިން) ގޮއްސަ، އެމީހަކު ރޫމު ތެރޭގަ އައްސާފަ. އެމީހުންނަށް ލާރި ލިބޭނެ ގޮތް ގޮތް މި ހޯދަނީ. އެކައުންޓެއް އިނިއްޔާ އެކައުންޓްގެ ލާރި ނަގައިގެން އޮރިޔާންކޮށްފަ، ވީޑިއޯކޮށްފަ، ލެވަރެޖް މި ހޯދަނީ. އޭރުން ދެން ކޮށްދޭންތާ ޖެހޭނީ. ބަދުނާމްކޮށްލާނެ އެހެންނޫނީ." މަފާޒު ބުންޏެވެ.

މަފާޒު ބުނިގޮތުގައި އޭނާއަށް އެންމެ ފުރަތަމަ އެ ރިންގުގެ އޮޕަރޭޝަންތައް ލޮލަށް ފެނުނީ މީހަކު ރަހީނުކޮށްގެން އެ ރިންގުގެ މީހުން ތިބި ތަނަކަށް ދިޔަ ރެޔެއްގަ އެވެ.

"އެއްރޭ އެމީހުން ގުޅައިގެން އޭގެ ރޫމަކަށް އެރީ. އެރިއިރުވެސް ފިރިހެން ގޮލާ މި އޮންނަނީ އައްސާފަ ހަމަ. ޔަންގު ސޮރެއް. ގާތްގަނޑަކަށް 20-25 ގައި އުޅޭނީ. އެހެން ރަށެއްގެ ގޮލައެއް. ދެން އޭނަ އަތުގަ އެގަޑީގަ މާ ގިނަ ލާރިއެއްވެސް ނެތް. އެވަރުންވެސް އޭނަގެ ބޭބެއަކަށް ގުޅައިގެން ދެން އޭނަ މި ރީޒަން ކިޔާދޭނެތާ. ކުޑަ ކަމެއް ޖެހިގެންނޭ ކިޔާފަ 2،000 އެއްހާ ރުފިޔާ ޓްރާންސްފާ ކުރި ވަގުތުން." މަފާޒު ބުންޏެވެ.

އެ ރިންގުން ބައެއް ފަހަރު ތަންކޮޅެއް "ބޯބޮޑު" ވިކްޓިމުންނަށް ޔަގީންކޮށްދޭންވެސް އުކުޅުތަކެއް ގެންގުޅެ އެވެ. އޭގެ ތެރޭގައި އޮރިޔާން ކާޑު އަދި ތަންކޮޅެއް ގާތް އަންހެން ކުއްޖަކު ލައްވައި ގުޅައިގެން މީޓުކޮށްލަން ކަށަވަރުކޮށްދީވެސް ހަދަ އެވެ.

"އޭނަގެ ރައްޓެސް އަންހެން ކުއްޖެއް ލައްވާ ބައެއް ފަހަރު ގުޅުވާނެ. މީހުން ގަބޫލުނުކުރާނެތާ؟ ހަމަ އެކަނި ވާހަކަދައްކަން. އެ މަންޖެ ލައްވާ މި ވާހަކަދައްކުވަނީ ގުޅައިގެން، މި ފޭސްބުކްއިން ދިމާވާ ފިރިހެނުންނަށް. ދެން އޭރުން އެ ފިރިހެން ގޮލާގެ އިންނާނެތާ ޔަގީންކަން މި ވާހަކަ ދެކެވެނީ އަންހެން ގޮލަޔަކާކަން." މަފާޒު ބުންޏެވެ.

އެ ރިންގުގެ އޮޕަރޭޝަންތައް ފަޅާއެރުމުގެ ކުރިން ދެ އަހަރު ދުވަހު މިގޮތަށް ކުރިޔަށް ގެންދިޔައިރު ބައި ލައްކައިން "ޖަހާ" ފަހަރުވެސް ދިމާވާކަމަށް މަފާޒު ބުންޏެވެ. ވިކްޓިމް އެ ގޭންގުގެ ކޮޓަރިއަށް ވަންނަ ފަހުން އެތަނުގައި ހިނގާނީ އެ ގޭންގުގެ ބާރެވެ. ކޮށާލަައިގެންވިޔަސް އެމީހުން ފައިސާ ހޯދާނެ އެވެ. ގޭންގު މީހުން ގިނަ ފަހަރަށް ތިބެނީވެސް މަސްތުވެގެންނެވެ.

ފައިސާ ދޭން އެއްބަސްނުވެއްޖިއްޔާ އަނިޔާކޮށް އާއިލާއަށް ބިރުދައްކައި، މަރާލަން ބިރުދައްކާ ހިސާބަށްވެސް ގޭންގުތަކުން މަސައްކަތް ކުރެ އެވެ. ދަނެގަންނަންވީ ކަމަކީ މިފަދަ ރިންގުތަކުގެ ބައެއް ބައިވެރިންނަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވާ މާލޭގެ ގޭންގުތަކަށް ނިސްބަތްވާ މީހުންކަމެވެ. އެމީހުންނަކީ ކުށްކުރުމަށް އާ ބައެއް ނޫންކަމެވެ. މިހެންވެ މިފަދަ ރިންގުތަކުގެ މީހުންނަށް މިކަން ވަނީ ވަރަށް އާދައިގެ ކަމަކަށެވެ.

އެމީހުން ފަޅާއަރަނީ މަދު ފަހަރަކު އެވެ. އެއީވެސް އާންމުކޮށް ނުބެހެވޭ ފެންވަރެއްގެ މީހަކު ރިންގުގެ މަޅީގައި ޖެހޭ ފަހަރަކު އެވެ. މިބުނާ ނުބެހެވޭ ހަރުފަތެއްގެ މީހުންނާ ބައެއް ފަހަރު ދިމާވާ ހިސާބުން މުޅި އޮޕަރޭޝަން ފަނިވާކަމަށް މަފާޒު ބުންޏެވެ. މަފާޒު އުޅުނު ރިންގުވެސް ފަޅާއެރީ ސިޔާސީ ގޮތުން ތަންކޮޅެއް އިސް މީހަކު އެމީހުންގެ މަޅީގައި މީގެ ދެ އަހަރެއް ކުރިން ޖެހުމުންނެވެ. އޭގެ ކުރިން މާލެއާއި ހުޅުމާލޭގައި އޮޕަރޭޓްކުރަމުންދިޔަ އެ ރިންގުން ދިޔައީ އެތައް ބައެއްގެ އަތުން ފޭރި އެތައް ބަޔަކަށް އަނިޔާކުރަމުންނެވެ.

މިއީ އެންމެ ރިންގެއްގެ ވާހަކަ އެވެ. އެކަމަކު މިފަދަ އެހެން ރިންގުތައް ދަނީ މިހާރުވެސް މާލޭގައި އޮޕަރޭޓް ކުރަމުންނެވެ.

މިހާރު އެކަމަށް ހާއްސަކޮށްގެން ހަށިވިއްކުމުގެ ހަޑިމުޑުދާރު ވިޔަފާރީގެ ޓެގު އަޅުވައިގެން ޓެލެގްރާމް ޗެނެލްތަކާއި ފޭކް އައިޑީތައް ފޭސްބުކުގައި ދަނީ ހިންގަމުންނެވެ. ހަމަ އެއް އުކުޅުތަކެކެވެ. އެއް ބޭނުމެއްގަ އެވެ. މި ވިޔަފާރި ފުޅާވެގެން މިހާރު މީގައި ހިމެނެނީ ކުށްވެރިންގެ ނެޓްވޯކުތަކެއް އެކަންޏެއް ނޫނެވެ. އެކަމަކު މާލޭގައި ފައިސާއަށް ޖެހިފައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާއި، ބިދޭސީންވެސް ހިމެނެ އެވެ.

ބައެއް ޓެލެގްރާމް ޗެނެލްތަކަކީ މީހުން ތަންތަނަށް ގެންދަން ނޫޅުނުނަމަވެސް އެބަޔަކަށް ހަށިވިއްކުމުގެ "އޮފާ" ތަކެއް ދީގެން އެމީހުން އަތުން ފައިސާ ހޯދާ މީހުންނެވެ. ހެއްލިގެން ފައިސާ ޓްރާންސްފާ ކުރާ މީހުންނަކީ ހަށިވިއްކާ މީހެއް ލިބޭނެކަމަށް ގަބޫލުކޮށްގެން ފައިސާ ދޭ މީހުންނެވެ. މިފަދަ ޓެލެގްރާމް ޗެނެލްތަކުގައި ދެ ތިން ހާސް މީހުން ނުވަތަ "ކަސްޓަމަރުން" ތިބޭ ތަންވެސް ވަނީ ފެނިފަ އެވެ. އަނެއްބައި ގުރޫޕުތަކާއި ފޭކު އައިޑީތަކުން މަސައްކަތްކުރަނީ މީހުންގެ އޮރިޔާންކާޑު ހޯދޭތޯ އެވެ. ބޭނުމަކީ ބްލެކްމެއިލްކޮށް ފައިސާ ހޯދުމެވެ.

މިދިޔަ އަހަރު ނިމެން ދަނިކޮށްވެސް މާލޭގައި ހިނގައިދިޔަ މިފަދަ އެއް ހާދިސާއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ވަނީ ސަލާމަތްވާން ގެއެއްގެ ތިން ވަނަ ފަންގިފިލާއިން ފުންމާލައިފަ އެވެ.

އެ ހާދިސާގައި ފުންމާލި މީހާ އެ ސަރަހައްދަށް ދިޔަ "ސަން" ގެ ނޫސްވެރިޔާއާ ވާހަކަދައްކަމުން ވަނީ އޭނާގެ ދެ ފޯނާއި ވޮލެޓް ރަހީނުކުރަން އުޅުނު މީހުން ފޭރިގެންފައިވާކަމަށް ބުނެފަ އެވެ. ތިން ވަނަ ފަންގިފލާއިން ފުންމާލައި ދާއިމީ އަނިޔާއެއް ލިބުމުގެ ނުރައްކަލާއެކުވެސް އޭނާ ބޭނުންވީ ސަލާމަތްވާށެވެ. އެހެންނޫންނަމަ ޔަގީނުންވެސް އޭނާއަށް އެޔަށްވުރެ ބޮޑު ވަރު ކޮށްލާނެކަން އޭނާގެ ވާހަކަތަކުން އެނގެން ހުއްޓެވެ.

ޑިސެމްބަރު 28، 2020: މާލޭގައި މީހަކު ރަހީނުކޮށްގެން ފޭރެން މަސައްކަތް ކުރި ހާދިސާގައި ރަހީނުކުރެވުނު މީހާ ވަނީ ސަލާމަތްވާން ގެޔެއްގެ ތިން ވަނަ ފަންގިފިލާއިން ފުންމާލައިފަ. (ސަން ފޮޓޯ)

"އަންހެނެއްވެސް ހުރި، ދެ ފޯނާއި ވޮލެޓް ނެގީ އަހަރެންގެ. ފުލުހުންނަށް ކިޔައިދީފިން އެމީހުން ތިބި ގޮތް. ގުޅައިގެން އައީ މިތަނަށް." މިވާހަކަތަކާއިއެކުވެސް އޭނާ އެ ގެޔަށް ދިޔަ ސަބަބެއް އޭނާ ކިޔައެއް ނުދެ އެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކަށް ވަނީ ފޭރެން މަސައްކަތް ކުރި މީހުންވެސް ފެނިފަ އެވެ. އެމީހުން ކިޔައިދިން ގޮތުގައި ރަހީނުކުރި މީހުން ވިކްޓިމް ފުންމާލީމާ، އޭގެ އިރުކޮޅެއް ފަހުން އެ ގެއިން ނިކުމެގެން ދިޔައީ "ވަރަށް ހަމަޖެހިލައިގެން" ނެވެ. ވިކްޓިމް ކިޔައިދިން ގޮތަށް އަންހެނެއްވެސް އެމީހުންނާއިއެކު ނިކުމެގެން ދިޔަ އެވެ.

މީގެ ކުރިން މިފަދަ ރިންގެއްގެ އަތް ދަށުވި އެހެން މީހަކުވެސް ކިޔައިދިން ގޮތުގައި އެ ރިންގުގެ މީހުންގެ އަތުޖެހުމަށްފަހު ފަސޭހައިން ސަލާމަތްވުމަކީ ނާދިރުކަމެކެވެ. ރަހީނުކުރަން ތިބެނީ އެންމެ މިީހެއް ދެ މީހެއް ނޫނެވެ. އެ ހިސާބުން ގަންނަ ބިރަށާއި އަމިއްލަ ލަދަށްޓަކައިވެސް އެބަޔަކު ބުނިގޮތަށް ހަދާނެކަމަށް އޭނާ ކިޔައިދިނެވެ.

"އެމީހުން އަހަރެން އައްސާފަ... ވީޑިއޯ ނެގީ. ދެން ޖެހޭނީ އެމީހުން ބުނާ ގޮތެއް ހަދަންތާ. އެވަގުތު އަތުގަ އޮތް ގަޑިޔާއި، ވޮލެޓުގައި ހުރި 1،300 އެއްހާ ރުފިޔާ ނެގި." އެމީހާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އޭނާ ރަހީނުކުރި ގުރޫޕު ތިބީ "ހަމަޔަކު" އެއް ނޫނެވެ. ފައިސާ ހޯދަން އެމީހުން އެގަޑީގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ. އަދި އެގަޑީގައި އަމިއްލަ ފުރާނައާއި އާއިލާގެ ރައްކަލަށްވެސް ބިރު ގަތެވެ. އެކަމުގެ ވޭން މިއަދުވެސް އޭނާއަށް ވަނީ ތަހައްމަލު ކުރަން ޖެހިފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ސީދާ ރަހިނުކޮށްގެން ފޭރުމުގެ އަދަދުތަކެއް ހާމައެއް ނުވެ އެވެ. އެހެން ނަމަވެސް ފުލުުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަހަރަކަށް ވުރެ އަހަރެއް މަޑުމަޑުން އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކުގެ އަދަދުތައް ދަނީ މައްޗަށެވެ. އެގޮތުން 2020 ވަނަ އަހަރު އެކަނިވެސް އިންޓަނެޓް މެދުވެރިކޮށް އެކި ގޮތްގޮތުން މަކަރާއި ހީލަތް ހެދުމުގެ 23 މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ފަސް އަހަރު ތެރޭ ހިނގި މިފަދަ ކުށްތަކުގެ ޖުމްލަ އަދަދަކީ 47 އެވެ. އައިޑެންޓިޓީ ތެފްޓުގެ 116 މައްސަލަ މިދިޔަ ފަސް އަހަރު ތެރޭ ރިޕޮޓުކުރި އިރު އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިޔާ އެކައުންޓްތައް ހެކް ކުރުމުގެ 83 މައްސަލަ މިދިޔަ ފަސް އަހަރު ތެރޭ ރިޕޯޓު ކުރި އެވެ. މި ހުރިހާ ކުށަކީވެސް ރަހީނުކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތަކާއި ތިމާގެ އަދި އެކަންކަމާއި ގުޅިލާމެހިފައިވާ ކުށްތަކެވެ.

ފުލުހުންގެ ތަފާސްހިސާބުން ދެން ފެންނަ އަނެއް މަންޒަރަކީ ކޮވިޑުގެ ލޮކްޑައުންގައި މިދިޔަ އަހަރު ރާއްޖެ އޮތް އިރު 904 ސައިބާކްރައިމްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމެވެ. މި އަދަދުތަކުން ހާމަވަނީ މިކަންކަން ދަނީ ކޮންމެ އަހަރަކުހެން އިތުރުވެ ބޮއްސުންލުމާ ދިމާލަށް ކަމެވެ.

މިދިޔަ އަހަރު ތެރޭގައި ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައިވެސް މިފަދަ އަމަލުތައް އިތުރުވި އެވެ. މި ރިންގުތަކުން ލޮކްޑައުންގެ ފައިދާ ނަގައި އެތައް ބަޔަކު އެމީހުންގެ އަވައިގައި ޖައްސައި ފޭރުމުގެ ހަރަކާތްތައް ހިންގި އެވެ. ސޯޝަލް މީޑިޔާ އާއި އިންޓަނެޓުގައި ދިވެހިން ވެސް ހޭދަކުރާ ވަގުތު މިހާރު އިތުރު އިރު މި ރިންގުތަކުންވެސް ތިބޭނީ ފާރަވެރިވެގެންނެވެ.

ރާއްޖޭގައި އާބާދީގެ ބޮޑު އިންސައްތައެއް ސޯޝަލް މީޑިޔާ ގަދަޔަށް ބޭނުންކުރާއިރު، ގިނަ ބަޔަކު ތިބީ މިފަދަ ނުރައްކާތެރި އަމަލުތައް ހިނގައިދާކަން ނޭނގިފަ އެވެ. އެތައް އަހަރެއް ވަންދެން ރާއްޖޭގައި ހިންގަމުންދާ މި ޖަރީމާތަކަށް އާންމުން އަދިވެސް ހޭލުންތެރިއެއް ނުވެ އެވެ. ކެޓްފިޝް ކުރުމުގެ ބޮޑު ނުރައްކާ ގިނަ މީހުންނަށް ނޭނގެ އެވެ. މިކަން އެންމެ ރަނގަޅަށް ދޭހަވާ ކަމަކީ ރާއްޖޭގައި ސޯޝަލް މީޑިޔާ ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް މާ ބޮޑެތި އުނދަގޫތަކެއް ނެތުމުންނެވެ. ދެވަނަ ވިސްނުމެއް ނެތި ގިނަ ފަހަރަށް ނުދަންނަ މީހުންނާއި ވާހަކަދައްކައި، އިތުބާރުކޮށް، ގާތް ގުޅުންތަކެއްވެސް ބަހައްޓާތީ އެވެ.

ދިވެހިން ހޭލައި ވިސްނަންވީ ކަމަކީ މިކަންކަމަކީ މުޅި ހަޔާތުގައި ލައް ޖައްސާލާހާ ނުރައްކާތެރި ކަމެއް ކަމެވެ. ކުޑަކަމަށް ހީވެފައި އޮތަސް، މިކަމަކީ ހަގީގަތުގައި ކިހާ ނުރައްކާތެރިކަމެއްކަން އަމިއްލައަށް ދެނެގަންނަން ވީ އެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީވެސް އަމިއްލަ މީހާ އަޅާ ފިޔަވަޅެއް ކަމެވެ. އިންޓަނެޓުގައި ޒާތީ މައުލޫމާތު ހާމަކުރުން ހުއްޓާލަންވީ އެވެ. ނުދަންނަ މީހުންނަށް އެހާ އަވަހަށް އިތުބާރުކޮށް ގިނަ ވާހަކަދެއްކުމާ ދުރަށް ދާންވީ އެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ ނުރައްކާ އަމިއްލައަށް ދެނެގަންނަންވީ އެވެ.

comment ކޮމެންޓް